ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

ދިހަވަނަ ބައި
(10 މެއި 2015 ގެ ބަޔާ ގުޅޭ)

ހީވީ ބިރުވެރި ހުވަފެނެއް ފެނިގެން އުޅޭ ހެނެވެ. “ހޭއި މީ އަހަންނޭ!” އެވަގުތު ޒައިދް ފެނުމުން ޔާނީއަށް ރޮއެގެންފައި ޒައިދް ގައިގައި ވަރަށް ބާރަށް އޮޅުލައިގަތެވެ. ޔާނީ ބިރުންގަނެފައި ހުރި ވަރު ފެނުމުން ޒައިދް ހާސްވިއެވެ. އަދި މިގަޑިގައި ޔާނީ ބޭރުގައި ހުރުމުން ޒައިދް ސުވާލުކުރަން ފެށިއެވެ. “ޔާނީ! ކިހިނެއްވީ؟ ކީއްވެ ތި ރޮނީ؟” ނަމަވެސް ޔާނީގެ ފަރާތުން އޭނާގެ ރުއިމުގެ އަޑުނޫން އިތުރު އެއްވެސް ޖަވާބެއް ނުލިބުނެވެ. ޒައިދް ވަރަށް މަސައްކަތްކޮށްގެން ޔާނީކަންތައް ވީގޮތް ކިޔައިދިނެވެ. އެކަމަކު ޒައިދް ހޯދާ ހޯދާވެސް އެތަނުން މީހަކު ނުފެނުނެވެ. އެއީ ޔާނީއަށް ހީވިގޮތެއްކަމަށްބުނެ ޔާނީ ހަމައަކަށް އެޅުވުމަށްޓަކައި ޒައިދް އޭނަ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. ނަމަވެސް ޒައިދްގެ ހިތުގައި ކޮންމެވެސް ވަރެއްގެ ޝައްކެއް އުފެދުނެވެ. އެއީ މީގެ ކުރިން އެކަހަލަ އެއްވެސް ކަމެއް ދިމާވެފައި ނުވާތީއެވެ. ޒައިދް ޔާނީގޮވައިގެން އެތަނުން ދިޔުމުން ގަސްތަކުތެރޭ ފިލާހުރި ވިކާޝް ބޭރަށް ނުކުތެވެ. މިފަހަރު އޭނާގެ މަސައްކަތް ކަމިޔާބު ނުވިނަމަވެސް އޭނަ ދެރައެއް ނުވިއެވެ. އެއީ ޔާނީ ބިރުންހުރި ވަރު ފެނިފައި އޭނާގެ ހިތަށް ލިބުނު ފިނިކަމުންނެވެ. އޭރު އޭނާގެ ތުންފަތަށް ވެރިވެފައިވަނީ ވިހަ ހިނިތުންވުމެކެވެ.

