ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

އަށްވަނަ ބައި

އުނަގަނޑާ ހަމައަށް ދިގުކޮށްފައިވާ ބުޅިއިސްތަށިގަނޑާއި ކޮބަޑި ޖަހާފައިވާ ދަތްޕިލަފެނިފައި ދުވަހަކު ކޮޅުންވެސް ފެންވެރި ވައްތަރެއް ނުޖަހައެވެ. ނުވިތާކަށް ދިގުކޮށްފައިވާ ނިޔަފަތިތަކާއި ކަރާއި އަތް ފުރެންދެން އަޅާފައި ޗޭނުފަށްތަކުން އެއީ ކޮންކަހަލަ މީހެއްކަން ދެނެގަންނާކަށް ސިކުންތެއްވެސް ނުނެގިއެވެ. “އޭމަންޖޭ ތަދުވިތަ؟ ހެސްކިޔާފަ ސޮރީ އިނގޭ، މީދެން އާންމުކަމެއްނު ދޯ!” މީހާގެ ސިފައާއި އެއްވަރަށް ބަހުރުވަވެސް އެހާ ހުތުރެވެ. މީހުންނަށް އިހުތިރާމް ކުރަން ނޭނގޭތާ އުޅުމެއްވެސް ނެތެވެ. ޔާނީ އަނގައިން ނުބުނުމުން އެމީހާ ޔާނީއާއި ކައިރިވާން އުޅުނެވެ. އެމީހާގެ އަނަރޫފަވެފައިވާ ހަށިގަނޑާއި ވަޅުވަދެފައިވާ ދެލޯ ފެނިފައި ޔާނީ ބިރުން ތުރުތުރު އަޅަން ފެށިއެވެ. ހިމާޔަތަށް އެދުމަށްޓަކައި ތާރާ ފެނޭތޯ ޔާނީ ކޮޅުކޮޅުމައްޗަށް ނަޒަރު ހިންގާލިއެވެ. އޭރު ޔާނީއާއި ތަންކޮޅެއް ދުރުގައި ފޯނެއްގައި ތާރާ ހުއްޓާ ފެނުނެވެ. ކަންދިމާކުރި ގޮތުން އެވަގުތުވީ ތާރާ ފޯން ބާއްވާފައި ޔާނީއާ ދިމާލަށް ބަލާލި ވަގުތަށެވެ. “ހޭ! އާޔޫ އައުޓް އޮފް ޔުއަރ މައިންޑް؟ ކިހިނެއް ވެގެންތަ ތިއުޅެނީ؟” ތާރާ އައިގޮތަށް އައިސް އެމީހާއާ ދިމާލަށް އެއްޗެހި ގޮވަންފެށިއެވެ. “އޭޕާޓު ހަމަޖެހިބަލަ! މިކަހަލަ ރީތި ކުދިން ފެނުނީމަ ކިހިނެއްތަ ދުރުގަ ހުރެވޭނީ” އެޖުމްލައާ އެކު އެމީހާގެ މޫނަށް އެރީ ޔާނީގެ އަތުގެ ހޫނު އެތިފަހަރެކެވެ. އޭނާ ހަޅޭލަވައިގަތެވެ. ނަމަވެސް ޔާނީ ޝަހާދަތް އިގިލީގެ އިޝާރާތުން އެންގީ ހިމޭން ވުމަށެވެ. “ހަބަރުދާރު! އަހަންނާ ގާތްވާން ހިތަށްވެސް ނާރުވާތި!