ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

ފަސްވަނަ ބައި

ޒައިދުގެ މެސެޖާއެކު ޚިޔާލުތަކުތެރޭ އޮތް ޔާނީ ދެލޯ ފޮހެލުމަށްފަހު ތެދުވެ އާދުވަހަކަށް ކުރިމަތިލިއެވެ. މެންމެ ވަގުތުކޮޅެއްވެސް ކަމެއްނުކޮށް ހުންނާކަށް ޔާނީ ބޭނުމެއް ނުވިއެވެ. ސަބަބަކީ ހުސްވަގުތެއްވާ ކޮންމެ ފަހަރަކު ޔާނީއަށް ޒައިދްއާ ދޭތެރޭ ވިސްނޭތީއެވެ. ޒައިދުގެ ޚިޔާލުތައް އޭނައަށް އުނދަގޫ ކުރާތީއެވެ. އެހެން ދުވަސްތަކާ މިއަދު ޔާނީ އުޅޭގޮތް ތަފާތުކަން މިޝްކާއަށް ފާހަގަ ކުރެވުނެވެ. ވީކިހިނެއްތޯ އަހާލަން ދެތިން ފަހަރަކު މިޝްކާގެ ހިތަށް އެރިއެވެ. ނަމަވެސް ރަނގަޅު ވަގުތެއް ބަލާފައި ނޫނީ އެވާހަކަ ނުދައްކަން މިޝްކާ ނިންމިއެވެ. “ޒާހިއްތާ! ތީކޮންހާ ސާމާނުތަކެއް؟ އާމިރުބެ ތަނަކަށް ދަަނީތަ އަނެއްކާ؟” ކަރުދާސް ފޮށިގަނޑަކާއި ބައެއް ސާމާނުތައް ހިފައިގެންހުރި ޒާހިޔާ ފެނިފައި ޔާނީ އަހާލިއެވެ. “މިއުޅެނީ ޒައިދް މިރޭ ފުރާތީވެ އޭނައަށް ހަދިޔާކޮޅެއް ދޭންވެގެން” ޒާހިޔާގެ ޖަވާބާއެކު ހީވީ ޔާނީގެ ހިތަށް ތޫނުކަށިތަކެއް ހަރާލިހެނެވެ. “ކީކޭ؟ ޒައިދް ފުރަނީތަ؟” ޔާނީއަށް އެހެން ބުނެވުންއިރު އޭނަ ދެރަވެފައި ހުރިވަރު ކުރިމަތީ ހުރި ޒާހިޔާއަށް ވަރަށް ރަނގަޅަށް އިނގުނެވެ. “އާނ، އޭނަ ކުރަންއައި މަސައްކަތް ނިމުނޔމަ ފުރަނީ” މިހެން ބުނުމަށްފަހު އާމިރު ގޮވަންފެށުމުން ޒާހިޔާ ގޭތެރެއަށް ވަނެވެ. ޔާނީ ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އަދި އެނދުމައްޗަށް ވެއްޓި ބާލީހާއި ކަރުނަތައް ހަވާލުކޮށްލިއެވެ. “އަހަންނަށް އަބަދު މިހެން މިވަނީ ކީއްވެތަ؟ އަހަރެން ލޯބިވާ ކޮންމެ މީހަކު އަހަންނާ ދުރައްދަީ ކީއްވެތަ؟ އަހަރެންގެ ކުށަކީ ކޮބާތަ؟ މީހެއްދެކެ ލޯބިވުންތަ؟” ޔާނީ ގިސްލަ ގިސްލާފައި ރޮމުން ޝަކުވާ ކުރަމުން ދިޔައީ ކުޑަކުއްޖެއް ފަދައިންނެވެ.

