ހިމޭން ކައުނު – ތިން ވަނަ ބައި

himeyn kaunu

ދެވަނަ ބައި

އޭދަފުށީ ބަނދަރުގައި އޮތް ބޮޑު ލޯންޗަށް މީހުން އަރަން ފެށިއެވެ. އިސާހިތަކު ޝިރާޒަށް ވެސް އަރަން ޖެހޭނެއެވެ. އޯ ލެވެލް ނިންމާފައި މާލެ ދާ ދުވަސް އައީއެވެ. ވަގުތަކީ އެއްވެސް މީހަކަށް ހުއްޓޭނެ ގުދުރަތީ ބާރެއް ނޫނެވެ.

ބަނދަރުމަތީގައި ނަފުސާ ހުރީ ފެންކަޅިވެފައެވެ.

ކޮނޑުގައި އެންމެ ދަބަހެއް އަޅުވާލައިގެއިން އޭނާގެ ގާތުގައި ޝިރާޒް ވެސް ހުއްޓެވެ. ގެންދާކަށް މާ ގިނަ އެއްޗެއް ނެތެވެ.

ޝިރާޒު ވެސް ހުރީ ފެންކަޅިވެފައެވެ.

ޝިރާޒް ފުރާތީ ޝިރާޒްގެ މަންމަ އާއި ކޮއްކޮ ޝަޒްރާގެ އިތުރުން ނަފުސާ އާއެކު ނަފުސާގެ މަންމަ އާއި ކޮއްކޮ ނަފީސް ވެސް އައިސް ހުއްޓެވެ.

ޝިރާޒްގެ މަންމަގެ މޫނުމަތީގައި ހިތާމައިގެ އަސަރު ހުއްޓެވެ.

ނަފުސާގެ މަންމަ ވެސް ހުރީ ހިމޭންވެފައެވެ.

މި އަހަރު ދިޔަ ގޮތް ވެސް ނޭނގެއެވެ.

ޝިރާޒް ކިޔަވައިދޭން ފެށި ފަހުން ނަފުސާ މެތްސް އަށް ވަރަށް މޮޅުވިއެވެ. ހުރިހާ ޓާމެއްގައި ވެސް ނުވަ ދިހަ އަށް ވުރެ މަތިން މާކްސް ލިބުނެވެ.

މިހެންވެ ހިސާބު އިލްމް ވަރަށް ބޮޑަށް ބޭނުން ކުރަން ޖެހޭ ފިޒިކްސް އަށް ވެސް ނަފުސާ މޮޅުވިއެވެ. އަދި ޝިރާޒް ބުނި ފަދައިން ދުވަސްވީ ވަރަކަށް ނަފުސާ އަށް ކެމިސްޓްރީ ވެސް ފަރިތަވާން ފެށިއެވެ. ކުރިން ފޯމިއުލާއެއް ފެނިފައި އެވާ ހާސްކަން މިހާރު ނާދެއެވެ.

ބަނދަރު މައްޗަށް އައި ފަހުން ޝިރާޒް ވެސް ނަފުސާ ވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. ދެން ދެ މީހުން އެހާ ގިނައިން ދިމާ ނުވާނެތީ ތިބީ ވަރަށް ދެރަވެފައެވެ.

ނަފުސާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ހުސް ކަމެއް އުފެދުނެވެ. އެކަނިވެރިކަމަކީ ކިހާވަރެއްގެ ކަމެއްކަން ނަފުސާއަށް އިހުސާސް ކުރެވެން ފެށިއެވެ. އަދި ވަކިން ދެރަވީ އެއްވެސް ތިމާގެ މީހަކާ ނުލައި، މާލޭގައި ހުންނަ ޝިރާޒްގެ ބައްޕަގެ ރައްޓެއްސެއްގެ ގޭގައި ހުންނަން ޝިރާޒް ދާތީ އޭނާ އެކަނިވާނެވަރު ހިތަށް އަރައިފައެވެ.

ޝިރާޒް ގޮސް އޭނާގެ މަންމަ ގައިގައި ބައްދާލިއެވެ. އަދި ޝަޒުރާގެ ގައިގަ ވެސް ބައްދައިލިއެވެ.

