ކެންދޫ ބަނދަރުގެ މަސައްކަތް މިއަހަރު ފެށުމުގެ ފުރުސަތު ކުޑަ: ކައުންސިލް

ބ. ކެންދޫ

ދައުލަތުގެ 2013 ވަނައަހަރުގެ ބަޖެޓްގައި ހިމެނިނަމަވެސް މިއަތޮޅު ކެންދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ފެށިދާނެކަމުގެ އުއްމީދު ވަރަށްކުޑަކަމަށް އެރަށު ކައުންސިލްގެ ރައީސް އަބްދުލްމުހުސިން އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ކެންދޫ ކައުންސިލްގެ ރައީސް މިހެންވިދާޅުވެފައި މިވަނީ ކެންދޫ ބަނދަރުގެ ކަނޑުތޮށި ވެއްޓި އެއްގަމު ތޮށި އަރިއަޅާލާފައިވާތީ ބަނދަރު ބޭނުންނުކުރެވި އޮޑިދޯނިފަހަރަށް ގެއްލުންވަމުންދާތީ އެރަށު ބަޔަކު މިދިޔަ މަހު އެރަށު ކައުންސިލް އިދާރާއަށް އެއްވެފައިވެސް ވަނިކޮށެވެ. މުހުސިން އީޓީއަށް ވިދާޅުވީ ކަނޑުތޮށި މަރާމާތުކުރަން ބަޖެޓްގައި ހިމެނި ނަމަވެސް ބަޖެޓް ކުޑަކުރުމާ ގުޅިގެން އެކަން ވެދާނެކަމާމެދު މިނިސްޓްރީން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

” އަޅުގަނޑުމެން މިނިސްޓްރީއަށް ގޮސް މިކަން ސާފުކޮށްފިން. ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިނިސްޓްރީގެ އިދާރީ ކަންކަމަށް ހުރިފައިސާވެސް ކަނޑާލާފައިވާތީ އެކަންކަމަށް ފައިސާ ނުލިބެނީސް ބަނދަރުގެ މަސައްކަތް ފެށޭނެހެން ހީނުވާކަމަށް. އެހެންވީމާ އުއްމީދު ވަރަށްކުޑަ” މުހުސިން ވިދާޅުވިއެވެ.

އަމިއްލަ ފަރާތްތެއްކަމުގައިވާ “އަތަމާ އަބްދުއްލަތީފް”އާއި، ސަރުކާރުގެ އެހީއާއެކު ކެންދޫގައި 450 ފޫޓްދިގު 150 ފޫޓް ފުޅާމިނުގެ ބަނދަރެއް ހެދީ 2000 ވަނައަހަރުތެރޭގައެވެ. އެއްގަމުތޮށި އޭގެފަހުން މާބޮޑު މަރާމާތެއް ނުކުރާއިރު ކަނޑުތޮށި ވެއްޓި ދޭތެރެދޭތެރެއިން ރައްޔިތުން ނުކުމެ މަރާމާތުކުރަމުން ދެއެވެ.

ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އާބާދީއަށް ބަލާއިރު މިވަގުތު އެންމެ ފެންވަރު ދެރަ ބަނދަރަކަށް އޮތް އެއްބަދަރަކީ ކެންދޫ ބަނދަރަރެވެ. އެބަނދަރު މަރާމާތު ކުރުމަށް މިދިޔަ ސަރުކާރުންވެސް އެކިކަހަލަ ވާހަކަތައް ދައްކާފައިވާއިރު، މިއަހަރުގެ ބަޖެޓްގައިވެސް ސަރުކާރުން 23 މިލިޔަން ރުފިޔާ ބަޖެޓްކުރުމަށް މަޖިލީހަށް ހުށައެޅިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.