ދުނިޔޭގެ އެކިކަންކޮޅުތަކުން ކުޑަކުދިންނަށް ދިމާވާ ތަފާތު ނުރައްކާތެރި މައްސަލަތައް

LEBANON-10001_0

ކުޑަކުދިންނަކީ ގައުމުގެ މުސްތަޤުބަލެވެ. އަޅުގަނޑުމެންގެ ހިތްހަމަޖެހުމެވެ. އެ ކުދިން ހެޔޮ ތަރުބިއްޔަތުގެ މަތީގައި ބަލައި ބޮޑުކުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެކެވެ. ދީނީ ވާޖިބެއްވެސް މެއެވެ. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކުރަމުން ދާކަން ފާހަގަކުރެވެ. އެކުދިންގެ ކަރާމާތް ގެއްލޭގޮތަށް އެކުދިންލައްވައި މަސައްކަތް ކުރުވައި ކުށުގެ ވެއްޓަށް އެކުދިން ވެއްދުމަށް މަޖުބޫރު ކުރުވައެވެ. އެކުދިންނަކީ ކުށްވެރި ވެފައިވާ ބަޔަކަށް ހެދުމަށް އެކި ގޮތްގޮތުން މަސައްކަތްކޮށް ކުށްވެރި ޢަމަލުތައް އެފަދަ ކުދިން ލައްވައި ކުރުވައެވެ. ތިރީގައި އެވަނީ ކުޑަކުދިންނަށް ދިމާވާ ނުރައްކާތެރި ބައެއް މައްސަލަތަކެވެ.

ކުޑަކުދިން ހަގުރާމަ ތަކުގައި ބޭނުންކުރުން

ދުނިޔޭގެ ކަންކޮޅުތަކުގައި އުމުރުން 18 އަހަރުން ދަށުގެ 250000 ކުޑަކުދިން ހަގުރާމަތަކުގައި ބޭނުންކުރަމުން ދާކަން ދިރާސާތަކުން ދައްކައެވެ. މީގެ ތެރެއިން ގިނަކުދިންނަކީ އުމުރުން 18 އަހަރާއި 15 އަހަރު ދެމެދުގެ ކުދިންނެވެ. މިގޮތަށް ބޭނުންކުރާ ގިނަކުދިން އުމުރުން 10 އަހަރުން ފެށިގެން ހަގުރާމައަށް ތައްޔާރު ކުރަމުން ދެއެވެ.

ނުހައްގު ގޮތުގައި ބޭނުންކުރުމާ އަދި އަޅުންގެ ގޮތުގައި ބޭނުން ކުރުން

a.number.of.displaced.children.are.playing.

 ކުދިންވަގަށް ނަގައިގެންނާއި، އޮޅުވާލައިގެން ވިއްކުމާއި އަދި އަޅުންގެ ގޮތުގައި ބޭނުންކުރުމަކީވެސް ވަރަށް އާއްމު ކަމެކެވެ. މިގޮތަށް މިއަމަލުތައް އާއްމު ގޮތެއްގައި އެންމެ ގިނައިން ފެންނަ ގައުމުތަކަކީ، ބަގުލަދޭޝް، ޕާކިސްތާނު އަދި ޔަމަން އެވެ. މިގޮތަށް ވަގަށްނަގާ ކުދިން ނަހަމަ ގޮތުގައި ބޭނުންކުރާ ގައުމުތައް ތެރޭގައި ކުވައިތު، ގަތަރު، ޔަމަން އަދި ސޫދާން ހިމެނެވެ. ޔުނިސެފްގެ ރިޕޯރޓުން ދައްކާގޮތުގައި ވެސްޓް އަދި ސެންޓްރަލް އެފްރިކާގައި 200000 އަށްވުރެ ގިނަ ކުޑަކުދިން އަޅު ކުދިންގެ ގޮތުގައި ބޭނުންކުރަމުންދެއެވެ. މީގެ ތެރެއިން ބައެއް ކުދިންނަކީ ފަގީރު ކަމުން އެކުދިންގެ މައިންބަފައިން ނުކުމެ ވިއްކާލުމުގެ ސަބަބުން ލިބޭ ކުދިންނާއި ކިޑްނެޕް ކޮށްގެން ވަގަށް ނަގާކުދިންނެވެ. މީގެ ތެރެއިން އަންހެން ކުދިން އެމީހުން ވިއްކަނީ 14 ޑޮލަރަށެވެ.

 ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ އިންޓަރ ނެޓްގައި ހާމަކުރުން

މިހާރު އިންޓަނެޓެކަކީ ކުޑަކުދިންވެސް ވަރަށް ގިނައިން ބޭނުންކުރާ އެއްޗެކެވެ. މީގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކުޑަކުދިންގެ މިފަދަ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތި އިންޓަނެޓްގައި ދަނީ ބޭނުން ކުރަމުންނެވެ.

ކުޑަކުދިން ބޭނުންކޮށްގެން ހަށިވިއްކުން

ކުޑަކުދިން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ޖިންސީ ޝިކާރައަކަށް ހެދުމަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި އާއްމު ކަމެކެވެ. ތައިލެންޑުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ހާމަ ކުރިގޮތުގައި، ތައިލެންޑުގައި މިއަމަލު ހިންގާ މީހުންގެ ތެރެއިން ގިނަ ކުދިންނަކީ 18 އަހަރުން ދަށުގެ ކުދިންނެވެ. ދުނީޔޭގައި މިގޮތަށް ފާހަގަ ކުރެވޭ ގައުމު ތަކުގެ ތެރޭގައި ވިއެޓްނާމު، ފިލިޕީންސް، ނޭޕާލް އަދި އިންޑިޔާވެސް ހިމެނެވެ. މީގެ ތެރެއިން ނޭޕާލުގެ ރީތި އަދި އުމުރުން 14 އަހަރުން ދަށުގެ އަންހެން ކުދިންނަކީ އިންޑިޔާގައި މި ވިޔަފާރީގައި ބޭނުންކުރާ ކުދިންނެވެ. އުމުރުން 09 އަހަރާއި 16 އަހަރާއި ދެމެދުގެ 10000 ކުދިން ކޮންމެ އަހަރަކު އަވައްޓެރި އިންޑިޔާ އަށް ވިއްކައި ހަދާކަން ދިރާސާތަކުން އެނގެ އެވެ.

 ކުޑަކުދިންލައްވައި އެކުދިންގެ އުމުރާ ނުގުޅޭ މަސައްކަތްކުރުވުން

ދުނިޔޭގެ އެކިކަންކޮޅު ތަކުގައި އުމުރުން 5 އަހަރާއި 14 އަހަރާއި ދެމެދުގެ 211 މިލިޔަން ކުދިންލައްވައި އެކުދިންގެ އުމުރުފުރާއާއި ނުގުޅޭ މަސައްކަތްކުރުވައެވެ. މީގެ ތެރެއިން އެއްމިލިޔަން ކުދިންލައްވައި އެކުދިން ނުރުހުމުގައި ގަދަކަމުން މަސައްކަތްކުރުވައެވެ.

ކުޑަކުދިންނަށް އަޅާނުލައި ދޫކޮށްލުން

 ކުޑަކުދިން އެކުދިން އެންމެ ތުއްތު އިރުއްސުރެ އެކުދިންނަށް ރަނގަޅަށް ވާހަކަ ނުދެކެވޭ އުމުރުފުރާގައި ބެލެނިވެރިން އެކުދިންނަށް ދޭންވާ އަޅާލުމާއި އެއްބާރުލުން ނުދީ މަގުމައްޗަށް ދޫކޮށްލާ ހަދައެވެ. ކުދިންނަށް އަޅާނުލާ ބެލެވެރިންގެ ފަރާތުން ފެންނަ ކަންތައްތަކުގެ ތެރޭގައި، އެކުދިންނަށް ދޭންވާ ރަނގަޅު ކާނާއާއި އަންނައުނު ނުދިނުމާއި، އެކުދިން ސްކޫލަށް ދިޔަތޯ ނުބެލުމާ، ސްކޫލުން ދޭ ފިލާވަޅުތައް ކުދިން ހަދައިތޯ ނުބެލުމުގެ އިތުރުން ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތަކުގައި އެކުދިންނަށް ދޭންވާ ފުރިހަމަ އެއްބާރުލުމާއި އަޅާލުން ނުދޭކަން ފާހަގަކުރެވެ. މިއަމަލުތައް އެންމެ ގިނައިން ފެންނަ ގައުމުތައް ތެރޭގައި ކެނެޑާ، ސިންގަޕޫރު އަދި ކޮރެޔާ ހިމެނެވެ.

