[އެގާރަ ވަނަ ބައި]
އިވުނު އަޑުފަށްގަނޑާއެކު ތާރާ ދުވެފައި ބޭރަށް ނުކުތެވެ. ސޯފާގައި ޖަހާފައިއިން ބުދެއްހެން ގަބުވެފައިއިން އޭނާގެ ބައްޕަ ފެނިފައި ތާރާވެސް ހާސްވިއެވެ.
“ބައްޕާ.. ކިހިނެއްތޯވީ؟ ކާކުތޯ ގުޅުއްވީ؟ ބައްޕާ! އަނގައިން ބުނުއްވަ ބައްލަވާ! ބައްޕާ!” ކަންބޮޑުވެފައި އިން ތާރާ އެއްފަހަރާ ސުވަލުތައް ފައްޗަކަށް އަމުނާލި އެވެ. އެވަގުތު ޝިޔާޒްގެ ދެ ލޮލުން ކަރުނަ ފާއްދާލި އެވެ.
“ދަރިފުޅާ! އެކްސިޑެންޓްވީ ދޮންބެގެ ކާރު” އެ ހިސާބަށް ބުނެވުނުތަނާ ކޮޓަރި ދޮރުމަތީގައި ހުރި ނާޒް ނޫނެކޭ ކިޔައި ރޮއެގަތެވެ. ތާރާ ހަދާނެގޮތް ހުސްވިއެވެ. ހުއްޓުމެއްނެތި އެންމެންގެ ލޮލުންވެސް ކަރުނަ އޮހޮރެން ފެށިއެވެ.
“ހެޔޮނުވާނެ، އަހަރެންގެ ދަރިފުޅު ގާތަށް ގެންގޮސްދީ” ނާޒް ރޮމުން އާދޭސް ކުރަމުން ދިޔައެވެ.
ކާރަށް އަރާ އެންމެންވެސް ހޮސްޕިޓަލާ ދިމާލަށް ދިއުމަށް އަވަސްވެގަތެވެ. އޭރުވެސް ނާޒްގެ ރުއިން ހުއްޓުމަކަށް ނާދެއެވެ. ވާނީވެސް އެހެންތާއެވެ. މައެއްގެ ހިތަށް ކުރާނެ އަސަރު އިހުސާސް ކުރެވޭނީ ހަމަ މަޔަކަށެވެ.
އެމީހުން ބަނޑުއަޅައި ވިހެއި ދަރިފުޅަށް ކިތަންމެ ކުޑަ އަނިޔާއެއް ލިބުނަސް މައިންގެ ލަގޮނޑިއަކަށް ކެތެއް ނުވާނެ އެވެ. އެއާ ޚިލާފަށް ތާރާ ވަރަށް ހިތްވަރު ގަދައެވެ. އަދި އޭނާގެ މަންމަ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ހޮސްޕިޓަލަށް ވަދެވުމާއެކު ތިންމީހުންވެސް ދުއްވައިގަތީ އެމަރޖެންސީ ރޫމާ ދިމާލަށެވެ. އެވަގުތު ޑޮކްޓަރ އެތަނުން ނުކުތެވެ.
“ޑޮކްޓަރ! އަޅުގަނޑުގެ ދަރިފުޅާއި އޭނާގެ އަންހެނުންގެ ހާލު ކިހިނެއްތޯ؟” ޝިޔާޒް އަވަސް އަވަހަށް އަހާލި އެވެ. “ވަރަށް ކްރިޓިކަލް، ވީހާ އަވަހަކަށް އޮޕަރޭޝަން ކުރުން ނޫން ގޮތެއް ނެތް. އެކަމަކު އަޅުގަނޑަށް ހަންޑްރެޑް ޕަސެންޓް ޔަޤީންކަން ދޭން ވަރަށް ދަތި. އެއީ ދެޕޭޝަންޓުންގެވެސް ބޮލަށް ވަނީ ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައި. ބަޓް ވީ ވިލް ޓްރައި އަވަރ ބެސްޓް، ދެން އޮތީ ﷲ އަށް ދުޢާކުރުން” ޑޮކްޓަރުގެ މިބަސްތަކުން އެންމެންގެ ހިތްތަކަށް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ.
