ފެހެންދޫގެ މައްޗަށް ކާމިޔާބު ހޯދައި ގޮއިދޫ ފައިނަލަށް ދަތުރުކޮށްފި

މިއަދު ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް
މިއަދު ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް

އެސްޓީއޯ ނޫފަހި ބ. އަތޮޅު ފުޓްބޯލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗް ކާމިޔާބުކޮށް ގޮއިދޫ ޔޫތް ސޮސައިޓީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. ގޮއިދޫން މި މެޗް ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗްގައި ގޮއިދޫ ޓީމަށް ލަނޑުތަށް ޖަހައިދިނީ އާދަމް ނިޒާމް އާއި އަބްދުލްމަޖީދް އިބްރާހިމް (މަޖިއްޓޭ) އަދި މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އިބްރާހިމް މާޖިދްއެވެ. ފެހެންދޫ ޔޫތް ޓީމުން ޖެހި ހަމައެކަނި ގޯލް ފުރަތަމަ ހާފްގައި ޖެހީ ޢަބްދުއްސަލާމް ހާމިދެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގައި ގޮއިދޫން ވަނީ މޮޅަށް ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. ނަމަވެސް ގޮއިދޫން އުފެއްދި ހަމަލާތަކުގެ ހުރަހަކަށްވީ ފެހެންދޫގެ ގޯލްކީޕަރ އިބްރާހިމް ފަޒީލްއެވެ. މިގޮތުން ފުރަތަމަ ހާފްގައި ގޮއިދޫން ޖެހި ނުރައްކާތެރި ގިނަ ހަމަލާތަކެއް އިބްރާހިމް ފަޒީލް ވަނީ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ. ގޮއިދޫން ރަނގަޅަށް ކުޅެމުން ދިޔަނަމަވެސް ފުރަތަމަ ހާފްގައި ފެހެންދޫންވެސް ވަނީ ގޮއިދޫގެ ގޯލަށް ނުރައްކާކޮށްފައެވެ. އަދި މެޗްގެ 21 ވަނަ މިނިޓުގައި ގޮއިދޫގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އެޓީމުން ލީޑު ނެގިއެވެ. ގޮއިދޫގެ ކީޕަރ އިމްރާންގެ ބޯމަތިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލީ ޢަބްދުއްސަލާމް ހާމިދެވެ. ފެހެންދޫ ޓީމުގެ ލަނޑަށްފަހު އެޓީމުން ވަނީ ބޯޅަ ހިފަހައްޓައި ގޮއިދޫއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއް ނުދީ ހާފް ނިމެންދެން ހިފަހައްޓާފައެވެ.

ިއަދު ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް
ިއަދު ގޮއިދޫ އާއި ފެހެންދޫ ބައްދަލުކުރި މެޗުގެ ތެރެއިން – އީޓީ ފޮޓޯ: ނައުޝަލް

ދެވެނަ ހާފް ފެށުނުތަނާ ފެހެންދޫއަށް ކުރިމަތިވި ނުތަނަވަސްކަމަކީ ޑިފެންޑަރ އިބްރާހިމް ރަމީޒަށް އަނިޔާވެގެން ބޭލުމެވެ. ފެހެންދޫގެ މިބަދަލާއެކު އެޓީމު ރަނގަޅަށް ހަމައަކަށް ނޭޅެނިސް ގޮއިދޫން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗް 61 ވަނަ މިނިޓްގައި ފެހެންދޫގެ ކުޅުންތެރިއަކަށް ހެދުނު ގޯހަކުން މި ގޯލް ކާމިޔާބުކުރީ އާދަމް ނިޒާމްއެވެ. އެއަށްފަހު ދެން ފެނުނީ މުޅި މެޗް ގޮއިދޫން ކޮންޓްރޯލް ކޮށްގެން ކުޅުނުތަނެވެ. ގޮއިދޫން މެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 73 ވަނަ މިނިޓުގައި ޢަބްދުލްމަޖީދް އިބްރާހިމް (މަޖިއްޓޭ) ޖަހައިދިން ލަނޑުންނެވެ. ގޮއިދޫއަށް ފައިނަލުގެ ޖާގައެއް ކަށަވަރުވީ މެޗްގެ 82 ވަނަ މިނިޓުގައި އިބްރާހިމް މާޖިދް ބޮލުން ވައްދާލި ގޯލުންނެވެ.

މެޗުން ބަލިވިނަމަވެސް ފެހެންދޫން ވަނީ ގޮއިދޫ ޓީމަށް މަރުހަބާކިޔައި ރަނގަޅު ނަމޫނާއެއް ދައްކާފައެވެ. އަދި ދެޓީމުގެ ސަޕޯޓަރުންގެފަރާތުންވެސް މެޗަށްފަހު ކުޅިވަރުގެ ރިވެތި އަޚްލާގް ފެނިގެންދިޔައެވެ.

