ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

ހަތަރުވަނަ ބައި

ގަނެފައިހުރި ލަދެއްގެ ބޮޑުކަމުން އެތަނުން ދާން ޔާނީ ހިނގައިގަތް ވަގުތު އޭނަގެ ފައި ފުރޮޅާލިއެވެ. ވީތަދުން ޔާނީއަށް ހަޅޭލަވައިގަނެވުނީ ދެލޯ މަރާލަމުންނެވެ. ޒައިދް ވަރަށް ހުށިޔާރުކަމާއެކު ޔާނީގެ މެދުހަށިގައި ހިފެހެއްޓިއެވެ. އޭނާގެ ދެއަތުން ޔާނީއަށް ހިމާޔަތް ދެމުންނެވެ. އަތާއަތް ޖޯޑުކޮށް ދެލޯމަރާލައިގެން އޮތްއިރު ޔާނީ ހީވަނީ ކުޑަކުއްޖެއްހެންނެވެ. ޔާނީ މަޑުމަޑުން ދެލޯހުޅުވާލިއެވެ. އެވަގުތު ޒައިދް ޔާނީ ކޮޅަށް ބެހެއްޓިއެވެ. އަނެއްކާވެސް ކުށެއް ކުރެވިދާނެ ކަމުގެ ބިރުހީވުމުންނެވެ. ޝުކުރު އަދާކުރުމަށްފަހު ހިނގައިގަތުމުން އަނެއްކާވެސް ޒައިދް ޔާނީއަށް ގޮވާލިއެވެ. އަޑުގައިވަނީ އޯގާތެރިކަމެވެ. “އަހަރެން ޔާނީގާތު ވާހަކައެއް ބުނަންވެފަ އެބައޮތް” ޒައިދް ބޭނުންވީ އޭނާގެ ހިތުގެ ހާލު ޔާނީއަށް އަންގާށެވެ. ވަރަށް ހިތްވަރު ކޮށްފައިގޮސް ޔާނީގެ ކުރިމައްޗަށް އަރައި ދެކޮނޑުގައި ހިފަހައްޓާލިއެވެ. ޔާނީގެ ހަށިގަނޑު އެއްކޮށް ފިނިވިއެވެ. ހީވީ ގަނޑުފެން ކޮޅެއްހެންނެވެ. “ޒައިދް ޕްލީޒް، އަހަރެން މިތަނުން ދިޔަދީ، ހެޔޮނުވާނެ” ޔާނީއަށް ރޮވެން ފެށުނެވެ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް ޔާނީއަށް ލޯބި ހުށައަޅަން ޒައިދް ބޭނުމެވެ. ޒައިދްގެ އަތް ފޮޅުވާލުމަށްފަހު ޔާނީ އަނެއްކާވެސް ހިނގައިގަތެވެ. “އެދެންކަލާ ހިމޭންވުމަށް މިހިތުގެ އަޑު އަހާލުމަށް، ގަޔާވެހުރެ ނިކަން ޔާރާ.. މަގޭ ތިއީ ދެދުނިޔެއޭ ފުރާނައާ ދިރުންމެޔޭ، ބަލާލި ކޮންމެތާކުވޭ ޔާރާ.. ނެތްތާކު ތިބާ މީ މީހެއްނޫން މާޒީ ފޮހެލާށޭ ބޭނުންނޫން، އުފާއެތައް މަދޭނަން ރޭދުވާ އުފާއެތައް މަދޭނަން ރޭދުވާ.. ހުވާކޮށްފާ ބުނަން ލޯބިވޭ، ކަލާދެކެ އިންތިހާ ލޯބިވޭ.. މިޖާނުދޭނަމޭ ލޯބިން ހުވާ، މިޖާނު ދޭނަމޭ ލޯބިން ހުވާ…”

