ވާހަކަ: ހިމޭން ކައުނު

himeyn kaunu

(ފުރަތަމަ ބައި)

ލައިގެން ހުރި ހުދު ޔުނީފޯމުން އިރުގެ ދޯދިތައް ރިފްލެކްޓް ކުރަމުން ދިޔަ ނަމަވެސް ޖަނަވަރީ މަހުގެ އިރުވައިގެ އަވީގެ ހޫނާއެކު އޭދަފުށީގެ ހިރަފުސް މަގުތަކުން އަރަމުން ދިޔަ ދިލައިން ނަފުސާ އަލީ ހިއްލަމުން ދިޔަ ދާތަކަށް ހުއްޓުމެއް ނައެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ތެރެއަށް ވަދެވުނުއިރު މުޅި މީހާ ހުރީ ތެމިފޯވެފައެވެ.

އޭނާ ގަސްދުގައި ލަހުން އައީ އެސެމްބްލީގައި ފަހަތުގައި ހުރުމަށެވެ. އޭނާގެ އުމުރުން މިވީ 13 އަހަރުގެ ތެރޭގައި އެހެން ކުދިން އޭނާއާ ބުލީ ކުރުން ހުއްޓުމަކަށް ނާދެއެވެ. އޭނާގެ ފަލަކަމުންނާއި ކަޅުކަމުން “ހާދަ ހަޑި ކުއްޖެކޭ” ކިޔާ އަބަދުވެސް ހަޖޫ ޖަހައެވެ. އޭނާ އާދަޔާ ހިލާފަށް ދާހިއްލާ މައްސަލާގައި ވެސް އަބަދުމެ މަލާމަތް ކުރެއެވެ. މިހެންވެ ނަފުސާ އަބަދުވެސް ބެލީ އެހެން މީހުންގެ ސަމާލުކަން ނުލިބި އުޅެވޭތޯއެވެ. ފާރުގެ ބިތެއް ނުވަތަ މަގުމަތީގައި ހުރި ގަހެއް ފަދައިން އެންމެންގެ ލޯމައްޗަށް ބެކްގްރައުންޑަށް ގެއްލިފައި ހުރި މީހަކަށް ވާށެވެ.

މުޅި ތަނުގައި ވަނީ ސްކޫލް ކުދިންގެ ސުނބިސުނބި ލެއްވުމެވެ. ނަފުސާ ދެކޮޅަށް ދެކޮޅަށް ބަލައިލިއެވެ. ޝިރާޒް އަހްމަދު ވެސް ތަންކޮޅެއް ފަހަތުގައި ހުއްޓެވެ. މިއީ ތުޅާދޫ އަށް އުފަން އުމުރުން 15 އަހަރުގެ ޝިރާޒް ސްކޫލްގައި އުޅޭނޭ ފަހު އަހަރެވެ. އޭނާގެ މައިންބަފައިން ނިންމާފައިވަނީ މި އަހަރު ގްރޭޑް 10 ނިންމައި އޯ ލެވެލް ހަދާ ނިމުމުން އޭ ލެވެލް އަށް ކިޔަވަން ޝިރާޒް މާލެ ފޮނުވާށެވެ. މިހެން އަނެއްކާވެސް ހިތަށް އަރާފައި ނަފުސާ މޮޅިވިއެވެ. ޝިރާޒްއާ ވަކިވާން ޖެހޭތީ އޭނާ ވަރަށް ދެރަވިއެވެ.

ހިޔާލީ ކައުނަކުން ނަފުސާ އެނބުރި މި ހަގީގީ ދުނިޔެއަށް އައީ ކުއްލިއަކަށް އަޑު މަޑުވުމުންނެވެ. ސްކޫލް ހުޅުވުނު ދުވަހުގެ އެސްމްބްލީގައި ޕްރިންސިޕަލް ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ:-