ރޭގެ ހާދިސާއަށްފަހު ޔާނީ އަދިވެސް ހުރީ ވަރަށް ކަންބޮޑުވެފައެވެ. ފަތާފެންގަނޑުގެ ތެރެއަށް ފައިލައިގެން އިނދެ ޔާނީ ވިސްނަމުން ދިޔައީ އެކަމާއެވެ. އެހާދިސާއަކީ އޭނާއަށް ހީވި ހީވުމެއްކަމަށް ޤަބޫލުކުރުމަށް އަދިވެސް ހިތް އުޒުރުވެރިވަނީއެވެ. އެމަންޒަރު އަދިވެސް ދެންމެ ވީކަމެއްހެން ލޯމަތީ ސިފަވަނީއެވެ. އޭނާއަށް އެވަރުގެ ގެއްލުމެއްދޭން ބޭނުންވަނީ ކާކުބާއެވެ. “ދަރިފުޅާ! މަންމަގެ މިހެދުން ހަދާލަދޭން ހިނގާބަލަ، ތަންކޮޅެއް ދިގުކަމުން ހިނގަން ވަރަށް އުނދަގޫ.” ހުވަފެނީ ދުނިޔެއިން ޔާނީއަށް ހޭލެވުނީ ޒައިދްގެ މަންމަ އައިސް ވާހަކަ ދައްކަން ފެށުމުންނެވެ. އާއެކޭބުނެ ހެދުން ހިފައިގެން ޔާނީ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ޔާނީގެ އަމަލްތައް ހުރިގޮތުން ކަމެއް ވެއްޖެކަން ނާޒްއަށް ކުޑަކޮށް ޝައްކުވިއެވެ. ނަމަވެސް މާބޮޑުކަމަކަށް ނުހަދައި ނާޒްވެސް އެދިޔަގޮތަށް ގޮސް ގޭތެރެއަށް ވަނެވެ. މިޝްކާ އޭނާގެ މަންމަ އާއި ބައްޕައަށް ގުޅައި ކައިވެނީގެ ވާހަކަ ބުންޏެވެ. އަދި ވީހާއަވަހަކަށް މަންމަ އާއި ބައްޕަ މާލެއައުމަށް އެދުނެވެ. އާމިރުއާއި ޒާހިޔާ ތިބީ އެމީހުންގެ ދަރިފުޅުގެ އުފަލުގައި ބައިވެރިވުމަށް ކެތްމަދުވެފައެވެ. މިޝްކާއަށް ލިބޭ ކޮންމެ އުފަލަކީ އެދެމީހުނަށް ވެސް ލިބޭ އުފަލެކެވެ. ކުރިން ކައިވެނީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު މިޝްކާ ވާހަކަ އޮޅުވާލާ ފިލަން ދުވެއެވެ. ނަމަވެސް ޝިވަމް މިހުރިހާ ކަމެއް ބަދަލުކޮށްލައިފިއެވެ. މިއީ މިޝްކާގެ ދިރިއުޅުމަށް އެޅުނު ހެޔޮފާލެކެވެ.

މެންދުރުގެ ހޫނުގަދަ ވަގުތު ސިޓްރޮންގެ ހިތްގައިމު މާހައުލުގައި ތިބެ ޝިވަމްއާއި ޒައިދް މަޝްވަރާކުރަމުން ދިޔައީ ޝިވަމްގެ ކައިވެނީގެ ކަންތައްތަކާއެވެ. “އަހަރެން ބޭނުމެއް ނޫން މާބޮޑު ޕާޓީއެއް ބާއްވާކަށް، ހަމައެކަނި ރައްޓެހިންނާއި އާއިލާގެ މީހުން ޝާމިލްވާގޮތަށް. މިޝްކާވެސް ބޭނުންވަނީ އެގޮތް” ޝިވަމް އޭނާގެ ހިޔާލު ފާޅުކުރިއެވެ. “އެންމެ ރަނގަޅު! ޝިވަމްމެން ބޭނުންވާ ގޮތެއް” ޒައިދްވެސް އޭނާގެ އެކުވެރިޔާގެ ހިޔާލަށް ތާއީދު ކުރިއެވެ. ޝިވަމްމެންގެ ކައިވެނި ކުރަން ހަމަޖެހުނީ ހިނގަމުންމިދާ އެޕްރީލް މަހުގެ ތެރޭގައެވެ. ހަޔާތުގެ މުޅިންއާ ސަފްހާތަކެއް ލިޔެވެން ފެށުމަށް ތައްޔާރުވަމުންދާއިރު މިޝްކާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މިޝްކާދެކެ ލޯބިވާ ބައިވެރިޔަކު ލިބުމުން ނަސީބު ރަނގަޅުވީ ކަމަށް އޭނާގެ ޤަބޫލުކުރިއެވެ. ކޮންމެ އަންހެންކުއްޖަކުވެސް އޭނާގެ ކައިވެންޏަށްޓަކައި ވަރަށް ބައިވަރު ހުވަފެންތައް ދެކޭނެކަން ގައިމެވެ. މިޝްކާގެ ވެސް އުއްމީދުތަކާއި ހުވަފެންތަކެއް ވެއެވެ. އެކަންތައްތައް ހަޤީޤަތަކަށް ހެދުމަކީ އޭނާގެ އެންމެ ބޮޑު އެއް މަޤްސަދެވެ.

