ހިމޭން ކައުނު – ހަތަރު ވަނަ ބައި (ފަހު ބައި)

ތިން ވަނަ ބައި

އޭދަފުށި ބަނދަރުމަތީގައި ނަފުސާ އާއި ނަފުސާގެ މަންމަ މަޑުކޮށްލައިގެން ހުއްޓެވެ. ތުޅާދޫން ފުރި ދޯނި އައިސް ބަނދަރަށް ވަންނީނެއެވެ.

ޝިރާޒްގެ މަންމަ ނުފެންނަތާ މިހާރު އަހަރުތަކެއް ވީއެވެ. އޭނާގެ ބައްޕަ ބިޒީކަމުން މި ފަހަރު ވެސް އޭދަފުށީގައި އޮތް ކުޅިވަރުތަކަށް ނާދެވުނެވެ. އެހެންވެ ނަފުސާ ނިންމީ މި ބޮޑު އީދު ބަންދުގެ ތެރޭގައި ނަފުސާ އެ ރަށަށް ޖައްސާލާށެވެ. ޝިރާޒްގެ ބައްޕަ އާ ބައްދަލުކޮށްލާށެވެ. މަންމަ އާއި ނަފީސް ވެސް ގޮވައިގެންނެވެ. ނަފުސާ ގްރޭޑް ދިހައެއް ނިމުނުއިރު އޭނާގެ އާއިލާ އާއި ޝިރާޒްގެ އާއިލާ އެކަތިގަނޑެއް ފަދައެވެ.

ނަފުސާގެ ފިރިމީހާ އޭދަފުއްޓަށް އަންނާނީ މާދަމާއެވެ. ގައުމީ ޔުނިވާސިޓީ ނިންމާލިތަނާހެން އޭނާ އަށް މާލޭގެ އަމިއްލަ ސްކޫލަކުން ވަޒީފާ ލިބުނީއެވެ. ބަޔޮލޮޖީ މުދައްރިސެއްގެ ވަޒީފާއެވެ. އޭނާ ޑޮކްޓަރަކަށް ވާ ހިތެއް ނުވެއެވެ. ނަމަވެސް ގުދުރަތީ ކަންތައްތަކަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑު ކަމުން އެ ދާއިރާއިން ކުރިއަށް ދިޔައީއެވެ. ނަމަވެސް އެހެން ގޮތަކަށެވެ.

ނަފުސާ އެންމެ ފަހުން ޑޮކްޓަރަކަށް ވެސް ނުވިއެވެ. އަދި ބޮޔޮލޮޖީ ޓީޗަރަކަށް ވެސް ނުވިއެވެ. ޕްރައިމަރީ އަދި ސެކަންޑްރީ ތައުލީމު ހާސިލު ކުރި އަހަރުތަކުގައި ނަފުސާގެ ވިސްނުން ބައްޓަން ކުރުމުގައި ޝިރާޒް ދެއްކި ވާހަކަތަކާއި ދިން ނަސޭހަތްތަކުން ނަފުސާ އަށް ވިސްނުނީ އެހެން ކަމެކެވެ؛ ރަށްރަށުން ކިޔަވާ ކުދިންގެ ފެންވަރު ނުހުންނަ މައިގަނޑު ސަބަބަކީ އިނގިރޭސި ބަސް ރަނގަޅަށް ނޭނގުން ކަމެވެ.

މި ޒަމާނުގެ ހުރިހާ އިލްމީ މައުލޫމާތެއް ހުރީ އިނގިރޭސި ބަހުން ލިޔެވިފައެވެ. ފޮތްތަކާއި މަޖައްލާތަކުގައެވެ. ވަކިން ހާއްސަ ގޮތެއްގައި އިންޓަނެޓްގައެވެ. އެހެން ވީމާ ރަސްމީ ތައުލީމުގެ އިތުރުން އެ ތައުލީމު ނިންމާފައި ދުނިޔޭގެ ދިރިއުޅުމަށް ނުކުމެ ހަޔާތުގެ ބާކީ އޮތް ބައިގައި ވެސް ހަޔާތް ބާއްޖަވެރިކުރަން ބޭނުންވާ ހުރިހާ މައުލޫމާތެއް ހުރީ އިނގިރޭސި ބަހުންނެވެ.

