
އެމްބީސީގެ ޓީވީ މޯލްޑިވްސްގެ ސިގްނަލް އެންޓަނާ މެދުވެރިކޮށް ބ. އަތޮޅަށް ނުލިބޭތާ ދުވަސްތަކެއް ވެއްޖެ އެވެ.
ބ. އަތޮޅުން ޓީވީއެމްގެ ސިގްނަލް ކެނޑިފައި ވަނީ މީގެ ދެ ހަފްތާއެއްހާ ކުރިންނެވެ. އޭގެ ފަހުން އެއްވެސް ވަރަކަށް ސިގްނަލް ނުލިބެ އެވެ.
ޓީވީއެމްގެ އޮފިޝަލަކު މިއަދު “އީޓީ” އަށް ވިދާޅުވީ ބ. އަތޮޅަށްް ސިގްނަލް މެދުކެނޑުނީ ޓްރާންސްމީޓަރުގެ ކޭބަލްއަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މި މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ސިގްނަލް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
“ސިގްނަލް މެދުކެނޑުނީ ކޭބަލްއަކަށް ދިމާވި މައްސަލައަކާ ގުޅިގެން. އެހެންވެ ސިގްނަލް ނުލިބެނީ. އެ ކޭބަލަކީ ރާއްޖެއިން ބޭރުން ގެންނަންޖެހޭ އެއްޗަކަށްވާތީ ލަސްވަނީ. މިހާރުވަނީ ކޭބަލް ގެނައުމަށް ބަޔަކާ ހަވާލުކުރެވިފައި. އަޅުގަނޑުމެން ބަލަމުން މިގެންދަނީ ވީހާ ވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ސިގްނަލް ފޯރުކޮށްދެވޭތޯ،” އޭނާ ވިދާޅުވި އެވެ.
ޓީވީއެމްގެ ސިގްނަލް ބ. އަތޮޅަށްް ލިބުން މެދުކެނޑިފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން މިއަތޮޅުގެ ގިނަ ބަޔަކު ދަނީ ޝަކުވާތައް ވެސް ކުރަމުންނެވެ. އެހެންނަމަވެސް ކޭބަލް ޓީވީ މެދުވެރިކޮށް ބައެއް ފަރާތްތަކުން އަންނަނީ ޓީވީއެމްގެ ޕްރޮގްރާމްތައް ބަލަމުންނެވެ.