ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

 

(ބުރާސްފަތި ދުވަހުގެ ބަޔާ ގުޅޭ)

މުށިކުލައަރާ ހިކިފައިވާ ފަތްތަކުން ބިންމަތި ފުރާލެވިފައިވާއިރު ސިފަވަނީ އޯޓަަމް މޫސުމުގެ ހިތްގައިމު މަންޒަރެކެވެ. އަދި އެ މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އެތަނުގައި ތިބި މިޝްކާ އާއި ޝިވަމްގެ ޖޯޑެވެ. މިޝްކާ އަދިވެސް އިނީ ހަމަ އެއިންގޮތަށެވެ. ހިތުގައިވާ ބަސް ދުލާހަމައަށް އައި ކަމުގައިވިޔަސް އަޑުބޭރެއް ނުވި އެވެ. ދޫބަންދުވެ މަންމަން ވެފައިވާ ކަހަލައެވެ. ޝިވަމް އަނެއްކާވެސް އޭނާގެ ހިތުގެ ތެޅުން މިޝްކާއަށް އިއްވަދިނެވެ. މިފަހަރު ޝިވަމް މިޝްކާގެ އަތްނަގާ އޭނާގެ މޭގައި ޖައްސާލިއެވެ. މިޝްކާއަށް ހީވީ އޭނާގެ ގަޔަށް ކަރަންޓް އަރައިގެން ދިޔަހެންނެވެ. ނަމަވެސް މިޝްކާ ދުރައްޖެހޭކަށް ބޭނުމެއް ނުވިއެވެ. ޝިވަމްގެ ލޯބީގައި އޭނާގެ ފުރާނަ ޤުރުބާންކުރާކަށްވެސް މިޝްކާ ޖެހިލުމެއް ނުވެއެވެ. “އަހަރެންނާ ކައިވެނި ކޮށްފާނަންތަ؟” މިފަހަރު ޝިވަމް އެދުނީ ކައިވެންޏަށެވެ. އޭނާ ދެކޭގޮތުގައި ރައްޓެހިވެގެން މާގިނަ ދުވަހު އުޅުމަކީ ބޭކާރުކަމެކެވެ. ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވެ އިހްސާސްތައް ދެނެގަންނަން އެނގެންޏާ ކައިވެންޏަކާ ހަމައަށް ދާންވީ އެވެ. ޖަވާބުގައި މިޝްކާ ބުނީ އޭނާ ވިސްނާލަން ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ. އޭނާ މިހެންބުނީ ޝިވަމް ތަޅުވާލަން ކަމަށްވިޔަސް މިޝްކާގެ ޖަވާބު ޝިވަމްއަށް ވަރަށް ކަމުދިޔައެވެ. ލަދުރަކި ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު މިޝްކާ އެތަނުން ދިޔައެވެ.

ތިން ލޯގަނޑުން ފުރިފައިވާ ޑްރެސިންގް ޓޭބަލް ކުރިމަތީ އިށީނދެއިނދެ ޔާނީ ތައްޔާރުވަމުން ދިޔައީ އޭނާގެ އުފަންދުވަހުގެ ޕާޓީއަށެވެ. ރަތްކުލައިގެ ދިގު މެކްސީ ލައިގެން ހުރިއިރު ޔާނީ ރީތިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އެއީ ޒައިދް ޔާނީއަށް ހަދިޔާ ކުރި ހެދުމެކެވެ. ޒައިދްގެ ޗޮއިސް ޔާނީއަށް އަބަދުވެސް ވަރަށް ކަމުދެއެވެ. ޔާނީ ފެނިފައި ޒައިދް އައިސް އޭނާގެ ގާތުގައި ހުއްޓުނެވެ. އަދި ތައުރީފުކޮށްނުލާ ނުހުރެވިގެން ޔާނީއާއި ކައިރިވެ އޭނާގެ ކޮޑުގައި ދަތްދޮޅި އަޅުވާލައި ބުނެލި އެވެ.

