ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

ތިންވަނަ ބައި

ޔާނީވަނީ ވަރަށް ފުން ވިސްނުމެއްގެ ތެރޭގައެވެ. އެމައުސޫމް މޫނުގައި ވަނީ ހިތާމައިގެ އަސަރެވެ. މިމަންޒަރު ފެނިފައި ޒައިދު ކަންބޮޑުވިއެވެ. ޔާނީ އެވިސްނަނީ ކޮންކަމަކާ ހެއްޔެވެ؟ އެހިތާމައިގައި ބައިވެރިވާން ޒައިދުވެސް ބޭނުމެވެ. ޒައިދް ގޮސް ޔާނީއާ ދާދި ގާތުގައި ހުއްޓުނެވެ. މީހެއްގެ ހިލަމެއް ވެގެން ޔާނީ ބަލާލިއެވެ. އޭނާއާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރީ ޒައިދެވެ. ޔާނީ އޭނަގެ ލޮލުގައިވާ ކަރުނަތައް ފޮރުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އެމަންޒަރު ވަރަށް ރަނގަޅަށް ޒައިދަށް ފެނުނެވެ. ޒައިދަކަށް ކެތެއް ނުކުރެވުނެވެ. ޒައިދްގެ ދެއަތުން އެމައުސޫމް މޫނުގައި ހިފަހައްޓާލިއެވެ. އޭރުވެސް ޔާނީގެ ދެލޮލުގައިވާ ކަރުނަތައް މުތީތަކެއް ފަދައިން ވިދަ ވިދާ ހުއްޓެވެ. ބޭހިޚްތިޔާރުގައި ޔާނީއަށް ޒައިދްގެ ގައިގައި ބައްދާލެވުނެވެ. ދުވަހަކުވެސް ދޫކޮށްނުލާށޭ ބުނާ ފަދަ ގޮތަކަށެވެ. ޒައިދުގެ ދެއަތުން ޔާނީ ވަށާލިއެވެ. ދެން އިވެންފެށީ ޔާނީގެ ގިސްލުމުގެ އަޑެވެ. ޒައިދުގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. ވެގެން މިއުޅެނީ ކީއް ބާވައެވެ؟ ޒައިދްގެ ތަނަވަސް މޭމަތީ ބޯއަޅާލައިގެން ހުރެ ޔާނީ ރޮމުންދިޔައިރު ހީވަނީ ކުޑަކުއްޖަކު އޭނަގެ މަންމަގެ އަތުތެރޭގައި ވާހެނެވެ. މިކުރެވެނީ ކީއްކަމެއް ޔާނީއަށް އެނގޭހެނެއް ހިއެއްނުވެއެވެ. ޔާނީ ރޯތަން ބަލާކަށް ޒައިދުގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އެރީތި އަންހެން ކުއްޖާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭކަށް ޒައިދު ބޭނުމެއް ނޫނެވެ.

 

