
އަލްމަރުހޫމް އަހްމަދު ޝާހީންގެ ހަނދާނުގައި އަންނަ މަހު އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސެލް ޗެލެންޖުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ފެއިމްސް ޔުނައިޓޭޑާއި ކިހާދު މޯލްޑިވްސް ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި ގޮތަށް ހަމަޖެހުނީ ރޯޔަލް އައިލެންޑް ރިސޯޓްގައި ގައި މިރޭ އޮތް މުބާރާތުގެ ގުރު ނެގުމުގެ ހަފުލާގަ އެވެ.
މާޗު އެއްވަނަ ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ފެއިމްސް ޔުނައިޓެޑާއި ކިހާދު މޯލްޑިވްސް ލައްވާލީ ގްރޫޕް އޭ ގަ އެވެ. މި ގްރޫޕްގައި ދެންއޮތީ ރޯޔަލް އައިލެންޑް ރިސޯޓް އާއި އަނަންތަރާ ކިހަވައް ވިލާސް ރިސޯޓެވެ.
ބީ ގުރޫޕުގައި ވާދަކުރާނީ ސޮނެވާފުށީ ރިސޯޓާއި ފޯސީޒަންސް އެޓް ލަނޑާގިރާވަރު އަދި ވެލާ ސްޕޯޓްސް އެވެ. ގްރޫޕް ސީ ގައި އޮތީ ވެލިގަނޑު އައިލެންޑް ރިސޯޓާއި އަމިއްލަފުށި އަދި ޔުނައިޓެޑް ވީ އެވެ.
މުބާރާތް ރާވާފައިވަނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމާއި، ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމާއެކު އަށް ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ.
ކްލަބް ދަ ބިގިނާސް އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގެ ޗެމްޕިއަންޓީމަށް -/10،000 ރުފިޔާ އަދި ރަނާ-އަޕް ޓީމަށް -/5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް މާލެ/ކޮލަމްބޯ ދެކޮޅު ޓިކެޓް ދިނުމަށްވެސް ވަނީ އެ ކްލަބުން ނިންމާފަ އެވެ.
މި މުބާރާތް ފެށުމުގެ ކުރިން އަންނަ ހޮނިހިރު ދުވަހު ހަވީރު ލަނޑާގިރާވަރު ރިސޯޓާއި ކުޑަހުރާ ރިސޯޓާއެއކު އެކުވެރިކަމުގެ މެޗެއްވެސް ކުޅޭގޮތަށްވަނީ ހަމަޖެހިފަ އެވެ.