މި ހުރިހާ މައުލޫމާތެއް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭން ރާއްޖޭގައި ލިޔުންތެރިން އުފެދުނަސް، ރާއްޖޭގެ އާބާދީ ކުޑަކަމުން މާކެޓް ކުޑަ ވީމާ އެ މީހުންގެ މަސައްކަތުގެ އަގު ނުލިބޭނެތީ ދިރިއުޅުމަށް އާމްދަނީ ހޯދަން ޖެހެނީ އެހެން ދާއިރާތަކުން ކަމަށްވާތީ، ލިޔުންތެރިކަމުގެ ކުރިމަގެއް ނެތެވެ. ބުކްޝޮޕްތަކުގައި ދިވެހި ބަހުން ހުންނަ އިލްމީ ފޮތްތައް އަތުން ގުނާލެވޭހާ މަދެވެ.

އެހެންކަމުން އިންސާނުންގެ ވިސްނުންތެރިކަން ކުރިއަރުވަން ލިޔުންތެރިކަމާއި “އާޓް” އޭ ކިޔާ ހުރިހާ ބާވަތްތައް، މިސާލަކަށް އަޑާއި މަންޒަރު ބޭނުން ކޮށްގެން އިންސާނުންގެ ވިސްނުމަށާއި އުފަލަށް އުފައްދާ އުފެއްދުންތައް އިތުރު ވުމަށް އަދި ކުރިއެރުމަށް ވަނީ ހުރަސް އެޅިފައެވެ. އަނެއްކޮޅުން އެ ވަރުގެ މާކެޓެއް އުފައްދާށޭ ކިޔާފައި އާބާދީ ބޮޑު ކުރެވޭކަށް ވެސް ނެތެވެ. ނަފުސާ އާޓްސް ސްޓްރީމް ނުހެދި ނަމަވެސް ވިސްނުނީ ޖޯގްރަފީގެ ގޮތުން ދިވެހި ރާއްޖެ އަށް ޑިސްއެޑްވާންޓޭޖެއް އޮތް ކަމެވެ؛ ބިން ކުޑަ ވުމުގެ އިތުރުން ޖަޒީރާތަކެއް ވީމާ އިންސާނުންގެ “މޮބިލިޓީ” އަށް ހުރަސް އެޅުން ނުވަތަ ދަތުރުފަތުރު ކުރުން އެހާ ފަސޭހަ ވެފައި ނެތް ތާނގައި ގުދުރަތީ ވަސީލަތްތައް މަދު ކަމުން ވެސް ރާއްޖޭގެ އާބާދީ އިތުރު ކުރެވެން ވެސް ނެތީ އެވެ.

އެހެންކަމުން، ގުދުރަތީ ހުރަސްތަކާ ހުރެ އިގުތިސާދީ ފުރުސަތުތައް ހަނި ވުމުގެ ސަބަބުން ސައި ވެފައިވާ ރާއްޖޭގެ މި އިޖުތިމާއީ ހާލަތް ބަދަލު ކުރުމަށް ފަރުދީ ގޮތުން ނަފުސާ އަށް ކުރެވޭނެ އެންމެ ރަނގަޅު ކަމެއް ކަމަށް ފެނުނީ އިނގިރޭސި މުދައްރިސަކަށް ވުމެވެ. ޝިރާޒް ސީދާ އެހެން ނުބުނި ނަމަވެސް، ނަފުސާ އަށް ވިސްނުނީ އެ ގޮތަށެވެ. މިހެންވެ ނަފުސާ ކިޔެވީ އެ ދާއިރާއިންނެވެ. އަދި ގައުމީ ޔުނިވާސިޓީ ނިންމާލުމަށް ފަހު މިހާރު އޭނާ ވަނީ ބައެއް ސަރުކާރު އަދި އަމިއްލަ ސްކޫލްތަކަށް އިނގިރޭސި މުދައްރިސެއްގެ ވަޒީފާ އަށް އެދި ސިޓީ ލައިފައެވެ.

އެޕްލިކޭޝަން ސިޓީތައް ފޮނުވާލީ ބޮޑު އީދު ބަންދު ވުމުގެ އެއް ދުވަސް ކުރިންނެވެ. ސަބަބަކީ ނަފުސާ އަށް ވަޒީފާ ލިބޭނެ ސްކޫލެއް ނުވަތަ ރަށެއް ނޭނގޭތީއެވެ. އެހެންކަމުން އޭނާ ބޭނުންވީ ވަޒީފާ އަށް ދާން ޖެހުމުގެ ކުރިން ކޮންމެހެން ވެސް އެއް ފަހަރު ނަމަވެސް އޭދަފުއްޓަށާއި ތުޅާދޫ އަށް ޖައްސާލުމަށެވެ. ކުރީގެ ހަނދާންތައް އާކޮށްލުމަށެވެ. އެއީ އޭނާ އަށް ވަރަށް މުހިންމު ކަމެކެވެ. އޭނާގެ ދިރިއުޅުން ހަރުދަނާވުމުގައި ޝިރާޒް އާއެކު ހޭދަކުރި ވަގުތުތައް އެންމެ މުހިންމު ރޯލު ކުޅެފައިވާތީއެވެ.

