އުރީދޫގެ ހިއްސާއަކަށް 3.30ރ. ބަހަން ފާސްކޮށްފި

ދިވެހިރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދެމުންދާ ކުންފުންނެއް ކަމަށްވާ އުރީދު މޯލްޑިވްސްއަށް 2019 އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 3.30ރ. ބަހަން ފާސްކޮށްފި އެވެ.

ހޯމަ ދުވަހުގެރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވާއިރު، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އުރީދޫއަށް ލިބިފައިވަނީ 588.6 މިލިއަން ރުފިޔާއެވެ.

އުރީދޫ މޯލްޑިވްސްގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާ ވަނީ ޖުމްލަ 9.5 އިންސައްތައަށެވެ. ބާކީ 90.5 އިންސައްތައަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާ އެވެ.

އުރީދޫއަށް ލިބޭ ފައިދާއިން ހިއްސާއަކަށް ބަހާނެ އަދަދު ފާސްކުރުމުގެ އިތުރުން 2019 ވަނަ އަހަރުގެ މާލީ ރިޕޯޓްތަކާއި އޮޑިޓް ރިޕޯޓު އަދި 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އާއި ހާއްސަ ގޮތުން ބޭއްވި އެ ކުންފުނީގެ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް މި ޖަލްސާގައި ފާސްކޮށްފައިވެއެވެ.

މީގެ އިތުރުން ހިއްސާދާރުންގެ ފުރިހަމަ ތާއީދާއެކު، އުރީދޫ އޮޑިޓް ކުރާނެ ފާމެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޕްރައިސްވޯޓާ ހައުސް ކޫޕާސް (ޕީޑަބްލިއުސީ) އެވެ. އޮޑިޓް ކުރުމުގެ ފީގެ ގޮތުގައި އެކުންފުނިން ނަގަނީ 60،000 ޑޮލަރެވެ.

އުރީދޫއަކި ދިވެހިރާއްޖޭގައި މުވާސަލާތީ ހިދުމަތް ދެމުންގެންދާ ދެ ކުންފުނިގެ ތެރެއިން އެއް ކުންފުންޏެވެ. އުރީދޫގެ އަމާޒަކީ މުޅި ރާއްޖެ އެންމެ ފަހުގެ ޓެކްނޮލޮޖީއިން ގުޅުވާލުން ކަމަށް އުރީދޫއިން މީގެ ކުރިން ބުނެފައިވާއިރު އުރީދޫއިން އަންނަނީ މިފަދަ ހިދުމަތްތަކެއް އާންމުންނާ ހަމައަށް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މފަދަ އެންމެ ބޮޑު މަސައްކަތެއްގެ ގޮތުން އުރީދޫއިން ފާއިތުވި އަހަރު ވަނީ “މޫލީ” ގެ ނަމުގައި ޑިޖިޓަލް އީ ކޮމާސް ޕްލެޓްފޯމެއް ތައާރަފުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް އުރީދޫގެ ސަބްސްކްރައިބަރުންގެ 400،000 އަށް ވުރެ އިތުރު ވެފައިވާކަން އުރީދޫއިން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.