، ހުންނަ ގޮތެއް ފޮތެއް ނެތްކަން ނިކަން ދެކިބަލަ. ރީތި އަހުލާގެއް ނެތްތާ ބަސްމަގުވެސް އެހާ ހުތުރު. ބަލަ މަގުމައްޗަކީ މީހުން ހިނގާ ބިނގާވެ އުޅެން އޮންނަ ތަނެކޭ، ތިހެން ކުރާނެ ކަމެއްނެތިގެން ގިނަވެގެން އުޅޭމީހުން އަންހެންކުދިންނާ ފޮށެން އޮންނަ ތަނެއް ނޫނޭ! އަދި ބުނެފި އެއްނު ރީތި ކުދިންނޭ! ފުރަތަމަ ދޭބަލަ މީހާ ގައިން ތާހިރުވާން، އެއަށް ފަހު ރީތި އަންހެން ކުދިންނަށް ބަލާނީ” އެތިފަހަރު ގޮވާލިއިރު ޔާނީގެ ލޭކެކެނީއެވެ. ދެލޮލުނަ ހީވަނީ އަލިފާންކަނި ބުރާހެންނެވެ. ތާރާ ހުރީ އަނގަމައްޗަށް ނަގައިގެން ބުނާނެ އެއްޗެއް ނޭނގިފައެވެ. މަންޒަރުބަލަން އެއްވެފައި ތިބި މީހުންވެސް މަދެއްނޫނެވެ. ކުރިމަތީހުރި މީހާގެ އަނގައިންވެސް ހީވަނީ ބަސް ހުސްވެފައިވާ ހެންނެވެ. އެއްވެސް ބެލުމެއްނެތި ތާރާގެ އަތުގައި ހިފައިގެންގޮސް ޔާނީ އޮބާލައިފިއެވެ. އޭރުވެސް އެމީހާ ހަމަ ހުރިތާ ހުރީއެވެ. އެކަމަކު އޭނާގެ ހިތުގައިވަނީ ބަދަލުހިފުމުގެ ހުޅުރޯވެފައެވެ. އެކަން ކަށަވަރުކޮށްދިނީ އޭނާގެ ތުންފަތްމައްޗަށް ވެރިވި ވިހަ ހިނިތުންވުމާއި އޭނާގެ ފަހު ބަހެވެ. “އަހަރެން އަދި ތިމަންޖެ ހޯދާނަން!” ހަމަޔަޤީނުންވެސް ޔާނީއަށް މިކުޅެވުނީ ނުބައި މީހަކާއެވެ. ވިކާޝްއަކީ މާލޭގެ ނަން މަޝްހޫރު ގޭންގެއްގެ ބޮޑެކެވެ. މިކަންތައް އޭނަ އެހާ ފަސޭހައިން ދޫކޮށެއްނުލާނެއެވެ.

އެއްވެސް އެއްޗެކޭ ބުނުމެއްނެތި ޔާނީ ހިނގަމުންދިޔައީ ނިކަން ހަލުވިކޮށެވެ. އައިސްފައިހުރި ރުޅީގެ ސަބަބުން ތާރާގެ އަތުގައި ހިފައިގެން ހުރެވުނީ ކިހާ ބާރަކަށް ކަމެއްވެސް ޔާނީއަށް އިހުސާސެއް ނުކުރެވުނެވެ. “ދޮންބެދައްތާ ޕްލީޒް މަޑުކޮށްބަލަ!” ތާރާއަށް ކެއްނުކުރެވިގެން ޔާނީގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަތެވެ. ތާރާގެ އަތުގައި ހިފައިގެން ހުރެވުނުކަން ޔާނީއަށް އިނގުނީވެސް ދެނެވެ. “ތާ އައިމް ރިއަލީ ވެރީ ސޮރީ. ވަރަށް ތަދުވިތަ؟” ކަންތައްކުރެވުނު ގޮތުން ޔާނީ ވަރަށް ދެރަވިއެވެ. އޭނަ އައިސްފައި ހުރި ރުޅި ތާރާއަށް ބާލާކަށް ނުޖެހޭނެއެވެ. ޔާނީ އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރަން ފެށިއެވެ. “ނޫން ކުޑަކޮށް. ތިއެއްނޫނޭ، ދޮންބެ ދެންމެ ގުޅާފަ ބުނީ އަވަހަށް ގެއަށް އައިސްބަލާށޯ. ހިނގާ އަވަހަށް ދަމާ” ތާރާ ބޭނުންވީ ޔާނީގެ މޫޑް ބަދަލުކޮށްލާށެވެ. ގެއަށް ދިއުމުން ހަމަ ޔަޤީނުންވެސް އެކަން ވާނެއެވެ. ޔާނީވެސް އާއެކޭ ބުނެލުމަށްފަހު މަގުމަތިން ކާރެއްހޯދައިގެން ގެއަށް ދިޔައެވެ. ކާރުގޮސް މަޑުކޮށްލީ ހ.ބްލޫމިން ގެ ކުރިމަތީގައެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ދިއްލާފައިވާ ގެ ފެންނަނީ ގަނޑުވަރެއް ފަދައިންނެވެ. ތާރާ ގެއަށް ވަންނަން ދިމާކޮށްލުމުން ޔާނީ އޭނާ ހުއްޓުވިއެވެ. އަދިކިހިނެއްވީތޯ ތާރާ ސުވާލު ކުރުމުން ޔާނީ އެދުނީ މިރޭވީ އެއްވެސް ކަމެއްގެ ވާހަކަ ޒައިދް ގާތުގައި ނުބުނުމަށެވެ. އެއީ އެއްވެސް ކަމަކާ ޒައިދް ކަންބޮޑުވާން ޔާނީ ބޭނުން ނުވާތީއެވެ. އެންމެ ރަނގަޅޭ ކިޔައި ދެމީހުން އެކުގައި ގޭތެރެއަށް ވަނެވެ. ނަމަވެސް މިރޭގެ ހާދިސާ ސިއްރުކޮށްގެންތިބެ އެމަރުހަބާ ކިޔެނީ ކިހާ ބޮޑު ނުރައްކަލަކާ ކަމެއް މިދެމީހުންނަށް އިހުސާސް ވާހެނެއް ހިޔެއްނުވެއެވެ. ގަޑިން ދަންވަރު ބާރަ ޖަހަން ހުރީ އެންމެ ދިހަ މިނެޓެވެ. ގޭތެރެވަނީ މުޅިންހެން ހަމަހިމޭން ވެފައެވެ. ކަރުހިއްކައިގެންފައި ހުރުމުން ކޮޓަރިއަށް ދިޔުމުގެ ކުރިނ ޔާނީ މިސްރާބުޖެހީ ކާކޮޓަރިއާ ދިމާލަށެވެ. ފްރިޖުން ފެންފުޅިއެއް ނަގައި އޭގެން ކޯވަރެއް ބޯލިއެވެ. އަދި އެއަށްފަހު ކޮޓަރިއާ ދިމާލަށްދިއުމަށް ހިނގައިގަތެވެ. މިތަންވަޅުބަލާފައި ތާރާ ޒައިދަށް ގުޅައި ޔާނީ ކޮޓަރިއާ ދިމާލަށް ދާވާހަކަ އެންގިއެވެ. ޒައިދް ތައްޔާރުވެލިއެވެ. ޔާނީގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން އޭނާ ހުުއްޓުން އެރިއެވެ. ތަންމިނަށް އަނގަ ހުޅުވައިގެން ބުނާނެ އެއްޗެއް ނޭނގިފައި ޔާނީއަށް ހުރެވުނީއެވެ. މިފެންނަނީ ބިލާހެއްކަމަށް ހީވެ ހުރެއެވެ.