ރޯން އޮތް ޔާނީއަށް ހޭވެރިކަންވީ މީހަކު ދޮރުގައި ޓަކި ދޭން ފެށުމުންނެވެ. ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު ގޮސް މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ މިޝްކާއެވެ. ޔާނީގެ މިލާފައިވާ މޫނުފެނިފައި ކޮންމެވެސް ކަމެއް ވެއްޖެކަން މިޝްކާއަށް ޔަޤީން ވިއެވެ. “މިޝްކާ! އާދޭ އެތެރެއަށް” ބޭރުގައި ހުރި މިޝްކާ ފެނިފައި ޔާނީ ބުނެލިއެވެ. “ކިހިނެއް ވެފަ ތިއިނީ އަނގައިން ބަސް ހުއްޓިފަ” އެހެންޏާ އެންމެ އިރުކޮޅަކުވެސް މަޑުން ނުހުންނަ މިޝްކާ މާބަސްމަދުވެފައި އިނުމުން ޔާނީ ސުވާލުކޮށްލިއެވެ. “ތިސުވާލު އަހަރެން ޔާނީއާ ކޮށްފިއްޔާއޯ؟” މިޝްކާވެސް ކޮށްލީ ސުވާލެކެވެ. “އަހަންނަށް ކަމެއް ވެއްޖެތަ؟” ޔާނީ ހަމަޖެހޭގޮތް ދައްކާލިއެވެ. “ކަމެއނުވަ ކަމެއް ނޭނގެ، ބަލާބަލަ ދެލޯ. ކަމެއްނުވާނަމަ މީހަކު ތިވަރަކަށް ނުރޯނެ. ދޮގުހަދަން ނޭނގެންޏާ ކީއްކުރަންތަ ތިދޮގުހަދަނީ” މިޝްކާ ހިތްހަމަ ނުޖެހުނެވެ. “އަހަރެން ނުރޮމޭ މިޝްކާ! އެހެންނޫނަސް އަހަރެން ކޮންކަމަކާތަ ރޯންވީ؟ އަހަރެން މިހުރީ ނުލާހިކު ހިތްހަމަ ޖެހިފަ. އަހަންނަށް އިނގޭ މިޝްކާމެން އެންމެންވެސް އަހަރެންދެކެ ނުލާހިކު ލޯބިވާކަން، ހަމަ އެގޮތަށް އަހަރެންވެސް ތި އެންމެންދެކެ ވަރަށް ލޯބިވޭ!” މިޝްކާއަށް ފުރަގަސްދީގެން ހުރެ ޔާނީ ވާހަކަ ދައްކަމުން ދިޔައެވެ. “ދެން ޒައިދް ދެކެއޯ؟” މިޝްކާގެ މި ޖުމްލައާއެކު ޔާނީއަށް އޭނާއާ ދިމާލަށް ބަލާލެވުނީ ހައިރާވެ ހުރެއެވެ. މިޝްކާއަށް މިކަން އިނގުނީ ކިހިނެއް ބާއެވެ، ޔާނީގެ ހިތަސް އެރިއެވެ. “ކިހިނެއްވީ؟ ހައިރާންވީ ދޯ؟ ޔާނީ އަނގައިން ނުބުނެ ހުރުމުން މިޝްކާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ޒައިދް ޔާނީދެކެ ވަރަސް ލޯބިވާކަން މިޝްކާއަށް އޮތީ އިނގެފައެވެ. މިކަމާ މިޝްކާ ވަރަށް އުފާވެސް ވިއެވެ. އޭނާގެ އެކުވެރިޔާގެ ހަޔާތަށް ޒައިދް ކަހަލަ ހިތްހެޔޮ ބައިވެރިޔަކު އައުންވީ މިޝްކާއަށް ދެދުނިޔެ ލިބުން ފަދަ ކަމަކަށެވެ.

