ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

ހަތްވަނަ ބައި

ގޯތިތެރޭގައިވާ މާގަސްތަކަށް ފެންދިނުމުގައި ނާޒް ހަރަކާތްތެރިވަމުން ދިޔައެވެ. ގަސްހެއްދުމަކީ ނާޒް ވަރަށް ކުރާހިތްވާ ކަމެކެވެ. އަމިއްލަ ދަރިންބަލާ ފަދައިން ކޮންމެދުވަހަކުވެސް ނާޒް ގަސްތަކުގެ ހާލަތު ބަލާ ހަދައެވެ. އޭރު ޝިޔާޒް އިނީ ކޮފީތައްޓެއް ހިފައިގެން ފޯނުން ކޮންމެސް މީހަކާ ވާހަކަ ދައްކާށެވެ. “މޯނިންގް” ހެނދުނުގެ ދުވުމަށްފަހު ގޭތެރެއަށް ވަދެގެންއައި ޒައިދްް ބުނެލިއެވެ. ޒައިދަކީ އޭނާގެ ހަށިގަނޑަށް ވަރަށް ސަމާލުކަންދޭ މީހެކެވެ. އޭނާގެ ކޮންމެ ދުވަހެއްވެސް ފެށޭނީ ކަސްރަތުންނެވެ. “ދަރިފުޅާ! ތިދެކުދިންގެ ހަނީމޫން ދަތުރު ބައްޕަ ހަމަޖައްސާނަން، އެކަމަކު ދާނެ ވަކި ތަނެއް ކަނޑައަޅާނީ ތިދެކުދިން” ޒައިދް އައިސް އޭނާގެ ބައްޕަ ކައިރީގައި އިށީނދެލުމުން ޝިޔާޒް ބުނެލިއެވެ. އޭރު ޔާނީ އާއި ތާރާވެސް އެތަނަށް އައިސް ވަދެއްޖެއެވެ. “ބައްޕަ ކޮންތާކަށް ދުރުވާ ވާހަކަތޯ ތިދައްކަވަނީ؟” ތާރާ އޭނާގެ ބައްޕައާއި ސުވާލު ކޮށްލިއެވެ. “ބައްޕަ އެބުނުއްވީ ދޮންބެމެންގެ ހަނީމޫން ދަތުރުގެ ވާހަކަ” ނާޒްވެސް މަސައްކަތް ހުއްޓާލުމަށްފަހު އައިސް އެތަނުގައި ހުއްޓުނެވެ. “އެހެންތަ؟ ދޮންބެދައްތާ އަހަރެން ބުނާ ތާކަށް އިނގޭ ދާނީ” ތާރާ އޭނާގެ ހިޔާލު ފާޅުކުރަން ފެށިއެވެ. “އޯ ހެލޯ! ހަނީމޫން ދަނީ ދޮންބެ އާއި ދޮންބެދައްތައޭ، ނޮޓް ޔޫ އިޑިއަޓް” ޒައިދް އުޅުނީ ތާރާ ރުޅިއަރުވާލާށެވެ. “ހޫމް އޯކޭ ފައިން!” ތާރާ ތުން ދަމާލިއެެވެ. މިމަންޒަރު ފެނިފައި އެންމެން އެއްފަހަރާ ހޭން ފެށިއެވެ. ނަމަވެސް ޔާނީ އިނީ ކުޑަކޮށް ލަދުންނެވެ.