މިއީ މި މުބާރާތުގެ ފައިނަލަށް ގޮއިދޫ ދަތުރުކުރި ދެވަނަ ފަހަރެވެ. އަންގާރަ ދުވަހު ހަވީރު 3:45 ގައި ފެށުމަށް ހަމަޖެހިފައިވާ ފައިނަލް މެޗްގައި ގޮއިދޫން ނިކުންނާނީ ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން އޭދަފުއްޓާއި ދެކޮޅަށެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ ފައިނަލުގައި 0-7 އިން ކެންދޫ ބަލިކޮށްގެންނެވެ.

މިފަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ އޭދަފުށީ ޔޫ ސްޕޯޓްސް އާއި ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތް ލިންކޭޖް (ފޭލި) ޖަމިއްޔާ އާއި ގުޅިގެންނެވެ. މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް އެސްޓީއޯ ނޫފަހި ބްރޭންޑް ހަމަޖައްސާފައިވާއިރު ކޯ ސްޕޮންސަރ އަކީ އުރީދޫއެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. hasan

    ކިހާދޫ ސަޕޯޓަރުންގެ ތެރެޔައް އަތައިގަތީ އޭދަފުށި ބަތްޕެންތަށް! ކިހާދޫ މީހުން އޭދަފުށި ސަޕޯޓަރުންނާ ދިމާލަށް ދިޔައީއެއްނޫން. ހަދާނެ އެއްޗެއް ހަދަން ސަޕޯޓަރުންނެއް ނުތިބޭނެ. އަޑުވެސް އުފުލާނެ

    ރައްދު
  2. Ahmed

    ފެހެންދޫ ޓީމްގެ ކޯޗް ސައްލެ އެދެއްކީ ކުޅިވަރުގެ މައިދާނުގައި ރީތި މިސާލެއް….. ގޮއިދޫ ރައްޔިތުން ސައްލެޔެށް ސެލިއުޓު ކުރަން!!!!!

    ރައްދު
  3. Ahmed

    ގޮއިދޫ އަދި ފެހެންދޫއަކީ ވަރަށް އެކުވެރި އެއްބައިވަންތަ ރައްޔިތެއް ދިރިއުޅެމުން އަންނަ ދެރަށް…. ސެމީ ފައިނަލްގައި
    ގޮއިދޫ އަތުން ފެހެންދޫ ބަލިވުމަކުން މިގުޅުމަކަށް ބަދަލެއް ނާންނާނެ!!!! ފައިނަލް މެޗުގައި ފެހެންދޫ ރައްޔިތުން ގޮއިދޫއަށް ސަޕޯޓްކުރަންދާނެ… މިމެޗުގައި ދެރަށުގެ ސަޕޯޓަރުންނާއި، ކުޅުންތެރިން އެދެއްކި ރީތި މިސާލަކީ އަތޮޅުގެ އެހެން ރައްތަކުން ނަމޫނާެއެއްގެ ގޮތުގައި ބަލައިގަންނަންޖެހޭނެފަދަ ރީތި މިސާލެއް…. ހަޤީގަތުގައިވެސް މިޢީ ދެރަށެއްކަމަކު އެއްރައްޔިތެއް ދިރިއުޅެމުންއަންނަ ދެރަށް…..

