ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

ހަވަނަ ބައި

ދުވަސްތަކާއި މަސްތައް ފާއިތުވަމުންގޮސް ޒައިދް އާއި ޔާނީގެ ކައިވެނީގެ ތާރީޚް ކަނޑައެޅިއްޖެއެވެ. ކައިވެނި ކުރަން ހަމަޖެހުނީ ކުރިއަށް އޮތް މަހުގެ ފުރަތަމަ ދުވަހަށެވެ. ޒައިދްގެ ހަޔާތަށް ޔާނީ ފަދަ ކުއްޖަކު އައުމުން ޒައިދްގެ މަންމަ ނާޒްއާއި ބައްޕަ ޝިޔާޒް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ދެފަރާތުންވެސް ބޭނުންވީ ވީހާ އަވަހަކަށް މިކައިވެނި ކުރެވުމަށެވެ. ޔާނީގެ ފަރާތުން ކައިވެންޏަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދޭނީ މިޝްކާގެ އާއިލާއިންނެވެ. މިޝްކާވެސް ހުރީ މިކަމާ ވަރަށް އުފަލުންނެވެ. އެންމެންނެކޭ އެއްފަދައިން ޒައިދް އާއި ޔާނީވެސް އިންތިޒާރުކުރަމުން އެދަނީ ދެމީހުންގެ ކައިވެނި ކުރެވި އެކަކު އަނެކެއްގެ ހައްޤަކަށް ވާނެ ދުވަހަކަށެވެ. ކައިވެނީގެ ހަފްލާއަށް ތައްޔާރު ވުމަށްޓަކައި ޒައިދްއާއެކު ޔާނީވެސް މާލެ ދިޔައެވެ. ޝާހީގޮތަކަށް ހަދާފައިވާ ގަނޑުވަރެއްފަދަ ގެ ފެނިފައި ޒައިދް އަކީ ވަރަށް މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހެއްކަން އިނގުނެވެ. ގޭތެރޭގައިހުރި ގާޑު ގޭޓު ހުޅުވާލުމުން ޒައިދް ކާރު އެތެރެއަށް ވައްދާލިއެވެ. ގޭތެރެއަށް ވަދެގެން ދިޔައިރު ކުރިމަތީގައި ވަރަށް ރީތިކޮށް ހަދާފައިވާ ފެންއަރުވާ ވަޑާމެއް ހުއްޓެވެ. އަދި އެތާ ކައިރީގައި ހިތްހަމަޖައްސާލަން ތިބޭކަހަލަ ބެންޗަކާއި މޭޒެއް ހުއްޓެވެ. މުޅި ގޯތިތެރެވަނީ އެކިއެކި މާގަސްތަކުން އެއްވަސް ކޮއްފައެވެ. މާގަސްތަކުގެ ފަހަތުގައި ބޮޑު ފަތާފެންގަނޑެއްވެސް އޮތެވެ. ޔާނީ ހުރީ މިހުރިހާ ތަންތަން ފެނިފައި އާޝޯހުވެފައެވެ. މީގެ ކުރިން އޭނާ މިފަދަ ގެތައް ދެކެނީ ހަމައެކަނި ފިލްމް ތަކުންނެވެ. ނަމަވެސް މިއަދު ހަމަލޮލަށްވެސް ފެނިއްޖެއެވެ. ކާރުން ފޭބިއިރު ޒައިދްގެ އާއިލާ މަރުހަބާ ކިޔުމަށްޓަކައި ދޮރުމަތީގައި ތިއްބެވެ. ނާޒްއަށް ޔާނީފެނުމާއެކު ގޮސް އަމިއްލަ ދަރިއެއް ފަދައިން ކަންތައް ކުރަން ފެށިއެވެ.