ދެން ނަފުސާގެ މަންމަ އާއި ސަލާން ކޮށްލާފައި އައިސް ނަފުސާގެ ކުރިމައްޗަށް ހުއްޓުނެވެ.

“ދަނީ،” ނަފުސާ އަށް ފުންކޮށް ބަލައިލަމުން ޝިރާޒު ބުންޏެވެ. “ރަނގަޅުވާނެ. އޯކޭ؟”

“އޯކޭ،” ނަފުސާ މަޑުމަޑުން ބުނެލިއެވެ.

ޝިރާޒް ގޮސް ލޯންޗަށް އެރިއެވެ.

ނަފުސާ އަށް އެ ހުރިހާ މަންޒަރެއް ފެނުނީ ފިލްމެއްގައި ސްލޯ މޯޝަން މަންޒަރެއް ފެންނަ ފަދައިންނެވެ. ހީވީ ވަގުތު ހުއްޓުނު ހެންނެވެ. ހުރިހާ ކަމެއް ފެނުނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. ލޯންޗާ ދިމާއަށް ޝިރާޒް ހިނގާފައި ދިޔަ ގޮތާއި، ދެރަވެފައި ހުރި ވަރުން އޭނާގެ ކޮނޑު އެލި، ހަށިގަނޑު ސޮހިފައިވާ ގޮތާއި ލޯންޗަށް ފިޔަވަޅު އެޅި ތަނާއި މި ހުރިހާ ކަމެއް އޭގެ އެންމެ ތަފުސީލުކޮށް ނަފުސާގެ ސިކުނޑީގައި ބިންވަޅު ނެގުނެވެ.

ޝިރާޒް އެނބުރިފައި އަތުން ޓާޓާ ކިޔާލިއެވެ.

ހުރިހާ އެންމެން ވެސް އަނބުރާ ޓާޓާ ކިޔާލިއެވެ.

ދެން އޭނާ ލޯންޗްގެ ގެގަނޑު ތެރެއަށް ވަދެ ނަފުސާގެ ލޯމަތިން ގެއްލުނެވެ.

އެ މަންޒަރު ނަފުސާގެ ހަނދާނުން ދުވަހަކު ވެސް ނުފުހެވޭނެއެވެ.

އުދަރެސް މަތިން ލޯންޗް ގޮސް ގެއްލެންދެން ނަފުސާ އެ ދިމާ އަށް ބަލަހައްޓައިގެން ހުއްޓެވެ.

ދެން ގެއާ ދިމާއަށް ހިނގައިގަތެވެ. ޝިރާޒްގެ މަންމަ އާއި ކޮއްކޮ އާއި ނަފުސާގެ މަންމަ އާއި ކޮއްކޮ ވެސް ނަފުސާއާއެކު ހިނގައިގަތެވެ.

ގެއަށް ދިޔަ މަގުމަތީގައި ވެސް ނަފުސާގެ ހުރިހާ ވިސްނުމެއް ހުރީ ޝިރާޒް އަށެވެ.

ނަފުސާގެ ހަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި ދުވަހަކީ އިއްޔެ ތުޅާދޫގައި ޝިރާޒް އާއެކު ހޭދަ ކުރި ވަގުތުތަކެވެ. ވަކިން ހާއްސަކޮށް ތުޅާދޫގައި ގަސްކޮޅެއް ހުރި ހަމައެކަނި ތަންކޮޅުގެ ތެރެއިން ލާފައި އެ ދެ މީހުން ދެ މީހުންގެ އަތުގައި ހިފައިގެން އަތިރިމައްޗާ ދިމާއަށް ހިނގާލާފައި ދިޔަ ވަގުތުކޮޅެވެ. (ތުޅާދޫއަށް އެންމެން ދިޔައީ ޝިރާޒް މާލެ ދިއުމުގެ ކުރިން ބައްޕައާ ބައްދަލު ކޮށްލަން އޭނާ ބޭނުން ވެގެންނެވެ.)