އިވެންފެށި ލަވައާއެކު ޔާނީއަށް ހުއްޓެން މަޖުބޫރުވިއެވެ. އެއީ ދެވަނަ ދެމީހެއްގެ އަޑެއް ނޫނެވެ. އެއީ ޒައިދްގެ އަޑެވެ. ޔާނީ ފަހަތް ބަލާލިއެވެ. ދެވަނަފަހަރަށްވެސް އެއަޑު އަހާލަން ހިތް އެދުނީތީއެވެ. ފިރިހެންވަންތަ އަޑުގައިވަނީ ލޯތްބެވެ. ލަވަކިއުންތެރިއަކަށް ދުލެއްނުކުރެއެވެ. ޔާނީގެ ހިތުގައި ލޯބީގެ އޮއެވަރު ހިންގާލިއެވެ. ޒައިދް އޭނާދެކެ ވާލޯބި އެނގުމުން މުޅިއުމުރަށް އެއަތުތެރޭވުމަށް ހިތްއެދުނެވެ. ނަމަވެސް މީހަކުދެކެ ލޯބިވާން ޔާނީ ބިރުގަނެއެވެ. އެހެންވިޔަސް މިފަހަރު ޒައިދަށް ފަސްދީދާކަށް ޔާނީ ބޭނުމެއްނުވިއެވެ. އަދި ޒައިދާ ދިމާލަށް ދާން ހިނގައިގަތެވެ. “އަހަރެންނާ ތިކަހަލަ ސަމާސާ ނުކުރޭ ޒައިދް، އަހަރެން އެއްވެސް މީހެއްގެ ހަމްދަރުދީއެއް ބޭނުމެއްނޫން” ޔާނީއަށް އެހެން ބުނެވުނީ ޒައިދްގެ ދެލޮލަށް ބަލަންހުރެއެވެ. “ކީކޭ؟ ޔާނީ ތިހީކުރަނީ އަހަރެން މިކުރަނީ ސަމާސާއެއްކަމަށްތަ؟ ނޫނީ އަހަރެން ޔާނީއަށް ހަމްދަރުދީ ވަނީ ކަމަށްތަ؟ އަހަރެންގެ މި އަމަލުތަކުންނާ އަހަރެންގެ މި ހަރަކާތްތަކުންނާ އަހަރެންގެ މިދެލޮލުން ތިނޫން އިތުރު އެއްޗެއް ނުފެނޭތަ؟” ޒައިދް ހަމަ ރަނގަޅަށްވެސް ހިތުގަ ޖެހިއްޖެއެވެ. ޔާނީދެކެ އަހަރެންމިވާ ލޯބި ޔާނީއަށް އިހުސާސް ނުކުރެވެނީ ހެއްޔެވެ؟ އެހެނަސް ޝަކުވާ ކުރާކަށް ނެތީމެވެ. “އަހަރެން މީހެއްދެކެ ލޯބިވާކަށް ބޭނުމެއްނޫން. ލޯބީގައި އަހަރެންނަށް މިވީހާތަނާ ޖެހެންދެންވެސް ލިބިފައިވަނީ މުޅިންވެސް ހިތާމައާއި ހިތްދަތިކަން” ޔާނީ އޭނާގެ މާޒީގެ ތެރެއަށް ފީނާލިއެވެ. “ޒައިދް ބޭނުންތަ އަހަރެންގެ މާޒީ އެނގެން؟” ވާނުވާ ނޭނގިފައި ހުރި ޒައިދަށް ބޯޖަހާލެވުނެވެ. “އަހަރެންނަކީ ވަރަށް ބޮޑު އެކަނިވެރިއެއް، ވަރަށް ކުޑައިރު ބައްޕަވަނީ ނިޔާވެފަ. މަންމައާ ބައްޕަގެ އިތުރު ދަރިއެއް ނެތުމުން މަންމަ އަހަރެން ބަލާބޮޑުކުރީ ވަރަށް ލޯބިން އެކަނިމާ އެކަނި” ޔާނީގެ ވާހަކަ އަޑުއަހަން ޒައިދް އިންގޮތުން ހީވަނީ ކިޔަވާ ކުއްޖަކު މުދައްރިސް ނަގައިދޭ ފިލާވަޅެއް އަޑުއަހަން އިންހެންނެވެ.

