ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

ދެވަނަ ބައި

ދުވަމުން ކަހަލަ ގޮތަކަށް ގޮސް ޔާނީ ގެއަށް ވަނެވެ. އޭރުވެސް ހިތް ލަކި ލަކި ޖަހައެވެ. “ކިހިނެއްވީ؟” ހާސްވެފައިހުރި ޔާނީ ފެނިފައި މިޝްކާ އަހާލިއެވެ. “ކަ..ކަމެއްނުވޭ، އެއީ އަވަހަށް އަންނަންވެގެން ތަންކޮޅެއް ބާރަށް ހިނގާފައި އައިމަ ވަރުބަލިވީ” އޭރުވެސް ޔާނީގެ ނިތްކުރިމަތިން ދާތިކިތައް ބަބުޅަމުން ދެއެވެ. “ދެންވެސް އަވަހަށް އާދެބަލަ، މިހާރުވެސް މާ ލަސްވެއްޖެ. ބައްޕަ ބުނުއްވީ ކާންއަންނަ މީހާ އިރުކޮޅެއްތެރޭ އަންނާނެއޯ” މިޝްކާ އެހެން ބުނުމުން ޔާނީވެސް އަވަހަށް ގޮސް އެތެރެއަށްވަނީ ދެން ބާކީހުރި ކަންތައް ކޮށްނިންމާލުމަށެވެ.

އާދައިގެ ހިނގުމެއަގައި ގޮސް ޒައިދް ހުއްޓުނީ ޒަމާނީ ފެންވަރަކަށް ހަދާފައިވާ ދެބުރި އިމާރާތެއްގެ ކުރިމަތީގައެވެ. އަދި ފޯންނަގާ ނަމްބަރަކަށް ޑައިލް ކޮށްލިއެވެ. “ހަލޯ، ކޮބާ ކޮންތާކު؟” އެކޮޅުން ވާހަކަ ދައްކަންފެށީ މިޝްކާގެ ބައްޕަ އާމިރުއެވެ. “ތިގޭ ބޭރުގަ މިހުރީ” ޒައިދް ޖަވާބުގައި ބުނެލިއެވެ. އާމިރު ޒައިދް ގާތުގައި އެތެރެއަށް ވަނުމަށް އެދުމުން ފޯން ޖީބަށް ލުމަށްފަހު ގެއަށް ވަނުމަށްޓަކައި ދޮރުހުޅުވާލިއެވެ. އަދި ސަލާމް ގޮވާލިއެވެ. ގޯތިތެރެވަނީ އެކި ވައްތަރުގެ މާގަސްތަކުން ފުރާލެވިފައެވެ. ފިނިފެންމަލާއި އޯކިޑެެވެ. ސައިމަލާއި ބޯގަންވިލާއެވެ. ވަރަށްވެސް ހިތްގައިމުވެފައި ރީއްޗެވެ. ބިންމަތިވެސް ވަނީ ފެހިކުލަގަދަ ވިނަތަކުން ފުރާލެވިފައެވެ. ބަލާ ފޫހިނުވާނޭފަދަ ގުދުރަތީ ރީތިކަމުން ފުރިފައިވާ ހަޒާނާއެއް ފަދައެވެ. “އައްސަލާމް އަލައިކުމް” ބޭރުގައި މީހަކު ފެންނަން ނެތުމުން ޒައިދް ދެވަނަ ފަހަރަށް ސަލާމް ގޮވާލިއެވެ. “ވައަލައިކުމް ސަލާމް” މާގަސްތަކުގެ ތެރެއިން މީހަކު ސަލާމް ބަލައިގަތް އަޑު އިވުމާއެކު ޒައިދް އެދިމާލަށް ބަލާލިއެވެ. ޒައިދްގެ ދޫ ބަންދުވިއެވެ. ދެފައިގައި ކަސްތޮޅު އެޅުނުކަހަލައެވެ. ކުރިމަތީއެހުރީ މީގެ ކުޑަ އިރުކޮޅެއް ކުރިން އޭނާގެ ހިތާކުޅެލި އަންހެން ކުއްޖާއެވެ. އެކުރަނގި ދެލޮލެވެ. ބޮލުން މައްޗަށް އައްސާ ހުޅިއެއް ޖަހަފައިވާ ފަން އިސްތަށިގަނޑުން ބައެއް މޫނުމައްޗަށް ވެއްޓިފައި އޮތުމުން އެދޮންމޫނުގެ ރީތިކަން އިންތިހާއަށް އިތުރުވިއެވެ. އެރީތި މޫނުގައި ބީހިލަން ހިތްއެދުނީ ކީއްވެ ކަމެއް ޚުދު ޒައިދް އަކަށްވެސް ނޭނގުނެވެ. ފުދޭވަރެއްގެ އިސްކޮޅަކާއި ރީތި ހަށިގަނޑެއް ލިބިފައިވާ މި އަންހެންކުއްޖާގެ ޖާދޫގައި ހަމަ ރަނގަޅަށްވެސް ޒައިދް ޖެހިއްޖެއެވެ. ހަމަ ފަތްމިންޏެކެވެ. ހާދަހާ ރީއްޗެވެ. ޔާނީ ހުރީ ހައިރާންވެގެން ގޮސް އަނގަވެސް ލައްޕަން ނޭނގިފައެވެ. ޒައިދް ބަލަހައްޓައިގެން ހުރުމުން ޔާނީ އަށް އުނދަގޫވިއެވެ. ތަނަށް ވެރިވެފައިވި ހިމޭންކަން ފޫއަޅުވާލީ އާމިރުގެ އަޑެވެ. ދެމީހުނަށްވެސް ސިއްސައިގެންގޮސް އެއްފަހަރާ އާމިރުއާ ދިމާލަށް ބަލާލެވުނެވެ.

އާމިރު އެންމެނަށް ޒައިދް ތައާރަފް ކޮށްދިނެވެ. “ޔާނީ! ހާދަ ރީތި ނަމެކެވެ” ޔާނީގެ ނަން އިވިފައި ޒައިދަށް ހިތާހިތުން ކިޔާލެވުނެވެ. އަދި އާމިރުގެ އެދުމުގެ މަތިން ޒައިދް އެގޭގައި ހުރުމަށް އެއްބަސް ވިއެވެ. އެހެންމީހުނަށް ނޭނގުނު ކަމުގައިވިޔަސް މިޝްކާއަށް ޒައިދްގެ މޫނަށް އަރަމުންދިޔަ ކުލަވަރުން އޭނާހުރީ ވަރަށް އުފަލުންކަން އިނގުނެވެ. ޒައިދުގެ ނަސީބުވެސް ރަނގަޅީ ކަންނޭނގެއެވެ. މެންދުރުގެ ކެއުމަށް އިންސާފު ކޮށްލުމަށްފަހު ޒައިދް އޭނާއަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ވަދެ އޭނާގެ ސާމާނުތައް ދަބަހުން ނަގާ އަތުރާލިއެވެ. ބަލާބެލުމަށް ޒައިދަކީ ކަންތައްތައް ވަރަށް ތަރުތީބުން ކުރާ މީހެއްކަން ފާހަގަ ވިއެވެ. ވެފައި ހުރި ވަރުބަލީގެ ސަބަބުން ޒައިދް ފާހާނައަށް ވަދެ ފެންވަރާލައިގެން ނުކުމެ އެނދުގައި އޮށޯވެ ދެލޯމަރާލިއެވެ. ފެންނަން ފެށީ ޔާނީގެ ރީތި މޫނެވެ. އެރީތި މޫނުގައި ބީހިލާ ހިތްވިއެވެ. މިޚިޔާލުތަކުގެ ތެރޭގައި އޮއްވައި ޒައިދުއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. ފިނިފިނި ވައިރޯޅިތައް އައިސް ގައިގައި ބީހިލާ ކޮންމެ ފަހަރަކު ލިބިގެންދަނީ ބުނެދޭން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެކެވެ. ގަޑިން ފަހެއް ޖެހުމާއެކު ކޮންމެ ދުވަހެކޭވެސް އެއްގޮތަށް މިއަދުވެސް މިޝްކާ އާއި ޔާނީ ދިޔައީ ނެޓްބޯޅަ ކުޅޭށެވެ. ނެޓްބޯޅައަކީ ޔާނީ އެކަމަކަށް މަރުދޭ ކުޅިވަރެކެވެ. މިޝްކާގެ ހާލުވެސް ހަމަ އެފަދައެވެ. ރަށުގެ އެކި ދިމަދިމާލުގައި ތަފާތު އުމުރުފުރައިގެ ކުދިން ކުޅިވަރުތައް ކުޅުމުގައި އުޅެމުން ދިޔައެވެ. އިރު އޭގެ ވާޖިބް އަދާކުރުމަށްފަހު ވަދާއީ ސަލާމް ކުރުމަށް ތައްޔާރު ވަމުން ދިޔައެވެ. ރަތާ އޮރެންޖް ކުލައިގެ ވިލާތަކުން މުޅި އުޑުމަތި ފުރާލެވިފައި ވާއިރު ހީވަނީ މޮޅު ކުރެހުންތެރިޔަކު ކުރަހާފައިވާ މަންޒަރެއް ހެންނެވެ. ގުދުރަތީ މި ރީތިކަން ބަލާ ފޫއްސެއް ނުވާނެއެވެ. މަޣްރިބް ނަމާދު ބަންގި ގޮވުމާއެކު ކުޅުން ނިންމާލާފައި މިޝްކާއާއި ޔާނީވެސް މިސްރާބު ޖެހީ ގެއާދިމާލަށް ދިއުމަށެވެ. “އޭ މިއަދު ހާދަ ވަރަކަށޭދޯ އެ ޒައިދު ޔާނީއާ ދިމާލަށް ބެލީ، އަނެއްކަ ކަމެއްތަ؟” ލާނެތް ގޮތަކަށް ހީލަމުން މިޝްކާ ބުނެލިއެވެ. އެވާހަކަ އިވިފައި ޔާނީ ކުޑަކޮށް ހާސްވިއެވެ. ނަމަވެސް ދޫކުރާކަށް ޔާނީވެސް ބޭނުމެއް ނުވެއެވެ. “އެހެންތަ؟ ބެލިތަ؟ ތީއަދި މަށަށް ނޭނގޭ ކަމެއް. އެހެންނޫނަސް ބަލާ މީހަކު ބަލާފަ ހުރެދާނެެއެއްނު، މަށަށް ކީއް. ބައިދަވޭ އައިމް ނޮޓް އިންޓްރެސްޓެޑް” ޔާނީ ވަރަށް ނޫންކަމަށް ހެދިފައި މިޝްކާއަށް ޖަވާބު ދިނެވެ. “އައްދެ އެކަމެއް ނޭނގެ، ޔާނީއަށް ވެސް ޒައިދް ކުރިމަތީ އިނީމަ ކާއެއްޗެއްވެސް ނުދިރުން ވިއްޔާ” މިޝްކާ އަނެއްކާވެސް ޔާނީއާ ދިމާކޮށްލިއެވެ. މިފަހަރު ހަމަ ރަނގަޅަށްވެސް ޔާނީ ލަދުގަނެއްޖެއެވެ. ނަމަވެސް އެކަން ފޮރުވޭތޯ އުޅުނެވެ. “ހޫމް ފެށުނީދޯ! މި މިޝްކާ ހުންނާނީ މަށް ދިމާކޮށްލާނެ ފުރުސަތެއް ނުލިބިފަ. މާއަނގަ ގަދަ ނުކޮށް ދެންވެސް އަވަހަށް ދޭބަލަ ފެންވަރަން” ގެއާ އަރާ ހަމަވުމުން ޔާނީ ބުނެލިއެވެ.