މުޅިކޮޓަރިތެރެ ފުރާލެވިފައިވަނީ އުއްބައްތިތަކާއި ރަތާ ހުދުކުލައިގެ ފުއްޕާހަންތަކުންނެވެ. ފާރުގެ އެއްބިތުގައި ވަރަށް ރީތިކޮށް “ހެޕީ ބާރތް ޑޭ ވައިފް” މިހެން ލިޔެލާފައި ވެއެވެ. ދެން ޔާނީގެ ބޯމަތިން އޮހެންފެށީ ފިނިފެންމަލުގެ ފިޔަތަކެކެވެ. “ސަޕްރައިޒް! ހެޕީ ބާރތް ޑޭ ޓު ޔޫ.. ހެޕީ ބާރތް ޑޭ ޓު ޔޫ.. ހެޕީ ބާރތް ޑޭ މައި ޑިއަރ ވައިފް.. ހެޕީ ބާރތް ޑޭ ޓު ޔޫ!” ކުރިމަތީ ހެވިފައިހުރި ޒައިދް ފެނުމުން ވީއުފަލުން ދުވެފައިގޮސް ޔާނީއަށް ޒައިދް ގައިގައި ބައްދާލެވުނެވެ. “ތޭންކް ޔޫ ތޭންކް ޔޭ ސޯމަޗް! އައި އޯލްމޯސްޓް ފޮގޮޓް” ޔާނީއަށް އުފަލުންގޮސް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. ޔާނީ އުފާވެފައިހުރި މިންވަރު ފެނިފައި ޒައިދް ވަރަށް ހިތްހަމަ ޖެހުނެވެ. އެލޯބި ލޯބި ހިނިތުންވުން ފަނޑުވުމެއްނެތި ތާއަބަދު ދެމިހުންނަން ޒައިދް ބޭނުމެވެ. “ހިނގާ ކޭކު ފަޅަން” ސޯފާ ކުރިމަތީ ބަހައްޓާފައިހުރި ކުޑަ މޭޒެއްމަތީ އޮތް ރެޑްވެލްވެޓް ކޭކު ދައްކާލުމަށްފަހު ޒައިދް އިޝާރާތް ކޮށްލިއެވެ. ޔާނީއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. އޭނާ މިއަހަރުގެ އުފަންދުވަހު ބޭނުންވީ ރެޑްވެލްވެޓް ކޭކެއް ކަމެއް ޒައިދަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ އަދި އޭނާގެ އުފަންދުވަހު މިކަހަލަ ސަޕްރައިޒެއް ބޭނުންވާކަން ޒައިދަށް އެނގުނީ ކިހިނެއް ބާވައެވެ؟ ވިސްނުމުގެ ތެރޭގައި ހުރި ޔާނީ ސިހުނީ ޒައިދް އެނާއަށް ގޮވާލުމުންނެވެ. ކޭކު ފަޅާ ނިމުމުން ޒައިދް އެންގީ އަދި އިތުރު ސަޕްރައިޒެއް އެބަ އޮތް ކަމަށެވެ. ކެތްމަދުވެފައިހުރި ޔާނީ ބެނުންވީ އެއީ ކޮން ސަޕްރައިޒެއްތޯ ބެލުމަށެވެ. ޔާނީއަށް މާ ގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ގަދަ ނޫކުލައިގެ ކުޑަ މަހުމާ ފޮއްޓެއް ހުޅުވާލުމަށްފަހު އޭގެ ތެރެއިން ނެގީ ހުދުކުލައިގެ ކުދިކުދި އަލިމަސްތަކެއް ޖަހަފައިވާ ރިހި އަނގޮޓިއެކެވެ. އަޭގެ ވިދުން ފެނިފައި ޔާނީގެ ދެލޯ ތަރަތަރަ ޖަހާލިއެވެ. އެހާވެސް ފުރިހަމަ ވެފައި ރީއްޗެވެ. ހަމަ ޔާނީ ބޭނުންވާ ގޮތަށް ހަދާފައިވާ އަނގޮޓި ފެނިފައި ޔާނީގެ ހިތަށް ވެރިވީ އިތުރު ސުވާލުތަކެކެވެ. ޒައިދަށް މިހުރިހާ އެއްޗެއް އިނގުނު ގޮތެވެ. ޔާނީ ބޭނުންވީ ޒައިދް ގާތު އެހުމަށެވެ. ޒައިދް ދޮގު ނުހަދާނެކަން އޭނާއަށް ޔަޤީން ވާތީއެވެ. ޔާނީ އޭނާގެ ފިރިމީހާއަށް އިތުބާރު ކުރެއެވެ. ކަންތައްވީވެސް ހަމަ އެގޮތަށެވެ. ޔާނީ ސުވާލު ކުރުމުން ކަންތައްވީގޮތް ޒައިދް ވަރަށް ސާފުކޮށް ކިޔައިދިނެވެ. އެއީ އެއްވެސް ކަމެއް ސިއްރު ކުރަން ބޭނުން ނުވާތީއެވެ. އަދި މައާފަށްވެސް އެދުނެވެ. ކުޑަކޮށް ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް ޒައިދް ހުރިހާ ވާހަކަތައް ތެދުތެދަށް ކިޔައިދިނުމުން ޔާނީ ހިތްހަމަޖެހުނެވެ. އަދި ޒައިދަށް މައާފުކުރިއެވެ. ނަމަވެސް އޭނައަށް ސިއްރުން އެކަހަލަ ކަމެއް ތަކުރާރު ނުކުރުމަށް އެދުނެވެ.