“ތިހެދުމުގައި ޔާނީ ފެންނަލެއް ވަރަށް ހިތްގައިމު، އަހަރެންގެ އަންހެނުން ގޮވައިގެން ބޭރަށް ނުކުނަންވެސް ބިރުގަނޭ” ޒައިދް ޔާނީއާ ސަމާސަކޮށްލިއެވެ. “އެހެންތަ؟ އޯކޭ، އެހެންވީރު އަހަރެން އެހެން މީހަކު ހޯދަފާނަން” ޔާނީވެސް ވަކި ދުލެއް ނުކުރިއެވެ. މިހެން ކިޔައި އެތަނުންދާން ތެދުވެ ހިނގައިގަތްވަގުތު ޒައިދް ޔާނީގެ އަތުގައި ހިފައި އޭނާއާ ދިމާލަށް ދަމައިގަތެވެ. ނޭފަތާއި ނޭފަތްޖެހި ދެމީހުން ނޭވާ އެއްނޭވާއަކަށްވީ ނުހަނު އަވަހަށެވެ. “ދެން ތިހެން ނުބުނާތި! އަހަރެންގެ ހަށީގައި ފުރާނަ ހުރިހާހިނދަކު ތިކަމެއް ނުވާނެ” ޒައިދްގެ ދެލޮލުން ޔާނީއަށް ފެނިގެންދިޔައީ ސީރިއަސް ކަމުގެ ކުލަވަރެވެ. ޔާނީ އާއެކޭ ބުނެ ޒައިދްގެ މޭގައި ބޯއަޅާލި އެވެ.

އިންތިހާ ދަރަޖައަށް ރުޅިގަދަވެފައި ހުރި ވިކާޝް ގޮށްމުށުން ފާރުގައި ތަޅަމުން ދިޔައީ ވަރަށް ބާރަށެވެ. ލަފާކުރެވޭ ގޮތުގައި އޭނާ ބޭނުންވަނީ ވަގުތުން ވަގުތަށް އ ެއަންހެންކުއްޖާގެ ފަރާތުން ބަދަލް ހިފާށެވެ. އަދި މިވީހާ ތަނަށް ދުވަހަކުވެސް އެއްވެސް މީހަކަށް އޭނާ އާއި ދިމާލަށް ބާރަށް ބަހެއް ބުނަން ނުކެރޭތާ އިސް އުފުލާ ބަލާލަންވެސް ނުކެރެއެވެ. ނަމަވެސް މިހުރިހާ ކަމެއް އެ އަންހެންކުއްޖާ ބަދަލުކޮށްލައިފި އެވެ. އެ ކުއްޖާއަށް އެވަރުގެ ހިތްވަރެއް ލިބުނީތީ ވިކާޝް ހައިރާންވި އެވެ. ވިކާޝްއަކީ ދުވަހަކުވެސް ބަލި ގަަބޫލުކޮށް ހަތިޔާރު ބެހެއްޓި މީހެއް ނޫނެވެ. އެކަމަކު އެރޭ އޭނާގެ އަނގައިން ބަހެއް ބޭރު ނުވީތީ އަމިއްލަ ނަފްސުދެކެ ރުޅިއައެވެ. ވިކާޝް ބޭނުންވީ އެހެންމީހުންގެ ކުރިމަތީ އެ އަންހެން ކުއްޖާ ފަޟީހަތްކޮށްލާ މުޅި ދުނިޔެއަށް ބޭޒާރުކޮށްލާށެވެ. ހަމަ ޔަޤީނުންވެސް އެކަން ކާމިޔާބު ނުވަނީހެއް އޭނާ ހަމަނޭވައެއް ނުލާނ ެއެވެ. އެ އަންހެން ކުއްޖާގެ މައުލޫމާތު ހޯދުމަށް ވިކާޝްގެ ގްރޫޕްގެ އިތުރު ބައިވެރިން ދިޔައީ މަސައްކަތް ކުރަމުންނެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އެމީހުން އެއީ ކާކުތޯ ހޯދާނެ އެވެ. މަސައްކަތް ކާމިޔާބުނުކޮށް އެނބުރި ގޮސްފިނަމަ އެމީހުންނަށް ސަލާމަތުން ތިބެވޭނެ ކަމުގެ ޔަޤީންކަން ނެތީމަ އެވެ.

އަލަށް ހަދަން ފަށާފައިހުރި އިމާރާތެއްގެ އެންމެ މަތީ ފަންގިފިލާގައި ހުރެ އަމިއްލަ ސިކުނޑިތެރޭ ޕްލޭންތައް ރާވަމުން ދަނިކޮށް އޭނާގެ އިތުރު ބައިވެރިން އެތަނަށް އައެވެ. ފެންނަ ފެނުމަށް ހީވަނީ އެމީހުންްނާ ހަވާލުކުރި މަސައްކަތް ފުރިހަމަކޮށްގެން އައިސް ތިބި ހެންނެވެ. “ކޮބާ، އެއީ ކާކުކަން އެނގިއްޖެތަ؟” ވިކާޝް އޭނާގެ ބަރު އަޑުން ވާހަކަ ދައްކަން ފެށިއެވެ.