ހެނދުނުގެ ސަޔަށްފަހު ޔާނީ ކޮޓަރިއަށްވަދެ އޭނާގެ ހެދުންތަކާއި އެހެނިހެން ސާމާނުތައް ދަބަހުން ނަގާ އަތުރަން ފެށިއެވެ. ޒައިދްގެ ކޮޓަރިއަށް ބަދަލުވިފަހުން އަދި އެމަސައްކަތް ހުރި ނުކުރެވިއެވެ. ކުއްލިއަކަށް މީހަކު އައިސް ދެއަތުން ޔާނީގެ އުނަގަނޑު ވަށާލިއެވެ. ޔާނީ ހަޅޭލަވައިގަންނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް އެމީހަކު މާ ހުށިޔާރެވެ. ޔާނީގެ އަނގަމަތީ އަތްއަޅާ އޭނާއާ ވީ ފަރާތަށް އަނބުރާލިއެވެ. އެވަގުތު ޔާނީގެ އަތުން ޖެހިފައި މާޖަހާފައި ހުރި ބިިއްލޫރި ވާސް ވެއްޓި ތަޅައިގެން ދިޔައެވެ. ޔާނީގެ ދެލޯ ބޮޑުވެ ނޭވާ ހިފަހައްޓައި ލެވުނެވެ. “ސާބަސް ކިރިޔާއެއްނު ބިރުންގޮސް ހިތް ނުހުއްޓުނީ. ކީއްވެތަ ގޮވާނުލާ ތިވަނީ” ކުރިމަތީ ހެވިފައިހުރި ޒައިދް ފެނިފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. “މީ އަހަރެންގެ ކޮޓަރި ތީއހަރެންގެ އަންހެނުން، ދެން ކީއްކުރަންތަ ގޮވާ ހުއްދަ ހޯދަންވީ؟” ޒައިދް އިތުރަށް ޔާނީ ގާތް ކޮށްލުމަށްފަހު މޫނުގައި އިނގިލި ހިންގާލިއެވެ. ޔާނީއަށް ދެލޯމަރާލެވުނެވެ. “ދަރިފުޅާ ކިހިނެއްވީ؟ ކޮން އަޑެއް އެއިވުނީ؟” އިވުނު އަޑުފައްގަނޑާއެކު އެންމެން ދުވެފައި ޒައިދްގެ ކޮޓަރިއަށް އައިސް ވަނެވެ. ޒައިދް ވަރަށް ހާސްވެއްޖެއެވެ. މަންމަމެން ކައިރީގައި ބުނާނީ ކީކޭ ހެއްޔެވެ؟ ޒައިދްގެ ސީރިއަސްކަން ފެނިފައި އެތެރެއަށް ހިނިގަނޑު ހިންދާލައިގެންނެވެ. “ތެދެއް ޒައިދް މަންމައަށް ކިޔާދީބަލަ ވީގޮތް” ޔާނީ މިހެންބުނުމުން ޒައިދް އިހުނަށްވުރެ ބޮޑަށް ކަންބޮޑުވިއެވެ. “މަ.. މަންމާ! އެ.. އެއީ ކޮޓަރިއަށް ކުރަތްޕެއް ވަނީ، ދެން ޔާނީ ބިރުން ދުވަނިކޮށް އަތުންޖެހިފައި ވާސް ވެއްޓި ތެޅުނީ” ޒައިދް ވަގުތުން ވާހަކައެއް ހަދާލިއެވެ. އޭރުވެސް މީހާ ތުރުތުރު އަޅަނީއެވެ. ކަންތައްވީގޮތް އެނގުމުން އެންމެން ނުކުމެގެން ދިޔުމުން ޒައިދް ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. ހީވީ ދުވަހަކުވެސް ނޭވާ ނުލާ ހުރިހެނެވެ. “ކުރަފި؟ ރިއަލީ؟ ތީދޯމިތަނަށް ވަތް ބޮޑު ކުރަފި؟” ޔާނީގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ޔާނީ ޕްލީޒް ދެން ދިމާނުކޮށްބަލަ، އެގަޑީގަ ހިތަށް އެރި އެއްޗެއް ބުނެވުނީ” ޒައިދް ހުރި ކުޑަކޮށް ލަދުގެންފައެވެ. ކުއްލިއަކަށް ޒައިދްގެ ފޯން ރިންގްވާން ފެށިއެވެ. ޒައިދް ފޯން ނަގާ ވާހަކަ ދައްކަން ފެށިއެވެ. ކުޑައިރުކޮޅަކު ވާހަކަ ދައްކަން ހުރުމަށްފަހު ޒައިދް ފޯން ބޭއްވިއެވެ. ގުޅީކާކުތޯ ޔާނީ ސުވާލުކޮށްލުމުނުން ޖަވާބުގައި ޒައިދް ބުނީ ގުޅި އޮފީސް ކުއްޖެއް ކަމަށާއި އެމީހުން އޮފީހުގައި ކެއުމެއް ބާއްވައިގެން އުޅޭ ކަމަށެވެ. ޔާނީ އެންމެ ރަނގަޅޭ ބުނުމަށްފަހު ދެންހުރި މަސައްކަތްތަކައިގެން ކުރިއަށް ދިޔައެވެ.