    ރައްދު
  4. ހަޖަމްވާ

    އެހެންވީމާ ހަޖަމްނުވާ އަށްވެސް ފެނިއްޖެތާ ރެފްރީންގެ އިންސާފެއް ނެތްކަން. ވަކި ޓީމަކަށް ޖެހިފައި ހުންނަ ރެފްރީއެއް ލައިގެން ކިހިނެއް މުބާރާތްކުޅޭނީ. ޓީމުތަކުން ގިނަ އަދަދެއްގެ ފައިސާ ނަގާ އަދި ލައްކައިން ސްޕޮންސަރ ހޯދައިގެން ކުރިއަށް ގެންދާ މިފަދަ މުބާރާތެއްގައި ބޮލުރޮދި ކެނޑިފައިތިބޭ ރެފްރީން ލައިގެން ކުޅުންތެރިންގެ ކުޅުން ހަލާކުވާނީ. އޭދަފުށި ޓީމުން ބޮޑު ޚަރަދެއް ކުރަން ނުޖެހުނަސް އެހެންޓީމުތަކުން އެތައް ބައިވަރު ޚަރަދެއް ކުރަންޖެހޭ. ދަތުރުފަތުރާއި، ކެއުމާއި އަދި އެނޫންވެސް އެތައް ޚަރަދެއް ކުރޭ. އޭދަފުށީ ޓީމަށް ރަށުގެ ފިހާރަތަކުން ލާރި ދޭއިރު އެހެން ޓީމުތަކުން ލާރި ހޯދަނީ ބުރަމަސައްކަތް ކޮށްގެން. މަހަށް ދިއުމާއި މަސައްކަތް ދުވަސް ފާހަގަ ކޮށްގެން. އަސްލު ސެމީ ފައިނަލް މެޗް ނިމުމުން ހަމަ ނުޖެހުން ހިންގަން އުޅުނީވެސް އޭދަފުށީ ސަޕޯޓަރުންތަކެއް ކިހާދޫ މީހުންގެ ތެރެއަށް ވަދެގަނެގެން. ކަންހިނގި ގޮތް ރަގަޅަށް ބަލާފަ ކޮމެންޓް ކޮށްލާތި ދެންފަހަރަކުން. އަހަރުމެންނަށް ހަޖަމްވެސް ވާނެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ވެވެން އޮތް އެހީއެއްވެސް ވާނަން. އެކަމު ބުނެލަން އޮތީ ދެންފަހަރަކުން ބޮލުރޮދި ދޫވެފަ ތިބޭ އޮފިޝަލުން ލާނަމަނަ ކުރީބައިގައި އަންގާލާތި. އޭރުން ރަށުން 11 ކުދިން ފޮނުވާފަ މެޗު ކުޅެލާފަ އަންނާނަން.

    ރައްދު
  5. IBOO

    ގޮޮއިދޫ އަދި ފެހެންދޫ ޓީމުން ދެއްކީ އެކުވެރި ކަމުގެ ނަމޫނާއެއް…އެހެން ޓީމް ތަކުންވެސް ފުޓްބޯޅަ ކުރިއަރުވަން ބޭނުވަނީނަމަ މިނަމޫނާ ދައްކަން ޖެހޭ….ސާބަހޭ ގޮއިދޫ އަދި ފެހެންދޫ ޓީމަށް..

    ރައްދު
  6. ހަޖަމްނުވާ

    އެއްކަލަ ކިހާދޫ މީހުންނަށް ހަޖަމް ނުވަނީ. ފެހެންދޫން މިއަދު ދެއްކީ ވަރަށް ރީތި މިސާލެއް. ބަލިވިޔަސް ރެފްރީ ގޯސްނުކޮށް ރަށުން ފައިބައިގެން ދިޔައީ. އަސްލު ހަގީގަތުގަ ރެފްރީ ގޮއިދޫ ޓީމަށް ޖެހިފައޭ ހުރީ ބުނެވިދާނެ. އެއީ ފެހެންދޫގެ 4 ނަންބަރު ކުޅުންތެރިޔާ ހުސްކޮށް ހިފައިގެން ބޯޅަ ގޮއިދޫ ކީޕަރު ފައުލް ކޮށްފަ ހުއްޓުވީ. އެންމެ ފަހު މީހާގެ ގޮތުގައި ހުރެ އެގޮތަށް ކުރާ ފައުލްތަކަށް އާއްމުކޮށް ދައްކާނީ ރަތްކާޑު. އެކަމު ކީޕަރަށް ދެއްކީ ރީނދޫ ކާޑެއް. މި ނޫނަސް ފެހެންދޫއާއި ދެކޮޅަށް މިއަދުގެ މެޗްގަ ބައެއް ކަންކަން ފާހަގަކުރެވުނު. އެހެންވީމަ މި ބުނަނީ ރެފްރީންނަށްވެސް ކުށް ކުރެވޭނެޔޭ. އޭގެ މާނައެއް ނޫނޭ ވަކި ޓީމެއް ގެންދަން މަސައްކަތް ކުރަނީއޭ. ކިހާދޫ މީހުންނަށް ބަލިވީމަ ހަޖަމް ނުވަނީ. ވަރަށް ދެރަކަމެއް މީ. އަތޮޅުގެ ފުޓްބޯޅައި ހުތުރު ކުރާ ބައެއް މި ކިހާދޫ މީހުންމީ. މާމޮޅަށް ކުޅެވޭނަމަ ރަނގަޅު.
    ފެހެންދޫ ޓީމަށް އަޅުގަނޑު ސެލިއުޓް ކުރަން. ތިޔަ ދެއްކެވި ނަމޫނާއަށާއި ތިޔަ ދެއްކެވި ހިތްގައިމު ކުޅުމަށް. ހަމަ ގައިމުވެސް އޭދަފުށީގެ ރައްޔިތުން ތިބީ ފެހެންދޫ އާއިއެކު.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.