ވާހަކަ: މީވީގޮތޭ…..!

fish-1 (1)

ލިޔުނީ؛ ރޯޒީ ޝަރީފް

އަހަރެން އެނދުގެ ފަރާތް ފަރާތަށް ފުރޮޅި ފުރޮޅި އޮތީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. މަގުމަތިން އިވެމުންދިޔަ ބަރުގޮނު އަޅާ އަޑު ހުއްޓުމެއް ނެތި އަހަރެންނަށް އިވެމުން ދިޔައެވެ. އަހަރެންގެ މައްސަލައަކީ ނިދިނައުމެވެ. ދުވަހަކަށް ވުރެ ދުވަހެއް އެ ފަދަ ރޭތައް އަންނަނީ ގިނަވަމުންނެވެ. ފޮތެއް ނަގައިގެން ކިޔަން ފެށީމެވެ. ގިނަ ރޭރޭ ފޫހިފިލުވަނީ އެގޮތުގައެވެ. ބިންމާ ވަހީދުގެ ވާހަކަތަކަކީ އަހަރެން ޝައުގުވެރިކަމާއެކު ކިޔާ ހަމައެކަނި ދިވެހި ވާހަކަ ލިޔުން ތެރިޔާ ކަމަށް ވެދާނެއެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. އޭނާގެ ގިނަ ވާހަކަތައް ދިވެހި މުޖުތަމަޢުގައި ހިނގާ ކަންތަކާ ގުޅުން އޮންނާތީއެވެ. ޚާއްސަކޮށް އެއިން ކޮންމެ ވާހަކަޔަކީ އަންހެން ކުދިންގެ ހިތުގެ ރިހުން ކަހަލައެވެ. އަދި ޚާއްސަ ކޮށް  ބިންމާ ވަހީދުގެ ކޮންމެ ވާހަކައެއް އަހަރެންގެ ޙަޔާތާ ގުޅޭ ކަހަލައެވެ.

އަހަރެންގެ ފިރިމީހާއަށް ކައްކާދީ ހެދުން ދޮވެދޭކަށް އަހަރެން ނުޖެހެއެވެ. ސަބަބަކީ ދެމީހުން ވަކިން އުޅޭކަމެވެ. އަހަރެން އުޅެނީ ރަށުގައެވެ. ފިރިމީހާ އުޅެނީ ރިސޯޓުގައެވެ. ފިރިމީހާ އަހަރެން ކާރިޔަށް އަންނަނީ އަހަރަކު މަދު ފަހަރެއްގައެވެ. އެއަންނަ ވަގުތު އޭނަޔަށް އެންމެ މީރު ސީނި ސަންބޯލް ލަންކާ ކެއުން ހަދާދެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރަމެވެ. ހަޔާތުގެ ޒުވާން ދުވަސްވަރު ލަންކާގައި އުޅެން ދިމާވުމުން ކައްކަން ވެސް އަހަރެން ފަރިތައީ ލަންކާ ކާއެއްޗިހިއެވެ. ގިނަ ފަހަރު އެއީ، އަހަރެންގެ އަމިއްލަ ރެސިޕީއަކަށް ހަދާ އެއްޗެކަށް ވެއެވެ. ހިނިތުންވުމާއެކު އަހަރެންގެ ފިރިމީހާ އެކާއެއްޗެއްސަށް ތަޢުރީފް ކުރެއެވެ.

“ވަރަށް މީރު އިނގޭ!” ސަންބަލް ރަހަ ބަލައިލާފައިފައި ނަވީން ބުންޏެވެ

ވަރަށް ގިނަފަހަރު އަހަރެން ސީނި ސަންބަލް ހެދިގޮތް ނަވީން އަށް ކިޔާދެމެވެ. އުފަލުން އިނދެއެވެ. ފަޙުރުވެރިކަމާއެކުގައެވެ.

“މީހަމަ ލަންކާ މީހުންނަށް ނޫނީ ހަދަން ނޭނގޭ އެއްޗެއްދޯ.”!” ކާންއިދެފަ އަހަރެންގެ ކޮއްކޮ ރޫބީ ބުނެލައެވެ. “ވަސް ޖެހުނަސް ބަނޑު ފުރިއަރާ!” އަހަރެންގެ ޅިޔަނު މަސީހް ބުނެލައެވެ.  !

“އޭ! މަގޭ އަންހެނުން މިއަދު މީތި ހަދާދިނީ މަށަށް އެކަނިދޯ!” ނަވީން މަޖާވެފަ ބުނެލިއެވެ. .