“ވީހާ އަވަހަކަށް އޮޕަރޭޝަން ކުރަން ފައްޓަވާ” ދެދަރިންގެ ފުރާނަ ސަލާމަތް ކުރަން އިންތިހާއަށް ބޭނުންވެފައިހުރި ޝިޔާޒް ފޯމުގައި ސޮއިކޮށްލިއެވެ. ހަތަރު ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށްފަހު އޮޕަރޭޝަން ތިއޭޓަރުގެ ބޮކި ނިވުނެވެ. އިންތިޒާރު ކުރެވެމުން ދިޔައީ ޑޮކްޓަރުގެ ޖަވާބަކަށެވެ. ކުޑައިރުކޮޅެއް ތެރޭގައި ޑޮކްޓަރު ބޭރަށް ނުކުތެވެ. “އޮޕްރޭޝަން ސަކްސެސްފުލް” ޑޮކްޓަރ ހިނިތުންވެލިއެވެ. ލިބުނު އުފާވެރި ހަބަރާއެކު އެންމެން ﷲއަށް ހަމްދުކުރިއެވެ.
“އެކަމަކު ޕޭޝަންޓުންގެ ހާލަތު މުޅިން ޔަޤީންވާނީ ބޮލުގެ ޓެސްޓްތަކުގެ ނަތީޖާ ލިބުމަށްފަހު. އެކްސްކިއުޒް މީ” މިހެން ބުނުމަށްފަހު ޑޮކްޓަރު އެތެރެއަށް ވަނެވެ. އޮޕަރޭޝަނަށްފަހު ދެމީހުންވެސް ޕްރައިވެޓް ރޫމްތަކަށް ބަދަލުކުރެވުނެވެ. ނަމަވެސް އޭރު އަދި ދެމީހުންކުރެ އެކަކުވެސް ހެޔެއް ނާރައެވެ. އެހެންކަމުން އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ ޒައިދްއާއި ޔާނީ ހޭއަރާނެ ވަގުތަކަށެވެ. އެހެންތިއްބާ ނަރުސް ކުއްޖާ އެންގީ ޒައިދް ހޭއަރައިފި ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު މާގިނައިން ޕޭޝަންޓްއާ ވާހަކަ ނުދެއްކުމަށް އިލްތިމާސް ކުރިއެވެ. އެތެރެއަށް ވަނީ ޒައިދްގެ މަންމަ އާއި ބައްޕައެވެ. ހުދުކުލައިގެ ބެންޑޭޖަކުން މުޅި ބޮލާއި އަތްވަނީ ފޮރުވާލެވިފައެވެ. ނާޒް މަޑުމަޑުން އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ގޮވާލިއެވެ. އެވަގުތު ޒައިދްގެ ލޯ ހަރަކާތް ކޮށްލުމަށްފަހު ހުޅުވާލިއެވެ. ނަމަވެސް އޭނާގެ މަންމައާއި ދިމާލަށް ބަލަހައްޓައިގެން އޮތީ ދުވަހަކު ނުދެކޭ މީހެއް ފެނިގެން އުޅޭފަދަ ގޮތަކަށެވެ.
“ކާކު؟” ޒައިދްގެ އަޑު ނުކުތީ ކުރެހެމުންނެެވެ. ނާޒްއާއި ޝިޔާޒްގެ ދެލޯ ބޮޑުވި އެވެ. އެމީހުންގެ އަމިއްލަ ދަރިފުޅު އެކުރީ ކޮންފަދަ ސުވާލެއް ހެއްޔެވެ؟ ޝިޔާޒަށް ފަހަތަށް ޖެހެވުނެވެ.