“އާނ ބްރޯ! އެ މަންޖެއަށް ކިޔަނީ ޔާނީ. މަޝްހޫރު ވިޔަފާރިވެރިޔާ ޝިޔާޒްގެ ފިރިހެންދަރި ޒައިދްގެ އަންހެނުން އެއީ، އެރޭ އޭނަ ކައިރީގައި ހުރީ އެ ޒައިދްގެ ކޮއްކޮ ތާރާ” ބައިވެރިންގެ ތެރެއިން އިސްކޮށް ހުރި އެކަކު އެމީހުނަށް ލިބުނު މައުލޫމާތު ހިއްސާކުރަންފެށ ިއެވެ.

“ކިލް ހިމް! ޔާނީ ކުރި ކުށުގެ އަދަބަކީ އޭނާގެ ފިރިމީހާގެ މަރު” ވިކާޝް ބޭނުންވީ ޔާނީގެ ހަޔާތުން އަބަދުގެ އަބަދަށް ޒައިދް ވަކިކޮށްލާށެވެ. އެއީ ޔާނީއަށް އެއްވެސް އުފަލެއް ލިބެން އޭނާ ބޭނުން ނުވާތ ީއެވެ. ޔާނީ ކުރި ކުށުގެ ސަޒާއަކީ އެއީ އެވެ.

ކޮންފަދަ ރަހުމްކުޑަ އިންސާނެއް ހެއްޔެވެ؟ އޭނާގެ ހިތުގައި އިންސާނިއްޔަތޭ ކިޔާ އެއްޗެއް ނެތީ ބާވައެވެ. އެއްވެސް އިންސާނަކަށް އަނެއް އިންސާނާގެ ފުރާނަ ދުއްވާލުމުގެ ހައްޤުލިބިގެނެއް ނުވެއެވެ. މިއީ އިންސާނެކޭ ކިޔޭ ވަރުގެ މީހެއް ނޫނެވެ. އޭނާގެ ހަށިގަނޑުގައި ހިތެއް ވާކަން ޤަބޫލުކުރަންވެސް ދައްޗެވެ. ޔާނީއާއި ޒައިދްގެ އުފާވެރި ދިރިއުޅުން ވެއްޔާ މޮޑެލަން ވިކާޝްއަށް އޮތީ ކޮން ހައްޤެއް ހެއްޔެވެ.

ހ. ބްލޫމިންގައި އެންމެން ހޭދަކުރަމުން ދިޔައީ ޔާނީގެ އުފަންދުވަހުގެ ޕާޓިގެ ހިތްގައިމު ވަގުތުތަކެވެ. ކެއުމަށްފަހު ރައްޓެހިންނާއެކު މަޖާކޮށްލުމަށްޓަކައި ލަވަބާޒީ ކުޅުމަށް އެންމެން އެއްބަސްވި އެވެ. އަންހެނުންނާއި ފިރިހެނުންގެ ޓީމެކެވެ. ފުރަތަމަ ލަވަކިޔަންފެށީ ޒައިދެވެ. އޭނާގެ ފިރިހެންވަންތަ އަޑުން ކިޔާފައިވަ ކިތަންމެ ލަވައެއް ޔާނީ ވަނީ އަޑުއަހާފ ައެވެ. ނަމަވެސް އެ އަޑު އިވޭ ކޮންމެ ފަހަރަކުވެސް ކުރެވެނީ މުޅިން އާ އިހުސާސްތަކެކެވެ. ޒައިދް ބުނަމުން ދިޔައީ ދަންނަހާ އެންމެނާ ކަލާ މާތަފާތުވެ ލޯބި އަތުލަން ވެސް މާ ކުޅަދާނަ ކަމަށެވެ. އަދި އޭނާގެ ހިތް ލަންބުވާލީ ނޭނގިހުއްޓާ ކަމަށެވެ. އޭނާގެ ނޭވާ ހުއްޓި ދަންދެން އެކުގައި އުޅޭނެކަމަށާއި އޭނާގެ ހިތުގައި މަޑުމަޑުން ތިނަން ހާއްސަވެ ލޯބިވާޔާ ނުލާ ނޫޅެވޭނެ ކަމަށެވެ. ޔާނީއެކޭ އެއްފަދައިން އެހެން އެންމެންވެސް ތިބީ ޒައިދްގެ އަޑުން ކިޔަމުންދިޔަ ލަވައިގެ ސަބަބުން އާޝޯހުވެފައެވެ. ޒައިދް ލަވަކިޔާ ނިމުމުން ޖަވާބުގައި ލަވަކިޔަން ފެށީ ޔާނީ އެވެ. އޭނާގެ އަޑުވެސް ހަމަ އެހާމެ ހިތްގައިމެވެ. މިފަހަރު ޔާނީ ބުނަމުންދިޔައީ ލޯބިން ކަލާ ކައިރީގައި ވާނެކަމަށާއި ވަކިވާން ނޭދޭކަމަށެވެ. ހިތްއެދޭ ހުރިހާ އުފާ ލޯބިން ދޭނެކަމަށާއި ވަރަށް ލޯބިވާ ކަމަށެވެ.