އަހަންނަށް ލިބިފައިވަނީ ޒިންމާދާރު ފިރިއެކެވެ. އެއް ފަހަރު ކަމަކު ބުނުމުން ދެން އެ ކަމެއް ހަނދާން ކޮށްދޭކަށް ނުޖެހެއެވެ. ރިސޯޓުން ރަށައް ޗުއްޓީއަށް އައުމާއެކު ވަރަށް ގިނަފަހަރު ވިޔަފާރިގަ އަހަރެންނާ ބައިވެރި ވެއެވެ. އަހަރެން ކުޑަވަރެއްގެ ބޯކޮށާ ތަނެއް ގެންގުޅެމެވެ. ފިރިމީހާއަށް އެކަނި ލިބޭ މުސާރައިން ގޭގެ ހަރަދު ކޮށްލަން ފަސޭހަޔަށެވެ..

ނަވީން ގެ އެއްވެސް ރައްޓެއްސެއް ނުހުރެއެވެ. އެހެންވެ ރަށަށް އަޔަސް އޭނާ މުޅިން ހުންނާނީ ގޭގައެވެ. އެއްވެސް ތަނަކަށް ނުދާނެއެވެ. ގިނަފަހަރު އާދޭސް ކޮށްގެންނޫނީ އަހަރެން ގޮވައިގެންގެން ވެސް ތަނަކަށް ނުދާނެއެވެ. ނަވީންގެ ކޮންމެ ރައްޓެއްސަކީ އަހަރެންގެ ވެސް ރައްޓެއްސެކެވެ. އެއީވެސް ދެމީހުން ކުރިން އެއް ކޮމްޕެނީއެއްގަ ވަޒީފާގަ އުޅެވުމާއި ދެމީހުން އެއްސުކޫލެއްގަ ކިޔެވީމައެވެ. އަންހެން ކުއްޖަކާ ނަވީން އާގުޅުމެއް އޮވެދާނެއޭ ދުވަހަކުވެސް އަހަރެންގެ ހިތެއް ނުބުނެއެވެ. އަހަންނަށް ލިބިފައި ވަނީ އެހާ ވަފާތެރި ފިރިއެއް ކަން ޔަގީނެވެ. އަހަރެންގެ ބައެއް ލާނެއް ރައްޓެހިކުދިން ނަވީންއާއި ދިމާ ކޮށް ލޯބި ހުށަހަޅާކަން ވެސް އަހަންނަށް އެނގެއެވެ. ނަވީންގެ ދުލުން އެ ވާހަކަތައް ކިޔާނުދިނަސް ފޯނަށް ފޮނުވާ މެސެޖް ތަކުން އަހަރެންނަށް އެކަން އެގުނެވެ. އާއަހަރު ފެށުމާއެކު އަހަރެމެންގެ ހުރިހާ ރަހްމަތްތެރިންނަށް ތަހުނިޔާގެ މެސެޖް ފޮނުވަމުންދިޔައީމެވެ. އަހަރެންގެ ފޯނުގެ ކުރެޑިޓް ހުސްވެގެން ނަވީންގެ ފޯނުން އޮފީސް ރަހްމަތް ތެރިއަކަށް އެސް އެމްއެއް ފޮނުވުމުން ވަގުތުން އޭނާ ގުޅިއެވެ. އަދި އަހަރެންނަށް ހަލޯއޭ ނުބުނެވެނީސް މާލޯބިން ވާހަކަދައްކަން އޭނާ ފެށިއެވެ. ނަވީންގެ މެސެޖަކަށްޓަކާ، އަދި އިށާރާތަކަށްޓަކާ ކެއްމަދުކަމާއެކު ނަވީނަށް އިންތިޒާރު ކުރާވާހަކަ ބުންޏެވެ. ފޯނުކުރީ އަހަރެންކަން އެނގުމުން ލަދުން އެއަންހެންކުއްޖާ ފޯނު ކަޑާލީއެވެ. އަދި އޮފީހުން ވެސް ވަކިވީއެވެ. އެކަމަކު އޭގަވެސް ނަވީންގެ ކުށެއް ނެތެވެ. އަހަރެންގެ ރައްޓެހިންނަށް އަހަރެން އެ ވާހަކަތައް ކިޔައިދެމެވެ. ހެމުން ހެމުންނެވެ. ޝައްކުގެ ނަޒަރުން ނުދެކޭ އެއްވެސް ރައްޓެއްސަކާ ދިމައެއް ނުވެއެވެ.