“މީ ދަރިފުޅުގެ މަންމައޭ، މިހިރީނު ބައްޕަވެސް” ނާޒް ވާހަކަ ދައްކަމުން ދިޔައީ ދެރަވެ ހުރެއެވެ. “އަހަންނަކަށް ނޭނގެ” ޒައިދް އަނެއްކާވެސް ބުނެލި ޖުމްލައިން ދެމީހުންގެ ހިތުގައި ކޫރު އެޅުނެވެ. އަދި ކޮންމެވެސް ގޯހެއް އުޅޭކަން ޝިޔާޒަށް ޔަޤީންވި އެވެ. ހަމަ އެވަގުތު ނަރުސް ކުއްޖާ އައިސް އެންގީ ޑޮކްޓަރު އެމީހުންނާ ބައްދަލުކޮށްލަން ބޭނުންވާ ކަމަށެވެ. ނާޒްގެ އަތުގައި ހިފައިގެން ޝިޔާޒް ބޭރަށް ނުކުތެވެ. އޭރު ތާރާ ވީ ޔާނީ ކައިރީގަ އެވެ. ޔާނީ އޭރުވެސް ހެޔެއް ނާރައެވެ.
ވާނުވާ ނޭނގި ތިބެ ތެޅިތެޅިއޮތް ހިތަކައިގެން ޝިޔާޒްގެ ދެމަފިރިން ޑޮކްޓަރު އިންނަވާ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ފުރަގަސްދީގެން ހުރި ޒުވާންފުރައިގެ ފިރިހެނެއް އެއަޑަށް ފަސް އެނބުރި ބަލައިލި އެވެ. މޫނުގެ ކުލަ އަލިވެފައި ރީއްޗެވެ. އާދައިގެ އިސްކޮޅަކާއި ހިކި ހަށިގަނޑެއްގެވެރި މި މީހާއަކީ ދިވެއްސެއްކަން އިނގުނީ އޭނާ ސަލާމް ގޮވާލުމުންނެވެ. އަދި އަތުގެ އިޝާރާތުން އިށީނުމަށް އެންގި އެވެ.
“އަޅުގަނޑަކީ ޑޮކްޓަރ އަކްޔަލް، ޒައިދްއާއި ޔާނީގެ ޓްރީޓްމަންޓްއާއި މިހާރު ހަވާލުވެ މިހުރީ އަޅުގަނޑު. ތިދެބޭފުޅުންނާއި އަޅުގަނޑު މި ބައްދަލުކޮށްލީ ޒައިދްއާއި ޔާނީގެ ޓެސްޓްތަކުގެ ނަތީޖާ ލިބުމުން އެކަމާ ވާހަކަ ދައްކާލުމަށްޓަކައި” އަކްޔަލްއަކީ ވަރަށް ޤާބިލް ދިވެހި ޑޮކްޓަރެކެވެ. އޭނާއަކީ ސިކުނޑިގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެކެވެ.
“ޑޮކްޓަރ! ރިޕޯޓްތަކުން އަންގަނީ ކީކޭތޯ؟ ދެންމެ ޒައިދްގެ ފަރާތުން ފެނުނު އަމަލްތަކާއި އޭނާގެ ވާހަކަތައް ހުރިގޮތުން އަޅުގަނޑުމެން މިތިބީ ވަރަށް ކަންބޮޑުވެފައި” ޝިޔާޒް ބޭނުންވީ ވެގެންއުޅޭގޮތް ރަނގަޅަށް އޮޅުންފިލުވާށެވެ.