ޔާނީއަށް ލިބިފައިވާ ރީތި ކަމާއި ހިތްހެޔޮކަމުން ނާޒްގެ ހިތުން ޖާގަ ހޯދިއެވެ. ހަމައެހާމެ ކިޔަމަންތެރި ރިވެތި އަހުލާގެއްގެ ވެރިއެކެވެ. “ދަރިފުޅުގެ އަމިއްލަ ގެކަމަށް ދެކިގެން މިގޭގަ ހަމަ އުޅެންވީ، އެއްވެސް ކަމަކަށް މަނާކުރާނެ މީހަކު ނުހުންނާނެ” ނާޒްގެ ހިތްހެޔުކަން ފެނިފައި ޔާނީ އޭނާގެ މަންމަ މަތިން ވަރަށް ހަނދާންވިއެވެ. މިއަދު އޭނާގެ މަންމަ ދުނިޔޭގައި ހުރިނަމަ ކިހާ އުފާވާނެ ހެއްޔެވެ. “ވާއު ސޯ ޕްރިޓީ! ދޮންބެ ކޮންތާކުން މިހާ ރީތި ކުއްޖެއް ހޯދީ؟” ޔާނީގެ ރީތިކަން ފެނިފައި ޒައިދްގެ ކޮއްކޮ ތައުރީފް ކޮއްލިއެވެ. “ޔާނީ ވަރަށް ވިސްނައިގެން އުޅޭތި! ތާ ވަރަށް ޖެލަސް ވާނެ އޭނައަށް ވުރެ އެހެންމީހަކު ރީތި ވެއްޖެއްޔާ” ޒައިދް އުޅުނީ ތާރާ ރުޅިއަރުވާލާށެވެ. އެއީ އަބަދުވެސް އޭނަގެ އާދައެވެ. “މަންމާ ބަލާބަލަ މިހިރަ ދޮންބެއެއް، އަބަދު އަބަދު ދިމާކުރާނީ” ތާރާ އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުންޏެެވެ. ތާރާ އާއި ޒައިދްގެ ގުޅުން ފެނިފައި ޔާނީއަށްވެސް ހެވުނެވެ. “ފައިނަލީ އަހަންނާ އެއްކޮށް މަޖާކޮށް ވާހަކަ ދައްކާލާނެ މީހަކު ލިބުނީ. މިހާރު ކިހާ ދުވަހެއް އަހަރެން މިހެން އެކަނިވެފަ ގޭގަ އުޅޭތާ” ތާރާ ހީވީ އެއްފަހަރާ ހުރިހާ އުފަލެއް ލިބިގެން އުޅޭހެންނެވެ. ވާނީވެސް އެހެންތާއެވެ. އާއިލާގައި އިތުރު އަންހެން ކުއްޖަކު ނެތުމުން އެކަމުގެ ޝަކުވާ ތާރާ އަބަދުވެސް ކުރެއެވެ.

ކައިވެނި ހަފްލާއަށް ތައްޔާރު ވުމަށް ކުރަންޖެހޭ ހުރިހާ ކަމެއްކަހަލަ ގޮތަކަށް ވަނީ ނިމުމަކަށް އައިސްފައެވެ. ޔާނީވެސް ޒައިދްއާ މަޝްވަރާކޮށް ދެމީހުންގެ ކައިވެނީގެ ހެދުންވެސް ފާސްކޮށްފިއެވެ. އާއިލާގެ ހުރިހާ މެންބަރުންނާއި ގާތްތިމާގެ މީހުންވެސް ޕާޓިއަށް ތައްޔާރު ވުމުގައި ވަރަށް އަވަދިނެތި އުޅެމުންދެއެވެ. ކައިވެނީގެ ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވަން ޒައިދްގެ އާއިލާއިން ބޭނުންވެއެވެ. ކަލަންޑަރުން ދުވަސްތައް ކެނޑެމުންގޮސް މިއަދަކީ ނޮވެމްބަރ މަހުގެ ފުރަތަމަ ދުވަހެވެ. ޒައިދް އާއި ޔާނީގެ ހަޔާތުގެ މުޅިންއާ ސަފްހާތަކެއް ލިޔެވެން ފެށޭ ދުވަހެވެ. ކައިވެނީގެ ވަގުތު ކައިރިވަމުން ދިޔަވަރަކަށް ޔާނީގެ ހިތުގެ ތެޅުންވެސް ދިޔައީ އަވަސް ވަމުންނެވެ. ޔާނީ ތައްޔާރު ކުރުމުގައި އެކަމަށް ޚާއްސަކުރެވިފައިވާ މީހުން އުޅެމުން ދިޔައެވެ. ތަފާތު އެކި ވައްތަރުގެ މިނާތަކާއި ވެލިފޮތިތަކުން ޖަރީކުރެވިފައިވާ ހުދުކުލައިގެ ދިގު ވެޑިން ޑްރެސް ލާފައި ހުރިއިރު ޔާނީ ހީވަނީ ޕަރީއެއް ހެނެވެ. އެދިގު އިސްތަށިގަނޑު މައްޗަށް ނަގާ ހުޅިއެއް ޖަހާފައިވާއިރު ބައެއް އިސްތަށިކޮޅުތައްވަނީ މޫނުމައްޗަށް ވައްޓާލެވިފައެވެ. ހާމައަށް ފެންނަންއޮތް ދޮން ކަނދުރާވަނީ އެކިކުލަކުލައިގެ އަލިމަހުން ގަތާލެވިފައިވާ ހާރަކުން ފަޅުފިލުވާލެވިފައެެވެ. ޒައިދް ވެސް ތައްޔާރުވަމުން އެދަނީ އޭނަގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ރެޔަށެވެ. ހުދުކުލައިގެ ކޯޓުފަޓްލޫނެއް ލައިގެން ހުރިއިރު އޭނަ ފެންނަލެއް ނިކަން ހިތްގައިމެވެ. ފަން އިސްތަށިގަނޑު ކޮޅަށް ހިއްލާލާފައިވާއިރު ޒައިދް ފެންނަ ކޮންމެ މީހަކަށްވެސް އޭނަގެ ފިރިހެންވަންތަކަމާއި ރީތިކަމަށް ތައުރީފް ކޮށްނުލާ ނުހުރެވޭނެއެވެ. މިރޭ ޒައިދްގެ ކައިވެންޏަށްފަހު އޭނާގެ ހަޔާތުގެ ބައިވެރިޔަކަށްވުމުގެ އުންމީދުގައިތިބި ކިތަންމެ އަންހެންކުއްޖެއްގެ ހިތް ކުދިކުދި ވާނެކަން ގައިމެވެ. ޒައިދްގެ އަންބަކަށްވުމުގެ ނަސީބުވެރިޔަކީ މިއަދު ޔާނީއެވެ.

ގަޑިން އަށެއް ޖެހުމާއެކު ޤާޒީއާއި ހެކިވެރިން ކައިވެނިކުރާ މާލަމަށް އައިސް ވަދެއްޖެއެވެ. މުޅިތަންވަނީ އެކި ކުލަކުލައިގެ މާތަކުން ޒީނަތްތެރި ކުރެވިފައެވެ. ކައިވެނި ކުރަން ހަމަޖެހިފައިވަނީ ވިލިގިލީ އަތިރިމަތީގައެވެ. މިއީ މިދެމީހުންގެ ހުވަފެނީ މަންޒިލެވެ. އެހެންކަމުން މިކަން ހަޤީޤަތަކަށް ހަދަން ދެމީހުންވެސް ބޭނުންވެއެވެ. ތަފާތުއެކި ކުލަބޮކިތަކުން މުޅިތަންވަނީ އެއްކޮށްހެން ދިއްލާލާފައެވެ. އާއިލާގެ ކުދިބޮޑު އެންމެން އެތަނަށް އައިސް ނިމިއްޖެއެވެ. އިރުކޮޅެއްނުވެ ޒައިދްއާއި ޔާނީވެސް އެތަނަށް ހާޒިރުވެއްޖެއެވެ. އެދެމީހުންނަށް މަރުހަބާކީ ރަތް ފިނިފެންމަލުގެ ފިޔަތަކަކުންނެވެ. ޔާނީގެ ރީތިކަމާއި ފުރިހަމަކަމުން ޒައިދް ހުރީ އަނގައިން ބަސް ހުއްޓިފައެވެ. ހަޤީޤަތުގައިވެސް ޔާނީ މިރޭ ވަކިން ރީއްޗެވެ. ހުދު ވެޑިން ޑްރެސްގައި ހުރިއިރު ޔާނީގެ ލޫޅާފަތި ހަށިގަނޑުގެ ބައްޓަން ކިތަންމެހާވެސް ރަނގަޅަށް ފާޅުވެގެންދެއެވެ. އެދޮންމޫނު ތާޒާކަމަށް ދައްކަނީ ތުންފަތުގައި ޖައްސާފައިވާ ގަދަ ރަތް ކުލައެެވެ. “ޔޫ އާ ލުކިން ގޯޖަސް” ތައުރީފްކޮށްނުލާ ނުހުރެވިގެން ޒައިދް ޔާނީގެ ކަންފަތްދޮށުގައި މަޑުމަޑުން ބުނެލިއެވެ. ލަދުންގޮސް ޔާނީގެ މޫނު ރަތްވިއެވެ. ޒައިދްވެސް ތައްޔާރުވެފައިވާލެއް ފުރިހަމަ ކަމުން ޔާނީއަށް ހިތާހިތުން ތައުރީފް ކޮށްލެވުނެވެ. “އަވަހަށް އިށީނދޭ ދެކުދިން” ވަދެގެންއައި ޒައިދްއާއި ޔާނީ ފެނިފައި ޒައިދްގެ މަންމަ އާއި ބައްޕަ ބުންޏެވެ.