ޔާނީގެ އަޑުގައިވި ފުރިހަމަ ކަމުން ދަތްދޮޅީގައި އަތްވިދިފައި އިން ޒައިދަށް ލަވަ ނިމުނު އިރުވެސް ރެޔަކާނުލި އެވެ. އަމިއްލަ ދުނިޔެއަށް ގެއްލިފައި އިން ޒައިދް އަށް ހޭވެރިކަންވީ އެންމެން އެއްފަހަރާ އަތްތިލަބަޑި ޖަހަންފެށުމުންނެވެ. އެވަގުތު ޒައިދް އަތުގެ އިޝާރާތުން ޔާނީއަށް އެންގީ ލަވަ ވަރަށް ފުރިހަމަ ކަމަށެވެ. ދެން އޮތީ ޝިވަމްގެ ފުރުސަތެވެ. ފުރުސަތުގެ ބޭނުން ހިފާ ޝިވަމް އަނެއްކާވެސް މިޝްކާއަށް އެނާގެ ހިތުގައިވާ ލޯބި ހާމަކުރި އެވެ. ޝިވަމް ބުނީ އޭނާއަށް އާކުއްޖެއް ފެނިގެން އުޅޭވާހަކ ައެވެ. ބިރަކާނުލާ ރެޔާއި ދުވާލު އެކުއްޖާ ހޯދޭކަމަށެވެ. ލޯމަތިން އެކުއްޖާ ފެންނަ ކޮންމެ ފަހަރަކު ވާގޮތެއްވެސް ނޭނގޭ ކަމަށެވެ. މާމަލާ ވަސް އެކުވެ ހަނދުގައި ހަނދުވަރު ހުންނަހެން ތިން ސިކުންތުވެސް ހޭދަ ނުވެ އިޚްތިޔާރުން ބޭރުވެ ހައިރާންވާހާ ބޮޑަށް އެކުއްޖާ ދެކެ ލޯބިވެވުނު ކަމަށެވެ. އުފަލުންހުރެ ޖަވާބުގައި މިޝްކާ ބުނީ އޭނާ ވާލޯބި އެނގޭނަމަ ހިތުގެ ތެޅުން ތިޔަ މިތުރު އެހުމަށެވެ. ފުން ހިޔާލުގައި ދީވާނާވެ ހިތް ފާޅުފައި ތިޔަ ލޯތްބަށް އެދެވުނު ކަމަށެވެ. އަދި އުފާ ލިބުމަށް އެދި ލޯބިން އެކީ ހިއްސާވެލުމަށެވެ.

މިޝްކާގެ ޖަވާބު އިވިފައި ޝިވަމް ފޯން ނަގައި ކޮށްލީ މެސެޖެކެވެ. “ޔޫ މީން ޔޭސް؟” ޝިވަމް އަށް ހީވަނީ މިއީ ހުވަފެނެއް ހެނެވެ. މެސެޖް ކިޔާލުމަށްފަހު މިޝްކާ ބަލައިލީ ޝިވަމް އާއި ދިމާލަށެވެ. އޭރު ޝިވަމް އިނީ މިޝްކާއާއި ދިމާލަށް ބަލަހައްޓައިގެން އޭނާގެ ޖަވާބެއްގެ އިންތިޒާރުގ ައެވެ. މިޝްކާ ހިނިތުންވެފައި ބޯޖަހާލި އެވެ. ޝިވަމް އުފަލުން ފުންމައިގެން ތެދުވިއެވެ. އެވަގުތު އެންމެންގެ ސަމާލުކަން ހުއްޓުނީ އޭނާއާއި ދިމާލަށެވެ.

