ހިމޭން ކައުނު – ދެވަނަ ބައި

himeyn kaunu

ފުރަތަމަ ބައި

ޝިރާޒް ގެއަށް ވަދެ އައިސް އަލަމާރިން ފެން ފުޅިއެއް ނަގާ ތައްޓަކަށް އަޅައިގެން ބޯލިއެވެ. އޭދަފުއްޓަށް ވުރެ ވެސް ތުޅާދޫގެ ހޫނުކަން މާ ގަދަކަން އޭނާއަށް އިހުސާސް ކުރެވެއެވެ.

ކޮޓަރިއަށް ގޮސް ދަބަސް އެނދުމަތީގައި ބޭއްވުމަށް ފަހު ފެންވަރާލައިގެން ނަމާދުކޮށްލިއެވެ. އަދި ކާގެއަށް ގޮސް ކާލިއެވެ. މަންމަ ހުރީ އޭނާއަށް އަބަދުވެސް އެންމެ މީރު ކެއުން ތައްޔާރުކޮށްފައެވެ. ވަރަށް ސާދާ ކެއުމެކެވެ. ނަމަވެސް އެހާމެ މީރު އަދި ބަނޑަށް ލުއި ކެއުމެކެވެ. މެންދުރުފަހު ހަށިގަނޑަށް ލޮނޑުކަން ނުގެނެސްދޭ އެކަމަކު ހަކަތަ ލިއްބުވައިދޭ ކެއުމެކެވެ. ދިވެހި ކެއުމެވެ. ގަރުދިޔަ އާއި ބަތާއި މިރުހާއި ލުނބޯ އަދި ފިޔައެވެ. އޭނާއަށް ހާއްސަ ގޮތެއްގައި މީރީ އޭނާގެ މަންމަ ލޮނުމިރުސް ތައްޔާރު ކުރާ ގޮތެވެ. ނަމަވެސް އެ ފޯމިއުލާ އޭނާގެ މަންމަ އެހެން އެއްވެސް މީހަކާ ހިއްސާއެއް ނުކުރެއެވެ. މަންމަ ބުނަނީ އެއީ މަންމަގެ އަމިއްލަ ރެސިޕީއެއް ކަމަށެވެ. ޝެއާ ކުރަން ބޭނުން ނުވަނީ އެހެންވެ ކަންނޭނގެއެވެ.

ކައި ނިމިގެން އައިސް އެނދުމަތީގައި އޮވެ ފަނަރަ ވަރަކަށް މިނެޓު ނިދާލިއެވެ. އެއަށް ވުރެ ގިނައިރު ނިދިދާނެތީ ސްމާޓްފޯންގެ އަލާމް ވެސް އޮން ކޮށްލައިގެންނެވެ. އެހެން މީހުންނަށް ނޭނގުނަސް ޝިރާޒް ނެޓުން ވަރަށް ގިނަ މައުލޫމާތު ހޯދައެވެ. ނަމަވެސް އެކަން އޭނާ އެއްވެސް މީހަކަށް އަންގާކަށް ބޭނުމެއް ނުވެއެވެ. ވަރަށް ކުޑައިރުއްސުރެ ވެސް އޭނާއަށް ވިސްނުނީ މި ދުނިޔެއަކީ އެ ބުނާ ފިނިފެންމަލުގެ ދާނެއް ނޫން ކަމެވެ. މި ތާނގައި ވަރަށް ގޯސް މީހުން ވެސް އުޅޭ ކަމެވެ. ހަމައެކަނި ދުރުހިލޭ މީހުންނެއް ނޫނެވެ. އާއިލާގެ ތެރޭގަ އާއި ގާތް އަވައްޓެރިންގެ ތެރޭގައި ވެސް މެއެވެ.

މި ކަން އޭނާއަށް އެނގެން ފެށީ އިންޓަނެޓު ލިބެން ފެށުމުންނެވެ. ރާއްޖޭގެ ނޫހެއް ކިޔާލިއަސް، ބޭރުގެ ނޫހެއް ކިޔާލިއަސް، އޭނާއަށް ފެންނަން ފެށީ އޭނާގެ އުމުރުގެ ކުދިންނާއި އަދި އެއަށްވުރެ ކުޑަކުދިންނަށް ވެސް ޖިސްމާނީ އަދި ނަފުސާނީ އަނިޔާ ލިބެމުންދާ ތަނެވެ. އޭގެ ހިތި ނަތީޖާ އަކީ ބައެއް ކުދިން ސިކުނޑި ސަކަރާތްވެފައި ވާއިރު އަނެއް ބައި ކުދިން ވަނީ ދުނިޔެ ވެސް ދޫކޮށްފައި ކަމެވެ. ޝިރާޒް ގަބޫލު ކުރާ ގޮތުގައި ނަސީބު ގަދައީ ފަހުން މި ބުނި ކުދިންނެވެ. އެ ވޭނުގައި އުޅެން ނުޖެހި އަވަހަށް މި ތަނުން ދުރަށް ދެވުމުންނެވެ.