“ރަށުގައި ކިޔެވެން އޮތް އެންމެ މައްޗަކަށް އަހަރެން ކިޔެވިން، އަދި އެއަށްފަހު ސްކޫލުން ލިބުނު ސްކޮލަރޝިޕެއްގައި ތިން އަހަރަށް އަހަރެން އޮސްޓޭލިޔާއަށް ފުރީ ކާމިޔަބު ވިޔަފާރިވެރިއަކަށް ވުމުގެ ފޮނި އުއްމީދުގައި. އޭރު އަހަރެންގެ ހަޔާތަށްވަނީ ބައިވެރިޔަކު އައިސްފައި. ޖިނާއަކީ ކުޑައިރުއްސުރެ ދަންނަ ގާތް ރަހުމަތްތެރިއެއް. ރަހުމަތްތެރިކަމުގެ ގުުޅުން ލޯތްބަށް ބަދަލުވުމުން އަހަރެންގެ ނަސީބު އަތުގައި ހިފީކަމަށް ދުށިން” ޖިނާގެ ނަން އިވުމުން ޒައިދް ކުޑަކޮށް ހިތް ނުތަނަވަސް ވިއެވެ. ޔާނީގެ ދިރިއުޅުމުގައި އެއީ ވަރަށް މުހިންމު މީހެއެކަން އޭނާގެ ވާހަކަތަކުން އިނގުނެވެ. “އުފަން ރަށާއި ލޯބިވާ މަންމަ ދޫކޮށް އެހާ ދުރަށް ދާން ޖެހުމުން އަހަންނަށް ވަރަށް އުނދަގޫވި. އޭރު ޖިނާވެސް ހުރީ މަލޭޝިޔާގައި ޕައިލެޓް ކަން ކިޔަވަން ގޮސް. ދުވަސްތަކާއި އަހަރުތައް ފާއިތުވަމުން ދިޔައީ އަހަންނާ ޖިނާގެ ހަޔާތުގައި އުފާވެރިކަމުގެ ކުލަތައް ޖެހެމުންނެވެ”. “ހަތާވީސް މާރޗް ދެހާސްސާދަ” ޔާނީ އެތާރީޚް ކިޔާލީ ވޭނުން ފުރިގެންވާ އަޑަކުންނެވެ. އެވަގުތު އެއްވެސް ހިފެހެއްޓުމެއްނެތި ކޯތާފަތް މައްޗަށް ކަރުނަތަށް އޮހިގަތެވެ. އެދުވަހަކީ ޖިނާ ކިޔަވަމުން އައި ޕައިލެޓް ކޯހުގެ ފައިނަލް ޓެސްޓް އޮތް ދުވަސް. ޖިނާއަށް ކާމިޔާބަށް އެދިލިއިރު އެއީ އަހަރެމެން ދެމީހުންގެ އެންމެ ފަހުގެ ވަދާއީ ސަލާމް ކަމެއް ނޭނގެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ ޓެސްޓް ނިންމުމަށްފަހު ޖިނާ ގުޅާނެ ވަގުތަކަށް. އަހަރެންގެ އިންތިޒާރުގެ ނިމުން އައިސް ޖިނާގެ ކޯލެއްވެސް އައި. ނަމަވެސް އެކޮޅުން ވާހަކަ ދެއްކީ ޖިނާއެއް ނޫން، އޭނަ އާއެކު ކިޔަވަމުންދާ ކުއްޖެއް. އެއަށްފަހު އިވިގެން ދިޔައީ އަހަރެން އަހަން ބޭނުންވި ކަހަލަ ހަބަރެއްނޫން. ޖީނާ ދަތުރު ކުރަމުންދިޔަ ބޯޓުގެ އިންޖީނަށް ޖެހުނު މައްސަލައަކާ ގުޅިގެން ބޯޓު ވެއްޓި ޖިނާއާއި އޭނާގެ އިންސްޓްރަކްޓަރ މަރުވީ.