ޔާނީ ބޭނުންވީ ހިތް ފުރެންގެން ރޯލާށެވެ. އެދިގު އެސްފިޔަތައް ވަނީ ކަރުނުން ތެންމާލާފައެވެ. އެދޮން މޫނު ހީވަނީ ރަތް ފިނިފެންމަލެއް ހެންނެވެ. ހަގީގަތުގައިވެސް ޔާނީ ވަނީ ވަރަށް ހިތުގައި ޖެހިފައެވެ. އެރުއިމުގައި ހިތާމައާއި ހިތްދަތިކަން އެކުލެވިގެންވާކަން އަޑު އިވުނު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ޒައިދް ޔާނީގެ ކޯތާފަތް މައްޗަށް ވެއްޓިފައިވާ ިސްތަށިކޮޅު ނަގާ އެއްފަރާތް ކޮށްލި ވަގުތު ޔާނީ ސިއްސައިގެން ގޮސް ޒައިދުގެ މޭގައި އަތް އަޅާ ދުރުކޮށްލިއެވެ. ކުރެވުނު ކަންތަކާމެދު ލަދުން ހުރެއެވެ. “ސޮ..ސޮރީ، ގަސްތުގައެއް ނޫން” ޔާނީގެ އަޑުވެސް ނުކުތީ ބެދެމުންނެވެ. އެވަގުތު ތަފާތު ޚިޔާލުތައް ހިތުތެރޭ އެނބުރެން ފެށިއެވެ. “އަހަރެންނަށް މިކުރެވުނީ ކީއް ހެއްޔެވެ؟ ޒައިދް އަހަރެންނާ ދޭތެރޭ ހީކުރާނީ ކީކޭބާވައެވެ. ޒައިދުގެ ކުރިމަތީގައި އަހަރެންގެ ހިތުގެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވުނީ ކީއްވެބާވައެވެ؟” ޔާނީގެ ހިތަށް އެރިއެވެ. “އެއީ މައްސަލައެއްނޫން” މަޑުމައިތިރި ރާގެއްގައި ޒައިދް އެހެން ބުނެލިނަމަވެސް ޒައިދްގެ ދެލޮލުން ޔާނީއަށް ފެންނަމުން ދިޔައީ މުޅިން އެހެން އެއްޗެކެވެ. ޔާނީ ކުރަމުން އެދާ ހިތާމައިގެ ސަބަބު އޮޅުންފިލުވަން ޒައިދް ބޭނުންވާ ކަހަލައެވެ. ނަމަވެސް ޒައިދަށް ފުރަގަސް ދިނުމަށްފަހު ޔާނީ ހިނގައިގަތީ އިތުރަށް ޒައިދް ސުވާލެއް ކޮށްފާނެތީވެއެވެ. ޔާނީ ގޮސް ސިޑިއާ ނިވާ ވަންދެން ޒައިދް ބަލަހައްޓައިގެން ހުއްޓެވެ. ސުވާލުން ފުރިގެންވާ މޫނަކައިގެންނެވެ. ނަމަވެސް ޔާނީ ފަސްއެނބުރި ބަލާވެސް ނުލިއެވެ.

 