ނަވީން ބޭރުގަ ހުރެފަ ކޮޓަރިޔަށް ވަންނަ އިރަށް ރީތިވާން ލޯގަނޑު ކައިރީގައި ހުރެގެން ރީތިވުމަކީ އަހަރެންގެ އާދައެކެވެ. ވަރަށް ގިނަފަހަރު އިސްތަށިގަނޑަށް އާގޮތްތައް ހަދާލަމެވެ. އަހަރެންގެ އިސްތަށިގަނޑު އިންތިހާއަށް ދިގެވެ. އުމުރުން ތިރީސް އަހަރު ފުރިފައި ވާއިރު ވެސް އަހަރެންގެ އިސްތަށިގަނޑު އޮންނަލެއް ވަރަށް ރީއްޗެވެ. ފަން ވެފައި ބޮލެވެ. އަހަރެންނަކީ މޭކަޕް ވެސް ކުރާ މީހަކީމެވެ. ޚާއްސަ ކޮށް ނަވީން ހުންނަ އިރު ރީތި ވުމަކީ އަހަރެންގެ އުފަލެކެވެ. ލޮލުގައި އަޅާފައި ހުރި އަނދުން އިތުރަށް ފަވާލީމެވެ. ލިޕްސްޓިކް ރީތި ކޮށްލީމެވެ. އަހަރެން ހުރީ ވަރަށް އުފާ ވެފައެވެ. ކުއްލިއަކަށް އަހަރެން ގާ ވި ކަހަލައެވެ. އަތުގެ ހަރަކާތް ހުއްޓުނެވެ. އަހަންނާ ދިމާއަށް ލޯގަނޑުން އަހަރެން ބަލަހައްޓައިގެން ހުރީ ބީރައްޓެއްސަކަށް ބަލާ ނަޒަރުންނެވެ. އަހަންނަކީ ކާކުކަން އަހަންނަށް އޮޅިފައިވާ ކަހަލައެވެ. ފުހެވޭތޯ މަސައްކަތް ކުރަމުންދިޔަ ފިކުރުތައް ހިތުގައި ވަކިހިއްޕައިލިއެވެ. ނުވެސް އެނގި ހުއްޓައި ލޮލުން ކަރުނަ ފޭދެން ފެށިއެވެ. ހުވަފެނުގެ ބަގީޗާއެއްގައި އުދުހެމުން ދަނިކޮށް ކުއްލިއަކަށް ބިލާހަކަށް ވެގެން ހޭލެވުނީއެވެ. ރޯކަށް އަހަރެން ބޭނުމެއް ނޫނެވެ. ލޮލުން ކަރުނަ ވެއްޓިގެން މޭކަޕް ހަޑި ވާކަށް ވެސް ބޭނުމެއް ނޫނެވެ. އެކަމަކު ކަންތައް ވީ އެހެންނެވެ. އަހަރެންގެ ފިރިމީހާ އައިގޮތަށް އައިސް ބަލާވެސް ނުލާ ނިދަން އޮށޯތީއެވެ. އަހަރެން ރީތިވީ ކޮންބޭނުމަކު ހެއްޔެވެ؟ (ނުނިމޭ)

ރޯޒީ ޝަރީފް
ރޯޒީ ޝަރީފް

 

ނޯޓް: ރޯޒީ ޝަރީފްއަކީ ސިއްހީ ދާއިރާއާއި ރީތިވުން އަދި ބިއުޓީ ދާއިރާއިންވެސް ރާއްޖެއިން ބޭރުން ތަޢުލީމު ޙާސިލް ކުރައްވާފައިވާ ބޭކަނބަލެކެވެ. އައްޑު އަތޮޅަށް އުފަން ރޯޒީ ކައިވެނި ބައްލަވައިގެން އުޅުއްވަނީ އޭދަފުށީ މަގޫމާގެ އަހްމަދު ނަބީލުއާ އެވެ.

ރޯޒީ ވަނީ އައްޑޫ ލައިވްގައި އޭނާގެ ގިނަ ވާހަކަ ތަކާއި ސިއްޙީ އާޓިކަލްތައް ލިޔުއްވާފަ އެވެ. މީގެ އިތުރުން ރޯޒީ ޝަރީފް އަކީ ގިނަ ބޭފުޅުންތަކެއްގެ ހިތުގެ އުދާސް ޕޮރުގުރާމްގައިވެސް ލިޔުއްވާފައިވާ އެބޭފުޅުންނާ ދިމާވާ ދަތި އުނދަގޫ މައްސަލަތަކުގައި ނޫހުގެ ޒަރިއްޔާއިން އޭގެ ޙައްލު ހޯއްދަވައިދެއްވާ ފައިވާ ބޭކަނބަލެކެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. އައިޝާ

    ޥާވް ވަރަށް ރީތި ފެށުމެއް. ރޯޒީގެ ވާހަކައަކަށް އެދި އެދި ހުއްޓާ މިލިބުނީ މިވާހަކަ
    ޝުކުޜިއްޔާ

    ރައްދު
  2. fiya

    ފެށުން ވަރަށް ސަލި ބަޓް އެއްކަލަހެން މާ ކުރުވަނީ.. ރޯޒީ ތަންކޮޅެއް ދިގުކޮށް ގެނެސްދީ ނައިސް ވާނެހެން ހީވޭ… ނަންތަށް ފެނުމުން ވަރަށް ރިއަލް ހެން ހީވޭ ރިއަލް ވިޔަސް އޯވާ ނުވާތި… ހެހެހެ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.