އަރާމު ނިންޖަކުން ނިދާލާފައި އޮތް ޒައިދުއަށް ހޭލެވުނީ އޭނަގެ ފޯން ރިންގުވާން ފެށުމުންނެވެ. ލޯ ހުޅުވާލުމަށްފަހު ފޯންގެ ސްކްރީން އަށް ބަލާލިއިރު ގުޅަނީ އޭނަގެ މަންމަ ނާޒްއެވެ. ފޯންނަގާ ކަންފަތުގައި ޖަހާލުމަށްފަހު އާފުރިލަމުން ހަލޯއޭ ބުނެލިއެވެ. “ދަރިފުޅާ މިގަޑީގަވެސް ނިދަނީތަ؟ މަންމަ އަބަދުވެސް ބުނަމެއްނު ދެނަމަދު ދޭތެރޭ ނިދުމަކީ އެހާ ރގަނަގަޅު ކަމެއް ނޫނޭ” ނާޒް އޭނަގެ ދަރިފުޅުގެ ގާތު ނަސޭހަތުގެ ރާގުގައި ބުނެލިއެވެ. “ސޮރީ މަންމާ! މާބޮޑަށް ވަރުބަލިވެފައި ހުރީމަ ފެނަވަރައިގެން އޮވެލިތަނާ ނިދުނީ. މިދަނީ ތެދުވެގެން ނަމާދު ކޮށްލަން” ކިޔަމަންތެރި ދަރިއެއް ފަދައިން ޒައިދް އޭނަގެ މަންމައާ މުޚާތަބް ކުރިމަށްފަހު ފޯން ބޭއްވިއެވެ. ފެންވަރައިގެން ނަމާދު ކޮށްގެން ޒައިދު ބޭރަށް ނުކުތެވެ. އޭރު ޒާހިޔާ އާއި އާމިރު ސިޓިންރޫމްގައި ތިއްބެވެ. ޒައިދް އެދެމަފިރިންނަށް ހިނިތުންވެލުމަށްފަހު އެބަ އަންނަމޭކިޔަފައި ބޭރަށް ނުކުތެވެ. ޒައިދުގެ ދެލޯ އޭރުވެސް ހޯދަމުންދަނީ ޔާނީއެވެ. ގޯތިތެރޭގެ އެއްވެސް ދިމާލަކުން ޔާނީ ނުފެނުމުން މޮޅިވެރި ހިތަކައިގެން ގޮސް ފެންޑާގައި ހުރި އުނދޯލީގައި އިށީނދެލިއެވެ. ހިތަށް ފިނިކަމެއް ލިބޭތޯއެވެ. ނަމަވެސް އެރީތި ސޫރަ ނުފެނުމުން ހިތްހަމަޖެހުމެއް ނުލިބުނެވެ. ހިތަށް ތަދުވާންވެސް ފެށިއެވެ.