ރޭގަނޑުގެ މެންދަމުގެ ވަގުތެވެ. ކޮޓަރިތެރެއަށް ވެރިވެފައިވަނީ އޮރެންޖު ކުލައިގެ ފަނޑު އަލިކަމެެކެވެ. ޒައިދްގެ ލޮލަކަށް ނިންޖެއް ނައެވެ. މިރޭ ދިމާވި ކަންތައް ދެންމެ ވީ ކަމެއްހެން ހިތުތެރޭ ސިފަވަމުން ދިޔައެވެ. ރޭގަނޑުގެ ނިދިން މަހުރޫމްވެ ހިތާ ހިތުން ކިޔަމުން އެދަނީ ޔާނީގެ ނަމެވެ. އެނދުމަތީގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮތް ޔާނީގެ ހާލަކީވެސް ހަމަ އެއީއެވެ. މިރޭ ހަނދާންތައް ހިތުން ފިލައިގެން ނުގޮސް ޔާނީއަށް އުނދަގޫ ކުރަނީއެވެ. ޒައިދް ފެންނަ ހިސާބަށް ދިއުމަކީވެސް ދެން ޔާނީއަށް ކުޅަދާނަ ކަމަކަށް ނުވާނެއެެވެ. މިފަދަ ޚިޔާލުތަކުތެރޭ އޮއްވާ އިވެންފެށިީ ފަތިސް ނަމާދު ބަންގީގެ އަޑެވެ. މެންދަން ފާއިތުވެގެންް ދިޔަ ގޮތްވެސް ނޭނގުނެވެ. އަވަސް އަވަހަށް ތެދުވެ ފެންވަރައިގެން ނަމާދުކޮށް ލިއެވެ. ރަތާ ކަޅުން ޒީނަތްކުރެވިފައިވާ ފާރުނީޗާތަކުން ފުރިފައިވާ ބޮދު ކާކޮޓަރި ތެރޭގައި ޒާހިޔާ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އުޅެމުން ދިޔައެވެ. ގަޑިން އަށެއް ޖެހުމާއެކު އާމިރު ކާކޮޓަރިއަށް ވަނީ ހެނދުނުގެ ނާސްތާއަށް އިންސާފު ކުރުމަށެވެ. ހަމައެވަގުތު ޒައިދްވެސް ތައްޔާރުވެލައިގެން އެތަނަް ވަނެވެ. “ކޮބާ ކިހިނެއްވަނީ މިގެ؟ ހިތްހަމަޖެހޭތަ؟” އާމިރު ޒައިދައާ އޯގާތެރިކަމާއެކު ވާހަކަ ދައްކަން ފެށިއެވެ. “އާން ވަރަށް ހިތްހަމަޖެހޭ. ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅު” ޒައިދް މިހެން ބުނުމާއެކު އާމިރުގެ ދެމަފިރިން ހިނިތުންވެލިއެވެ. ވާހަކައިގައި އިން ޒައިދް ހިމޭންވީ އެތަނަށް ވަދެގެންއައި ޔާނީ ފެނިފައެވެ. މޫނުމައްޗަށް ބަލާލުމުން ޒައިދް އެކޭ އެއްގޮތަށް ޔަނީވެސް ރޭގަ ނިދހިހެނެއް ހިއެއް ނުވެއެވެ. ޒައިދް ފެނިފައި ޔާނީ ކުޑަކޮށް މަޑުޖެހިލިއެވެ. ހީވީ ބިންމަތީގައި ދެފައި ތަތްވިހެންނެވެ. ނަސީބު ރަނގަޅުކަމުން އެވަގުތު ޒާހިޔާ ޔާނީ ގާތު އެދުނީ މިޝްކާ ހޭލިތޯ ބަލާލުމަށެވެ. އެންމެ ސިކުންތެއްވެސް މަޑުކުރުމެއްނެތި ޔާނީ ހިނގައިގަތީ މިޝްކާގެ ކޮޓަރިއާ ދިމާލަށެވެ.

 

ދުވަހަކީ ވަރަށް ހިތްގައިމު ދުވަހެކެވެ. ޒައިދް އޭނާގެ މަސައްކަތުގައި މަސްއޫލުވެ އުޅެމުން ދިޔައެވެ. ޒައިދަކީ އައިޓީ ޓެކްނީޝަނެކެވެ. އޭނާ ވަޒީފާ އަދާކުރަމުން ދަނީ މާލޭގައި ހުންނަ އޫރިދޫގެ މެއިން އޮފީހުގައެވެ. އޭނާގެ ކޮންމެ ދުވަހެއްވެސް ހޭދަވަމުންދަނީ ނެޓްވާކުގެ ކޮންމެވެސް މަަސައްކަތެއްގައެވެ. ކުޅުދުއްފުއްޓަށް ޒައިދް އައީވެސް ހަމަ މިކަހަލަ މަސައްކަތެއްގައެވެ. މަސައްކަތުގައި އަވަދިނެތި އުޅެންޖެހުމުން ދުވަސް ދިޔަގޮތްވެސް ނޭނގުނެވެ. ހަވީރު ވުމުން މަސައްކަތް ނިންމާލުމަށްފަހު ރައްޓެއްސަކާއެކު ކޮފީއެއް ބޯލައިގެން ޒައިދް ރަށުތެރެ ބަލާލުމަށް ނުކުތެވެ. އެރަށަށް އައިފަހުން އަދި ރަށުތެރެ ބަލާވެސް ނުލެވެއެވެ. ރަށަކީ ފުދޭވަރެއްގެ ބޮޑު ރަށަކަށް ވުމުން ޒައިދް އިޚްތިޔާރުކުރީ ސައިކަލްގައި ނުކުތުމަށެވެ. ސައިކަލަށް އަރާ ސްޓާޓް ކޮއްލުމަށްފަހު ރަށުގެ ބޮޑުމަގުން ދުއްވާފައި ދިޔައެވެ. ޒުވާން ފުރައިގެ އަންހެންކުދިންތައް ޒައިދ ފެނިފައި އާޝޯހްވެފައި ތިބީ މަށަށް މަށަށް ކިޔާލަ ކިޔާލައެވެ. ވާނީވެސް އެހެންނެވެ. ޒައިދަށް ލިބިފައިވާ ރީތިކަމާ ފިރިހެންވަންތަ ކަމަކީ ކޮންމެ އަންހެންކުއްޖެއްގެ ހިތްވެސް ކަތިލާނެފަދަ ރީތިކަމެކެވެ. އެމަންޒަރު ފެނިފައި ޒައިދް ގާތަށް އައި ލާނެތް ހިންޏެކެވެ.

