ސާޖަރީއަށްފަހު ސެންޓޭ ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެ

2014 ވަނަ އަހަރުގެ އޭއެފްސީ ކަޕް މެޗެއްގައި ކުޅެނީ - ހަވީރު ފައިލް ފޮޓޯ
2014 ވަނަ އަހަރުގެ އޭއެފްސީ ކަޕް މެޗެއްގައި ކުޅެނީ – ހަވީރު ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އަލީ ފާސިރު (ސެންޓޭ) ހެދި ފައިގެ ސާޖަރީއަކަށްފަހު އޭނާ ކުޅުނު ފުރަތަމަ މެޗުން ނިއުރޭޑިއަންޓް އެއްވަރުވެއްޖެ އެވެ.

އޭއެފްސީ ކަޕުގެ ގުރޫޕް އެޗްގައި ނިއުރޭޑިއަންޓް މިއަދު މިޔަންމާގައި އެގައުމުގެ އަޔެވާދީ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 0-0 އިންނެވެ.

އަޔެވާދީ ޔުނައިޓެޑުން އެމީހުންގެ އަމިއްލަ ފަސްގަނޑުގައި ކުޅުނު މިމެޗުގައި އެޓީމުން ބޮޑަށް ކުޅުނީ ދިފާއީ ގޭމެކެވެ. މިއާ ހިލާފަށް ނިއުރޭޑިއަންޓުން ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓާ، ގޯލުޖަހާނޭ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މީގެތެރެއިން ހަމްޒާ މުހައްމަދު (ހަމްޕު) އަށް ފުރަތަމަ ހާފުގެ ކުރީކޮޅު ލިބުނު ދެ ފުރުސަތަކާއި އަހުމަދު ސުހައިލް (ބަންބުޗް) އަށް ދެވަނަ ހާފުގެ ފަހުކޮޅުގައި ލިބުނު ދެ ފުރުސަތު ފާހަގަ ކޮށްލެވެއެވެ. އަދި މިމެޗުގައި ހަމްޒާއަށް ވަނީ ރީނދޫ ކާޑެއް ވެސް ދައްކާފަ އެވެ. ދެވަނަ ހާފުގެ މެދަކާ ހިސާބުން ޝާފިއު އަހުމަދަށް ބޯޅަ ނެތީސް ފައުލް ކުރުމުގެ ސަބަބުން އަޔެވާދީ ކުޅުންތެރިއަކަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދެއްކުމުގެ ސަބަބުން އެޓީމު މެޗުގެ ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ.

މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި ޝާފިއު އަދި ހަމްޒާ ވަނީ މިއަދުގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ދެވަނަ ހާފުގައި ހަމްޒާގެ ބަދަލުގައި ސުހައިލް ކުޅެން ނުކުތްއިރު ފާސިރު ކުޅެން ނުކުމެފައިވަނީ 75 ވަނަ މިނިޓުގައެވެ.

މިނަތީޖާއާއެކު ނިއުރޭޑިއަންޓް އޮތީ އެގުރޫޕުގެ ތިންވަގައިގައި 3 ޕޮއިންޓާއެކުއެވެ. 6 ޕޮއިންޓާއެކު އަޔެވާދީ ޔުނައިޓެޑް ދެވަނައިގައި އޮތްއިރު 7 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ އިންޑޮނޭޝިއާގެ ޕާސިބް ބަޑުންގެވެ. އަދި ލާއޯސްގެ ލާއޯ ޓޮޔޯޓާ އެފްސީ ތާވަލުގެ ފުލުގައި އޮތީ 1 ޕޮއިންޓާއެކު އެވެ.

މުބާރާތުގެ ގްރޫޕް ފިޔަވަހީގައި ނިއުރޭޑިއަންޓަށް ދެން ބާކި އޮތީ ދެމެޗެވެ. އޭގެތެރެއިން އެއް މެޗު މާލޭގައި ޕާސިބް ބަޑުންގާ ދެކޮޅަށް ކުޅޭއިރު ލާއޯ ޓޮޔޯޓާ އެފްސީއާ ދެކޮޅަށް ނުކުންނަ މެޗު ކުޅޭނީ ލާއޯސްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.