ޖެހިގެންއައި ދުވަހަކީ ޔާނީގެ އުފަންދުވަސް ކަމުން ކުޑަވަރެއްގެ ޕާޓިއެއް ބޭއްވުމަށް އާއިލާގެ އެންމެން އެއްބަސްވިއެވެ. ޔާނީވެސް މިޝްކާއަށް ގުޅުމަށްފަހު އެގެއަށް އުމަށް އެދުނެވެ. މެންދުރު ކާލައިގެން މިޝްކާ ނުކުތީ އެގެއަށް ދިޔުމަށެވެ. މިޝްކާ އުޅެނީ މާފަންނުގައިކަމުން ހިނގާފައި ހެންވޭރުކޮޅަށް ދިއުމުގެ ބަދަލުގައި އޭނަ އިޚްތިޔާރުކުރީ ކާރެއްގައި ދިއުމަށެވެ. ނަމަވެސް އެތަނުގައި ހުރެހުރެ ދެފައިކޮޅަށް ލޭއެރިއިރުވެސް ވާރެއް ނުލިބުނެވެ. އެެހެން ހުންނަން ވެއްޖެއްޔާ ގެއްލޭނީ އިތުރުވަގުތުތަކެއް ކަމުން އިތުރަށް މަޑުނުކޮށް މިޝްކާ ހިނގައިގަތެވެ. މިހުރިހާ މަންޒަރެއް ބަލަން ދުރުގައި މީހަކު ހުރި ކަމެއް މިޝްކާއަކަށް ނޭނގެއެވެ. ކުއްލިއަކަށް ކުރިމަޢްޗަށް އައިސް ހުއްޓުނީ ސައިކަލެކެވެ. މިޝްކާ ސިއްސައިގެން ދިޔައެވެ. “މިއޮއް ގަދަ އަވީގަ ކޮންތާކަށް” ސައިކަލްގައި އިން ޝިވަމް މިޝްކާއާއި ސުވާލުކޮށްލިއެވެ. “މިދަނީ ޔާނީ ގުޅައިގެން އެގެއަށް. ކާރެއް ލިބޭތޯ ހުރެހުރެ ނުލިބުނު، އެހެންވެ ހިނގާފަ ދާންވެގެން މިދަނީ” މިޝްކާ ހިނގައިގަތުމުން ޝިވަމް ބުނީ އޭނާވެސް މިދަނީ އެގެއަށް ކަމަށެވެ. އަދި އޭނާގެ ސައިކަލް ފަހަތަށް އެރުމަށް ޝިވަމް މިޝްކާ ގާތުން އެދުނެވެ. މިޝްކާ ކިތަންމެ އަނގަ ގަދަވެފައި ކެރޭމީހަކަށް ވިޔަސް ޝިވަމް ފެނުމުން އޭނާއަށް ވަނީ މުޅިން އެހެންގޮތެކެވެ. ޝިވަމްގެ ކުރިމައްޗަށް އެރޭ ކޮންމެފަހަރަކު މިޝްކާ ހުންނަނީ ލަދުންގޮސް ކުރާނެ ކަމެއް ނޭނގިފައެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލިޔަސް ހީވަނީ ދޫ އޮޅިދާނެ ހެންނެވެ. މިޝްކާ ނޫނެކޭ ބުނުމުންވެސް ޝިވަމް ގޮތެއް ދުލެއް ނުކުރިއެވެ. އެންމެފަހު އެއްބަސްވެ ޝިވަމްގެ ސައިކަލް ފަހަތަށް އެރިއެވެ.