އެންމެންގެ ހާޒިރުގައި ޤާޒީ ކައިވެނީގެ ހުތުބާ ކިޔައިދޭން ފެށިއެވެ. އަނބިމީހާ އާއި ފިރިމީހާގެ ވާޖިބްތައް ކިޔައިދެމުން ދިޔައިރު ޒައިދް އާއި ޔާނީވެސް ތިބީ ވަރަށް ކަނުލައި އަޑުއަހާށެވެ. ވަފާތެރި ޚުލްޤުހެޔޮ އަންބަކަށް ވުމަކީ ޔާނީގެ އެންމެ ބޮޑު އެއް މަޤްސަދެވެ. “އަނބި ޤަބޫލްކޮށްފިން” ޒައިދްގެ ދުލުން ބޭރުވި މި ޖުމްލަ އިވިފައި ޔާނީގެ ހިތަށް ލިބިގެންދިޔައީ ބުނެދޭންވެސް ނޭނގޭކަހަލަ އުފަލެކެވެ. މުޅި އުމުރަށް ޒައިދްގެ ހައްޤަކަށް ވެވުނީއެވެ. ތަހުނިޔާ އާއި މުބާރަކް ބާދީއަށްފަހު ދެންއޮތީ ކައިވެނި ޕާޓީއެވެ. އާއިލާގެ މެމްބަރުން ފެށިގެން ރައްޓެހިންނާ ހަމައަށް ޕާޓިގައި ބައިވެރިވިއެވެ. ޒައިދް އެންމެ އުފާވީ އޭނާގެ ކުޑައިރުއްސުރެ އެންމެ ގާތް އެކުވެރިޔާ ޝިވަމް ރާއްޖެއިން ބޭރުގައި ހުރެފައިވެސް އޭނާގެ ޕާޓީގައި ބައިވެރިވުމަށް ރާއްޖެ އައީތީއެވެ. އަތިރިމަތީގެ ދޮންވެލިގަނޑުމަތީގައި ދެމަފިރިންނަށް ތައްޔާރުކުރެވިފައިހުރި ތަނުގައި ތިބެ މެހެމާނުންނާއި ސަލާމްކުރަމުން ދިޔައެވެ. އެކުގައި ތިބިއިރު ދެމަފިރިން ވަރަށް ގުޅެއެވެ. މިިޝްކާވެސް ކްރީމް ކުލައިގެ ދިގު މެކްސީއެއް ލައިގެން ހުރިއިރު ފެންނަލެއް ނިކަން ފުރިހަމައެވެ. މިޝްކާއަށް ނޭނގިނަމަވެސް އޭނާގެ ރީރިކަން ވަނީ ޝިވަމްގެ ހިތުން ޖާގައެއް ހޯދާފައެވެ. ކެމެރާމަނުންގެ ކެމެރާތަކުގައި ޕާޓީގެ ރީތި ތަސްވީރުތައް ރައްކާކުރެވެމުން ދިޔައެވެ. ޕާޓީއަށް އައި މެހެމާނުންތައް ޕާތީ ނިމްމާލުމަށްފަހު ގެއަށްދާން ފެށުމުން ޒައިދްގެ ދެމަފިރިންވެސް ކެއުމަށްޓަކައި އަވަސްވެގަތެވެ. ރާޅުޖަހާ ހިސާބުގައި ތައްޔާރުކުރެވިފައިވާ މޭޒު ކައިރީގައި ޒައިދް އާއި ޔާނީ އިށީނދެ ކެއުމަށް އިންސާފުކުރަން ފެށިއެވެ. ޕާޓީ ނިންމާލުމަށްފަހު އެންމެންވެސް އަވަސްވެގަތީ މާލެދިއުމަށެވެ. ނަމަވެސް ޒައިދްމެން މާލެ ދިޔައީ އެދެމަފިރިންނަށް ހާއްސަ ކުރެވިފައިވާ ލޯންޗެއްގައެވެ.