“ޝިވަމް! ކިހިނެއް ވީ؟ ކޮންކަމަކާ މާ އެކްސައިޓް ވެގެން ތިއުޅެނީ؟” ވާނުވާގައި އިން ތާރާ ޝިވަމްގެ މި ހަރަކާތް ފެނިފައި ސުވާލުކުރިއެވެ. ކުރެވުނު ކަންތައް އެނގުމުން ކަމެއް ނުވެއޭ ކިޔައި ޝިވަމް ގޮސް އިށީނެވެ. އޭރުވެސް މިޝްކާ އިނީ ހީލަ ހީލަ އެވެ. “އޭ! މިޝްކާ އާއެކޭ ބުނީތަ، މާހެވިފަ ތީނީ” ވެގެން އުޅޭގޮތް އެނގިހުރެވެސް ޒައިދް އެހިއެވެ. “ޔޭސް ފައިނަލީ!” ޝިވަމް ހުރީ ވަރަށް އުފަލުންނެވެ. އެހާ ދުވަސްކޮށްފައި ހަޔާތުގެ ބައިވެރިއެއް ލިބުމުން ޝިވަމް އަށްޓަކައި ޒައިދްވެސް އުފާކުރ ިއެވެ. ޝިވަމް ބޭނުންވަނީ ވީއެންމެ އަވަހަކަށް ދ އާއިލާގެ ރުހުމުގައި އެދެމީހުންގެ ކައިވެނީގެ ގޮށްޖެހި އުފާވެރި ހަޔާތެއް ވޭތުކުރުމަށެވެ.

އެރޭގެ ޕާޓީ ނިންމާލުމުގެ ކުރިން ޒައިދް އޭނާގެ އަންހެނުންނަށް އާނާގެ އުފަންދުވަހުގެ އެންމެ ހާއްސަ ހަދިޔާ ދިނެވެ. އެއީ ޔާނީގެ ނަމުން ނަންދެވިފައިވާ ޓެއިލަރ ޝޮޕެކެވެ. މިއީ ޔާނީގެ ހުވަފެނަކަށް ވުމުން ޒައިދް އެކަން ފުރިހަމަ ކޮށްދިނީ އެވެ. ޔާނީގެ ހިތް އުފަލުން ފުރުނެވެ. އޭނާއަށް ލިބިފައި މިވަނީ ކޮންފަދަ ހިތްހެޔޮ ފިރިއެއް ހެއްޔެވެ. އެންމެ ކުދި ކުދި ކަންތަކުން ފެށިގެންގޮސް އެންމެ ބޮޑެތި ކަންތަކުން ކޮންމެ ދުވަހަކުވެސް ޔާނީ ހެއްވާލަ އެވެ. އޭނާގެ މިއުފާވެރި ދިރިއުޅުމަށް އެހެން މީހެއްގެ ހިޔަނި އެޅޭކަށްވެސް ޔާނީ ބޭނުމެއް ނޫނެވެ. މިލިބުނު ހަދިޔާއަށްޓަކައި ޔާނީ އޭނާގެ ހިތުގެ އެންމެ ފުންމިނުން ޒައިދަށް ޝުކުރުއަދާ ކުރިއެވެ. ޕާޓީ ނިންމާލުމަށް ފަހު ގެއަށް ދާން ނުކުތުމުގެ ކުރިން މިޝްކާ ޔާނީއާއި ބައްދަލުކުރި އެވެ. ޝިވަމް އާއި އޭނާގެ ގުޅުމުގެ ވާހަކަ ޔާނީ ގާތު ނުބުނެ މިޝްކާއަކަށް ކެތެއް ނުކުރެވުނެވެ. އެހެންވެ އެންމެންގަނޑުގެ ތެރެއިން ޔާނީ ހޯދުމަށް ފަހު އެވާހަކަ ބުންޏެވެ.