“ވެން ޔޫ އާ އިން ދަ ޖަންގަލް، އިޒް އިޓް ވައިސް ޓު ޝައުޓް އައުޓް؟” ޝިރާޒަށް އަމިއްލަ ނަފުސަށް މަޑުމަޑުން ބުނެވުނެވެ.

އޭނާ ފުރަތަމަ އެ އިބާރާތް ދުށީ އޭލިއަން ފިލްމްތަކަށް ޝައުގުވެރިވެ، އެ ކަމާ ގުޅޭ ގޮތުން ތަފާތު މައުލޫމާތުތައް ހޯދަމުން ދަނިކޮށެވެ. އެ އިބާރާތް ބުނެފައިވަނީ މިހާރު ވެސް ދުނިޔޭގައި ހުރި މަޝްހޫރު ސައިންޓިސްޓެއް ކަމަށްވާ ސްޓީވަން ހޯކިންއެވެ. އޭނާ އެހެން ބުނީ އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން މި ދުނިޔެ އޮންނަ ސޯލާ ސިސްޓަމުން ބޭރަށް ވޮޔެޖާ ނަމަކަށް ކިޔާ އުޅަނދެއް ފޮނުވުމުންނެވެ. އެ އުޅަނދުގައި ވަނީ އެހެން އާލަމެއްގައި އުޅޭ މަހުލޫގުން ނުވަތަ “އޭލިއަނު”ންނަށް އެ އުޅަނދު ފެނިއްޖެ ނަމަ، އަހަރެމެންގެ މި ދުނިޔެ ހޯދައިގެން މި ތަނަށް އާދެވޭނެ މަގު ދައްކައިދޭ މައުލޫމާތުތަކެވެ.

ބައެއް ސައިންސްވެރިން ބޭނުންވީ އޭލިއަން ފަދަ މަހުލޫގުންނާ ބައްދަލު ކުރަން ކަމަށް ވިޔަސް، ހަގީގަތް ބުނެދިނީ ސްޓީވަން ހޯކިންއެވެ. ސަބަބަކީ އެ ފަދަ އޭލިއަންތަކަކީ އިންސާނުންނަށް ހެޔޮކޮށް ހިތާނެ މަހުލޫގުންތަކެއް ކަމާމެދު އޮތީ ކޮން ޔަގީން ކަމެއް ހެއްޔެވެ؟ އަހަރެމެން އިންސާނުން އެކަކު އަނެކަކަށް އަނިޔާވެރިވަމުން ދާއިރު މިއީ ވިސްނާލަން ޖެހޭ ކަމެއް ނޫން ހެއްޔެވެ؟ އެހެންކަމުން “ޖަންގަލީގައި އުޅޭއިރު، އަޑު ގަދަ ކުރުމަކީ ބުއްދިވެރި ކަމެއް ހެއްޔެވެ؟” ސްޓީވަން ހޯކިން ސުވާލު ކުރީ މިހެންވެއެވެ. ސަބަބަކީ ޖަންގައްޔެއްގައި އެ މީހަކަށް ސަމާލުކަން ލިބޭ ފަދަ ކަމެއް ކޮށްފި ނަމަ، އެ މީހާ ކާލަން ނުވަތަ އެ މީހާ އަށް ހަމަލަ ދޭން އަންނާނީ ކިހާ ނުރައްކާތެރި ޖަނަވާރެއް ކަމެއް ވެސް ނޭނގޭނެ ނޫން ހެއްޔެވެ؟