ޒައިދް އާއި ޔާނީގެ ޒަވާޖީ ހަޔާތް ވޭތުވަމުން ދިޔައީ ވަރަށް އުފަލުގައެވެ. ޒައިދް އެންމެ ހިނދުކޮޅަކަށްވެސް ޔާނީ އެކަނިވިޔަަކަ ނުދެއެވެ. މުޅިދުވަސް އެެއްކޮށް ހޭދަވެގެން ދަނީ ދެމީހުން އެކުގައެވެ. ޔާނީއަކީ ޑައިރީ ލިޔާ މީހެއްކަމުން އޭނާ ދިޔައީ މިހުރިހާ އުފާވެރި ވާހަކަތަށް އޭގައި ލިޔެ ރައްކާ ކުރަމުންނެވެ. އޭނާގެ މުޅި ހަޔާތް އޭގައި ވަނީ ލިޔެވިފައެވެ. އެއީ ޔާނީގެ މުޅި ދިރިއުޅުމެވެ. އޭނާގެ ކުޑައިރުގެ ހަނދާންތަކުން ފެށިގެން އޭނާ ދެކެމުން އަންން ހުވަފެންތަކާ ހަމައަށް އޭގައި ވެއެވެ. އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ޔާނީ އުޅުނީ ބަދިގެ ތެރޭގެ މަސައްކަތުގައެވެ. ގޭގައި ނޫކަރުން ތިއްބެއް ކަމަކު ގޭތެރޭގެ މަސައްކަތް ނުކޮށް ހުންނާކަށް ޔާނީއަކަށް ފަސޭހައެއްނޫނެވެ. ވަޒީފާއަކަށް ނުދާތީ ހުސްވަގުތުގެ ބޭނުން ހިފުމުގެ ގޮތުން އޭނާ ގޭތެރޭގެ މަސައްކަތުގެ އިތުރުން ފެހުމުގެ މަސައްކަތް ކުރެއެވެ. އެއީ ޔާނީ އަބަދުވެސް ވަރަށް ކުރާހިތުން ކުރާ ކަމެކެވެ. ޒައިދް ދުވެ ނިންމާލުމަށްފަހު ފެންވެރުމަށްޓަކައި ކޮޓަރިއަށްވަދެ ތުވާލީ ނަގައިގެން ފާހާނާއާ ދިމާލަށް ދާން ހިނގައިގަތް ވަގުތު ލޮލުގައި އަޅައިގަތީ ޑްރެސިންގ ޓޭބަލް މަތީގައި އޮތް ޔާނީގެ ޑައިރީއެވެ. ޔާނީ ޑައިރީ ލިޔާކަން ޒައިދަށް އިނގެއެވެ. އެކަމަކު ދުވަހަކުވެސް ޒައިދް އެއާ ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. އޭނައަށް އެނގިފައިއޮތް ގޮތުގައި މީހުންގެ ޑައިރީ ކިޔުމަކީ ވަރަށް ގޯސް ކަމެވެ. ނަމަވެސް ޒައިދް މިފަހަރު ބޭނުންވީ ޑައިރީ ކިޔާށެވެ. ކީއްވެކަމެއް ނުވިސްނުނެވެ. ފަހަރެއްގައި ޒައިދް އިތުރަށް ޔާނީ އެނގެން ބޭނުންވަނީ ކަންނޭގެއެެވެ. އެއްކޮނޑަށް ތުވާލިއެއްލައިގެން އެނދުމަތީގައި އިށީނދެ ޒައިދް ޑައިރީ ހުޅުވާލިއެވެ. “ކަލާރސް އޮފް ލައިފް” ފުރަތަމަ ސަފްހާގައި ވަނީ މިލިޔުންކޮޅު ވަރަށް ރީތިކޮށް ފަވާލެވިފައެވެ. މާނައަކީ މީގައިވަނީ ޔާނީގެ ހަޔާތުގެ ތަފާތު ކުލަތަކެވެ. ޒައިދް