ސާދަވިލޭރޭގެ ހަނދުވަރުގެ އަލީގައި ތިބެ މިޝްކާއާއި ޝިވަމް ވިސްނަމުން ދިޔައީ އެމީހުން ކުރިމަގު ބިނާކުރުމަށް އަޅަން އުޅޭ ބިންގަލާ ދޭތެރޭއެވެ. ޝިވަމް މިޝްކާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި ދުވަހަކުވެސް ވަކިނުވުމަށް އެދި ދެމީހުން ވައުދު ވިއެވެ. ވަފާތެރިކަމާއެކު މުޅި އުމުރަށް އެކުގައި ވުމަށެވެ. އެންމެފަހު ވިންދާ ޖެހެންދެނެވެ. މިޝްކާގެ އުނގުގައި ބޯއަޅާލައިގެން އޮތްއިރު ޝިވަމްއަށް ހީވަނީ ހުވަފެނީ އާލަމެއްގައި އުޅެވޭހެނެވެ. “ޝިވަމް! އަހަރެން ބޭނުން އަދި ކިޔަވަން، ކައިވެންޏަށްފަހު ޝިވަމް އަހަންނަށް އެފުރުސަތު ދޭނަންތަ؟” ކާމިޔާބު ލޯޔަރަކަށް ވުމަކީ މިޝްކާގެ އެންމެ ބޮޑު އެއް ހުވަފެނެވެ. ކައިވެންޏަށްފަހު މިހުވަފެން ހުވަފެނެއްގެ ގޮތުގައި ދެމިއޮންނާކަށް އޭނާ ބޭނުންވެއެވެ. އެހެންވެ ކައިވެނީގެ ކުރިން މިޝްކާ އެކަމުގެ ހުއްދައަށް ޝިވަމް ގާތުން އެދުނެވެ. “އާނ.. މިޝޫ ބޭނުމިއްޔާ ހަމަ ކިޔަވަންވީ، އަހަރެންގެ އެއްވެސް މައްސަލައެއްނެތް. އަހަންނަށް ވެވެންއޮތް ހުރިހާ އެހީތެރިކަމެއް ވެދޭން މިހުރީ ތައްޔާރަށް” ޝިވަމްގެ ހިތްހެޔޮކަން ފެނިފައި މިޝްކާ އުފަލުންގޮސް ފެންކަޅިވިއެވެ. އަދި ޝިވަމްއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާ ކުރިއެެވެ. ﷲއަށް ހަމްދު ކުރިއެވެ. އެފަދަ މީހަކު އޭނާގެ ދިރިއުޅުމަށް ގެނުވީތީއެވެ. ޝިވަމް ވަރަށް ލޯބިން މިޝްކާގެ އަތުގައި ހިފާ އެމަޑުމަޑު އަތްތިލައިގައި ބޮސްދިނެވެ. މިޝްކާ ހިނިތުންވެފައި ދެލޯމަރާލިއެވެ.