ވެފައިވާ ވަރުބަލީގެ ސަބަބުން ގެއަށް ވަދެވުމާއެކު އެންމެންވެސް ބޭނުންވީ ނިދުމަށެވެ. ކޮޓަރިއަށް ވަދެވުމާއެކު ޒައިދް އޭނާގެ އަތްދަނޑިމައްޗަށް ޔާނީ ނެގިއެވެ. ޔާނީ ކުޑަކޮށް ހާސްވިއެވެ. ނަމަވެސް ޒައިދްއާ ދުރުވާކަށް ހިތެއް ނޭދުނެެވެ. ޔާނީގެ ދެއަތުން ޒައިދްގެ ކަރުވަށާލިއެވެ. އެވަގުތު ޒައިދްގެ ގައިން ދުވި މީރުވަހުން ޔާނީ ހުރިހާ ކަމެއް ހަނދާން ނެތުނުކަހަލައެވެ. މިރެއަކީ އެދެމީހުންގެ ކައިވެނީގެ ފުރަތަމަ ރެއެވެ. ލެމަން އަދި އޮރެންޖްފަދަ ލުއިލުއި މީރުވަހެއް މުޅިކޮޓަރި ތެރޭގެ ހަތަރު ފާރުން އެތެރޭގައިވަނީ އަތްގަދަކޮށްލާފައެވެ. އެކިއެކި މަލުގެ ފިޔަތަކުންނާއި ފަތްތަކުން އެނދުވަނީ ޒީނަތްތެރިކޮށްލާފައެވެ. ޒައިދް ޔާނީ ގެންގޮސް އެނދުމަތީގައި ބޭންދިއެވެ. “އަހަރެން މިރޭ ވަރަށް އުފާވެއްޖެ، އިނގޭތަ ކީއްވެކަން؟ އެއީ މުޅި އުމުރަށް އަހަރެންގެ މިލްކަކަށް ޔާނީ ވީމަ” ޒައިދްގެ ހިނިތުންވުމުން އޭނާ އުފާވެފައި ހުރި މިންވަރު ވަރަށް ރަނގަޅަށް އިނގުނެވެ. “އަހަރެންވެސް، އަހަންނަށް އިހުސާސް ކުރެވެނީ އަހަރެންމީ މިދުނިޔޭގައި ހުރި އެންމެ ނަސީބު ރަނގަޅު މީހާ ކަމުގަ” ޔާނީގެވެސް އުފަލާ ހިތްހަމަޖެހުމަކީ މިއަދު ޒައިދެވެ. ޔާނީ ޒައިދްގެ މޫނުގައި ފިރުމާލިއެވެ. ހަމައެވަގުތު ޒައިދްވެސް އޭނާގެ ދެއަތުން ޔާނީގެ މޫނުގައި ހިފަހައްޓާލުމަށްފަހު އެތުންފަތުން އުފާހޯދިއެވެ. ދެމީހުންގެ ހިތުގެ ތެޅުން އަވަސްވިއެވެ. “ވަރަށް ލޯބިވޭ” ޒައިދްގެ މިއަސަރުގަދަ ބަސްކޮޅާއެކު ޔާނީގެ ހަށިގަނޑުގައި ދައުރުކޮށްލި ބާނިތަކާއެކު އެހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށްޖެހުނެވެ. ޒައިދްގެ ހަށިގަނޑުގެ ހޫނުކަމުން އަރާމު ލިބިގަންނަމުން ޔާނީ އެހަށިގަނޑުގައި ބައްދާލިއެވެ. ޔާނީގެ ކަނދުރާ ހޫނުކުރަންފެށި ޒައިދްގެ ނޭވާތަކުން ޔާނީގެ ނޭވާވެސް ކުރުވިއެވެ. ޒައިދްގެ ހަށިގަނޑާއި ގަމީސް ވަކިކޮށްލުމަށްފަހު ޒައިދްގެ އެކަސްރަތީ ހަށިގަނޑުގައި ޔާނީގެ މަޑުމަޑު ތުންފަތުން ބޮސްދިނެވެ. ހަށިގަނޑުގެ ހުރިހާ ނާރެއް ވާންކޮށްލައި ލޯބީގެ އަލިފާންރޯވެ ދެޖިސްމު އެކަތިގަނޑަކަށް ވިއެވެ. ޒައިދްގެ ފަރާތުން ލިބެމުންދިޔަ ފިރުމުންތަކާ ނިމުމެއްނެތް ލޯބީގެ ސަބަބުން ޔާނީ އޮތީ ހިތްހަމަޖެހިފައެވެ. ޒައިދް ހިތްހަމަޖެހެންދެން އޭނާގެ ހުރިހާ އެދުމަކަށް ޔާނީ ދިޔައީ އިޖާބަދެމުންނެވެ.