އިތުރަށް ޝައުޤުވެރިވިއެވެ. އެހެންވެ ޖެހިގެން އޮތް ސަފްހާއަށް ނަޒަރު ހިންގާލިއެވެ. ޑައިރީ ފެށިގެން ދިޔައީ ޔާނީގެ ސްކޫލް ދައުރުންނެވެ. ލިޔެފައިވާެ ފަށުވި އިބާރާތްތަކުން އޭނާއަކީ ދިވެހި ބަހުގެ ބަސްކޮށާރަށް ވަރަށް ފަރިތަ އަދި އެހާމެ ފަންނުވެރި މީހެއްކަން ޔަގީނެވެ. އޭރު ޔާނީއަކީ ކިޔެވުމަށް ވަރަށް މޮޅުކުއްޖެކެވެ. އޭނާއަށް ލިބިފައިވާ ކާމިޔާބީތަކަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ. ޔާނީއަކީ އޭރުގެ ސްކޫލް ކެޕްޓަނެވެ. ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުން މުޅި ސްކޫލުންނާއި މުޅި ރާއްޖެއިން އެއްވަނަ ހާސިލް ކުރި ދަރިވަރުންގެ ތެރޭގައިވެސް ޔާނީގެ ނަންވަނީ ވިދާލާފައެވެ. ދެން އޮތީ ޔާނީގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ އެވެ. އޭނާގެ މަންމަގެ އެކަނިވެރިކަމާއި ބައްޕަ ނެތުމުން ކުރާ ހިތާމައިގެ ވާހަކައެވެ. ކޮންމެ ރެއަކު މަންމަގެ އުނގުގައި ބޯއަޅާލައިގެން އޮވެ އަހަމުންދިޔަ މަންމަގެ ނިޔަނެތި އަޑުން ކިޔާދޭ ނާނާގެ ވާހަކައެވެ. ފުރާވަރުގެ ހަނދާންތަކެވެ.

ހުއްޓުމެއްނެތި ޒައިދް ޑައިރީ ކިޔަމުން ދިޔައެވެ. ދުނިޔެމަތީގައިވާ އެހެން ހުރިހާ ކަމެއް ހަނދާން ނެތިފައިވާ ކަހަލައެވެ. ޑައިރީ ކިޔަމުން ދަނިކޮށް ދެން ފެނުނީ މުޅިން ތަފާތު އެއްޗެކެވެ. ޔާނީ އެންމެ ކުރަން ބޭނުންވާ ކަންތައްތަކެވެ. އޭނާގެ ހުވަފެންތަކެވެ. ޒައިދް އަނެއްކާވެސް ކިޔުމައިގެން ކުރިއަށް ދިޔައެވެ. އިރުކޮޅަކުން މީހެއްގެ ހިލަމެއް ވާހެން ހީވިއެވެ. ޒައިދް އަވަސް އަވަހަށް ޑައިރީ ލައްޕާލުމަށްފަހު އޮތް ތަނުގައި ބާއްވާފައި ފާހާނާ ތެރެއަށް ދެމިގަތެވެ. ދޮރު ހުޅުވާލާފައި އެތެއަށް ވަނީ ޔާނީއެެވެ. ޒައިދް ސަލާމަތްވީ ހަމަ ކިރިޔާއެވެ. ޔާނީ އެތެރެއަށްވަދެ އެނދުތަންމަތި ނަގާ ރީތިކޮށްލިއެވެ. ކުއްލިއަކަށް ހަނދާންވީ އޭނާގެ ޑައިރީ ބާއްވާފައި ބޭރަށް ދެވުނު ކަމެވެ. އަވަހަށް ތެދުވެ ކޮޓަރިތެރެ ހޯދަންފެށިއެވެ. ހީވީ ޖަވާހިރެއް ގެއްލިގެން އުޅޭ ހެނެވެ. ޑައިރީ ބޭއްވިތަނުގައި އޮއްވާ ފެނުމުން ޔާނީއަށް ފުން ނޭވާއެއް ދޫކޮށްލައި ދެލޯމަރާލެވުނެވެ. ފާރުގައި ދެއަތް ވިއްދާލައިގެހުރެ ޒައިދް ވިސްނަމުންދިޔައީ ޔާނި ލިޔެފައިވާ ވާހަކަތަކާ މެދުއެވެ. ފެންތިކިތައް ބޮލުންފެށިގެން ކަސްރަތީ ހަށިގަނޑުންލާފައި ތިރިއަށް ފައިބަމުންގޮސް ފެނުގެ ކޯރެއް އުފައްދަމުން ދިޔައެވެ. ޔާނީގެ ދިރިއުޅުމުގައި ހަދަ ފޮނި އުއްމީދުތަކެއް ކޮއްފައިވެއެވެ. މިހުރިހާ ކަމެއް ހަޤީޤަތަކަށް ހަދައިދޭން ޒައިދް ބޭނުންވިއެވެ. ހަމަ ޔަޤީނުންވެސް ޒައިދް މިކަންތައް ފުރިހަމަ ކޮށްދޭނެއެވެ. ތަނަވަސް ސިޓިންރޫމްގައި ހުރި ސޯފާގައި ކަޅުކުލައިގެ އަތްކުރު ޓީޝާޓަކާއި ފްލޯރަލް ހަރުވާޅެއް ލައިގެން ތާރާ އޮތެވެ. އެއް އަތުން މޭބިސްކަދުރު ތައްޓަކާއި އަނެއް އަތުން ޓީވީ ރިމޯޓް ހިފައިގެން ތާރާ އޮތީ ޓީވީން ދައްކަމުންދިޔަ ފިލްމަކަށް ގެއްލި ހުސްވެފައެވެ. އަޅާފައިވާ އައިނުގެ ތެރެއިންވެސް އޭނާގެ ބޮޑުދެލޯ ފެންނަލެއް ނިކަން ރީއްޗެވެ. ކޮލެޖް ނިންމާފައި ގެއަށް އައުމަށްފަހު ސިކުނޑި ތާޒާކޮށްލުމަށްޓަކައި ކޮންމެ ދުވަހަކުވެސް ފިލްމެއް ބެލުން އެއީ ތަރާގެ އާދައެވެ. “ހެލޯ ޗަޝްމިޝް” ޒައިދް އައިގޮތަށް އައިސް ތަރާ ގާތަށް ސޯފާއަށް ވެއްޓިގަތެވެ. “ދޮންބެ ޕްލީޒް މިގަޑީގަ އުނދަގޫ ނުކޮށްބަލަ” ފިލްމަށް ގެއްލިފައި އިން ތާރާ ވަރަށް ސީރިއަސް ރާގަކަށް ބުނެލިއެވެ. “މިހާރު ހާދަ ފިޓޭ ދޯ މީނަ، ދެން ވަރަށް ރީތި އިނގޭ” ޒައިދްގެ ފަރާތުން ތައުރީފުގެ ބަހެއް ތާރާއަށް ރައްދުވަނީ ވަރަށް މަދު ފަހަރަކުއެވެ. ޒައިދްގެ ކަމަކަށް އޮންނާނީ އަބަދުވެސް ތާރާއާއި ދިމާކޮށް އޭނާ ރުޅިއެރުވުމެވެ. ނަމަވެސް އޭގެ ފަހަތުގައިވަނީ ބޭބެއަކާއި ކޮއްކޮއެއްގެ ލޯތްބެވެ. ތާރާ ހައިރާންވެހުރެ ޒައިދް އާއި ދިމާލަށް ބަލާލިއެވެ. “އޯ ޕްލީޒް! ޑޯންޓް އެކްޓް ސްމާޓް، ތާ އަށް އިނގޭ ތިއުޅެނީ ކޮންމެހެން ތާ ފިޓްވެގެން ނޫންކަން. ތިބޭނުންވެގެން އުޅޭ ކަމެއް ބުނެބަލަ” މިފަހަރު ޒައިދް މަޅީގައި ޖެހުނީއެވެ.