“އަޅުގަނޑު މިދާއިރާގައި މަސައްކަތް ކުރާތާ ތިންއަހަރު ވީއިރު ވަރަށް ތަފާތު ކޭސްތަކާއި ވާނީ ކުރިމަތިލާފަ. އެކަމަކު މީ ވަރަށް ތަފާތު ކޭސްއެއް، އާންމުކޮށް މިހެން ދިމާވާނީ ވަރަށް މަދު ފަހަރަކު. ޒައިދްއާއި ޔާނީގެ ބޮލަށް ލިބިފައިވާ އަނިޔާގެ ސަބަބުން ދެމީހުންގެ ސިކުނޑިއަށްވެސް ވަނީ ވަރަށް ސީރިއަސް ގެއްލުންތަކެއް ލިބިފައި” އަކްޔަލްގެ ވަހަކަ މިހިސާބަށް ދިޔައިރު ދެމީހުނަށްވެސް ތިބެވުނީ ނޭވާ ހިފަހައްޓާ ލައިގެންނެވެ.
ނަމަވެސް ދެންބުނި ޖުމްލައިން ހުރިހާ އުންމީދުތަކެއް ވިއްސިވިހާލިވެގެން ދިޔައެވެ.
“ލިބިފައިވާ އަނިޔާ ތަކުގެ ސަބަބުން ދެމީހުންގެ ސިކުނޑިންވަނީ ބައެއް ހަނދާންތައް ފޮހެވިގެން ގޮސްފައި. އިޓްސް އަ މެމޮރީ ލޮސް!” ނަމަވެސް މިވާހަކަތައް އެމީހުންގެ ޒަމީރު ޤަބޫލެއް ނުކުރިއެވެ.
“ތީދޮގެއް! ރިޕޯޓްތަކުގައި އޮޅުމެއް އެބައުޅޭ، ޑޮކްޓަރ އަލުން ޗެކްކޮށްލައްވާ!” ނާޒް އާދޭސް ކުރަމުން ދިޔައީ އެކަން ޤަބޫލުކުރަން ބޭނުން ނުވާތީއެވެ.
އެކަމަކު ޑޮކްޓަރުގެ ޖަވާބެއް ބަދަލެއް ނުވިއެވެ. އަކްޔަލް ބުނާގޮތުން މިކަމުގައި ބޮޑަށް އަސަރުކޮށްފައި ވަނީ ޔާނީގެ ސިކުނޑިއަށެވެ. އެހެންކަމުން އޭނާގެ ހަނދާންތައް އެނބުރި އަންނަން ވަރަށް ދިގު މުއްދަތެއް ނަގާފާނެއެވެ. އަދި ފަހަރެއްގައި ހަނދާންތައް އެނބުރި ނައުމަކީވެސް ވެދާނެ ކަމެކެވެ. ހަނދާންތައް އަނބުރާ ގެނައުމަށްޓަކައި ކުރެވިދާނެ އެއްކަމަކީ މިދިމާވި ކަހަލަ އެކްސިޑެންޓެއް ފަދަ ކަމެއް ދެވަނަ ފަހަރަށް ކުރިމަތި ވުމެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިކަމުގެ ސަބަބުން ދެމީހުންގެ ފުރާނައަށް ނުރައްކާ ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންވެ އަކްޔަލްގެ އިލްތިމާސްއަކަށްވީ އެދެމީހުންގެ ކުރީގެ ހަނދާންތައް އާވާކަހަލަ އެއްވެސް އެއްޗެއް އަދި ކަމެއްވެސް ފެނިގެން ނުވާނެ ކަމަށެވެ. އެދެމީހުން ގެންގުޅެން ޖެހޭނީ ވަކިން ދެތަނެއްގައި ކަމަށެވެ. އަނެއްކާވެސް މާޔޫސްވެ ކަރުއެލުވާލީ ހަގީގަަތް ޤަބޫލުކުރުން ނޫންގޮތެއް ނެތުމުންނެވެ. ޝިޔާޒް އޭނާގެ އަންހެނުންނަށް ވިސްނައިދެމުންދިޔައީ ހިތްވަރާއެކު މިކަމާ ކުރިމަތި ލުމަށެވެ. ދުނިޔެމަތީގައި ދިމާވާ ކަންތައްތަކަށް ކެތްކުރަންވާނެ ކަމަށެވެ.
