އުރީދޫގެ އާންމު ހިއްސާދާރުންގެ ޑިރެކްޓަރު ހޮވަން އީވޯޓެއް ނަގަނީ

ކުރިއަށް އޮތް އުރީދޫގެ އަހަރީ އާންމު ޖަލްސާގައި، އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އިންތިހާބު ކުރާނީ، އިލެކްޓްރޯނިކް ވޯޓިންގް (އީ-ވޯޓް)އެއް ނަގައިގެން ކަމަށް ނިންމައިފި އެވެ.

އުރީދޫއިން ކުރި އިއުލާނެއްގައި ބުނީ، އަހަރީ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނޭ، “އެޖެންޑާ އައިޓަމް 10: އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިހާބު ކުރުން” ގެ ވޯޓުލުން ކުރިއަށް ދާނީ އީ-ވޯޓިންގެ އުސޫލުން ކަމަށެވެ. އަދި މިގޮތަށް ވޯޓުދިނުމުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރެއްގެ ގޮތުގައި އަމިއްލަޔަށް ނޫނީ، ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ކޮންމެ ބޭފުޅަކަށްވެސް އެއް ވޯޓް ލެވޭނެ ކަމަށް ވެސް އުރީދޫއިން ބުންޏެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާ ބާއްވަނީ، އަންނަ މާޗް ދެވަނަ ދުވަހުގެ ރޭ 8:30 ގައި ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގަ އެވެ.

އުރީދޫއާށް މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި 588.6 މިލިޔަން ރުފިޔާ ލިބިފައިވާ އިރު، ހިއްސާގެ ފައިދާ ނޫނީ ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 3.30 ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ.

ވަތަނިއްޔާގެ ނަމުގައި ރާއްޖޭގައި 2005 ވަނަ އަހަރު މޯބައިލް ފޯނުގެ ހިދުމަތް ދޭންފެށި ގަތަރުގެ ކުންފުނިން ރާއްޖޭގައި ހިއްސާ ވިއްކައި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރީ 2016 ވަނަ އަހަރު އެވެ.

އެ ކުންފުނީގެ ހިއްސާގެ ތެރެއިން 90.5 ޕަސަންޓަކީ ވަތަނިއްޔާ އިންޓަނޭޝަނަލް އެވެ. އަދި އާންމުންނަށް އޮންނަނީ ކުންފުނީގެ 9.5 ޕަސެންޓް ހިއްސާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.