ޔާނީ އަދިވެސް ހުއްޓުން އަރާފައި ހުރީއެވެ. ބަސް ހުސްވެފައިވާ ކަހަލައެވެ. މިޝްކާގާތު އިތުރަށް ދޮގު ހަދާކަށް ޔާނީއަކަށް ފަސޭހައެއް ނުވިއެވެ. ނަމަވެސް ހަގީގަތް ހާމަކުރަންވެސް ޖެހިލުންވެސް ވެއެވެ. “އަޅެ ބުނެބަލަ ޔާނީ ޒައިދްދެކެ ލޯތްބެއް ނުވޭތަ؟ ތިހިތުގަ ޒައިދަށްޓަކައި ވިންދެއް ނުޖަހާތަ؟” މިޝްކާގެ މިސުވާލުތަކުން ޔާނީގެ ކެއްތެރިކަން ކޮޅުންލިއެވެ. ހާމަކުރަން ބޭނުންނުވިޔަސް މިފަހަރު ޔާނީގެ ހިތް މިކަމަކަށް އިޖާބައެއް ނުދިނެވެ. “އާނ.. އަހަރެން ޒައިދްދެކެ ލޯބިވޭ! ވަރަށް ބޮޑަށް ލޯބިވޭ!” ޔާނީއަށް ވަރަށް ބާރަށް ބުނެލެވުނެވެ. ޔާނީގެ ހިތުގެ ހާލު އިވިފައި މިޝްކާ އެދުނީ ޔާނީވެސް ޒައިދްގެ ލޯބި ގަބޫލުކޮށް ލޯބިވާ ވާހަކަ ބުނުމަށެެވެ. “ދެންވެސް ވަގުތު ފާއިތު ނުވަނީސް އަވަހަށް ދޭ! ޒައިދް ފުރާގަޑި މިހާރު އެއޮއް ކައިރިވަނީ” އާއެކޭ ބުނުމަށްފަހު ދެފަޔަށް ލެވުނުހާ ބާރެއްލާފައި ޔާނީ ދުއްވައިގަތީ އޭނަގެ ލޯބި ހާސިލް ކުރުމަށެވެ. ޖެޓީއާ ހަމައަށް ދެވުނުއިރު ޔާނީއަށް މާނޭވާ ލެވެނީއެވެ. އޭރު ބާރު ސްޕީޑެއްގައި ދުއްވާފައި ނެރުން ނުކުމެގެން އެދަނީ ޒައިދް ފުރަން އޮތް ލޯންޗެވެ. ވީދެރައިން ޔާނީއަށް ބިންމަތީގައި އިށީނދެވުނެވެ. އަދި އޭނާގެ ބަދު ނަސީބު ހިތަށްއަރާ ވަރަށް ބާރަށް ރޯން ފެށުނެވެ. “ނޫން ނޫން، ޒައިދް އަހަރެން ދޫކޮށްލާފަ ނުދޭ! އަހަންނަށް ޒައިދުއާ ވަކިން ދެން ނޫޅެވޭނެ. އަހަރެން ޒައިދް ދެކެ ވަރަށް ލޯބިވޭ!” ގިސްލަ ގިސްލާފައި ރޮމުން ޔާނީ ކިޔަމުން ދިޔައެވެ. އެވަގުތު ފަހަތުން މީހަކު ޔާނީގެ ކޮނޑުގައި އަތް އަޅާލިއެވެ. ޔާނީ އަވަސް އަވަހަށް ފަހަތް ބަލާލިއެވެ.

“ޒައިދް!” ކުރިމަތީގައި ހުރި ޒައިދް ފެނިފައި ޔާނީއަށް ވީގޮތްވެސް ނޭނގުނެވެ. ވީއުފަލެއްގެ ބޮޑުކަމުން ޔާނީ ގޮސް ޒައިދްގެ އަތުތެރޭ ބޮނޑިވެލިއެވެ. އޭރުވެސް ހިފެހެއްޓުމެއްނެތި ޔާނީގެ ލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. ޔާނީ ތެދުވެ ޒައިދްގެ މޫނަށް ބަލަންހުރެ ވާހަކަ ދައްކަން ފެށިއެވެ. “އަހަންނަށް ޒައިދް ފެނުން ފުރަތަމަ ދުވަހުވެސް ތިދެލޮލުން އަހަންނަށްޓަކައި ލޯބިފެނުން، ހަމައެގޮތަށް ދުވާލަކު ކިތައްފަހަރު އަހަރެން ޒައިދްއާ ހަތަރުކަޅި ހަމަކުރަން. މިދެލޮލުން ޒައިދްއަށް ހަމަ އެއްވެސް އެއްޗެއް ނުފެނޭތަ؟” ޔާނީ އޭނާގެ ހިތުގެ އާދޭސްތައް ބޭރުކުރަން ފެށިއެވެ. “ފެނުން! ޔާނީގެ ލޮލުންވެސް އަހަންނަށް ލޯބި ފެނުން” ޒައިދްވެސް އޭނާގެ ހާލު ބަޔާންކުރިއެވެ. “ދެން ކީއްވެ؟” ޔާނީ އާދޭހާއެކު އަހާލިއެވެ. “ބިރުގަތީ، އަނެއްކާވެސް ކުންހީއެއް ކުރެވިދާނެތީވެ” ޒައިދަށްވެސް ވަނީ ވަރަށް އަސަރު ކޮށްފައެވެ. ކުންހީއަކަށް ވިޔަސް ދެންކީއްކުރާނީ، ޒައިދް ބޭނުންވާ ގޮތަށް ކަންތައްކޮށް ނިންމައިފީމެއްނުހޭ ބުނެ ޔާނީއަށް ޒައިދްގެ މޫނުގައި ހިފަހައްޓައިލެވުނެވެ. އެވަގުތު ޒައިދްގެ ލޮލުގައިވާ ކަރުނަތައް ޔާނީއަށް ވަރަށް ރީއްޗަށް ފެނުނެވެ. “އާނ.. އަހަރެން ގޮތެއް ނިންމައިފިން. އަހަންނަށް ޔާނީ ދޫކޮއްލާފައެއް ނުދެވުން” ޒައިދް ޔާނީގެ ކޮނޑުގައި ބޯއަޅާލިއެވެ. ޔާނީގެ ހިތް އުފަލުން ނަށަން ފެށިއެވެ.

