ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

ފުރަތަމަ ބައި

މާޒީގެ ހަނދާންތައް އާވުމުން ކަރުނުން ދެލޯފުރެއެވެ. ލޯބިންއެކީ ހިއްސާވި ވަގުތުތައް މިހިނދަށް ހަނދާން ނައްތާލުމަށްފަހު ހިނިތުންވެލުން ނޫންގޮތެއް މިއަދަކުނެތެވެ. މާޒީގެ ހިމޭން ދުނިޔޭގެ ތެރެއަށް ގެނބިފައި އިންދާ ސިހިގެން ދިޔައީ ފޯނަށް އައި ލޮޅުންގަދަ ވައިބްރޭޝަންއާ އެކުގައެވެ. އާދުވަހަކަށް އަލިވިލުނުކަން އެނގުނީވެސް ދެނެވެ. ބަނަވެފައިވާ ދުނިޔެ އަލުން އަލިކޮށްލަދިން އުޖާލާ ފަތިހުގެ ވަގުތެވެ. ފޯން އަންލޮކް ކޮށްލުމަށްފަހު މެސެޖް ކިޔާލީމެވެ. “ޖަވާބަކަށް އިންތިޒާރު ކުރަމުން ކަލާގެ ހިޔަނިން ދުރަށް ނުދާނަން” އެވަގުތު ޔާނީގެ ތުންފަތް މައްޗަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. ހީވީ ފިނިފެންމަލެއް ފަތިހަށް ފަރިވެ ފޮޅިލިހެނެވެ. ނަމަވެސް އުފާވެރިކަން ދެމިހުރީ ކުޑަ ހިނދުކޮޅަކަށެވެ. އަނެއްކާވެސް މާޒީ ހަނދާންވެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ދިރިއުޅުމުގައި ޔާނީވެސް ލޯބި ބޭނުންވެއެވެ. ނަމަވެސް ލޯތްބަކީ ޔާނީއަށް ކެހިވެރި އެއްޗަކަށް ވަނީ ވެފައެވެ. އެހެންވެ އަނެއްކާވެސް އެހެން މީހެއްދެކެ ލޯބިވާން ޔާނީ ފަސްޖެހެއެވެ. މެސެޖްކުރީ ޒައިދެވެ. ޔާނީއާ ޒައިދްއާ ދިމާވީ އިއްތިފާގަކުންނޭވެސް ބުނެވިދާނެއެވެ. ހަޔާތުގައި އިތުރު މީހަކު ނެތުމުން އެކަނިވެރިކަމުން މިންޖުވެ މާޒީގެ ހިތްދަތި ސަފްހާތައް ހިތުން ފިލުވާލުމަށްޓަކައި މީގެ ހަފްތާއެއް ކުރިން ޔާނީ ކުޅުދުއްފުއްޓަށް ދިޔައީ ކުރިއަށް ދެން ވާންއޮތީ ކިހިނެއްކަން ނޭނގޭ ހާލުގައެވެ. ކަންދިމާކުރި ގޮތުން ޒައިދްވެސް އޮފީސް ދަތުރެއްގައި އެދުވަސްކޮޅު ކުޅުދުއްފުއްޓަށް ދާން ޖެހުނެވެ. ޔާނީ ހުރީ އޭނަގެ ރައްޓެހި މިޝްކާގެ ގޭގައެވެ. އެގޭގައި އުޅެނީ މިޝްކާއާއި އޭނާގެ މައިންބަފައިން އެކަންޏެވެ. މިޝްކާގެ އާއިލާއަކީ ފުދޭވަރެއްގެ ތަނަވަސް ދިރިއުޅުމެއް އުޅެމުން އަންނަ އާއިލާއެކެވެ. މެންދުރުގެ ހޫނުގަދަ ވަގުތެވެ. މިޝްކާގެ ބައްޕަގެ ރައްޓެއްސެއްގެ ދަރިއެއް ކާން އަންނާތީވެ ބަދިގެ ތެރޭގައި ވަރަށް އަވަދިނެތި މެންދުރުގެ ކެއްކުމުގައި މިޝްކާގެ މަންމަ ޒާހިޔާ އުޅެމުން ދިޔައެވެ. މިޝްކާއާ ޔާނީވެސް ޒާހިޔާއަށް އެހީތެރިވުމުގައި ހަރަކަތްތެރި ވަމުން ދިޔައެވެ.