“ގެސް ވަޓް! އައެމް ގެޓިން މެރިޑް” އުފަލުން ފުރިގެންވާ އަޑަކުން މިޝްކާ އޭނާގެ އެކުވެރިޔާއަށް އެހަބަރު ދިނެވެ. “އަސްލުވެސްތަ؟ ކާކު؟ ކޮންއިރަކު؟ ކިހިނެއް؟ ކީއްވެ އަހަރެން ކައިރި ކުރިން ނުބުނީ؟ ޔާނީ އުފާވެފައި ހުރިވަރުން ފަސްކާފު އެއްފަހަރާ ކޮށްލިއެވެ. މިޝްކާ ބުނީ ހުރިހާ ކަމެއްވެސްވީ ކުއްލިއަކަށް ކަމަށާއި ޝިވަމްއާއި އޭނާވެސް ގަޔާވާތީ އިތުރަށް ލަސްނުކޮށް ހުށައެޅުން ޤަބޫލުކުރީ ކަމަށެވެ. ޝިވަމް އަކީ ވަރަށް ރަނގަޅު މީހެއްކަން ޔާނީއަށް އިނގެެއެވެ. އަދި އޭނަ މިޝްކާ އުފަލުގައި ގެންގުޅޭނެކަމުގެ ފުރިހަމަ ޔަޤީންކަން ޔާނީ ދިނެވެ.

ދަންވަރުގެ ހަމަހިމޭންވަގުތެވެ. އެންމެންވެސް ވަނީ ފުން ނިންޖެއްގެ ތެރެއަށް ގެނބިފައެވެ. ކޮޓަރިތެރޭގައިވާ އޭސީގެ ފޭންގެ އަޑުނޫން އިތުރުއަޑެއް ނީވެ އެވެ. ޒައިދްގެ މޭމަތީ ބޯއަޅާލައިގެން އަރާމު ނިންޖެއްގައި އޮތް ޔާނީއަށް ހޭލެވުނީ އަޑެއް އިވިގެންނެވެ. ސިހިފައި ތެދުވެ ބަލައިލިއިރު ބެލްކަނީގެ ދޮރުހުރީ ރަނގަޅަށް ނުލެއްޕި އެވެ. ތެދުވެގެންގޮސް ޔާނީ ދޮރުލައްޕައި ތަޅުލުމަށްފަހު ފަރުދާ އެއްވަރުކޮށްލާފައި އެނބުރުނު ވަގުތު މީހެއްގެ ހިލަމެއް ވީހެން ހީވި އެވެ. ޔާނީ މަޑުމަޑުން ކޮޓަރިން ބޭރަށް ނުކުތެވެ. ބިރުންގޮސް ހިތްހީވަނީ މޭފަޅާފަ ނުކުމެދާނެހެންނެވެ. ސިޓިންރޫމާ ހަމައަށް ދެވުނުއިރުވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެހެންވެ އެއީ އޭނާއަށް ހީވިގޮތްކަމަށް ނިންމައި ކޮޓަރިއާ ދިމާލަށްދާން ހިނގައިގަތް ވަގުތު ފެނުނު މަންޒަރުން ބިރުންގޮސް ޔާނީ ތުރުތުރު އަޅަންފެށިއެވެ. ހީވީ ލާންއުޅުނު ނޭވާ ހޮޅީގައި ތާށިވިހެންނެވެ. ނިތްކުރީގައިވާ ދާތިކިތައް ނުތީތަކެއް ފަދައިން ބަބުޅަންފެށި އެވެ. ސިޓިންރޫމްގައި ހުރި ފަރުދާއިން ފެންނަން ހުރީ މީހެއްގެ ހިޔަންޏެކެވެ. އޭނާގެ އަތުގައި ބޮޑުވަޅިއެއް ފަދަ ހަންޖަރެއް އޮތެވެ. ސަލާމަތަށް އެދި ގޮވަން އުޅުންނަމަވެސް ޔާނީގެ އަޑެއް ބޭރެއްނުވި އެވެ. އެހެންހުއްޓައި ފަހަތުން މީހަކު އައިސް ޔާނީގެ ޔާނީގެ ކޮނޑުގައި އަތްލި އެވެ. ޔާނީ ސިއްސައިގެންގޮސް ފަހަތް ބަލާލި އެވެ. (ނުނިމޭ)

ނޯޓް: މިވާހަކަ ނިމެންދެން ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހަކު ވާހަކައިގެ ބައެއް ގެނެސްދެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.