 

ދުއްވަމުންދިޔަ ސައިކަލުގެ ބުރެކި ޖެއްސުނީ ކިހާބާރަކަށް ކަމެއްވެސް ޒައިދަކަށް ނޭނގުނެވެ. “ވާއު، ބިއުޓިފުލް” ޒައިދަށް ބުނެލެވުނެވެ. އާއެކެވެ، އެއީ މީގެ ކުރިން ދުވަހަކުވެސް ޒައިދް ދެކިފައިވާ މަންޒަރެއް ނޫނެވެ. ކުރިމަތީ އޮތް ނެޓްބޯޅަ ކޯޓުގައިހުރެ މިނިވަންކަމައެކު ހިނިތުންވަމުން އެދަނީ ޔާނީއެވެ. ޔާނީގެ ހިނިތުންވުން ފެނިފައި ކޮންމެ ފިރިހެނަކުވެސް ފިދާވާނެއެވެ. ރަތް ލޭކޮޅެއްފަދަ ތުންފަތް މައްޗަށް ހިނިތުންވުން ވެރިވާ ކޮންމެ ފަހަރަކު ކޮލަށް އެޅޭ އަޑިކޮޅުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ކުޅެންހުރެފައި ޔާނީ ހަދާލާ މަޖާ ގޮތްތައް ފެނިފައި ޒައިދް އަށްވެސް ހެވުނެވެ. ޔާނީ ހިނިތުންވެފައި ހުއްޓާ ޒައިދަށް މިފެނުނީ އަދި އަލަށެވެ. އެރީތި ކުއްޖާ ހެވިފައި ހުންނައިރު ކިހާ ލޯބި ހެއްޔެވެ. ދުނިޔެމަތީގައި ރީތިއެއްޗެހި ލައްވާފައިވާ ވާހަކަ އަހަމެވެ. މިަދު ލޮަލަށްފެނި ޔަގީންވެސް ވެއްޖެއެވެ. ވަގުތުން ޖީބުން ފޯންނަގާ ޔާނީގެ ތަސްވީރުތައް ފޯނުގައި ރައްކާކޮށްލިއެވެ. ދެވަނަފަހަރަށްވެސް އެހިނިތުންވުން ދެކިލުމަށް ހިތް އެދޭވަރުންނެވެ. ނަމަވެސް މީގެން އެއްވެސް ކަމެއްގެ ހިލަމެއްވެސް ޔާނީއަށް އަކަށް ނުވެއެވެ. ކުޑައިރުކޮޅަކު ޔާނީމެން ކުޅޭތަން ބަލާލަން ހުރެފައި ޒައިދް ސައިކަލް ދުއްވާލީ ގެއާ ދިމާލަށް ދިއުމަށެވެ. ފެނުނީ ބޭނުންވާފަދަ ތަސްވީރެއް ކަމުން ތަޤްދީރުވެސް ޒައިދުއާ އެއްބައިވީ ކަމުގައި އޭނާ ގަބޫލުކުރިއެވެ.