ޒައިދް ވަރަށް ނޫންކަމަށް ހެދިފައި ބޯކަހާލިއެވެ. ނަމަވެސް ތާރާ ދުލެއް ނުދިނެވެ، ވަރު ވަރުން އަހަމުން ދިޔައެވެ. ތާރާ ގާތުން ކުރިނާރާނެކަން ޔަޤީންވުމުން ޒައިދް އަމާން ދިނެވެ. އަދި މާދަމާއަކީ ޔާނީގެ އުފަންދުވަސްކަމާއި އޭނާއަށް ސަޕްރައިޒްއެއް ދޭން ބޭނުންވާ ވާހަކަ ބުނެލިއެވެ. “އޯހޯ! ދޮންބެ ކޮންއިރަކުތަ ތިހާ ރޮމޭންޓިކްވީ؟ ހެހެ.. އޯކޭ ތިކަމުގަ ދޮންބެއަށް ހެލްޕް ވާނަން، އެކަމަކު ބަދަލުގަ ދޮންބެ ޖެހޭނެ ތަ ބުނާ ކަމެއް ކޮށްދޭން” ތާރާ ވަގުތުގެ ބޭނުން ހިފާލީ އެންމެ ފުރިހަމަ ގޮތުގައެވެ. “ހޫމް އެންމެ ރަނގަޅޭ! ބުނިކަމެއް ކޮށްދޭނަން މަގޭ ރަންކޮޅާ!” ޒައިދް އެއްބަސްވުމުން ތާރާ ހިނިގަނޑެއް ޖަހާލިއެވެ. ރޭގަނޑުވުމުން ފެންވަރާ ނަލަހެދިގެން ތާރާ ނުކުތީ ޒައިދްގެ އެދުމުގެ މަތިން ޔާނީ ގޮވައިގެން ބޭރަށް ދިއުމަށެވެ. މަޑުހިނގުމެއްގައި ގޮސް ދެމީހުން މަގުމައްޗަށް ނުކުތެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތުކަމުން މަގުމަތީގައި ވަރަށް މީހުން ގިނައެވެ. ފިހާރައަކަށް ފަހު ފިހާރައަކަށް ވަންނަމުން ތާރާ ދިޔައެވެ. ކޮންމެ ފިހާރައަކަށް ވަދެފައިވެސް އެހާ ގިނައިރުވެއެވެ. ތާރާ އެއްވެސް އެއްޗެއް ނުގަނެ ފިހާރަތަކަށް ވަންނަމުން ނުކުންނަމުން ދިޔުމުން ޔާނީ ސުވާލުވެސް ކުރިއެވެ. ޖަވާބަކަށްވީ އޭނާއަށް ކަމުދާ އެއްޗެއް ނުފެނުމެވެ. ނަމަވެސް އެއާ ޚިލާފަށް ހަޤީޤަތަކީ ތާރާ އިންތިޒާރު ކުރަމުން އެދަނީ އޭނާގެ ދޮންބެގެ މެސެޖަކަށެވެ. އެވަގުތު ގޭގައި އިތުރު މީހަކު ނެތުމުން ޒައިދް ކުރަންއުޅޭ މަސައްކަތް ކުރުމަށް ވަރަށް ފަސޭހަވިއެވެ. އެކިވަރުގެ އެއްބައްތިތަކާއި ފުއްޕާހަންތައް ހިފައިގެން ކޮޓަރިއަށް ވަދެ މަސައްކަތް ފެށިއެވެ. އެއްވެސް ކަމެއްގައި އުނިކަމެއް ހުންނާކަށް ޒައިދް ބޭނުމެއް ނޫނެވެ. އެހެންވެ އޭނާ މަސައްކަތް ކުރަމުން ދިޔައީ އެންމެ ފުރިހަމަ އަށެވެ. މިއިންވެސް އެނގެނީ ޒައިދް ޔާނީ ދެކެވާ ލޯބީގެ މިންވަރެވެ. މާލޭގެ މަގުތަށް ހަލަބޮލިކަމުން ހިނގާފައި އުޅެން ޔާނީ ވަރަށް ބިރުގަނެއެވެ. ސައިކަލްތައްވެސް ރޫސްލާފައި ދުއްވާފައިދާއިރު ހީވަނީ ދާންއުޅޭ މަންޒިލް ގެއްލިދާނެތީ އުޅޭހެނެވެ. މަގުމަތީގެ ޤަވާއިދުތަކަށް ބޯލަނބާ މީހަކު އިނގިލިން ގުނާލެވެހާ މަދޭ ބުންޏަސް ރަނގަޅުވާނެއެވެ. ކޮންމެ މީހަކުވެސް ދުވެލި މަޑުކޮށް ފުރާނަ ސަލާމަތްކުރަން ހިތަށްއަރަނީ މަރުގެ ތުންފަތް މައްޗަށް އެރުމުންނެވެ. ވަގުތު ފާއިތުވުމުންނެވެ. “އައުޗް” އެއްލެމުން ހޫރެމުން އައި މީހަކު ޔާނީގެ ގައިގައި ޖެހިފައި ތަތްވި ކަހަލައެވެ. އެމީހާ ހުރި މުޑުދާރު ސިފައިގެ އިތުރުން ގައިން ދުވި ސިނގިރޭޓުވަހުން ޔާނީ މޭނުބައިކުރާ ގޮތްވިއެވެ.

(ނުނިމޭ…)
ހަވަނަ ބައި

ނޯޓް: މިވާހަކަ ނިމެންދެން ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހަކު ވާހަކައިގެ ބައެއް ގެނެސްދެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.