“މަދްރަސީ ދައުރަކީ ދުނިޔަވީ ހަޔާތަށް ތައްޔާރުވާން ތަމްރީން ވުމަށް ބައިސްކަލް ދުއްވަން ދަސްކުރުން ފަދަ ކަމެއް. ތަފާތު ދާއިރާތައް ހޯދައިބަލައި އެ ކަންތައްތަކުން ތިޔަ ކުދިން ތަޖުރިބާ ލިބިގަންނަންވީ ދުވަސް. ހަގީގީ ދިރިއުޅުމުގައި ހެދޭ ގޯސްތައް ވެސް ޓެކްސްޓްފޮތްތަކުން ލިބޭ ފިލާވަޅުތައްހާ އިބްރަތްތެރިވާނެ. ނަފުސު ތަރައްގީ ކުރުމަށާއި ހަޔާތުގެ އަމާޒުފަތްގަނޑުތަކަށް ވާސިލު ވުމަށް ޓަކައި ތިޔަ ކުދިންނަށް ކުރިމަތިވާ ހުރަސްތަކާއި ގޮންޖެހުންތައް ބަދަލު ކޮށްލަން ޖެހޭނީ ރަނގަޅު ފިޔަވަޅުތަކަކަށް. މަސްތުވާތަކެއްޗަކީ އެއްވެސް ހައްލެއް ނޫން. ތިޔައިން ކޮންމެ ކުއްޖަކީ ވެސް ހުލްގު ހެޔޮ މައިންބަފައިންނާއި މުދައްރިސުންގެ ކުޑަ ދަށުން ބޮޑު ވަމުން އަންނަ ކުދިން. ހަޔާތުގެ އޮޅިތައް ގިރާ ކުރުމަށްޓަކައި އީމާންކަން ވަރުގަދަކޮށް އަދި އަހުލާގު ހަރުދަނާ ކުރަން ޖެހޭ.”

ޕްރިންސިޕަލް ދެން ދެއްކެވި ވާހަކައަކަށް ނަފުސާއަށް ސަމާލުކަމެއް ނުދެވުނެވެ. އޭނާގެ ހިޔާލުތައް އަނެއްކާވެސް އެނބުރި ދިޔައީ ޝިރާޒް އާ ދިމާއަށެވެ. މި ފަހަރު ޝިރާޒް އާ ދިމާއަށް ބަލައިލެވުނު ވަގުތު އޭނާ ވެސް ނަފުސާ އާ ދިމާ އަށް ބަލައިލިއެވެ. ޝިރާޒް ހީލިއެވެ. ނަފުސާ ވެސް ހީލިއެވެ.

ގްރޭޑް 7 ނިންމާފައި ގްރޭޑް 8 ގައި މަދުރަސީ ދައުރުގެ މުޅިން އާ މަރުހަލާއަކަށް ކުރިމަތިލިއިރު ނަފުސާއަށް ނަފުސާނީ ގޮތުން އެންމެ ބޮޑު ހިތްވަރެއް އަބަދުވެސް ދެމުން އައީ ޝިރާޒްއެވެ. ޕްރައިމަރީ ކްލާސްތަކުގައި އުޅުނުއިރު ބައެއް އަންހެން ކުދިންނާއި ފިރިހެން ކުދިން ނަފުސާ ގޭންގްއަޕް ކޮށްލާ ވަގުތުތަކުގައި ވެސް ނަފުސާ ސަލާމަތް ކުރަން އަންނަނީ ޝިރާޒްއެވެ. ފަހަރެއްގައި އޭގެ ސިއްރަކީ ނަފުސާ ފަދައިން ޝިރާޒަކީ ވެސް ސޫރައިގެ ގޮތުން ކަޅު މަދަންގަނޑެއް ފަދަ ކުއްޖަކަށް ވާތީ ޝިރާޒް އަކީ ވެސް މުޅި ސްކޫލްގައި ބާކީވެ އިޖުތިމާއީ ގޮތުން އެކަހެރި ކުރެވިފައިވާ ކުއްޖަކަށް ވާތީ ކަމަށް ވެދާނެއެވެ. އެހެންކަމުން މިފަދަ އަގުހުރި، އިހުލާސްތެރި، ހިތްހެޔޮ ރަހްމަތްތެރިޔާއާ ދުވަހަކުވެސް ވަކިވާކަށް އޭނާ ނޭދެއެވެ.

ސެކަންޑްރީ ސްކޫލްގެ ފުރަތަމަ ދުވަސް ދިޔަ ނުދިޔަ ގޮތް ވެސް ނަފުސާއަކަށް ނޭނގެއެވެ. އިސާހިތަކު އޭނާ އާއި ޝިރާޒް ހުރީ ގެއަށް ދާން ގޭޓް ކުރިމައްޗަށް ނުކުމެވިފައެވެ.

