ބ. އަތޮޅުގެ މީހަކަށް ނުވިޔަސް، ރައްޔިތުންގެ މަޖިލީހުގައި އޭނާ އަށް ވުރެ ވަކިން މޮޅަށް ވަކާލާތު ކުރެވޭނެ އިތުރު ކެންޑިޑޭޓަކު އޭދަފުށީ ދާއިރާ އަށް ކުރިމަތިލައްވާފައި ނުވާ ކަމަށް އިމްރާން އަލީ (އިއްސަ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ނަގަން ތިން ދުވަހަށް ވެފައި ވަނިކޮށް މިއަދު އީޓީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، މާލެ އަށް އުފަން ވިޔަފާރިވެރިޔާ ވިދާޅުވީ އޭދަފުށީ ދާއިރާ އަށް ކުރިމަތިލެއްވީ އެ ދާއިރާގެ ރައްޔިތުންނާ އޭނާގެ އާއިލާ އާ ވަރަށް ބޮޑު ގުޅުމެއް އުފެދިފައިވާތީ ކަމަށެވެ.
“އޭދަފުށީ ދާއިރާއަށް ކުރިމަތިލާން ގަސްދުކުރީ ޒަމާނުއްސުރެ މި ދާއިރާ އާއި އަޅުގަނޑުގެ އާއިލާއާ ވަރަށް ގާތް ގުޅުލެއް އުފެދިފައިވާތީ، މިދާއިރާގެ ރައްޔިތުންނަކީ ވަރަށް ގާތުން ދެކެމުން އަންނަ ރަހުމަތްތެރިން ބަޔަކަށްވާތީ. އަދި ހާއްސަކޮށް އެކިކަންމުގައި އޭދަފުށީ މީހުންނާ ވަރަށް ގުޅުން އޮންނާތީ.” ބ. އަތޮޅުގެ ގޮނޑި ޖެހިޖެހިގެން ތިން ދައުރު ފުރުއްވާފައިވާ އަހުމަދު ތަސްމީން އަލީގެ ކޮއްކޮ ވިދާޅުވި އެވެ.
އިއްސަ ވިދާޅުވީ “ތަސްމީން މި ދާއިރާ އަށް ކުރިމަތި ނުލެއްވީ އަޅުގަނޑު ކުރިމަތިލާތީ އާއި ބ. އަތޮޅު ތިން ދާއިރާ އަށް ބަހާލާފައިވާތީ އެހެން ދާއިރާއަކަށް ކުރިމަތިލައްވަން” ކަމަށެވެ.
މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބެޗެލާ އޮފް ސައިންސް އިކޮނޮމިކްސް
ނަންގަވާފައިވާ އިއްސަ ވިދާޅުވީ، ހަތަރު ކެންޑިޑޭޓުން ވާދަ ކުރައްވާ މި ދާއިރާ އިން އޭނާ އަށް ކާމިޔާބުވެ ވަޑައިގަންނަވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށެވެ.
“ސަބަބަކީ މިއީ ޑީއާރުޕީގެ ތާއީދު އޮތް ދާއިރާއަކަށް ވާތީ،” ޓޫރިޒަމާއި އާއިލީ ވިޔަފާރީގެ ތެރޭގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ތައުލީމީ ޒުވާނާ ވިދާޅުވި އެވެ. “ރައްޔިތުން ތަމްސީލުކުރާ މީހަކީ ތެދުވެރި އިހުލާސްތެރި އަދި ތައުލީމީގޮތުން އެކަށީގެންވާ ފެންވަރެއް ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހޭ.”
އިއްސަ ވިދާޅުވީ އޭނާ އާ ދެކޮޅަށް އެންޓިކެމްޕޭން ކުރާކަމުގެ ހަބަރުތައް ލިބޭ ކަމަށާއި އެއީ އޭނާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
“ކޮންމެ ގޮތަކަށް އެކަން ކުރިޔަސް އަޅުގަނޑާ ދޭތެރޭ ދައްކާނެ މާ ގިނަ ވާހަކަތަކެއް ނުހުންނާނެ. އެންޓި ކެމްޕޭނުގައި އެންމެ ގިނައިން ދައްކާ ވާހަކައަކީ އަޅުގަނޑަކީ ޑީއާރުޕީ ކެންޑިޑޭޓއް ނޫނޭ. އެހެން ނަމަވެސް، އެއީ ހަގީގަތެއް ނޫން،” އޭނާ ވިދާޅުވި އެވެ. “ކުރިންއޮތީ ޑީއާރުޕީގެ ކެންޑިޑޭޓް މި ދާއިރާއިން އޮޅުވާލައިފަ. އެއީ ވަކިބަޔަކު ކޮށްފައިވާ ކަމެއް. އެކަންކަން ޔަގީން ކޮށްދިނުމަށްޓަކައި ޑީއާރުޕީގެ ފަރާތުން ސިޓީތަކެއް ވެސް ދިނިން. ދެން އެއަށްފަހު ޑީއާރުޕީގެ ޒައީމް ވަޑައިގެން އިމްރާން އަކީ ޑީއާރުޕީން މި ދާއިރާ އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ކަމަށާއި ޑީއާރުޕީގެ މެންބަރުންނާއި ޕާޓީ އަށް ތާއީދުކުރާ ފަރާތްތަކުން އަޅުގަނޑަށް ސަޕޯޓްކުރުމަށް އެދުނުފަހުން އެކަން ބޮޑަށް ޔަގީންވީ. އޭގެ މާކުރިން ބަޔަކު މީހުންނަށް އޮޅުވާލައިގެން ޑިއާރުޕީ ކެންޑިޑޭޓަކީ އެހެން ބޭފުޅެކޭ ކިޔައިގެން ޕްރޮމޯޓްކޮށްފައި އޮތީ.”
އެހެން ނަމަވެސް އޭނާ ވިދާޅުވީ އޭނާ އާ ބައްދަލުވެ ވާހަކަ ދައްކާފައިވާ މީހުންނަށް އޭނަގެ ހަގީގަތް އެނގޭނެ ކަމަށެވެ.
އިއްސަ ވިދާޅުވީ އޭދަފުށީ ދާއިރާގެ ގޮނޑި ލިބިވަޑައިގެންފި ނަމަ، މިއަދުގެ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި ރައްޔިތުންގެ ހައްގުގައި ވަކާލު ކުރައްވައި، ރައްޔިތުންގެ ޝުއޫރުތައް ހިއްސާކުރައްވައި، ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންގެ ހައްގުގައި އަޑުއުފުއްލަވައި މި ދާއިރާގެ ރައްޔިތުންނާ ގާތް ގުޅުމެއް ބޭއްވެވުމުގައި ދެމިހުންނަވާނެ ކަމަށެވެ. — އިންޓަވިއު: ތޯރިގު އަބްދުއްރަހުމާން