ޖެހިގެންއައި ދުވަހުގެ ވަގުތެއްގައި ޔާނީވެސް ހޭއެރިއެވެ. އޭރު ޝިޔާޒްވަނީ ޑޮކްޓަރުގެ ވާހަކަތައް ތާރާއާވެސް ހިއްސާކޮށްފައެވެ. ސަބަބަކީ އެންމެނަށްވެސް ހަޤީޤަތް އެނގި މިކަމާ ކުރިމަތިލާން ޖެހޭތީއެވެ. ހަގީގަަތް އެނގުމުން ތާރާއަށްވެސް ކުރެވުނީ ވަރަށް ހިތްދަތި އިހުސާސްތަކެކެވެ. އޭނާގެ ހަޔާތުން އުނިވެގެންދާނެ އެއްކަމަކީ އޭނާގެ ބޭބެއާއެކު ހޭދަކުރާ މަޖާ ވަގުތުތަކެވެ. އަބަދުހެން ގާތުގައި ހުންނަ އަދި ތާރާދެކެ އެންމެ ލޯބިވާ ބޭބެއަށް މިއަދު އޭނާ ފެނުމުން ދެނެގަންނަން ވެސް ނޭނގުނެެވެ. ހިތަށް ކެތްނުވެގެން ކިތަންމެ ބާރަކަށް ރޮއެގަންނަންބޭނުންވިޔަސް ތާރާ އެވަގުތު އިހްތިޔާރުކުރީ ހިމޭންކަމެވެ. ފަހަރެއްގައި މަންމަމެންގެ ކުރިމަތީގައި އޭނާ ބަލިކަށިވާން ބޭނުން ނުވަނީ ކަންނޭނގެއެވެ. ނާޒްވެސް ހަމައަކަށް އެޅެމުންދިޔައެވެ. ނަމަވެސް އޭނާގެ ހިތުގައި ލެވިފައިވާ ޒަހަމްތައް އަދިވެސް ތާޒާއެވެ. މި އޮއްހުރިހާ ދުވަހު ދެކެމުން އައި ހުވަފެނަކީ އޭނާގެ ދަރިފުޅު ޒަވާޖީ ހަޔާތެއް ފަށައިގެން އުފަލުގައި އުޅޭތަން ދުށުމެވެ. އަދި ގޭތެރެ ފަޅުފިލުވާލަދޭނެ ލޯބިލޯބި މާމަ ދަރިއެކެވެ. އެހުވަފެންތައް ހަޤީޤަތަކަށްވެސް ވިއެވެ، ނަމަވެސް ކުޑަހިނދުކޮޅަކަށެވެ. މިއަދު ހުރިހާ ކަމެއްމިވަނީ ބަދަލުވެފައެވެ. އުއްމީދުތަސް މިވަނީ ވިއްސިވިހާލިވެގެން ގޮސްފަ އެވެ.
ފުޅިއަކުން ފެންފޮދެއް ހުސްކޮށްލެވޭހާ އަވަހަށެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ހަމައެއްވެސް ކަމެއް ނެތެވެ. ތަގްްދީރާ ދެކޮޅުހެދޭނީ ވަކި ކާކަށްހެއްޔެވެ؟ އެކްސިޑެންޓްގެ ހަބަރު ލިބުމާއެކު މިޝްކާ އާއި ޝިވަމްވެސް ތެޅެމުން ފޮޅެމުން ކަހަލަގޮތަކަށް ހޮސްޕިޓަލަށް އައެވެ. އެންމެގާތް އެކުވެރިޔާގެ ހާލަތު އެނގިފައި މިޝްކާއެކޭ އެއްފަދައިން ޝިވަމްއަށްވެސް ރޮވުނެވެ. އެންމެ ދެރަވީ އެދެމީހުނަށް މިޝްކާއާއި ޝިވަމް ނޭނގުމުންނެވެ. އެކަމަކު މިޝްކާއާއި ޝިވަމް ހިތްވަރު ދުލެއް ނުކޮށްލައެވެ. މިޝްކާ އޭނާގެ ފިރިމީހާ ޝިވަމްގެ ބަސްތަކުން ހިތްވަރު ލިބިގަތެވެ.