 ކުދިންނަށް ބޭނުންވާ ފުރިހަމަ ތަޢުލީމު ނުލިބުން

ދުނިޔޭގެ އެކިކަންކޮޅު ތެރެއިން 100 މިލިޔަން ކުދިންނަށްވުރެ ގިނަ ކުދިން އެކުދިންނަށް ބޭނުންވާ ތައުލީމު ލިބިގަތުމުގައި މަހުރޫމު ވެފައިވެ. 77 މިލިޔަން ކުދިންނަކީ އެކުދިންނަށް ތައުލީމު ހާސިލުކުރުމަށްޓަކައި ބޭނުންވާ ފަންޑު ނުލިބިގެން މިކަމުން މަހުރޫމުވެފައިވާ ކުދިންނެވެ. މީގެއިތުރުން ޖޯގުރަފީ ގޮތުން ގައުމު އުފެދިފައި އޮންނަ ގޮތުން މޫސުމަށް އަންނަ ތަފާތު ބަދަލުތަކާއެކު ބޭރަށް ނުނިކުމެވި ގޭގައި މަޑުކުރަން ޖެހުމުގެ ސަބަބުންވެސް ކުދިންނަށް ސޫކޫލަށްނުދެވި ރަނގަޅު ތަޢުލީމުން މަޙުރޫމް ވެފައި އެބަހުއްޓެވެ.

 ކުދިންނަށް ލައްވައި ކުށުގެ ޢަމަލު ހިންގުން

 ޖިނާއީ އެކިއެކި ކުށްތައް ކުރާ މީހުން އެމީހުން ކުރާ ކުށުގެ ޢަމަލުތައް ނުވަތަ އެމީހުން ބޭނުންވާ މަޤްޞަދު ޙާޞިލް ކުރުމަށް ހިންގާ ކުށުގެ ނުރަނގަޅު ޢަމަލުތަކުގައި ކުޑަކުދިން ގިނަ ޢަދަދަކަށް ބައިވެރިކުރާކަން ދިރާސާތަކުން ދައްކައެވެ. މިގޮތުން ބަނގުރަލާ މަސްތުވާތަކެތީގެ ބޭނުން ކުރުމާ، މާރާމާރީގެ ހިންގުމުގެ އިތުރުން ވައްކަމާ ފޭރުމުގެ ބޮޑެތި ކުށްތައް ކުރުމުގައިވެސް ކުޑަކުދިން ދަނީ ބޭނުން ކުރަމުންނެވެ. މިފަދަ ކުށްތައް ކުދިން ލައްވައި ކުރުވަނީ އެކުދިންނަށް ފައިސާ އާއި އެނޫންވެސް ބައެއްކަހަލަ މާލީ އެހީތެރިކަން ނުވަތަ ބޭނުންވާ އެހެނިހެން ކަންކަން ކޮށްދީގެންނާ ޤާނޫނީ ގޮތުން ބޮޑެތި ޙުކުމްތައް އެކުދިންގެ މައްޗަށް ނުކުރާނެކަން ވިސްނައިދީގެންނެވެ. މިފަދަ ޖިނާޢީ މައްސަލަތަކުގައި ކުޑަކުދިން ބައިވެރިކޮށް އެކުދިންގެ މައްޗަށް މައްސަލަތައް ސާބިތުވެ މުޅި ޢުމުރު ޖަލުގައި ހޭދަކުރަން ޖެހިފައި ހުރުމަކީ ކުޑަކުދިންނަށް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

މިދެންނެވި ކަންކަމަކީ ކުޑަކުދިންގެ ކަރާމާތް ގެއްލޭގޮތަށް އަދި އެކުދިންނަށް ލިބިދީފައިވާ އިންސާނީ ޙައްޤު ނިގުޅިގެންދާނެ ގޮތަށް އެކުދިންނަށް ދިމާވާ ނުރައްކާތަކުގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވިފައި ހުރި ކަންކަމެވެ. މީގެ ތެރެއިން ގިނަ ކަންކަމަކީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގައިވެސް މިހާރުވެސް ހިނގަމުންދާ އަދި ހިނގަހިނގައި ހުރި ކަންކަމެވެ. ވަކިން ޚާއްޞަކޮށް ކުޑަކުދިންނަށް ޖިންސީ ގޮތުން ގޯނާ ކުރުމާ، ކުޑަކުދިންނާމެދު އިހުމާލު ވުމާ ކުޑަކުދިން ލައްވައި ކުށުގެ ޢަމަލުތައް ހިނގުވުމަކީ ދިވެހިންގެ ތެރެއިން ދެކެން ބޭނުން ނުވިޔަސް ހިނގަ ހިނގައި ހުންނަ ފެނިފެނި ހުރި ކަންކަމެވެ.

(މިއީ ޕޮލިސް ވެބްސައިޓަށް އިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޢަބްދުއްސައްތާރު ލިޔެވެފައިވާ ލިޔުމެކެވެ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.