ޖެހެމުންދިޔަ ފިނި ވައިރޯޅީގެ ހިތްހަމަޖެހުން ދެމީހުނަވެސް އެކުއެކީގައި ހިއްސާކުރަމުން ދިޔައެވެ. ޒައިދް އެދެމުން ދިޔައީ ޔާނީގެ ދުލުން އޭނަ ދެކެ ވާލޯބި ހާމަކުރާށެވެ. ޔާނީ ރަކިގޮތަކަށް ހީލަމުން ވަރަށް ލަދުންހުރެ އަނެއްފަރާތަށް އެނބުރުނެވެ. ޒައިދް އައިސް ފަހަތުން އޭނާގެ ދެއަތުން ޔާނީގެ އުނަގަނޑު ވަށާލާ ގަޔާކައިރިކޮއްލިއެވެ. ވައިރޯޅިއަކަށްވެސް އެދެމެދަށް ނުވަދެވޭހާ ގާތަށެވެ. އެވަގުތު ޒައިދްގެ ހޫނު ނޭވާތައް ޔާނީގެ ކަނދުރާއަށް އެޅެން ފެށުނެވެ. ޔާނީގެ ހިތުގެ ތެޅުން އިހުނަށްވުރެ އަވަސްވިއެވެ. “ޒައިދް، މީހަކަށް ފެނިދާނެ” ހާސްވެފައިހުރި ވަރުން ޔާނީއަށް ބުނެލެވުނެވެ. “ހެވޭ ފެނުނަސް، އަހަރެންގެ މައްސަލައެއް ނެތް” ޒައިދް ލާނެތް ގޮތަކަށް ބުންޏެވެ. ދެލޯބިވެރިން އެކުގައި ވަގުތުތައް ހިއްސާ ކުރަމުން ދިޔައިރު އެޖޯޑު ނިކަން ގުޅެއެވެ. ބޭރަށް ދިޔަގޮތަށް ޔާނީގެ ހަބަރެއް ނުވުމުން ކަންބޮޑުވެފައި ހުރި މިޝްކާ ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ޔާނީއަށް ގުޅާލުމަށްޓަކައި ފޯން ނެގިތަނާ ގޭގެ ދޮރު ހުޅުވާލުމަށްފަހު ވަދެގެން އައިތަން ފެނިގެން އައީ ޔާނީ އާއި ޒައިދެވެ. ދެމީހުން އަތާއަތް ޖޯޑުކޮށްލައިގެން ތިބިތަން ފެނިފައި ކަންތައް ވީގޮތް މީޝްކާއަށް ވަރަށް ރަނގަޅަށް އިނގުނެވެ. “ފައިނަލީ! އައެމް ސޯހެޕީ ފޯރ ޔޫ ބެސްޓީ. ޒައިދް ބުނަން، ޔާނީގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓުނަސް ނިމުނީ އިނގޭ!” އުފަލުންހުރި މިޝްކާ އިންޒާރެއްފަދަ ގޮތަކަށް ބުންޏެވެ. “އޯކޭ އޯކޭ މަ ޕީސް” ޒައިދް އެހެން ބުނިތަނާ ގޭތެރެއަށް ވަދެގެން އައި ޒާހިޔާ އާއި އާމިރު ފެނިފައި އެންމެން ހިމޭންވިއެވެ. އެވަގުތު އެތަނުގައި ހުރި ޒައިދް ފެނިފައި އެދެމަފިރިންގެ މޫނުމަތިން ސުވާލުމާކުތައް އުތުރި އަރަންފެށިއެވެ. މިޝްކާ ކަންތައް ވީގޮތް އޭނާގެ މަންމަ އާއި ބައްޕައަށް ކިޔައިދިނެވެ. “އަވަހަށް ތިކަން ނިންމަން އުޅޭ، ދޯ އާމިރު” ޒާހިޔާ ވަރަށް ލޯބިން ޔާނީގެ މޫނުގައި ފިރުމާލަމުން އާމިރަށް ދޯ އޭ ބުންޏެވެ. ޔާނީ ހުރީ ލަދުން އިސްވެސް ނަގަން ނުކެރިފައެވެ.

