ޑެންގީ ހުން ޖެހިގެން، މިމަހު މިހާތަނަށް ބ. އަތޮޅުން 25 މީހަކު ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ވޭތުވެދިޔަ ދެ ހަފްތާގައި އެންމެ ގިނަ މީހުންނަށް ޑެންގީ ހުން ޖެހުނީ ރ އަތޮޅާއި ބ. އަތޮޅުގެ އިތުރުން ހދ. އަތޮޅުންނެވެ. އެގޮތުން ބ. އަތޮޅުން 25 މީންނަށް، ރ އަތޮޅުން 29 އަދި ހދ. އަތޮޅުން 26 މީހުންނަށް ގެންގީ ޖެހުނުކަމަށް އެޗްޕީއޭއިން ބުންޏެވެ.
ބ. އަތޮޅުން ޑިންގީގެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ މިއަތޮޅު ކެންދޫންނެވެ. މިދިޔަ ދެ ހަފްތާގައި އެރަށުގައި ޑެންގީ ހުން ކޮންޓްރޯލުނުވެ ހުން ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ. ނަމަވެސް މިހާރު އެރަށުން ޑެންގީ ކޮންޓްރޯލްވަމުން އަންނަކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
އެޗްޕީއޭއިން ބުނީ މިއަހަރުގެ މިހާތަނަށް، ޑެންގީ ޖެހިގެން ރާއްޖެއިން 2102 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ތިން އަހަރުގެ މި ދުވަސްވަރާ އަޅާބަލާއިރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.
ޑެންގީ އަކީ މަދިރީގެ ސަބަބުން ޖެހޭ ބައްޔެކެވެ. ޑެންގީ ޖައްސަނީ އެއިޑިސް މަދިރި އެވެ. ސާފު ފެނަށް ބިސް އަޅައި އާލާވާ މި މަދިރިން ސަލާމަތް ވުމަކީ މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅެވެ. މަދިރި އާލާވިޔަ ނުދިނުމަށް، ފެން ހަރުލާ ގޮތަށް އެއްޗެހި އުކާލާފައި ނުބެހެއްޓުން މުހިންމެވެ.