މިހެންވެ، ޝިރާޒް ހަނދާން ހުންނަން ފެށީއްސުރެ ވެސް އޭނާ އުޅުނީ އޭނާގެ ހުރިހާ ކަމެއް ސިއްރު ކޮށްގެންނެވެ. އޭނާގެ ހުރިހާ ހުނަރެއް ފޮރުވައިގެންނެވެ. ފުރަތަމަ ވާހަކަ ދައްކަން ފެށީ ވެސް އުމުރުން ތިން އަހަރު ވުމަށް ފަހުއެވެ. އެއީ ވެސް އޭނާގެ ސިއްހީ މައްސަލައެއް ހުރިހެން ހީވެގެން އޭނާގެ މައިންބަފައިން ކަންބޮޑުވެގެން ޑޮކްޓަރަށް ދެއްކީމައެވެ. ނަމަވެސް އޭނާގެ އުމުރުން ފަސް އަހަރުގައި ބޮޑެތި މީހުން ފަދައިން އެއްވެސް ކުށަކާ ނުލާ ބޮޑެތި ޖުމްލަތައް އަމުނާލުމުގެ ހުނަރު އޭނާގައި ހުރިކަން ފާހަގަ ކުރެވިގެން އޭނާގެ އަވައްޓެރިއަކު އޭނާގެ މަންމަ ގާތުގައި އެއް ދުވަހަކު އެހެން ބުނި އަޑު އިވިގެން އޭނާ އޭގެ ފަހުން ހުށިޔާރުވިއެވެ. އޭނާގެ އެއްވެސް މޮޅު ކަމެއް އެހެން އެއްވެސް މީހަކަށް ނުދައްކާނެ ކަމަށް ނިންމިއެވެ. މީހުންގެ ސަމާލުކަން ހޯދަންވީ ކީއް ކުރަން ހެއްޔެވެ؟ އޭގެ ތެރެއިން ނުރައްކާތެރި މީހެއްގެ ސަމާލުކަން ލިބިއްޖެ ނަމަ، ޝިރާޒްގެ ހަޔާތް ބަނަ ކޮށްލަފާނެ ނޫން ހެއްޔެވެ؟

މިހެންވެ، އޭނާއަކީ ކަޅު އަދި އާދަޔާ ހިލާފަށް ހިކި ކުއްޖަކަށް ވާތީ އޭނާގެ “ހުތުރު”ކަމުގެ ވާހަކަ އަވައްޓެރިން ދެއްކިއަސް އެއީ ވެސް އޭނާއަށް ލިބުނު އެޑްވާންޓޭޖެއް ކަމަށް އޭނާ ދެކުނެވެ. އެ ކަމާ އޭނާ އުފާ ކުރަން ފެށިއެވެ. މިކަން އެންމެ ބޮޑަށް ފާހަގަވީ ސްކޫލް ދައުރުގައެވެ. ބުރަސޫރަ ރަނގަޅު ދޮން ފިރިހެންކުދިން ސްކޫލްގައި މަގުބޫލުވީމައެވެ. އެމެރިކާގެ ހައި ސްކޫލްގައި އުޅޭ “ޖޮކުން” ފަދައިން އެ ކުދިން ވެސް ސްކޫލްގައި މާ “ޕޮޕިއުލާ”ވީމައެވެ.

ނަމަވެސް އޭދަފުއްޓަށް ބަދަލުވެ ބ. އަތޮޅު ތައުލީމީ މަރުކަޒަށް ދާން ފެށި ފަހުން ޝިރާޒް ވަރަށް ފަރުވާތެރިކަމާއެކު ބިނާ ކުރަމުން އައި އޭނާގެ ޒާތީ ކައުނުގައި ރެނދުލާން ފެށީއެވެ. އެކަމަކު އެ ކަމާ އޭނާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އެއަކު އޭނާއަކަށް “ޗޮއިސް”އެއް ނެތެވެ. އެހެން ކުއްޖަކު، އަދި ހާއްސަކޮށް އެއްވެސް އާރެއްބާރެއް ރައްކާތެރިކަމެއް ނެތް އަންހެން ކުއްޖަކު ބުލީ ކުރާއިރު އޭނާއަކަށް މަޑަކުން ނުހުރެވޭނެ ނޫން ހެއްޔެވެ. ސަބަބަކީ އެއީ އޭނާގެ ޒަމީރު ގަބޫލު ކުރާ ކަމެއް ނޫނެވެ. ނަތީޖާއަކަށްވީ ނަފުސާގެ ހިމާޔަތަށް އަބަދު އަންނަން ފެށުމުން ސްކޫލްގެ އެހެން ކުދިންގެ ސަމާލު ކަމަށް ޝިރާޒް އައުމެވެ. އަދި އެއަށް ވުރެ ވެސް އޭނާ ކަންބޮޑުވާން ފެށީ އޭނާއަށް ސަމާލުކަން މި ލިބެން ފެށީ އެ ސްކޫލްގައި އުޅޭ ރަނގަޅު ކުދިންގެ ފަރާތުން ނޫން ކަމަށްވާތީއެވެ.