ހަލުވި މިނެއްގައި ތައްޔާރީތައް ވަމުންގޮސް ރަންކިޔައި ކައިވެނީގެ ދުވަސްވެސް އައިސް ފެންމަތިވެއްޖެއެވެ. ކައިވެނި ޕާޓީއަށް ތައްޔާރުކޮށްފައި އޮތް ރާނބާގެ ގޯތިތެރެ ފަޅުފިލުވާލާފައިވަނީ އޮރެންޖާއި ވިލުނޫ ކުލައިގެ ލައިޓިންއެވެ. ޕާޓީގެ ބެކްޑްރޮޕް ތައްޔާރު ކުރެވިފައިވަނީ އޮރެންޖް ކުލައިގެ ޑެއިޒީ މަލުންނެވެ. ބަލާލަން ހިތްގައިމުވެފައި ފުރިހަމައެވެ. ހުދުކުލައިގެ މާމެޑް ބައްޓަމަށްހުރި ހެދުމުގައި ހުރިއިރު މިޝްކާގެ ރީތިކަމުން އެންމެންގެ ހިތްތައް ދިޔައީ ލަންބުވަމުންނެވެ. ތައުރީފުކޮށްނުލާ ނުހުރެވޭފަދަ ލޫޅާފަތި ހަށިގަނޑެކެވެ. ކޮންމެ ފިރިހެން ކުއްޖަކުވެސް ދީވާނާވާ ފަދަ ރީތިކަމެކެވެ. ހުދުގަމީހަކާއެކު އޮރެންޖް ޓައީއެއް އަޅާފައި ހުރިއިރި ޝިވަމްއާވެސް ނިކަން ގުޅެއެވެ. މިޝްކާ އިންތިޒާރުކުރަމުން ދިޔައީ ޝިވަމް އަނބި ޤަބޫލުކޮށްފީމޭ ބުނާނެ ވަގުތަކަށެވެ. ހަމައެގޮތަށް ޝިވަމްވެސް އިންތިޒާރުކުރަމުން ދިޔައީ އެވަގުތަށެވެ. މާލަސްތަކެއްނުވެ ކައިވެނީގެ ގޮށްޖެހި ގުޅިލާމެހިއްޖެއެވެ. ހަޤީޤީ ދެލޯބިވެރިންގެ އުއްމީދުތައް ފުރިހަމަވެގެންނެވެ. ޔާނީއާއި ޒައިދްވެސް ހުރީ އެދެމީހުންގެ އެކުވެރިންގެ މިއުފަލުގައި ޝާމިލްވުމަށް އެތަނަށް ހާޒިރުވެއެވެ. ޒާހިޔާވެސް އޭނާގެ ދަރިފުޅުގެ ގައިގާ ބައްދާލާ މިފެށުނު އާ ހަޔާތަށް މަރުހަބާ ކިއެވެ. އާމިރުވެސް ދެކެނީ ޝިވަމްއަކީ އޭނާގެ އުފަން ދަރިއެއް ފަދައިންނެވެ. ޕާޓީ ނިންމާލުމަށްފަހު އެންމެންވެސް ނުކުމެގެން ދިޔައީ އޮރެންޖް ކުލައިގެ ޑެއިޒީ މަލަކާއެކު ހިނިތުންވެތިބެއެވެ.

ޒައިދް އަބަދުވެސް މަސައްކަތް ކުރަނީ ޔާނީ އުފަލުފައި ބެހެއްޓުމަށެވެ. ދެމީހުން އެކުގައި ހިތްގައިމު ވަގުތުތައް ހޭދަކުރަމުންގޮސް ދެމީހުން އެކަކު އަނެކަކު ވަރަށް ރަނގަޅަށް
ދަސްކޮށްފިއެވެ. މާލޭގެ ހަލަބޮލި މާހައުލުން ދުރައްގޮސް ސިކުނޑި ތާޒާކޮށްލުމުގެ ބޭނުމުގައި ޒައިދް އާއި ޔާނީ ޗުއްޓީ ހޭދަކޮށްލުމަށް ދިޔައީ ބ އަތޮޅުގައި އޮންނަ އަމިއްލަފުށި ރިސޯޓަށެވެ. ހިތްގައިމު ގުދުރަތީ މަންޒިލެއްގައި ލޯބީގެ އުފާވެރި ވަގުތުތައް ހިއްސާކޮށް މުސްތަޤްބަލް ރާވާލުމަށްފަހު މާލެ އައީ ވަރަށްފޮނި އުއްމީދުތަކާއި ހަނދާންތަކަކާއި އެކުގައެވެ. ހަވީރުގެ ފްލައިޓުން ޒައިދްގެ ދެމަފިރިން މާލެ އައި އިރު ޑްރައިވަރާއި ޝިވަމް ހުރީ އެމީހުންގެ އިންތިޒާރުގައެވެ. ކާރު ދުއްވާނީ ޒައިދްކަމަށާއި ޑްރައިވަރ ޝިވަމްއާއި އެކު ސައިކަލްގައި އައުމަށް އޭނާ އެދުނެވެ. ކާރަށް އަރާ ސްޓާޓްކޮށްލުމަށްފަހު ޒައިދް އޭނާގެ އަންހެނުންނާއެކު މިސްރާބު ޖެހީ ގެއަށް ދިއުމަށެވެ. މާލޭގެ މަގުތަކަށް ފަރިތަ ޒައިދް ކާރު ދުއްވަމުން ދިޔައީ އާދައިގެ ސްޕީޑެއްގައެވެ. އޭރު ކާރުތެރޭގައި ހަރުލާފައިވަނީ ޔާމިން އަދި މީރާގެ ހިތްގައިމު އަޑުން ކިޔާފައިވާ “ޔާރު މިވަނީ ލޯތްބޭ ހަޤީޤީ” މިލަވައެވެ.