ގްރޭޑް 4 ގައި އުޅޭ ނަފުސާގެ އުމުރުން 9 އަހަރުގެ ކޮއްކޮ ނަފީސް އަލީ ސްކޫލްގެ މެންދުރު ފަހު ސެޝަނަށް ލައިދޭން ނަފުސާގެ މަންމަ އައިސް ހުއްޓެވެ. ހަމައެފަދައިން ގްރޭޑް 7 ގައި ކިޔަވާ ޝިރާޒްގެ އުމުރުން 12 އަހަރުގެ ކޮއްކޮ ޝަޒްރާ އަހްމަދު ގޮވައިގެން ޝިރާޒްގެ މަންމަ އައިސް ހުއްޓެވެ. ނަފުސާ އާއި ޝިރާޒްއާ ދެމެދު ގާތްކަމެއް އުފެދުމުން ނަފީސް އާއި ޝަޒްރާ ވެސް އުޅެން ފެށީ މާ ބެސްޓްފްރެންޑް ވެގެންނެވެ. ހަމަ އެ ގޮތަށް ޝިރާޒް ގެއަށް ދާ މަގުމަތީގައި ނަފުސާގެ ގެއާ ހަމައަށް ގޮސްފައި ދާން ފެށުމުން ދެ ކުދިންގެ ދެ މަންމައިންގެ ދެމެދުގައި ވެސް ރަހްމަތްތެރިކަމެއް އުފެދި، އެ ދެ މަންމައިން ފަހުންފަހުން އައިސް ގެއަށް ދަނީ އޮލަވާހަކާގައި ހިނގަމުންދާ ނަފުސާ އާއި ޝިރާޒްއާ ތަންކޮޅެއް ދުރުން އެ ދެ މީހުންގެ އަމިއްލަ ސުނބިސުނބިތަކާއެކުއެވެ.

“ބަޔޮލޮޖީ ވަރަށް އިންޓްރެސްޓިން. އެކަމަކު ފިޒިކްސާއި ކެމިސްޓްރީ އަންޑަސްޓޭންޑެއް ނުވޭ،” ނަފުސާ ފެށިއެވެ.

“ދުވަސްކޮޅެއް ވީމަ ރަނގަޅު ވާނެ،” ޝިރާޒް ބުންޏެވެ.

ނަފުސާ އަށް އަދިވެސް އޭނާ ކުރިއަށް ދާނެ ކެރިއަރަކާމެދު ގޮތެއް ނުނިންމެއެވެ. ގްރޭޑް 8 އަށް އައި އިރު ވެސް އޭނާގެ ސިކުނޑި ހުރީ ދެ އަތަށް ކިރިކިރިއެވެ. ޑޮކްޓަރަކަށް ވާނީ ތޯ ނޫނީ ޓީޗަރަކަށް ވާނީ ތޯއެވެ. އެންމެ ފަހުން ވަގުތު ކައިރިވެ، ގޮތެއް ނިންމަން މަޖުބޫރު ވުމުން އޭނާ ނިންމީ ސައިންސް ސްޓްރީމް އިހުތިޔާރު ކުރުމަށެވެ. ރައްކާތެރިކަމެއްގެ ގޮތުންނެވެ. ސަބަބަކީ ޑޮކްޓަރަކަށް ނުވެވިއްޖެއްޔާ ބަޔޮލޮޖީ ކިޔަވައިދޭ މުދައްރިސަކަށް ވެވިދާނެ ނޫން ހެއްޔެވެ. އެއިރުން މުޅި ހަޔާތް އެއްކޮށް ބޮއްސުންލައިގެނެއް ނުދާނެ ނޫން ހެއްޔެވެ.

“ވެދާނެ ފިޒިކްސާއި ކެމިސްޓްރީގައި މާ ބޮޑަށް މެތްސް ބޭނުން ކުރަން ޖެހޭތީ ކަމަށް. އަހަރެން އަބަދުވެސް ވަރަށް ފޫހިވާ އެއްޗެއް މެތްސް،” ނަފުސާ ކުރިއަށް ގެންދިޔައެވެ.

“މަށަށް ވަރަށް އޯކޭ މެތްސް. ވެދާނެ ކޮމާސް އެކައުންޓް އިކޯން ހަދާތީ ކަމަށް،” ޝިރާޒް ހީލިއެވެ.