މިހެންވެ މި އަހަރު ނިމުމުން މާލެ އަށް ބަދަލުވެވޭނެތީ އެއްގޮތަކުން އޭނާ އުފާކުރެއެވެ. ނަމަވެސް އަނެއް ގޮތަކުން ބަލާއިރު ނަފުސާ އާ ވަކިވާން ޖެހޭތީ ވެސް ދެރަވެއެވެ. ހަޔާތަކީ އަބަދުވެސް “ޑައިލެމާ”އެކޭ އޭނާގެ ހިތަށް އެރިއެވެ. އަބަދުވެސް ކުރިމަތިވަނީ “ހޮބްސަންސް ޗޮއިސް”ތަކެވެ.

ސްކޫލްގެ އެއްވެސް ކުއްޖަކަށް އޭނާ މިހާތަނަށް ސަމާލުކަން ނުދިނީ، އޭގެ ތެރެއިން އޭނާ ގާތުން ދަންނަ ގިނަ ކުދިންނަކީ ވަރަށް “ޝެލޯ” ބަޔަކަށް ވާތީއެވެ. ފިރިހެން ކުއްޖެއް ނަމަ ދައްކާނީ ކޮންމެވެސް އައިޕެޑް ގޭމެއްގެ ވާހަކައެވެ. އަންހެން ކުއްޖެއް ނަމަ ދައްކާނީ ވަން ޑައިރެކްޝަން މިއުޒިކް ބޭންޑްގެ ޒައިން މާލިކުގެ ވާހަކައެވެ. ނަމަވެސް މި ފަދަ “ސުޕަފިޝަލް” ވާހަކަތައް ނުދައްކަނީ ހަމައެކަނި ނަފުސާއެވެ.

އެކަން ޝިރާޒަށް އެނގުނީ އޭނާ ނަފުސާ ސަލާމަތް ކޮށްދިން ފުރަތަމަ ދުވަހުއެވެ. އެ ދުވަހު ދެ މީހުން އެކުގައި ގެއަށް ދިޔަ މަގުމަތީގައި ނަފުސާ މުޅިން ވެސް ދެއްކީ ކިޔެވުމުގެ ވާހަކަ އާއި ކެރިއަރުގެ ވާހަކައެވެ. މި ކަމުން ޝިރާޒަށް އެނގުނީ އެ އުމުރުގައި ވެސް ނަފުސާއަކީ ދިރިއުޅުމާމެދު ވަރަށް ސީރިއަސް ކުއްޖެއް ކަމެވެ. ހަޔާތް ބޭކާރު ނުކޮށްލާނެ ކުއްޖެއް ކަމެވެ. މިހެންވެ ޝިރާޒްގެ ދުނިޔަވީ ކުރު ހަޔާތުގެ އަގުބޮޑު ވަގުތުގެ ތެރެއިން ވަގުތުކޮޅެއް ނަފުސާއަށް ދިނުމަކީ ހަމަޖެހޭ ކަމެއް ކަމަށް ޝިރާޒް އަށް ގަބޫލު ކުރެވެން ފެށިއެވެ. ފަހުން ވާނެ ގޮތެއް ނޭނގުނު ނަމަވެސް މަންމަ އާއި ބައްޕަ އެ އުޅޭ ހަމަޖެހޭ ދިރިއުޅުން ފެނިފައި އެ ފަދަ އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހުވަފެން ޝިރާޒް ވެސް އުމުރުން ތޭރަ އަހަރުގައި ދެކެން ފެށެވިފައި އޮތުމުންނެވެ. އަދި ނަފުސާ ކަހަލަ ކުއްޖަކު މަދުވާނެތީ މި ދުނިޔެމަތިން މާގިނަގިނައިން އެ ކަހަލަ އަގުހުރި އިންސާނަކާ ދިމާ ނުވާނެކަން ޔަގީން ވާތީއެވެ.

ޝިރާޒް ވިސްނާލިއެވެ. ނަފުސާ އާއެކު އޮތް ރަހްމަތްތެރިކަން އިތުރަށް ހަރުދަނާ ކުރެވޭނީ ކިހިނެތް ހެއްޔެވެ؟

އިރުކޮޅެއް ނުވަނީސް އޭނާއަށް ވިސްނުމެއް އައެވެ. ދެން އޭނާ ފޯން ނެގިއެވެ. ނަފުސާގެ ނަންބަރަށް ގުޅާލިއެވެ.

“ހަލޯ،” ނަފުސާ ބުނި އަޑު އިވުނެވެ.

“ހަލޯ،” ޝިރާޒު ވެސް ބުންޏެވެ. ދެން ފުން ނޭވާއެއް ލުމަށް ފަހު އެހިއެވެ: “އަހަރެން ނަފުސާއަށް މެތްސް ކިޔައިދޭން ކޮންމެ ދުވަހަކު ހަވީރު ތިގެއަށް އަންނަންތަ؟” (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.