އިރު އޭގެ ރަންދޯދިތަކުން ދުނިޔެ އަލި ކުރަމުން ދިޔައެވެ. އާދުވަހަކަށް ތައްޔާރުވުމުގެ ގޮތުން ވިލާތައްވެސް ކޮޅުކޮޅުމައްޗަށް ދުވަންފެށިއެވެ. ތަފާތު ފަރުނީޗަރތަކުން ފުރާލެވިފައިވާ މާސްޓަރ ބެޑްރޫމްގައި ހުރި އެނދުމަތީގައި ފުންނިންޖެއްގެ ތެރެއަށް ގެނބިފައިއޮތް ޔާނީއަށް ހޭލެވުނީ މޫނުމައްޗަށް އަލިވާން ފެށުމުންނެވެ. ލޯހުޅުވާލުމާއެކު ފެނުނީ އޭނާއާއި ދާދި ގާތުގައި ނިދާލާފައި އޮތް އޭނާގެ ފިރިމީހާއެވެ. ނިދާލާފައި އޮތްއިރުވެސް ޒައިދްގެ ފިރިހެންވަންތަ މޫނުގެ ހިތްގައިމުކަމަށް އެއްވެސް ބަދަލެއްނާދެއެވެ. މަގަތަށް އެނބުރިގެން އޮވެ ހިތް ފުރެންދެން އެމޫނަށް ބަލަން ނިންމައިގެން އޮއްވާ ޒައިދްގެ އެސްފިޔަތައް ތަޅުވައިލުމުން ކުއްލިއަކަށް ޔާނީ ދެލޯމަރާލާފައި ނިދާކަމަށް ހެދުނެވެ. އިރުކޮޅެއްނުވެ ޒައިދް ތެދުވެ އެނދުގައި އިށީންކަން އެނގުނެވެ. “ގުޑްމޯނިންގް ލަވް” ޔާނީ ހިމޭނުން ވިސްނަން އޮއްވާ ޒައިދްގެ އަޑުއިވުނީ ނުހަނު ގާތުންނެވެ. ދެން ކުއްލިއަކަށް އޭނާގެ ނިތުގައި ޒައިދްގެ ތުންފަތް ޖައްސާލިކަން އިހުސާސްވިއެވެ. ވަގުތުން ޔާނީގެ އަތްފައި ފިނިވިއެވެ. ޔާނީއަށް ނިދިފައި އޮންނަ ކޮންމެ ދުވަހަކުވެސް ޒައިދް މިގޮތަށް ކަންތައް ކުރާނެބާއޭ އޭނާގެ ހިތަށް އެރިއެވެ. ޒައިދް ތެދުވެގެންގޮސް ފާހާނާއަށް ވަނުމުން ޔާނީ ދެލޯހުޅުވާލުމަށްފަހު ތެދުވިއެވެ. ޒައިދް ފާހާނާއިން ނުކުންނަންވާއިރަށް އަތްދިގު ޓީޝާޓަކާއި ޖީންސްއެއ ނަގާ އެނދުމަތީގައި ބޭއްވިއެވެ. އަދި އުފާވެރި ހިނިތުންވުމަކައިގެން ގޮސް ދޮރުފޮތިގަނޑު ކަހާލާ ބޭރަށް ނަޒަރު ހިންގާލިއެވެ. އުޑުމަތި ސާފުވެފައި ހިތްގައިމެވެ.

(ނުނިމޭ…)
ފަސްވަނަ ބައި

ނޯޓް: މިވާހަކަ ނިމެންދެން ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހަކު ވާހަކައިގެ ބައެއް ގެނެސްދެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.