ޝިރާޒްގެ މައިންބަފައިންނަކީ އެހާ ފޯރާ ބައެއް ނޫނެވެ. ތުޅާދޫގައި ކުޑަ ކަންމަތީ ފިހާރައެއް ހިންގުން ފިޔަވާ އެ އާއިލާ އަށް އިގުތިސާދީ ގޮތުން މާ ބޮޑު ފުރުސަތުތަކެއް ނެތުމުން އާއިލާގެ ކުރިމަގަށް ވިސްނާފައި ޝިރާޒް ނިންމާފައި އޮތީ ޗާޓަޑް އެކައުންޓެންޓަކަށް ވާށެވެ. ނަފުސާގެ ބައްޕަ މާލޭގައި ފިހާރައެއް ހިންގައި، ފުދޭވަރެއްގެ ތަނަވަސް ދިރިއުޅުމެއް އުޅެވޭތީ ފައިސާއާމެދު ނުވިސްނައި، ނަފުސާގެ މައިންބަފައިން އެދިފައިވަނީ ނަފުސާ ބޭނުން މަގަކުން ހިނގުމަށެވެ.

“ލާރި ހުރިހާ ވެސް އެއްޗަކީ މިހާރު.”

ޝިރާޒް ކުއްލިއަކަށް މިހެން ބުނީ ކީއްވެ ކަމެއް ނޭނގެއެވެ. ނަފުސާގެ ސިކުނޑިއަށް ދެންމެ އައި ހިޔާލުތައް އޭނާގެ ސިކުނޑިއަށް ސީދާ ދިޔަ ކަހަލައެވެ. ނަފުސާއަކީ ކޮންމެވެސް ވަރަކަށް އިނގިރޭސި ވާހަކަ ކިޔައި، އިނގިރޭސި ފިލްމް ބަލާ ކުއްޖަކަށް ވާތީ “ސޯލްމޭޓް” މިއީ އަޑުއަހާފައި އޮތް ބަހެކެވެ. ނަމަވެސް އެއީ ކިހިނެތް ވާ ކަމެއްކަން އަދި މާ ރަނގަޅަކަށް ސާފެއް ނުވެއެވެ.

“މަނީ ކެނޮޓް ބައި ހެޕިނެސް،” ޝިރާޒްއާ ދިމާއަށް ބަލައިލަމުން ނަފުސާ ވަރަށް ސީރިއަސް ރާގަކަށް އިނގިރޭސި ބަހުން ބުނެލިއެވެ.

ޝިރާޒް ވެސް އިސް އުފުލައި އަދި ވަރަށް ފުން ނަޒަރަކުން ނަފުސާގެ ލޮލަށް ބަލައިލިއެވެ.

“މި ބުނީ ފައިސާ ހުރެގެންނޭ އުފާވާނެ ކަންތައްތައް ވެސް ކުރެވޭނީ. ޖޫސް ޕެޓީއެއް ވެސް މި ލިބެނީ މަންމަ ލާރި ދިނިއްޔާ!” ޝިރާޒް ރަކި ގޮތަކަށް ހީލިއެވެ.

ނަފުސާ ވެސް ހީލިއެވެ. ޝިރާޒް އެ ބުނީ ތެދެކެވެ.

ނަފުސާގެ ގެއާ އަރާ ހަމަވިއެވެ. މަންމަ މާ ކުރިން ވަދެއްޖެއެވެ.

“އޯކޭ، ސީ ޔޫ،” އިނގިރޭސި ބަހުން ބުނަމުން ޝިރާޒްގެ މަންމަ އޭދަފުށީން ކުއްޔަށް ހިފާފައި ހުރި ގެއާ ދިމާއަށް ނައްޓާލިއެވެ.

“އޯކޭ،” ނަފުސާ ޖަވާބު ދިނެވެ.

ޝިރާޒް ލޮލުކޮޅަށް ގެއްލެންދެން ނަފުސާ ގޭ ދޮރުމަތީގައި ހުއްޓެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ކަރުހިއްކައިގެންފައި ކަމަށް ވިޔަސް، ގެއަށް ވަންނަން ހަނދާންވީ ޝިރާޒް ދިއުމުންނެވެ. (ނުނިމޭ)

  

އެޑިޓަރުގެ ނޯޓް: މި ވާހަކައަކީ އީޓީގެ ކިޔުންތެރިއަކު އީޓީއަށް ކޮށްދީފައިވާ ހަދިޔާއެކެވެ. މި ވާހަކަ “އީޓީ” ގައި ޝާއިއު ކުރި ނަމަވެސް އޭނާގެ ނަން ހާމަ ކުރަކަށް ބޭނުމެއް ނުވެއެވެ.  މި ވާހަކާ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ހޮނިހިރު ދުވަހު އީޓީ ގައި ޝާއިއު ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.