ނަފުސާ އަށް މި ތަނުގެ ފޮޓޯއެއް ވަނީ ހަވީރު ނޫހުން ފެނިފައެވެ. އެ ފޮޓޯ ބަލައިލުމުން އެއީ ތުޅާދޫ ހެން ވެސް ހީނުވެއެވެ. ހަވީރުގެ އިރުގެ ދޯދިތައް ގަސްތަކުގެ ފަތްތަކާއި ބިންމަތި ރަންރީނދޫ ކުލައަށް ބަދަލު ކޮށްލާފައިވާ ވަގުތެއްގައި ނަގާފައިވާ އެ ފޮޓޯއިން ހީވީ ހުޅަނގުގެ ފިނި ގައުމަކަށް ހަރީފު މޫސުން އަންނަން ވެގެން އޯޓަމް ސީޒަން އައިސްފައި ހުރި ހެންނެވެ. ނަމަވެސް ނަފުސާ ވިސްނާލިއިރު އެ ގޮތަށް ފެނުނީ އެ ފޮޓޯ ނެގި މީހާ ނަގާފައިވާ އޭންގަލްގެ ގޮތުންނެވެ. މި ކަމުން ނަފުސާ އަށް ވަރަށް މުހިންމު ކަމެއް ވިސްނުނެވެ؛ ދުނިޔެއަކީ ހަގީގަތުގައި ރީތި ތަނެކެވެ. ނަމަވެސް އެ ރީތިކަން ފެންނާނީ އެ ރީތިކަން ހޯދަން އުޅޭ މީހަކަށެވެ. އެ ހިތްގައިމުކަން ހޯދަން އެނގުނު މީހަކަށެވެ.

ޝިރާޒް ވެސް ދައްކަމުން އައީ އެ ކަހަލަ ވާހަކައެކެވެ.

ބުލީ ކުރުމަށް ހުއްޓުމެއް އަންނާނީ އެ ކަންތައް ކުރާ މީހުންނަށް އެ ކަމުން ހިތްހަމަޖެހުމެއް ނުލިބުމުން ކަމަށާއި އެހެންވެ ހުރިހާ ބާރެއް އޮތީ ނަފުސާގެ އަތްމަތީގައި ކަމަށެވެ. ޝިރާޒް ބުނީ ކޮމްޕިއުޓަރު އީޖާދު ކުރި އަލަން ޓިއުރިން ވެސް ސްކޫލްގައި އުޅުނުއިރު ބުލީންގެ ފަރާތުން ވަރަށް ބޮޑު އަނިޔާތައް އޭނާ އަށް ލިބުނު ކަމަށާއި ނަމަވެސް ފަހުން އޭނާ އަށް މިވާ ގޮތް ވިސްނުނީ ކަމަށެވެ.

“އިންސާނުން ތެރޭގަ އެބައުޅޭ އެހެން މީހުންނަށް ވޭން ލިބުމުން އުފާވާ ބަޔަކު ވެސް. ފާޑެއްގެ ނަފުސާނީ ބައްޔެއް އެއީ. އެހެންވީމަ ނަފުސާ އަށް އެ މީހުން އުނދަގޫ ކުރަންޏާ އެ ކަމާ ހާސްވާކަން ނުދައްކާ. ނަފުސާއަށް އޭގެން އަސަރު ކުރާކަން ނުދައްކާވޭތޯ ބަލާ. އެ މީހުން ޖެއްސުން ކުރިއަސް ނަފުސާއަށް އެ ކަމުން ކަމެއް ނުވާ ކަމަށް އެ މީހުންނަށް ހީވާން ފެށުމުން އެ މީހުން އެ ކަން ހުއްޓާލަފާނެ. އެ މީހުން ބޭނުންވާ ނަތީޖާ ނުފެންނަން ފެށީމާ،” ޝިރާޒް ކިޔައިދިނެވެ.

ނަމަވެސް ނަފުސާ ބުނީ އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ސަބަބަކީ އޭނާގެ ސިފައާ ބެހި ހެދުމުން ދެރަވަނީ ކަމަށެވެ.

