
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މާދަމާ ހަވީރު އޭދަފުއްޓަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމް އޭދަފުށީ ކެމްޕޭން ޓީމުން މިއަދު ބުނެފި އެވެ.
ޕީޕީއެމް އޭދަފުށީ ކެމްޕޭން ޓީމުން ބުނީ ރައީސް މައުމޫންގެ މި ދަތުރުފުޅަކީ މިމަހުގެ 28 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީނަށް އިތުރަށް ތާއިދުހޯއްދެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި މައުމޫންގެ އަރިހުގައި ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން އާއި ރަނިންމޭޓް ޑރ ޖަމީލުގެ އިތުރުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރުންވެސް ބައިވެރިވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
ޕީޕީއެމް އޭދަފުށީ ކެމްޕޭން ޓީމުން ބުނީ އެ ޕާޓީން މާދަމާރޭ އޭދަފުށީގައި ބާއްވާ ޚާއްސަ ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
މިއީ މައުމޫންގެ ވެރިކަން ބަދަލުވިފަހުން އޭދަފުއްޓަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. އެންމެފަހުން މައުމޫން އޭދަފުއްޓަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުތެރޭގަ އެވެ.