ޝިވަމް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. މިކަހަލަ ފުރުސަތަކަށް އޭނާ އިންތިޒާރު ކުރަމުންދާތާ މިހާރު ކިތަންމެ ދުވަހެކެވެ. ހަމައެގޮތަށް މިޝްކާވެސް ޝިވަމް އާއި ވަރަށް ގަޔާވެއެވެ. މިޝްކާ ނުވިސްނާ އިންދާ ކުއްލިއަކަށް ސައިކަލް މަޑުކޮށްލުމުން މިޝްކާ ގޮސް ޖެހުނީ ޝިވަމްގެ ބުރަކަށީގައެވެ. އެވަގުތު ދުވި މީރުވަހުން މިޝްކާ އިތުރަށް ނޭވާލާންވެސް ހަނދާން ނެތުނު ކަހަލައެވެ. “ސޮރީ މާބާރަށް ދޯ އައިސް މި މަޑުކޮށްލެވުނީ” އަޅައިގެންހުރި އަވި އައިނު ނަގާ އޭނާގެ ތޫނު ދެލޮލުން ބަލަން ފެށުމުން މިޝްކާއަށް ކެތްނުކުރެވިގެން ލަދުން ދުއްވައިގަތެވެ. ޝިވަމް ހެވިފައި ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން މިޝްކާ އާއި ދިމާލަށް ބަލަން ހުއްޓެެވެ. އެހެން ހުއްޓައި މީހަކު އައިސް ޝިވަމްގެ އަތުގައި ވަރަށް ބާރަށް ވިކައިގަތެވެ. އައްދޯތް އޭކިޔައި ޝިވަމް ހަޅެލަވައިގަތެވެ. “ކީއްވެފަތަ ތިހުރީ؟ ގޮވާގޮވާ މިހާރު މަގޭ ކަރުބުޑުގަ ލޭރަހަ ލީއިރުވެސް މީނައަށް ހީނުވޭ ކަހެރުވަކެކޭ ހެންވެސް. ބުނެބަލަ ކާކުގެ އިޝްޤުގަ ޖެހިފަތަ ތިހުރީ؟” ކަންތައްވިގޮތް ޒައިދަށް ފެނުނު ކަމުގައި ވިޔަސް އޭނާ ބޭނުންވީ ޝިވަމްގެ އަނގައިން ބުނުވާށެވެ. “ކޮންކަމެއްތަ؟ ކާކުތަ؟ އަހަރެން މިތާ ގަސްކައިރި ފިނިކޮށްލަން މަޑުކޮށްލީ” ޝިވަމް އެތަންމިތަނަށް ބަލަމުން ވާހަކަ ދައްކަން ފެށިއެވެ. “އެހެންތަ! ބަލަ ތިކަހަލަ ކިތަންމެ ގަހެއްކައިރި އަހަރެންވެސް ތިހެން ފިނިކޮށްލަން މަޑުުކުރީމޭ. ދެން ތިގަހުން ވެއްޓުނު މަލަކީ މިޝްކާ ދޯ!” ޒައިދް ހިނިގަނޑެއް ޖަހާލަމުން އޭނާގެ އެކުވެރިޔާ އާއި ދިމާކޮށްލިއެވެ. ޝިވަމް ގާތު ހާސްނުވާށޭ ތިކަން ކޮށްދޭނަމޭ ކިޔާ ދެމީހުން ކޮނޑަށް އަތް ވައްޓާލައިގެން ގޮސް ގޭތެރެއަށް ވަނެވެ.

