ހަމްޕު އިތުރު ފަސް އަހަރު ނިއުގައި މަޑުކުރަން ނިންމައިފި

ހަމްޕު ލަނޑު ޖެހުމަށްފަހު ނިއުރޭޑިއަންޓުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ /- ފޮޓޯ: އިމޭޖަސްޑޮޓްއެމްވީީ
ހަމްޕު ލަނޑު ޖެހުމަށްފަހު ނިއުރޭޑިއަންޓުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ /- ފޮޓޯ: އިމޭޖަސްޑޮޓްއެމްވީީ

އޭދަފުށްޓަށް އުފަން ޒުވާން ސްޓްރައިކަރު ހަމްޒާ މުހައްމަދު (ހަމްޕު) ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކު ވެފައިވާ އެއްބަސްވުން އިތުރު ފަސް އަހަރު ދުވަހަށް އާކޮށްފި އެވެ.

ހަމްޕު ނިއުއާއެކު ވެފައިވާ އެއްބަސްވުން އާ ކޮށްފައި ވާކަން އެ ކްލަބުން ހާމަކޮށްފައި ވަނީ މިއަދު އެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ނިއުއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރި ހަމްޕު އެ ކްލަބަށް މިދިޔަ އަހަރު ގެނެސްފައި ވަނީ އެ ކްލަބުގެ “ދެވަނަ ސެންޓޭ”ގެ ގޮތުގައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީގައި ބ. އޭދަފުށިން ނިއުއަށް ގެނައި 19 އަހަރުގެ ހަމްޕު އެ ޓީމަށް ގެނެސްފައި ވަނީ ބޮޑު އުންމީދަކާއި އެކުގައެވެ.

ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ، ހަމްޕު އަކީ ނިއުއިން ކުރިމަގަށް ކުރި ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި، އޭނާއާ މެދު ބޮޑު އުންމީދެއް ކުރައްވާ ކަމަށެވެ.

ހަމްޕު އެންމެ ފުރަތަމަ ނިއުއަށް ކުޅެދިނީ މިދިޔަ އަހަރުގެ ކުރީކޮޅު ބޭއްވި ޔޫތް ޗެންޕިއަންޝިޕްގައި ނިއު އާއި މާޒިޔާ ބައްދަލުކުރި މެޗެއްގައެވެ.

ޔޫތު ޗެންޕިއަންޝިޕަށް ފަހު ނިއުގެ އޭރުގެ ކޯޗް ޕެރޭޒް ގާސިއާވެސް ވަނީ ހަމްޕުގެ ކުޅުމުގެ ފެންވަރަށް ތައުރީފުކޮށް، އެ އަހަރު ނިއުގެ ސީނިއާ ޓީމުގެ ސްކޮޑުގައި އޭނާ ހިމަނާފައެވެ.

ސީނިއާ ޓީމު ސްކޮޑުގައި ހިމެނިގެން ހަމްޕު މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި ކުޅުމުގެ އިތުރުން ވެސް ހަމްޕު ވަނީ ލައިފްބޯއީ ޗެރިޓީ ޝީލްޑު މެޗާއި ދިވެހި ލީގު އަދި އެފްއޭ ކަޕްގެ އިތުރުން ޕްރެޒިޑެންޓްސް ކަޕުގެ ގިނަ މެޗުތަކެއްގައި ފުރަތަމަ އެގާރައިގައި ވެސް ހިމެނިފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕަށް ރާއްޖޭގެ ސީނިއާ ގައުމީ ޓީމަށް ކުޅުންތެރިން އެކުލަވާލިއިރު ތައިލޭންޑުގައި ކޭމްޕުކުރި ގަދަ 26 ކުޅުންތެރިންގެ ތެރޭގައި ވެސް ހަމްޕު ހިމެނުނެވެ.

ނަތީޖާއެއްގެ ގޮތުން ހަމްޕު ވަނީ މިދިޔަ އަހަރު ދެކުނު ކޮރެއާގައި އޮތް އޭޝިއަން ގޭމްސް ގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނި، އެމުބާރާތުގައި ކުޅެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.