ރޯޔަލް ބަލިކޮށް، ދުސިތުގެ ފެށުން ރަނގަޅު ކޮށްފި

ރޯޔަލް އައިލެންޑް ރިސޯޓް އާއި ދުސިތު  ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ / ޒަޔާން
ރޯޔަލް އައިލެންޑް ރިސޯޓް އާއި ދުސިތު ބައްދަލުކުރި މެޗުގެ ތެރެއިން — ފޮޓޯ / ޒަޔާން

 

ސީސީ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ގުރޫޕް ބީގެ މެޗުގައި، ރޯޔަލް އައިލެންޑް ރިސޯޓް ބަލިކޮށް ދުސިތު ތާނި މޯލްޑިވްސް އިން އެޓީމުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

2-0 ގެ ނަތީޖާއަކުން ދުސިތު މޮޅުވި މި މެޗުގައި އެޓީމުގެ ދެގޯލު ވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ ފުރަތަމަ 10 މިނިޓުތެރޭގައެވެ. މި ދެ ގޯލު ވެސް ޖަހައިދިނީ ޓީމުގެ ކެޕްޓަން، އަބްދުލް ސަލާމެވެ.

މެޗުގެ ފުރަތަމަ ފަނަރަ މިނިޓާ ހަމަޔަށް ދުސިތުގެ ޓީމު ވަރުގަދަޔަށް ކުޅެ، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އޭގެ ފަހުން ދެޓިމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައެވެ.

ދެވަނަ ހާފު ފެށިގެން ދިހަވަރަކަށް މިނިޓު ރޯޔަލްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ ނަމަވެސް އޭގެ ފަހުން ފެނިގެން ދިޔައީ، އަނެއްކާވެސް ދުސިތުން މެޗުގެ ކޮންޓްރޯލް ނެގިތަނެވެ. ދުސިތުން މިހާފުގައި ގިނަ ހަމަލާތަކެއް އުފައްދައި، ލީޑު ފުޅާކުރަން މަސައްކަތް ކުރި ނަމަވެސް އެޓީމުން އުފެއްދި ހަމަލާތައް ގޯލާ އަމާޒުކޮށްލެވިފައެއް ނުވެއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ، ދުސިތުގެ ދެލަނޑު ވެސް ކާމިޔާބު ކޮށްދިން، އަބްދުލް ސަލާމެވެ.

މާދަމާ ކުޅޭނީ ގުރޫޕް އޭގެ އެންމެ ފަހު މެޗެވެ. މިމެޗުގައި ބައްދަލުކުރާނީ، އަމިއްލަ ފުށްޓާއި ލަނޑާ ގިރާވަރެވެ. މުބާރާތުގެ ސެމީފައިނަލަށް ދިޔުމަށްޓަކައި މިމެޗު ވެގެންދަނީ ދެޓީމަށް ވެސް ކާމިޔާބުކުރުން ވަރަށް މުހިއްމު މެޗަކަށެވެ.

ގުރޫޕް އޭގައި ހިމެނޭ ކިހާދު މޯލްޑިވްސް ކުޅުނު ދެމެޗުން ވެސް މޮޅުވެ، 6 ޕޮއިންޓާއެކު ގުރޫޕް އެއްވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގައެއް ހޯދައިފައި ވާއިރު، އަމިއްލަފުށްޓާއި ލަނޑާ ގިރާވަރަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ސެމީގެ ޖާގައެއް ލިބިގެން ދާނީ، ކޮންމެ ގުރޫޕެއްގެ ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.