ލިބުނު ހިތްދަތިކަމުގެ އަސަރު ހަށިގަނޑުގެ އެންމެ ހިމަނާރާ ހަމައަށް ފޯރި. އެވަގުތު އަހަރެންގެ ހިތަށް އެރީ އެންމެ ފަހުން ޖިނާ ދެއްކި ވާހަކަ. ކޯސް ނިންމުމަށްފަހު ކައިވެނި ކުރަން ޖިނާވަނީ ހުރިހާ ކަމެއް ނިންމާފަ. ނަމަވެސް ތަގުދީރު އެކަމަކަށް އެއްބަހެއްނުވި. ޖިނާއާ ނުލާ ދިރިއުޅުން ވޭތުކުރާނެ ގޮތެއްވެސް އަހަންނަކަށް ނުވިސްނުން. އެކަމަކު އަހަރެން ދިރިހުންނަން އެބަޖެހޭ، އަހަރެންގެ ލޯބިވާ މަންމައަށްޓަކައި. ހިތާމައާއި މޮޅިވެރިކަމުގެ ސާލު އެއްފަރާތް ކޮށްލުމަށްފަހު އަހަރެން ކިޔެވުމައިގެން ކުރިއަށް ދިޔައިން، މަންމަގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި. މާގިނަ ދުވަސްތަކެއްނުވެ ކިޔެވުންނިމި ދަސްވެނިވި ކަމުގެ ލިޔުންވެސް ލިބިއްޖެ. ވުމާއެކު ދެން އަހަރެން އަވަސްވެގަތީ މަންމަ ގާތަށް އަމިއްލަ ވަޒަނަށް ދިއުމަށް. ކަންދިމާކުރި ގޮތުން އަހަންނަށް މާލެ ދުވުނު ދުވަހަކީ ރަށަށް ފެރީވެސް ދާދުވަސް. އެހާ ދުވަސްކޮށްފައި މަންމަ އާއި ބައްދަލުވާތީވެ އަހަރެންހުރީ އުފަލުން، ނަމަވެސް ތަގުދީރުގައި ދެން ކުރިއަށް ވަން އޮތް ކަންތަކުގެ ހިލަމެއްވެސް އަހަންނަކަށް ނުވި. ރަށުގެ ފަސްގަނޑުގައި ފައި ޖެހުމާއެކު ބުނެދޭން ނޭނގޭކަހަލަ ހިތްހަމަޖެހުމެއް ލިބުން. ފާއިތުވި ދުވަސްތަކުގެ ތެރޭގައި ރަށްވަނީ ވަރަށް ބޮޑަށް ތަރައްޤީވެފަ. ގެ ހުންނަނީ އަތިރިމައްޗާއި ފުދޭވަރަކަށް ކައިރީގައިކަމުން އަހަރެން އަވަސްވެގަތީ ގެއާ ދިމާލަށް ދިއުމަށް. ގެ ހުންނަ މަގަށް އަޅާލިއިރު އެހިސާބުގައި މީހުންތައް އެއްވެފައި އޮތް. ވެގެން މިއުޅެނީ ކީއްބާއޭ އަމިއްލަ ހިތާ ސުވާލު ކޮށްލެވުން.

އަހަރެން ފެނުމުން އެންމެން ބަލަންފެށީ ހިތާމައިން ފުރިގެންވާ މޫނުތަކައިގެން. އަހަރެން އިތުރަށް ހާސްވެ ހިތަށް ބިރުވެރިކަން ވެރިވި. ވެގެން މިއުޅެނީ ކީއްހޭ އަދި އަހަރެންގެ މަންމަ ކޮބާހޭ އަވަސް އަވަހަށް އަހާލެވުން. އެވަގުތު އެތަނުގައި ހުރި މީހަކު އަތުގެ އިށާރާތުން ގޭތެރޭގައޭ ބުނެލި. ތެޅިތެޅި އޮތް ހިތަކައިގެން އަހަރެން ގެއަށް ވަނުމާއެކު ފެނުނު މަންޒަރުން ހީވީ ހިތް ކޮށާ ކުދިކުދިކޮށްލިހެން. ދެފައިން ވާގި ދޫވެ މޫނުމައްޗަށް އަނދިރި ވާހެންވެސް ހީވި. ކުރިމަތީ ހުރި މޭޒު މަތީގައި ހުދުކުލައިގެ ކަފުނުން ބަނދެލާފައި އޮތީ އަހަރެންގެ ފުރާނަ ފަދައިން ލޯބިވި މަންމަ. އަހަރެންހުރީ ހުރިތަނުން ގުޑިލާންވެސް ނޭނގިފަ. ހޭވެރިކަންވި އަހަރެންގެ އަވައްޓެރިއެއް ކަމަށްވާ ސާރާ އައިސް ކޮނޑުގައި އަތްޖަހާލުމުން. ސާރާގެ ފަރާތުން އެނގުނީ މަންމަ މަރުވީ ކުއްލި ޝޮކެއް ޖެހިގެންކަމަށް. އަދި މަންމަ ބަލިވެ އުޅޭތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި އަހަންނަށް އެކަން ސިއްރުކުރީ މަންމަގެ އެދުމުގެ މަތިންކަމަށް. އެވާހަކަތައް އަޑުއަހާފައި އަހަރެންގެ ހިތް ނުހުޓުނީވެސް ހަމަ ކިރިޔާ. މަންމަގެ ގައިގައި ބައްދާލާފައި އަހަންނަށް އަޑުން އަޑުނަގާ ރޯންފެށުނު. ހަޔާތުގެ ބައިވެރިޔާއަށްފަހު ލޯބިވާ މަންމަވެސް މިކެހިވެރި ދުނިޔެއާ އަލްވަދާއުކީ އަހަރެން އެކަނިކޮށްލާފަ. އެންމެ ފަހު ފަހަރަށް މަންމަގެ މޫނު ދެކިލުމަށްފަހު ވަދާއީ ސަލާމް ކޮށްލީ އަހަރެންގެ މަންމަ ނުގެންދާށޭ ކިޔާ އާދޭސް ކުރަމުން.”