“ދަރިފުޅާ މިޝްކާ! ދޭބަލަ ފެންބަނޑިޔަލެއް ހިފައިގެން އަންނަން. މަންމަ މިއަދު ހަނދާންނެތިގެން ފެން ނުގެނެވި މިހުރީ” ހުސްވެފައިވާ ބަނޑިޔާ ދިއްކޮށްލަމުން ޒަހިޔާ ބުނެލިއެވެ. “މަންމާ އަހަރެން މިއުޅެނީ މަސްފިހަން ވެގެން، ޔާނީއަށް ދެވިދާނެތަ”؟ މޭޒުމަތީގައި ހުރި ލޮނުމިރުސްތަށި ނަގަމުން މިޝްކާ އޭނާގެ އެކުވެރިޔަ ގާތު އަހާލިއެވެ. އެވަގުތު އާއެކޭ ބުނުމުގެ ގޮތުން ޔާނީ ބޯޖަހާލީ ހިނިތުންވެލަމުންނެވެ. އަވިގަދަ ކަމުން މަގުމަތީގައި މާގިނަ ބަޔަކު ނުކުމެއެއް ނޫޅެއެވެ. މަޑުހިނގުމެއްގައި ގޮސް ޔާނީ މިސްކިތުގެ ތެރެއަށް ބަނޑިޔަލަަށް ފެން ފުރަން ފެށިއެވެ. އެއަށްފަހު ވަރަށް ފަރުވާތެރިކަމާއެކު ބަނޑިޔާ ކިހިލި ޖަހާލައިގެން ނުކުތެވެ. އެވަގުތު ޖެހިގެންއޮތް ގޯޅިން ނުކުތް ޒުވާނާގެ ގައިގައި ޖެހިފައި ފެންބަނޑިޔާ ނުވެއްޓުނީވެ ހަމަ ކިރިޔާއެވެ. ޔާނީއަށް ބޭއިޚްތިޔާރުގައި ހަޅޭލަވައި ގަނެވުނެވެ. ވީތަދެއްގެ ބޮޑުކަމުންކަންވެސް ނޭނގެއެވެ. “ތަންކޮޅެއް ބަލަލައިގެން އުޅެބަލަ” އެވަގުތު ކުރިމަތީގައި ހުރި ޒުވާނާގެ އަޑުއިވިފައި ޔާނީ އިސްއުފުލާލީ އޭނައަށް ރައްދު ދިނުމަށެވެ. ނަމަވެސް ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުރެވުނީ ކުރިމަތިން މިފެންނަނީ ހުވަފެނެއްބާއޭ ހީވެހުރެއެވެ. އަންހެންކުދިން ފިދާވާފަދަ ރީތި ފިރިހެންވަންތަ ޒުވާނެކެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ޖީންސެއް ލައިގެން ހުރިއިރު އަތުކުރިން މައްޗަށް އޮޅާލާފައި ހުރުމުން މުލައްދަނޑީގެ ބޮޑުބައެއް ފެންނަން ހުއްޓެވެ. އާދައިގެ ވަރަކަށް ދިގުވެފައި ހުރި ތުނބުޅީގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން އިތުރަށް ދައްކުވައިދެއެވެ. އެބޮޑު އަޅިކުލައިގެ ދެލޮލުގެ ޖާދޫގައި ޖެހިފައި ބަލަންހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. “ހެލޯ؟” ދެވަނަ ފަހަރަށްވެސް ވާހަކަ ދެއްކީ އެޒުވާނާއެވެ. އެއާއެކު ޔާނީ ސިހުނެވެ. އަނގައިން އެންމެ ބަހެއްވެސް ނުބުނެ ޔާނީ ހިނގައިގަތެވެ. ކަންތައް ކުރެވުނު ގޮތުން ލަދުންހުރެއެވެ.

