މިއަދަކީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސްކަމަށްވާތީ، ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި އުހުތުންނަށް ރައްދުކުރަމެވެ.
އަންހެނުންނަކީ ގައުމުގެ ތަރައްގީގެ އެންމެ މުހިއްމު އެއްބައިވެރިޔާ އެވެ. މިއަދު އަންހެނުންގެ ހިއްސާނުވާ އެއްވެސް ދާއިރާއެއް މިގައުމުގައި ނެތޭދެންނެވުމަކީ ދޮގަކަށް ނުވާނެ އެވެ. ގައުމަށް ނަޒަރު ހިންގާލާއިރު ތައުލީމީ ދާއިރާގަ އާއި ސިއްޙީ ދާޢިރާގައި ގިނައީ އަންހެން ކަނބަލުންނެވެ. ހަމައެހެންމެ ސިޔާސީ ދާއިރާގައިވެސް އަންހެނުންގެ އަދަދު އަންނަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރު ވަމުންނެވެ.
ދިރިއުޅުމުގެ އެންމެ މުހިއްމު އެއްބަޔަކީ ދަރިންބެލުމުގެ ބުރަ މަސްއޫލިއްޔަތު ކަމަށްވީ ހިނދު މިބޮޑު ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާ ބަޔަކީވެސް އަންހެނުންނެވެ. ގިނަ މުޖުތަމައުތަކުގައި އެބައިމީހުންގެ ފިރިން ވަޒީފާތަކަށް ދިއުމުން ގޭގައި ދަރިން ބަލަން ތިބެނީ އެބައިމީހުންގެ އަނބީންނެވެ.
މިފަދަ އަންހެނުންނަކީ މުޖުތަމައުއަށް އަންނަ ބަދަލުތަކާއި ގައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތައް އެންމެ ފުރިހަމަ ގޮތުގައި އެނގޭބަޔަކަށް ނުވުމުގެ ސަބަބުން ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމުގައި ވަރަށް ގިނަ ހުރަސްތަކެއް ދިމާވަމުން އަންނަކަމީ މިއަދު ގިނަބަޔަކު ފާހަގަ ކުރަމުން އަންނަ ކަމެކެވެ.
މިހެންކަމާއިއެކު އަންހެނުންގެ ދުވަސް ފާހަގަ ކުރެވެމުންދާއިރު އަންހެނުން ހޭލުންތެރި ކުރުވުމުގެ ގޮތުން ޕްރޮގްރާމްތަކެއް ހިންގުމަކީ މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެކެވެ. މިކަން މިހެން އޮތްނަމަވެސް މިއަދު ޤައުމުގެ ގިނަ ތަންތަނުން ފެނިގެން މިދަނީ މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތަކާއި މުނިފޫހި ފިލުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާ މަންޒަރެވެ.
މީގެ ބަދަލުގައި އަންހެނުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގިއްޖެ ކަމަށްވާނަމަ މުޖުތަމައުއަށް އޭގެފައިދާ އެތައްގޮތަކަށްކޮށް މުޖުތަމަޢުއަށް އެތައް އެތައް ކުރިއެރުންތަކެއް އަންނާނެކަން ކަށަވަރެވެ. މިއީ އަންހެނުންގެ ދުވަހެއް ފާހަގަކުމުން ދާއިރު އަޅުގަނޑުމެން ވިސްނާލުން މުހިއްމު ކަމެއްކަމުގައި ދެކެމެވެ.