ލިބިފައިވާ އުފާވެރިކަމެއްގެ ބޮޑުކަމުން ގަޑިން ވީއިރެއްވެސް ނޭނގުނެވެ. މާބޮޑަށް ދަންވުމުން ހުރިހާ ކުދިންވެސް އަވަހަށް ނިދަން ދިއުމަށް އެދި އާމިރުގެ ދެމަފިރިންވެސް ނިދުމަށްޓަކައި ކޮޓަރިއަށް ވަނެވެ. އެހެން ރޭރޭ ނުނިދިފައި ޔާނީ އޮންނަނީ އޭނާގެ މާޒީ މަތިން ހަނދާންވެ ރޮވޭތީއެވެ. ނަމަވެސް މިރޭ އޭނަ ނިދަން ބޭނުންނުވާ ކަހަލައެވެ. ބޭނުންވަނީ ޒައިދްއާ އެކުގައި ވުމަށެވެ. ޒައިދްގެ އަތުތެރޭވި ހަނދާން އާވުމުން ޔާނީއަށް ލަދުން މޫނުގައި އަތްއަޅާ ފޮރުވާލެވުނެވެ. އެނދުން ތެދުވުމަށްފަހު ފަރުދާ ކަހާލާފައި ބިއްލޫރިދޮރު ހުޅުވާ އެއްފަރާތް ކޮށްލިއެވެ. އަދި ބެލްކަންޏަށް ނުކުމެ ރެއިލިންގައި އަތް އަޅުވާލައިގެން ހުއްޓެވެ. އޭރު ހިމަފޮދު ވާރޭގެ ތިކިތައް ޔާނީގެ މޫނުގައި ބޮސްދެމުން ދިޔައެވެ. ތެތްފިނި ވައިރޯޅިތަކުން އޭނާގެ ހަށިގަނޑުވަނީ ވަށާލެވިފައެވެ. ޔާނީގެ ތުންފަތް މަތިން ހިނިތުންވުން ފަނޑުވާ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. އެހިނިތުންވުމުގެ ސިއްރަކީ ޒައިދެވެ. މިދުވަސް ފެންނާނެ ކަމަކަށްވެސް ޔާނީ އުންމީދެއް ނުކުރެއެވެ. އޭނައަށްވެސް އުފަލުގައި އުޅެވިދާނެ ކަމަށާއި އޭނާއަށްވެސް އުފަލުގައި އުޅުމުގެ ހައްޤު ލިބިގެންވާކަން މިހާރު އޭނާ ޤަބޫލުކުރެއެވެ. ޔާނީގެ ވީރާނާވެފައިވާ ހަޔާތް ޒައިދްގެ ލޯބިން އާބާދުވެއްޖެއެވެ. ޒައިދްއާ ނުލާ މިހާރު ޔާނީގެ ދިރިއުޅުން ފުރިހަމަވެސް ނުވާކަހަލައެވެ. ހާއުފާ ހަޔާތަށްލިބި އޭނާއަކީވެސް ފުރިހަމަ އިންސާނެއްކަން އިހުސާސް ކުރެވުމުން އިތުރަށް ޝަކުވާ ކުރާކަށް ބޭނުމެއް ނުވިއެވެ.

(ނުނިމޭ…)
ހަތަރުވަނަ ބައި

ނޯޓް: މި ވާހަކަ ނިމެންދެން ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހަކު ވާހަކައިގެ ބައެއް ގެނެސްދެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.