ނަފުސާގެ ފިރިމީހާ ނަފުސާއަށް ވުރެ ދެ އަހަރު ހަގެވެ. ދެ މީހުން ބައްދަލުވީ ގައުމީ ޔުނިވާސިޓީގައި ނަފުސާގެ ތިން ވަނަ އަހަރުގައެވެ. އެއީ ފިރިމީހާގެ ފުރަތަމަ އަހަރެވެ.

ނަފުސާ ޔުނިވާސިޓީ ނިންމި ގޮތަށް ކައިވެނި ކުރީއެވެ. ފިރިމީހާ ކިޔެވުން ކުރިއަށް ގެންދިޔައެވެ. އަދި ޖެހިގެން އައި އަހަރު ފިރިހެން ދަރިފުޅެއް ލިބުނެވެ. ފިރިމީހާ ބޭނުންވީ ދަރިފުޅުގެ އުމުރުން ތިން އަހަރު ވުމުން ނަފުސާ ވަޒީފާއެއް ހޯދާށެވެ. ސިކުނޑީގެ އަސާސީ ބައިތައް ފުރިހަމަވަނީ އެ ކުއްޖާގެ ފުރަތަމަ ތިން އަހަރު ކަމަށް ސައިންސުން އެނގޭތީ އެހެން އެއްވެސް މީހެއްގެ ނުވަތަ ކަމެއްގެ ނުރައްކަލަށް ހުށަހެޅެން ދަރިފުޅު ދޫކޮށްލަން ބޭނުން ނުވީއެވެ. އެހެން ނޫނަސް މަޔަކު ބަލާ ގޮތަށް އެހެން މީހަކަށް އެ ދަރިފުޅު ނުބެލޭނެ ނޫން ހެއްޔެވެ؟

ޝިރާޒްގެ މަންމަ އާއި ޝަޒްރާ ދޯނިން ފައިބައިގެން އައެވެ. ނަފުސާއާއެކު މާލެއިން އޭދަފުއްޓަށް ޝަޒްރާ އިއްޔެ އައިސް ހަމަ އެ އައި ގޮތަށް ތުޅާދޫ އަށް ދިޔައީއެވެ. މިއަދު މަންމަ ގޮވައިގެން އޭދަފުއްޓަށް ކުޅި ބަލަން އައުމަށްޓަކައެވެ. އަދި އޭގެ ފަހުން ނަފުސާ އާއި ނަފުސާގެ އާއިލާއާއެކު މާދަމާ ތުޅާދޫ އަށް ދިއުމަށެވެ.

ޝަޒްރާގެ އުމުރުން މިހާރު ސަތާރަ އަހަރެވެ. ހަށިގަނޑުގެ ބައްޓަމާއި ހިނގުމާއި އެހެން ހަރަކާތްތަކުގެ އިތުރުން މޫނުމަތީގައި ވެސް ޝިރާޒް އާ އެއްގޮތް ކަމެއް ހުއްޓެވެ.

އޭނާގެ މަންމަ އައިސް ނަފުސާގެ ގައިގައި ބައްދާލިއެވެ. ދެން ނަފުސާގެ ގާތުގައި މަޑުމަޑުން ހުރި ތިން އަހަރުގެ ފިރިހެން ދަރިފުޅު ގައިގައި ބައްދާލިއެވެ. ކުޑަކުޑަ ޝިރާޒްއެވެ.

ޝިރާޒްގެ މަންމަ ފެންކަޅިވިއެވެ. ޝަޒުރާ ވެސް ފެންކަޅިވިއެވެ. ނަފުސާގެ ދަރިފުޅަށް ޝިރާޒްގެ ނަން ދިނީ ކީއްވެކަން އެންމެންނަށް ވެސް ވިސްނެއެވެ.

އެ ތަން ފެނިފައި ނަފުސާ ވެސް ފެންކަޅި ވިއެވެ. އެ ދެމައިންގެ ހިތުގައި މިހާރު ވެސް އަޅާނެ ވޭން ވިސްނުމުންނެވެ.

