ބ. ފުޓްބޯލް ޗެލެންޖް: ކުޑަރިކިލުން މާޅޮސް ބަލިކޮށްފި

އޭދަފުށީގައި މިހާރު ކުރިއަށްދާ ބ. ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު މާޅޮހާ ބައްދަލުކުރި މެޗު ކުޑަރިކިލުން ކާމިޔާބުކޮށްފި އެވެ. މުބާރާތް ކުރިއަށްދާ އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މެޗުން ކުޑަރިކިލު މޮޅުވީ 2-0 އިންނެވެ.


މި މޮޅާއެކު ކުޑަރިކިލު ވަނީ ގްރޫޕް ބީގެ އެއް ވަނައަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތީ ފުރަތަމަ މެޗުގައި 2-1 އިން ގޮއިދޫ ބަލިކުރި އޭދަފުއްޓެވެ. ތިން ވަނައިގައި ގޮއިދޫ އޮތްއިރު ގެއްލުން ގޯލުގެ ތަފާތުން މާޅޮސް އޮތީ ފުލުގަ އެވެ.


މިއަދުގެ މެޗުގައި ކުޑަރިކިލުގެ ފުރަތަމަ ގޯލު މެޗުގެ 38 ވަނަ މިނެޓުގައި ޖެހީ އަހުމަދު ނިހާން އެވެ. އެޓީމުން ލީޑު ފުޅާކުރީ މެޗުގެ 86 ވަނަ މިނެޓުގަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަސަން ޔާސިރު އަދްނާން އެވެ. ކުޑަރިކިލުން މިއަދުގެ މެޗު ކާމިޔާބު ކުރި ނަމަވެސް މާޅޮސް ޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެކަމަކު އެޓީމަށް މިއަދު ދިމާވީ ނިންމާނުލެވުމުގެ މައްސަލަ އެވެ.


މެޗަށްފަހު މާޅޮސް ޓީމުގެ ކެޕްޓަން ހައްސާން ރަޝާދް ބުނީ އެރަށުގެ ޓީމަކީ ވަރަށް ޒުވާން ޓީމެއް ކަމަށާއި މިވަރުގެ މުބާރާތަކަށް ގިނަ ކުޅުންތެރިންނަކީ އާ ކުޅުންތެރިން ކަމަށެވެ. އަދި، ޓާފް ދަނޑަށް ވެސް އެ ކުޅުންތެރިން އާ ކަމަށާއި ދިމާވާ ކަންކަން ހައްލުކޮށް ކުރިއަށް އޮތް ތަނުގައި އެޓީމުން ރަނގަޅު ކުރާނެކަމަށް ކެޕްޓަން ބުނެފައިވެ އެވެ. ހައްސާން ބުނީ މާޅޮސް ޓީމުން ޖުމްލަގޮތެއްގައި ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.


ކުޑަރިކިލު ޓީމުގެ ކެޕްޓަން އަހުމަދު ނިހާން ބުނީ ފެންވަރު ރަނގަޅު ޓާފް ދަނޑެއްގައި މުބާރާތެއްގައި ވާދަކުރަން ލިބުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި މެޗުން ލިބުނީ މުހިއްމު ތިން ޕޮއިންޓް ކަމަށެވެ. ނިހާން ވަނީ މިފަދަ ބޮޑު މުބާރާތެއް މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާތީ މުބާރާތް އިންތިޒާމުކުރާ ފަރާތަށް ޝުކުރު އަދާކޮށްފަ އެވެ.


“ވަރަށް އުއްމީދު ކޮށްގެން ތިބި ކަހަލަ ޓޯނަމެންޓެއް މިއީ. ރިސޯޓަކުން އިސްނަގައިގެން މިކަހަލަ ކަމެއް ކުރީތީ އަތޮޅު ޕްލެޔަރެއްގެ ގޮތުން ރިސޯޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން” މިއަދުގެ މެޗުގައި ގޯލު ޖެހި ނިހާން ބުންޏެވެ.


މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ސީގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ފެހެންދޫ އާއި ކިހާދޫ އެވެ. .

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.