އިރުއިރުކޮޅަކާ ޒައިދް ޔާނީއާ ދިމަލާލަށް ބަލާލާފައި ހިނިތުންވެލައެވެ. ޔާނީވެސް ޖަވާބުގައި ހިނިތުންވެލަމުން ދިޔައެވެ. މާލޭގެ މަޖީދީ މަގަށް ނުކުމެވުނުއިރު މަގުމަތި ވަރަށް ހަލަބޮއްޔެވެ. އެވަގުތަކީ ސްކޫލްތައް ނިމޭ ވަގުތަށްވުމުން ދުއްވާ އެއްޗެހިވެސް ވަރަށް ގިނައެވެ. ކުއްލިއަކަށް ވަރަށް ބާރު ސްޕީޑެއްގައި ދުއްވާފައި ގޯޅިއަކުން ނުކުތް ޕިކަޕެއްގެ ޝިކާރައަކަށް ޒައިދްގެ ކާރު ވިއެެވެ. ޔާނީ ބާރު ބާރަށް ހަޅޭލަވައިގަތެވެ. ޕިކަޕުން ޖެހުނުލެއް ބާރުކަމުން ކާރުވެސް ފުރޮޅުނެވެ. ކާރުތެރޭ ތާށިވެފައި ތިބިއިރު ފުރާނަ ސަަލާމަތް ކުރުމަށްފަހު އޭގެން ނުކުމެވޭތޯ ދެމީހުންވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ. ޔާނީގެ ބޯފަޅައިގެން ގޮސް ހޯސްލާފައި ލޭތައް ފައިބަން ފެށިއެވެ. މާގިނައިރުތަކެއްނުވެ ޔާނީ ހޭނެތިއްޖެއެވެ. ޒައިދްގެ ލޯމަތީގައި އޭނާގެ ފުރާނަ ފަދައިން ލޯބިވާ އަނބިމީހާގެ ހަބަރު ހުސްވިތަން ފެނުމުން އޭނާއަށް ލިބުނީ ބުނެދޭން ނޭނގޭ ކަހަލަ ހިތްދަތި ކަމެކެވެ. އޭރު ޒައިދްގެ ބޮލާއި އަތްވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. އިރުކޮޅެއްނުވެ ޒައިދްވެސް ހޭނެތުނެވެ. އޭރު ދެމީހުނަށްވެސް ތިބެވުނީ އަތުގައި ހިފައިގެންނެވެ. ލޭގެ ކޯރެއް ތެރޭގައެވެ.