“މިޝޫ! މިހާރު ޔާނީ އަށް މިޝޫގެ އެހީތެރިކަން ވަރަށް ބޭނުންވާނެ، އެހެންވީމަ މިޝޫ ޖެހޭނެ ވަރަށް ކެތްކުރަން” ޝިވަމް އޭނާގެ އަންހެނުންގެ ބޮލުގައި ފިރުމާލީ ނުހަނު ލޯބިންނެވެ.
“އާނ.. އަހަރެން ހިތްވަރު ކުރާނަން، އަހަންނަށް އިނގޭ ޒައިދްއާ ދޭތެރޭ ވިސްނާފައި ޝިވަމްވެސް ވަރަށް ދެރަވާނެކަން. އަދި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޔާނީއާއި ޒައިދް ރަނގަޅުވާނެ” މިޝްކާ މިހެން ބުނެލިއިރު އޭނާގެ ހިތްވަރުގަދަކަން ހާމަވެގެން ދިޔަ އެވެ. ކޮންމެ ހާލެއްގައި ވިޔަސް އޭނާގެ އެކުވެރިޔާ ދޫކޮށްނުލާނެކަމަށް ދެމީހުންވެސް އަޒުމް ކަނޑައެޅި އެވެ.
ދެހަފްތާއެއްހާ ދުވަހު ހޮސްޕިޓަލުގައި ހޭދަކުރުމަށްފަހު ޒައިދްއާއި ޔާނީ ގެއަށް ގެނެވުނެވެ. އޭރުވެސް ދެމީހުންގެ ޓްރީީޓްމެންޓް ކުރިއަށް ދިޔައެވެ. ޑރ. އަކްޔަލް ބުނުއްވީ ކޮންމެ ހަފްތާއަކުވެސް ޤަވައިދުން ދެމީހުންގެ ޗެކްއަޕް ހެދުމަށް ކޮންމެ ހަފްތާއަކު ދުރުވާނެ ކަމަށެވެ. ޒައިދްއާއި ޔާނީ އުޅެމުންދިޔައީ ދެގެއެއްގަ އެވެ. އެއީ ޑޮކްޓަރުގެ ލަފާގެ މަތިން ދެމީހުންގެވެސް ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ. ޒައިދް އޭނާގެ އަމިއްލަ ގޭގައި އުޅެމުންދިޔައިރު ޔާނީ އުޅެމުން ދިޔައީ ޒައިދްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގެއެއްގައި ޝިވަމްގެ ދެމަފިރިންނާއި ތާރާއާ އެކުގައެވެ. ޝިވަމްގެ ދެމަފިރިން އެގެއަށް ބަދަލުވީ ޒައިދްގެ މައިންބަފައިންގެ އެދުމުގެ މަތިންނެވެ.
“ތާ ދޭބަލަ ޔާނީއަށް ސައިބޯން ގޮވަން. އަހަންނަކަށް ނޭނގެ އަދި އޭނަ ހޭލިހެނެއްވެސް. މިހާރު އެއޮއް ބޭސް ކާގަޑިވެސް ޖެހެނީ” ސައިތައްޔާރުކުރަން ހުރި މިޝްކާއަކީވެސް ވަރަށް ހީވާގި ގެވެހި އަންބެކެވެ. މާބްލްސް ޖަހާފައިވާ ފުދޭވަރެއްގެ ބޮޑުު ސިޓިންރޫމަކާއި ހަތަރު ކޮޓަރީގެ މިގެ ވަރަށް ހިތްގައިމެވެ. ގޭގެ ވަށައިގެން ބޮޑު ފެންޑާއެއް އޮވެއެވެ. އަދި އެތަނުގައި މާގަސް ޓުކުރިތަކެއް އެލުވާފައި ހުއްޓެވެ. މުޅިތަނުގައި ހިފާލާފައިވަނީ އޯކިޑްގެ މީރު ވަހެވެ.