ނަފުސާގެ ދަރިފުޅަށް ޝިރާޒްގެ ނަން ދިނީ ވެސް އެ އެންމެންގެ ހަޔާތުގައި މިހާރު އުޖާލާ ކަމެއް ހުރި ނަމަ އެ ކަމުގެ އަސްލަކީ ޝިރާޒް ކަމަށް ވުމެވެ. ނަފުސާގެ ފުރާވަރުގެ ދުވަސްތަކުގެ ބަނަކަން އަލި ކޮށްދިނީ ޝިރާޒްއެވެ. އަދި ހަމަ އެފަދައިން ނާއުއްމީދު ވާ ވަގުތުތަކުގައި ޝިރާޒްގެ އަމިއްލަ އާއިލާގެ އެންމެންނަށް ވެސް ހިތްވަރު ދެމުން ދިޔައީ ޝިރާޒްއެވެ.

ނަފުސާ ހައިރާނެއް ނުވެއެވެ. އުމުރުން ފަނަރަ އަހަރަކީ ހަގީގަތުގައި ވަރަށް ޅަ އުމުރެއް ކަމަށް ވިޔަސް އެ އުމުރުގައި ވެސް އާދައިގެ އެހެން ހަރު މީހުންނެކޭ އެއްވަރަށް ޝިރާޒްގެ ވިސްނުން ހުރީ އޭނާގެ އަމިއްލަ މަސައްކަތުން އިނގިރޭސި ބަސް މޮޅަށް ދަސްކޮށްގެން ދިރިއުޅުމަށް ބޭނުންވާ މައުލޫމާތުތައް އޭނާ ހޯދަމުން ދިޔުމުންނެވެ.

ނަފުސާ އިނގިރޭސި މުދައްރިސަކަށް ވީ މިހެންވެއެވެ. އިނގިރޭސި ބަސް ދިވެހި ކިޔަވާކުދިންނަށް އެންމެ ރަނގަޅަށް ކިޔަވައިދެވޭނީ ދިވެއްސަކަށް ކަމަށް ވާތީ އެވެ. ސަބަބަކީ ދިވެހި ބަހުން ރަނގަޅަށް ބުނެދެވޭނެތީއެވެ. މިހާރު ވާ ގޮތަކީ ރަށްރަށުގެ ބައެއް ސްކޫލްތަކުގައި އަވައްޓެރި ގައުމުތަކުގެ ޓީޗަރުން އިނގިރޭސި ކިޔަވައިދޭތީ ކުދިންނަށް ވާނުވާއެއް ނޭނގެއެވެ. ނަތީޖާއަކަށް ވަނީ ރާއްޖޭގެ ސްކޫލްތަކަކީ އިނގިރޭސި މީޑިއަމުން ކިޔަވައިދޭ ސްކޫލްތަކަކަށް ވެފައި، އެހެން މާއްދާތައް ވެސް ހުންނަނީ އިނގިރޭސި ބަހުން ކަމަށް ވާތީ، އޯ ލެވެލް އާ ހިސާބަށް ދާ އިރު ގިނަ ކުދިންގައި ފެންވަރު ނުހުރުމެވެ.

ނަތީޖާއަކަށް ވަނީ މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މަގުތައް ބަންދުވުމެވެ. ރަނގަޅު ވަޒީފާއެއް ލިބުމުގެ ފުރުސަތު ނުލިބުމެވެ. އޭގެ އާހިރު ނަތީޖާއަކީ ވަޒީފާއެއް ލިބުނަސް ލިބެނީ މާލެ ސަރަހައްދުން ކަމަށްވާތީ ހުރިހާ އެންމެން މާލެ އަށާއި ހުޅުމާލެ އަށާއި ވިލިނގިއްޔަށް ހިޖުރަކޮށް، ލިބޭ ހުރިހާ ފައިސާއެއް ގޭގެ ކުއްޔަށް ހުސްކޮށްލައި، ދަރަނިވެރިވެ، އެ ހާސްކަމާއި މާޔޫސްކަމުގެ ތެރޭގައި އެތައް މައްސަލަތައް ކުރިމަތިވެ، އާއިލާތައް ރޫޅި އެންމެންގެ ދިރިއުޅުން ބަރުބާދުވެ، މުޅި މުޖުތަމައު ފަސާދައިގެ ތެރެއަށް މިހާރު ވެއްޓިފައިވާ ކަމެވެ.