އައިޖީއެމްއެޗް ތެރޭ މީހުންތައް ކޮޅުކޮޅު މައްޗަށް ދުވަމުން ދިޔައެވެ. އެމްބިއުލާންސްގެ ސައިރަންގެ އަޑާއެކު މުޅިތަން އެލާޓަށް އައެވެ. ލެއިން ތަތްތެޅިފައިވާ ޒައިދްއާއި ޔާނީގެ ހަށިގަނޑު ހޮސްޕިޓަލް ތެރެއަށް ވެއްދި އިރުވެސް ހީވަނީ މަރުވެފައި އޮތްހެނެވެ. އެގެންދިޔަ ގޮތަށް ގޮސް ދެމީހުންވެސް ވެއްދީ އެމާރޖެންސީ ރޫމަށެވެ. “ޝިޔާޒް! ހާދަ ލަސްވެއްޖޭ ޒައިދްމެން، އަޅެ ގުޅާބަލަ އޭނައަށް” ދަރިފުޅުގެ އިންތިޒާރުގައި އިން ނާޒްއަށް ކެއްނުވެގެން ބުންޏެވެ. ޝިޔާޒް ޒައިދްގެ ފޯނަށް ދެތިން ފަހަރަކު ގުޅާލިއެވެ. ނަމަވެސް ޖަވާބެއް ނުދިނެެވެ. “މަންމާ! މަޖީދީމަގު ލެކިއުޓް ކައިރި އެބައުޅޭ އެކްސިޑެންޓްއެއް ވެގެން. މުޅިއެތާ ހުސް ލޭ. ހުޅުވަބަލަ ޓީވީ” ގެއަށް ވަދެގެންއައި ތާރާ ވަރަށް ހާސްވެފައި ބުނުމުން ނާޒް އަވަހަށް ޓީވީ ހުޅުވާލިއެވެ. އޭރު ޓީވީއިން އަވަސް ހަބަރު ގެނެސްދެނީއެވެ. ހަބަރުގައި ބުނާގޮތުން ދާދި ދެންމެއަކު މާލެ މަޖީދީ މަގު ލެކިއުޓްކައިރީގައި ކާރަކާއި ޕިކަޕެއް ޖެހި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އަދި މިހާދިސާގައި ދެމީހަކަށް ވަރަށް ބޮޑަށް އަނިޔާވެ އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި އެދެމީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ހޮސްޕިޓަލުން ހާމަކޮށްފައި ނުވާ ކަމަށެވެ.

މިހާދިސާގައި ޕިކަޕް ދުއްވަން އިން މީހާއަށް މާބޮޑު އަނިޔާއެއް ނުވެއެވެ. އަދި ފުލުހުން ދަނީ މިހާދިސާ އިތުރަށް ތަހުޤީގު ކުރަމުންނެވެ. “ޝިޔާޒް، އަހަރެން އެބަ ވަރަށް ހިތް ބިރުގަނޭ، ޒައިދްއާ ޔާނީގެ ވެސް ހަބަރެއް ވީކީ ނޫން” ނާޒް ހާސްވެގެން ތެޅެން ފެށިއެވެ. “ނާޒް ހަމަޖެހިބަލަ. ތާރާ ދަރިފުޅާ ދޭބަލަ މަންމަ ގޮވައިގެން އެތެރެއަށް” ޝިޔާޒަށް އެވަގުތު ފޯނެއް އައުމުން ތާރާ އާއެކު ނާޒް ފޮނުވާލިއެވެ. އަދި ފޯން ނަގާ ހަލޯއޭ ބުނެލިއެވެ. އެވަގުތު ހީވީ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަހެންނެވެ. ގުޅީ އައިޖީއެމްއެޗުންނެވެ. ހީވެފައި އޮތް ބިރު ހަޤީޤަތަކަށްވީއެވެ. އެކްސިޑެންޓްވީ ޒައިދްއާއި ޔާނީއެވެ. ނަމަވެސް މިކަން ޤަބޫލްކުރަން ޝިޔާޒަށް ދަތިވިއެވެ. އަތުގައި އޮތް ފޯނު ދޫވެގެން ޓައިލްސްތައް މައްޗަށް ވެއްޓުނެވެ. އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަނގައިން ބަސް ހުއްޓިފައި ހުރެވުނީއެވެ. އަދިވެސް އެއީ ހަޤީޤަތެއްކަން ޤަބޫލު ނުކުރެވިގެންނެވެ.

(ނުނިމޭ)

ނޯޓް: މިވާހަކަ ނިމެންދެން ކޮންމެ ހަފްތާއެއްގެ އާދީއްތަ އަދި ބުރާސްފަތި ދުވަހަކު ވާހަކައިގެ ބައެއް ގެނެސްދެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.