ދެން ވެސް ޝިރާޒް ދިނީ ރަނގަޅު ނަސޭހަތެކެވެ.

“ހުރިހާ އެކްސްޕެކްޓޭޝަންސްތަކެއް ދުއްވާލާ،” ޝިރާޒް ބުންޏެވެ.

“ތިޔަ ބުނީ؟” ނަފުސާގެ ހިތުގައި ސުވާލު އުފެދުނެވެ.

“މި ބުނީ ނަފުސާ ތި ދެރަ ވަނީ އެ މީހުންގެ ފަރާތުން އެކްސްޕެކްޓޭޝަންތަކެއް ހުރީމައޭ. ނަފުސާ އަށް ނޭނގި ނަމަވެސް އެކްސްޕެކްޓް ކުރެވެނީ އެ މީހުން ނަފުސާ އަށް ރަނގަޅަށް ޓްރީޓް ކުރާނެ ކަމަށް. އެކަމު މިހާރުއްސުރެ ވެސް ނަފުސާ ގަބޫލު ކުރަންވީ ކަމަކީ ހުރިހާ އެންމެންގެ ރުހުމެއް ނުލިބޭނެކަން. އެއީ ވާނޭ ކަމެއް ނޫން. ކިތައްމެ ތާކުންތާކު ނުޖެހޭ ކަމަކާ ވެސް ބަޔަކު ހިތްހަމަ ނުޖެހިދާނެ. އެހެންވީމަ އަހަރުންނަށް އޮތް ހަމައެކަނި ގޮތަކީ އިސްލާމް ދީނުގަ އަންގަވާފަ އޮތް ގޮތަށް ކަންތައްތައް ކުރުން. އެއިރުން އަބަދުވެސް ރަނގަޅަށް ކަންތައްތައް ކުރެވޭނީ. ދެން އެހެން މީހުން ކިޔާ އެއްޗަކަށް ބަލާނެ ކަމެއް ނެތް.”

ގެއަށް އާދެވުމާއެކު އާދަޔާ ހިލާފު ވަރުބަލިކަމެއް ނަފުސާއަށް އިހުސާސް ކުރެވުނެވެ. އެނދުގައި ޖައްސާލުމާއެކު ނިދިއްޖެއެވެ.

ނަފުސާ އަށް ހޭލެވުނީ އޭނާގެ ސްމާޓް ފޯން ރިންގް ވާން ފެށި އަޑަށެވެ.

ފޯންގެ ޑިސްޕްލޭއަށް ބަލައިލިރު ޝިރާޒްގެ ކޯލެކެވެ. ރޭގަނޑު ވެއްޖެއެވެ. ޝިރާޒަށް މިހާރު ހުންނާނީ މާލެ ދެވިފައެވެ.

“ހަލޯ،” ނަފުސާ ޖަވާބު ދިނެވެ.

“ހަލޯ،” ޝިރާޒްގެ އަޑު ވަރަށް މަޑެވެ. ފޯނުގައި ހުރީ ވައި އަޑު ހިއްޕާލާފައެވެ.

“ވަރަށް ވައި ގަދަ ތަނެއްގަ ދޯ ތިހިރީ؟” ޝިރާޒްގެ އަޑު އިވުމުން ނަފުސާއަށް އުފާވެރިކަން އަލުން އިހުސާސް ކުރެވެން ފެށިއެވެ.

“އާނހ. މިހާރު މި ދަނީ ބައްޕަ ރައްޓެހި މީހާއާއެކު އޭނާގެ ސައިކަލުގަ އެ ގެއަށް. އަދި މިހިރީ ބޮޑު ތަކުރުފާނު މަގުގަ. ވަރަށް ވައި ގަދަ މި ހިސާބުގަ.”

ޝިރާޒް ދެން ބުނި އެއްޗެއް ނޭނގުނެވެ. ކުއްލިއަކަށް ދެން އިވުނީ މީހަކު ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑެވެ. ހަމައެއާއެކު އެ ކޯލު ކެނޑިއްޖެއެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.