ޔާނީގެ ވާހަކަ މިހިސާބަށް ދިޔައިރު ޒައިދްގެ ލޮލުންވެސް ކަރުނަ ހިލުނެވެ. ޔަނީ ހާދަ ހިތްވަރުގަދައޭ ޒައިދުގެ ހިތަށް އެރިއެވެ. “އަހަރެން މިރަށަށް އައި މައިގަނޑު މަގްސަދަކީވެސް މިއެކަނިވެރިކަމުން މިންޖުވުން، އިތުރަށް އެހެންމީހެއްދެކެ ލޯބިވާކަށް ނޫން” ޔާނީ އޭނާގެ ހިތުގައިވާ ހުރިހާ އެއްޗެއް ޒައިދުގެ ކުރިމަތީގައި ހާމަކޮށްލިއެވެ. އެވަގުތު މިނިކަމެތި ކުއްޖާ ގެނެސް މޔާލާ ބޮނޑިކޮށްލަން ޒައިދް ބޭނުންވިއެވެ. ދުނިޔޭގެ ހުރިހާ ހިތާމައަކާއި ގެއްލުމަކުން ސަލާމަތް ކޮށްދޭނަމޭ ބުނާ ކަހަލަ ގޮތަކަށެވެ. “ޔާނީގެ ދިރިއުޅުމުގައި ލޯތްބަށް ދެން އިތުރު ފުރުސަތެއް ހަމަ ނުދޭނަންތަ؟” ޒައިދަށް އަނެއްކާވެސް ކުރެވުނީ އިތުރު ސުވާލެކެެވެ. “ތިސުވާލަށް ދޭނެ ޖަވާބެއް އަހަރެންގެ ދުލަކު ނެތް” ޔާނީގެ ޖަވާބާއެކު މޮޅިވެރި ހިތަކައިގެން މިފަހަރު އެތަނުން ދިޔައީ ޒައިދެވެ. ހިތް އެދުނުކަހަލަ ޖަވާބެއް ނުލިބުނު ކަމުގައިވިޔަސް ޔާނީ ލިބޭނެ ދުވަހަކަށް އިންތިޒާރުކުރަން ނިންމިއެވެ. އަދި ޒައިދުގެ ހަޔާތަށް ތިޔަ ލޯބިރާނީ ދާދި އަވަހަށް ގެނެސް އުމުރަށް އުނގުތެރޭ ފޮރުވާ ހުރިހާ އުފާތައް ހޯދަދޭން އަޒުމް ކަނޑައެޅިއެވެ. ނޭނގި ނަމަވެސް ޔާނީއަށް ކުރަމުން މިދާ އަޖައިބެއްފަދަ އިހުސާސްތަކުން އޭނާއަށް މިވަނީ ޒައިދް ދެކެ ލޯބިވެވިފައިކަން ޔަޤިން ކުރެވުނެވެ. އަބަދާއި އަބަދު ޒައިދް ދެކޭހިތް ޔާނީވެސް ވެއެވެ. ނަމަވެސް ކަންތައްތައް ދިމާވެފައިހުރި ގޮތުން ލޯބިވާ ވާހަކަ ބުނަން ފަސްޖެހެނީއެވެ. އެކަމަކު ޔާނީއަކީވެސް އިންސާނެކެވެ. ލޯތްބަކީ ނޭނގިވެވޭ އިހުސާސެކެވެ، ލޭގައި ހިނގާ ޖަޒުބާތެކެވެ. މިކަމާ ކިތަންމެ ވަރަކަށް ދެކޮޅުހެދިޔަސް ހަޤީގަތް ބަދަލެއް ނުކުރެވޭނެއެވެ.

(ނުނިމޭ…)
ތިންވަނަ ބައި

ނޯޓް: މި ވާހަކަ ނިމެންދެން ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހަކު ވާހަކައިގެ ބައެއް ގެނެސްދެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.