މަސައްކަތުގައި އުޅެމުންދިޔައިރުވެސް މީޝްކާގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ޝިވަމްއަށެވެ. އެތަނުގައި އެހެންމީހަކު ދައްކާ ވާހަކައަކަށް މިޝްކާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. ޔާނީ މިކަމާ ރުޅިއައިސްގެން ދެތިން ފަހަރަކު ހަޅޭލަވައިވެސް ގަތެވެ. މިޝްކާގެ ހިތުގައި ޝިވަމްގެ ނަން ލޯބީގެ މަސްތީ ގަލަމުން ފަވާލެވި ދެމީހުން ހިޔަނި ފަދައިން ގުޅިލާ މެހިއްޖެއެވެ. ޝިވަމްވެސް ސިއްރުސިއްރުން މިޝްކާއާ ދިމާލަށް ބަލަމުން ދިޔައެވެ. އަސުރު ނަމާދުު ބަންގި ގޮވުމުން މަސައްކަތް ހުއްޓާލާފައި ޒައިދާއި ޝިވަމް ދިޔައީ މިސްކިތަށެވެ. ޔާނީ ވެސް މިޝްކާއާ އެކު ނަމާދުކޮށްލައިގެން ނުކުމެ ޒައިދްމެން އަންނަންވާއިރަށް ސައި ތައްޔާރުކޮށްލިއެވެ. މާގިނައިރެއްނުވެ ޒައިދްމެންވެސް އަތުވެއްޖެއެވެ. ގޭތެރެއަށް ވަދެގެންއައި ޝިވަމްގެ ނަޒަރު ހުއްޓުނީ ގޯތިތެރޭގައި ހުރި ބޭންޗްގައި ދެކަންފަތަށް ހެޑްސެޓް ޖަހައިގެން އިން މިޝްކާ އަށެވެ. ޒައިދް ގާތު އެބަ އަންނަމޭ ކިޔާ ޝިވަމް ދިޔައީ މިޝްކާއާއި ވާހަކަ ދެއްކުމަށެވެ. ޝިވަމްގޮސް ހުއްޓުނީ މިޝްކާގެ ފުރަގަހުގައެވެ. އަދި އޭނާ މިޝްކާއަށް ގޮވާލިއެވެ. ނަމަވެސް ހެޑްސެޓް ޖަހައިގެން އިން މިޝްކާއަށް މިކަމުގެ ހިލަމެއް ނުވިއެވެ. ޝިވަމް މިޝްކާގެ ކަންފަތުން ހެޑްސެޓް ނައްޓާލިއެވެ. ވަގުތުން މިޝްކާ ފަހަތަށް އެނބުރި ބަލާލިއެވެ. ޝިވަމް ފެނުމުން މިޝްކާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެން އިންދައި ޝިވަމް ބުނެލި ޖުމްލައިން މިޝްކާ އިތުރަށް ފިނިވިއެވެ. ބެންޗްގައި އަތް އަޅުވާލާފައި މިޝްކާއާ ދިމާލަށް ކުޑަކޮށް ގުދުވެލުމަށްފަހު ޝިވަމް ބުނެލީ “އައިލަވްޔޫ” މިހެންނެވެ. މިޝްކާ އިސް އުފުލާ ބަލައިލި ވަގުތު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ދެމީހުންގެ ހިތުގެ ތެޅުން އަވަސް ވިއެވެ.

(ނުނިމޭ…)
ހަތްވަނަ ބައި

ނޯޓް: މިވާހަކަ ނިމެންދެން ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހަކު ވާހަކައިގެ ބައެއް ގެނެސްދެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.