އެވަގުތު އޭނާ ޔާނީގެ އަތުގައި ހިފިއެވެ. ކުއްލީއަކަށް ޔާނީގެ ދެލޯ ބޮޑުވެ ހުއްޓުންއެރީ ކުއްވެރިއެއް ފަދައިންނެވެ. ސުވާލުން ފުރިގެންވާ މޫނަކައިގެންނެވެ. “ކުށެއް ކުރެވުމުން މައާފަށް އެދުންވެސް އެއީ އޮންނަ ކަމެއް” މިހެން ބުނުމާއެކު ޔާނީ އަށް އެޒުވާނާއާ ދިމާލަށް ބަލާލެވުނެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ޔާނީ އިތުރަށް ލަދުގަތެވެ. އަދި ވަރަށް އުނދަގުލުން ސޮރީއޭ ބުނެލިއެވެ. އޭރުވެސް ހިތް ހީވަނީ ބޭރަށް ނުކުމެދާނެ ހެންނެވެ. ޔާނީ ހާސްވެގެން އުޅޭތަން ފެނިފައި ޒައިދް އަށް ހެވުނެވެ. “އިޓްސް އޯކޭ! ބައެއްފަހަރު އެހެންވެސް ވާނެ. އަހަންނަށް ކިޔަނީ ޒައިދް، ތިކުއްޖާއަށް ކިޔަނީ ކޮންނަމެއް؟” ޒައިދް އަމިއްލައަށް ތައާރަފް ވެލިއެވެ. އެހިނިތުންވުން ފެނިފައި ކޮންމެ އަންހެން ކުއްޖަކުވެސް ދީވާނާ ވާނެކަން ކަށަވަރެވެ. ހާސްވެފައި ހުރިލެއް ބޮޑުކަމުން ޔާނީ އަވަސް އަވަހަށް އެތަނުން ދިޔައެވެ. ސުވާލުގެ ޖަވާބު ނުލިބުމުން ޒައިދް ކުޑަކޮށް މާޔޫސްވިއެވެ. ނަމަވެސް ހިނިތުންވެލަމުން ބޮލުގައިއޮތް ރޭބަން އައިނު ނަގާ އަޅާލިއެވެ. ނަންނުބުނެ ތިޔަހެން ދިޔަޔަސް ހިތް އެދެންޏާ ހޯދާނަމޭ ބުނާފަދަ އުސޫލަކުންނެވެ.

(ނުނިމޭ…)

ނޯޓް: މި ވާހަކައަކީ އާމިނަތު ޝިއުރާ ސިރާޖް ލިޔެފައިވާ ދިގު ވާހަކައެކެވެ. ވާހަކަ ނިމެންދެން ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހަކު ވާހަކައިގެ ބައެއް ގެނެސްދެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Pingback: ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި | Ziyaarah

  2. ސާމީ

    ވާހަކައިގެ ފެށުން ވަރަށް ހިތްގައިމު އަދި ވާހަކައިގައި އުޅޭމީހުން ކިޔާދޭގޮތް ވަރަށް ކަމުދޭ. ނިމެންދެން ކިޔަން ހިތުލައިގެން މިހުރީ.

    ރައްދު
  3. Aisha

    ވާހަކަ ފަށާފައިވާ ގޮތް ވަރަށް ފުރިހަމަ. އެހެންނަމަވެސް ވާހަކައިގެ މިބައި ވަރަށް ވަރަށް ކުރު. ހަފްތާގެ ދެ ދުވަހު ވާހަކަ ގެނެސްދޭ އިރު މިއަށްވުރެ ދިގުކޮށް ގެނެސްދިނީމަ ކިއުންތެރިން ވަރަށް އުފާވާނެ. މި ވާހަކައިގެ ދެވަނަ ޕާޓް އަށް އިންތިޒާރު ކުރަން. 🙂

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.