 

ރޭގަނޑުގެ ކަޅު އަނދިރިކަން ފަޅުފިލުވާލަ ދެމުން ހަނދު މެދު އުޑުގައި ރަސްކަން ކުރަމުން ދިޔައެވެ. އަލިގަދަ ތަރިތަކުގެ ވިދުން އުޑުމައްޗަށް އިތުރު ފުރިހަމަކަމެއް ގެނުވިއެވެ. ޔާނީއާ ޒައިދަށް ގޯތިތެރޭގައިވާ ބަގީޗާއަށް ނުކުމެވުނީ އެކުއެކީގައެވެ. ހީވީ އެކަކު އަނެކަކުގެ ދައުވަތަކަށް އެތަނަށް ހާޒިރުވިހެންނެވެ. ލަދުންހުރެ ޔާނީގޮސް އުނދޯލީގައި އިށީންދެލިއެވެ. ޒައިދްވެސް އައިސް ޔާނީއާ ދާދި ގާތުގައި އިށީންދެލިއެވެ. ޔާނީގެ ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. އަތްފައި ފިނިވެ ނޭވާ ކުރުވާހެންވެސް ހީވިއެވެ. ތަނަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. އެހެން ރޭރޭ މިއުޒިކް ކުޅޭ މުނިޔާތައްވެސް މިރޭ ނިދާފައިވާ ކަހަލައެވެ. ޒައިދްއާ ޔާނީއާ ބަގީޗާ ހަވާލު ކޮށްލުމަށް ފަހުގައެވެ. ފަނޑު އަލީގެ ތެރެއިންވެސް ޔާނީގެ މޫނު ފެންނަލެއް ވަރަށް ޗާލެވެ. ސާދަވިލޭރޭގެ ހަނދަށްވުރެ ވުރެވެސް ފުރިހަމައެވެ. “ޔާނީ” ޒައިދް ޔާނީގެ ކަންފަތް ކައިރީ ގޮވާލިއެވެ. ޔާނީގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އިސްތަށިތައް ކޮޅަށް ޖެހުނެވެ. ޒައިދް އޭނާގެ ދެއަތުން ޔާނީގެ މޫނުގައި ހިފަހައްޓައި އޭނައަ ދިމާލަށް އަނބުރާލިއެވެ. އެވަގުތު ދެމީހުނަށްވެސް ކުރެވުނީ ބުނަންނޭނގޭ ކަހަލަ އިހްސާސެކެވެ. އެކަކު އަނެކަކުގެ ފުން ލޮލުގެ ތެރެއަށް ގެނބިގެން ދިޔައީ ނުހަނު އަވަހަށެވެ. ޔާނީއަށް ކެތްނުކުރެވިގެން ދެލޯ މަރާލިއެވެ. އެވަގުތު އެދޮން މޫނުގައި ބޮސްދޭހިތްވީ ކީއްވެ ކަމެއް ޒައިދަކަށް ނޭނގުނެވެ. ޒައިދް ޔާނީއާ އިތުރަށް ގާތްވެލިއެވެ. އެވަގުތު ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅެމުން ދިޔައެވެ. ކުއްލިއަކަށް ޔާނީ ދެލޯ ހުޅުވާލިއެވެ. އަދި ސިހިފައި ދުރަށް ޖެހިލިއެވެ. ޒައިދަށްވެސް މިކުރެވުނީ ކީއްކަން ރެޔަކާލީ ދެނެވެ.

 

(ނުނިމޭ…)
ދެވަނަ ބައި

ނޯޓް: މި ވާހަކަ ނިމެންދެން ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހަކު ވާހަކައިގެ ބައެއް ގެނެސްދެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Aisha

    ޔޭ. ވަާހަކަ ދަނީ ހަމަ ވަރަށް ފުރިހަމައަށް. ޔާނީ ކޮންކަމަކާ ބާ ހިތާމަ ކުރަނީ އެ. ކުރިއަށް އޮތް ޕާޓަށް އިންތިޒާރު ކުރަން. 🙂

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.