ނަފުސާގެ ފިރިމީހާ ވެސް ވަރަށް އަންޑަސްޓޭންޑިންއެވެ. ނަފުސާ ކަހަލަ ނަފުސާނީ ގޮތުން ނިކަމެތި ކުއްޖަކު މިއަދު ދުނިޔޭގެ ދިރިއުޅުމުގައި ފައިތިލަ ސާބިތު ކޮށްފައިވަނީ ޝިރާޒްގެ މޯރަލް ސަޕޯޓުން ކަމަށް ވުމުން ޝިރާޒް އަކީ ނަފުސާ އަށާއި ނަފުސާގެ އާއިލާ އަށް ކިހާ މުހިންމު ކުއްޖެއްކަން ފިރިމީހާ އަށް ވިސްނުނެވެ. އެހެންވެ ޖެލަސްއެއް ނުވިއެވެ. އަދި ޝިރާޒްގެ ހަނދާންތައް އަބަދު އާ ކޮށް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ހުދު އޭނާ ވެސް ނަފުސާ ގާތުގައި ބުނެއެވެ.

“މިހާރު ދިވެހިންގެ ތެރޭގަ ނެތެންނު އަހަރުމެން ހީރޯއެއް ގޮތަށް ފޮލޯ ކުރާނެ އެކަކުވެސް. ހުރިހާ އެންމެން ކޮރަޕްޓް. މި މުޖުތަމައުގަ މިހާރު ހެޔޮ ނުވާނެ ޅަ ދަރިން ބޮޑު ކުރާކަށް،” ނަފުސާގެ ފިރިމީހާ އެއް ދުވަހަކު ބުންޏެވެ.

ނަފުސާ އެ ކަމާ ވިސްނާލިއިރު އެއީ ތެދެކެވެ. އިންސާނިއްޔަތު ކަމާއި އިހުލާސްތެރިކަން މިހާރު ދިވެހިންގައި ނެތް ފަދައެވެ. އެހެންކަމުން ޝިރާޒް އަކީ ނަފުސާމެންނަށް މި ދުނިޔެމަތީގައި މަދުން ނޫނީ ނުފެންނާނެ ފަދަ އަގު ނުކުރެވޭ ޖަވާހިރެކެވެ. ޝިރާޒްގެ ޒިކުރާ އަބަދު ވެސް ނަފުސާ އާ ކުރަނީ މިހެންވެއެވެ. އެއީ ނަފުސާގެ ހަޔާތުގެ ބިންގާ އަޅައިދިން ކުއްޖާއެވެ.

ނަމަވެސް އޭނާ މިހާރު މި ދުނިޔެއަކު ނެތެވެ. އޯ ލެވެލް ނިންމާފައި އޭ ލެވެލް އަށް ކިޔަވަން މާލެ ފޭބި ގޮތަށް އޭނާ ހުންނަން ދިޔަ ގެ އަށް އޭނާގެ ބައްޕަ ރައްޓެހި މީހާގެ ސައިކަލު ފަހަތުގައި ދިޔަ މަގުމަތީގައި ބޮޑު ތަކުރުފާނު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއްގައި އޭނާގެ ފުރާނަ ދިޔައީއެވެ. އެ ދުވަހު ނަފުސާ އަށް ފޯނުން އިވުނީ ޝިރާޒްގެ އަނގައިން ނުކުތް އެންމެ ފަހު އަޑެވެ. އަދި އެ ކޯލު ކެނޑުނީ ބިންމައްޗަށް ޝިރާޒް ބޯކޮޅު ވަތަށް ވެއްޓި އޭނާގެ ފޯން ވެސް ވިއްސައިގެން ދިޔުމުންނެވެ.

ޝިރާޒް މިއަދު ދުނިޔޭގައި ހުރި ނަމަ އޭނާގެ ތޭވީސް ވަނަ އުފަން ދުވަސް ފާހަގަ ކުރާނެއެވެ. ނަފުސާގެ މޫނު މައްޗަށް ދެން ހިނިތުންވުމެއް ވެރިވިއެވެ. އަންނަން އޮތް ދުނިޔޭގައި ޝިރާޒް އާ އިރާދަކުރެއްވިއްޔާ ބައްދަލުވެ އޭނާ އަށް ޝުކުރު އަދާކުރަން އޭނާގެ ކުރިމަތީގައި ސީދާ ހުއްޓޭ ވަގުތު ޝިރާޒްގެ މޫނުމަތިން ފެންނާނެ އުފާވެރިކަމުގެ ހިނިތުންވުން ނަފުސާގެ ހިތަށް ސިފަވުމުންނެވެ. (ނިމުނީ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.