ސިޑީގެ ހަރުފަތްތައް ގިރާކުރަމުންގޮސް ތާރާ ދެވަނަ ފްލޯއަށް އަރާ އެންމެ ކައިރީގައި ޖެހިގެންހުރި ކޮޓަރީގެ ތަޅުގައި ހިފާ ހުޅުވާލިއެވެ.
“އޯ.. ހޭލާ ދޯ!” ފިޔާތޮށި ކުލައިގެ ފާރުތަކުން ވަށާލެވިފައިވާ ކޮޓަރީގެ އެއްފަރާތުގައި ހުރި އެނދުމަތީގައި ކޮޅަށް އިން ޔާނީ ފެނިފައި ތާރާ ހިނިތުންވެލ ިއެވެ. ދޮންޖަންބެއްފަދަ ޔާނީގެ މޫނު ވަރަށް ތާޒާއެވެ. ބެންޑޭޖްއަކުން އޭނާގެ ބޮލުންބައެއް ފޮރުވިފައިވާއިރު އިސްތަށިގަނޑުގެ ތަރުތީބު ވަނީ ގެއްލިފައެވެ. ތާރާ ފެނުމުން ޔާނީގެ ތުންފަތް މައްޗަށް ގެނުވި ހިނިތުންވުމުން ފާހަގަވެގެން ދިޔައީ އެދެމީހުންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމެވެ. ޔާނީ ހޮސްޕިޓަލުގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައި ތާރާ ވަނީ ޔާނީގެ ވަރަށް ގާތް އެކުވެރިއަކަށްވެފައެވެ. ހަޤީޤަތުގައިވެސް ތާރާ ޔާނީ ދެކެ ވަރަށް ލޯބިވެއެވެ.
“އާނ.. އިރުކޮޅެއްވެއްޖެ ހޭލިތާ، ދެން ކުޑަކޮށް ވިސްނާލަން އިނީ” އިސްތަށިގަނޑު އެއްވަރުކޮށްލާ ހުޅިއެއް ޖަހާލަމުން ޔާނީ ޖަވާބުދިނެވެ. “ކޮންކަމަކާ ވިސްނަނީ؟ ޑޮކްޓަރ ބުނެފައެއްނު އޮތީ ސްޓްރެސް ނުވާށޭ!” ތާރާ ކަންބޮޑުވިއެވެ. ޔާނީއަށް ކުޑަކުޑަ ގެއްލުމެއް ލިބޭކަށްވެސް ތާރާ ބޭނުމެއްނޫނެވެ. “އޯ ގޯޑް! އަހަރެން ތިބުނާހާ ބައްޔެއް ނޫނޭ!. އެއީ ދެންމެ ފެނުނު ހުވަފެ..” ޔާނީގެ ވާހަކަ މެދުކެނޑުނީ އެތަނަށް ވަދެގެންއައި މިޝްކާގެ އަޑަށެވެ. “އެންމެފަހުން ތާރާވެސް އައިގޮތަށް މިތާ ތާށިވީ ދޯ! ހިނގާބަލަ އަވަހަށް ސައިބޯން ދާން، ޝިވަމްވެސް މިހާރު ހިނގައްޖެ ސައިބޮއެގެން” މިޝްކާ ސައިބޯންދާން އެދުމުން ޔާނީވެސް އަވަހަށް ތެދުވެގެންގޮސް ފާހާނާއަށް ވަނެވެ. (ނުނިމޭ)