ޒައިދަށް ވަމުން މިދާގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. މީގެ ކުރިންވެސް ކިތަންމެ އަންހެން ކުދިންނަކަށްޓަކައި ޒައިދުގެ ހިތުގައި ވިންދު ޖެހިއެވެ. ނަމަވެސް މިފަހަރު މިކުރެވެނީ މުޅިން ތަފާތު އިހުސާސެކެވެ. ޒައިދުގެ ހިތުގައިވާ ޖަޒުބާތުތައް ޔާނީ ހޭލައްވައިފިއެވެ. ޔާނީ ޒައިދަށް ބަލާލާ ނަޒަރުން އޭނަގެ ހިތް ޒަހަމް ކޮށްލައެވެ. އަދި ޔާނީގެ ކޮންމެ ހަރަކާތަކުންވެސް ޒައިދަށް އަސަރުކުރެއެވެ. ޔާނީއަކީ ޒައިދުގެ ހައްޤެއްކަމަށް އޭނާގެ ހިތް ގޮވަމުންދިޔައެވެ. އާއެކެވެ، ޒައިދަށް ޔާނީ ދެކެ ލޯބިވެވިއްޖެއެވެ. ފުރާނައިގެ ދިރުމަށް ވެއްޖެއެވެ. ފުރަތަމަ ނަޒަރުން، އަދި ހަމަ އެހިނދުން ޔާނީގެ ސޫރަ ހިތުގައި ބިންވަޅު ނެގުނެވެ. ލޯބީގެ ދުނިޔެއަށް ގެއްލިފައި އިރުކޮޅަކު އިނުމަށްފަހު ކޮޓަރިއަށް ދިއުމަށްޓަކައި ތެދުވެލި ވަގުތު ޓެރަސް މަތީގައި ހުރި ޔާނީ ފެނިފައި ޒައިދުގެ ހިތް އުފަލުން ފުރުނެވެ. ވާނީވެސް އެހެންތާއެވެ. މިއޮއް ހުރިހާއިރު އޭނަގެ ލޯ ހޯދަމުންދިޔަ ހިތުގެ ރާނީ ފެނުނީއެވެ.

ޒައިދް ވަގުތުންގޮސް ޓެރަސް މައްޗަށް އެރިއެވެ. ހީވީ ދެންމެ ދެންމެ ގޮސް އޭނާގެ ހިތުގައިވާ ޖަޒުބާތުތައް ޔާނީގެ ކުރިމައްޗަށް ބަންޑުން ކޮށްލަފާނެ ހެންނެވެ. ނަމަވެސް ކުރިމަތީގައި ހުރި ޔާނީ ފެނިފައި އަނެއްކާވެސް ޒައިދަށް ހުއްޓެވުނެވެ. ޔާނީގެ ފަން ދިގު އިސްތަށިގަނޑު ވަނީ އެއްވެސް ތަރުތީބެއްނެތި ވައިގެ ތެރެއަށް ދޫކޮށްލާފައެވެ. ރަތްކުލައިގެ އަތްދިގު ޓީޝާޓަކާއި ޖީންސެއް ލައިގެންހުރި އިރު ޔާނީއާ ނިކަން ގުޅެއެވެ، ވަރަށް ފުރިހަމައެވެ. މަދީ ހަމަ އެންމެ އެއްޗެކެވެ، އެރީތި ހިނިތުންވުމެވެ.

(ނުނިމޭ…)
ފުރަތަމަ ބައި

ނޯޓް: މި ވާހަކައަކީ އާމިނަތު ޝިއުރާ ސިރާޖް ލިޔެފައިވާ ދިގު ވާހަކައެކެވެ. ވާހަކަ ނިމެންދެން ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހަކު ވާހަކައިގެ ބައެއް ގެނެސްދެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.