ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

ނަމަވެސް އެވަރުންވެސް ވިކާޝް މައިތިރި ވާގޮތެއް ނުވި އެވެ. އޭނާގެ އަޑު ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ގަދަ ވަމުންނެވެ. ވިކާޝް އޭނާގެ މަންމައަށް ނަފްރަތު ކުރާ ބީދައިން އޭނާގެ ބައްޕައަށްވެސް ނަފްރަތު ކުރެ އެވެ. ސަބަބަކަށްވީ އޭނާ އެންމެ ބޮޑަށް ބައްޕައެއްގެ ލޯބި ބޭނުންވި ދުވަހު ބައްޕަ އޭނާ ދޫކޮށްލާފައި ދިއުމެވެ.

ވިކާޝްގެ ބައްޕަ މިހާރު ދިރިއުޅެމުންދަނީ އެހެން މީހަކާ އިނދެ އެދެމީހުންގެ ދަރިންނާއެކުގައި އޮސްޓްރޭލިއާ ގައެވެ. ވިކާޝްމެން ދުނިޔޭގައި ތިބިތޯ އޭނާގެ ބައްޕަ ބަލާވެސް ނުލަ އެވެ.

“މިހާރު ކޮން ރުއިމެއް ތި ރޮނީ! އަހަރެމެން ދޫކޮށްލާފަ ދިޔައިރު ހިތަކަށް ނާރާތަ އަހަރެން ދެރަވާނެވަރެއް. ދެން ހުރީ ނަމަކަށް ހުރި ބައްޕައެއް. އޭނައަކަށް ނޭނގެ އަހަރެމެން ދުނިޔޭގަ ތިބިކަމެއް ނެތްކަމެއް ވެސް. އެހެންވެ މިބުނަނީ ކަލޭމެން ތީ އަހަރެން ދަންނަ ބައެއް ނޫނޭ، މަގޭ މަންމަ އާއި ބައްޕަ މަރުވެއްޖެ” ލޮލުން ފާއްދާލި ކަރުނަތައް ފޮހެލަންވެސް މިފަހަރު މޫނިސާ ހަނދާނެއް ނެތެވެ.

މުޅި މީހާ ގަނޑުވިކަހަލައެވެ. ބަނޑުއަޅާ ވިހެއި ދަރިފުޅު އޭނާއަށް ކިތަންމެ ނަފްރަތު ކުރިކަމުގައި ވިޔަސް އެދަރިފުޅުގެ ފަރާތުން މިފަދަ ހިތްދަތި ބަސްތަކެއް އަޑުއިވޭނެ ކަމަކަށް އޭނާ ދުވަހެއްގެ ކޮޅުންވެސް ހިތަކަށް ނާރައެވެ. ކަރުގެ ހުރިހާ ނާރަކަށް ވާން ކޮށްލައި އަޑުގެ ނެތްތަނަށް ބާރަށް މޫނިސާއަށް ރޮއެގަނެވުނެވެ. އޭނާގެ ކުށަކީ ކޮބާ ހެއްޔެވެ. އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ދަރިންނާ ދުރަށް ދިޔުން ހެއްޔެވެ. އެހެންކަމަށް ވާނަމަ މިއަދު އޭނާއަށް ލިބެމުންމިދަނީ އެކަމުގެ ހިތި ސަޒާއެވެ.

ހަޤީޤަތަކީ މުޅިން އެހެން އެއްޗެއް ކަމުގައި ވިޔަސް އެ ހާމަ ކުރުމަކުން މިއަދަކު ކުރާނެ ފައިދާއެއް ނެތެވެ. މޫނިސާ ދައްކާ ކޮންމެ ވާހަކައަކީ ވިކާޝްއަށް މިއަދު ދޮގެކެވެ. ވިކާޝް ޤަބޫލު ކުރާ ގޮތުގައި އޭނާގެ މަންމަ އެމީހުން ދޫކޮށްލާފައި ދިޔައީ އެހެން މީހަކާ ކައިވެނި ކުރުމަށެވެ. އަދި އެހެންވެ އެކަމާ ހިތްހަމަ ނުޖެހިގެން ބައްޕަވެސް އެމީހުން ދޫކޮށްލާފަ ދިޔައީކަމަށެވެ. އާއެކެވެ. މޫނިސާ އޭނާގެ ދަރިން ދޫކޮށްލާފަ ރާއްޖެއިން ބޭރަށް ދިޔައެވެ. ނަމަވެސް އޭގެ ފަހަތުގައިވަނީ މުޅިން އެހެން ސިއްރެކެވެ. މޫނިސާ ރާއްޖެއިން ބޭރަށް ދިޔައީ އޭނާއަށް ޖެހިފައިވާ ބައްޔަށް ޝިފާ ހޯދުމަށެވެ. މީގެ ދެއަހަރު ކުރިން މޫނިސާއަށް ވަނީ ކެންސަރު ޖެހިފައެވެ. ނަސީބު ރަނގަޅުކަމުން ބަލީގެ ކުރީކޮޅު ޑޮކްޓަރުގެ ފަރާތުން އެކަން އެނގުނެވެ. ބަލިން ރަނގަޅުވާނެ ކަމުގެ އުއްމީދު އޮތުމުން އޭނާ އިންޑިއާއަށް ފުރައިގެން ދިޔައެވެ. މޫނިސާގެ ފިރިމީހާ ރަމީޒް ފިޔަވައި އެހެން އެއްވެސް މީހަކަށް މިކަމުގެ ހިލަމެއް ވެފައެއް ނުވެއެވެ. ފުރުސަތުގެ ބޭނުން ހިފައި ރަމީޒް އެންމެން ގާތުގައި ބުނީ މޫނިސާ އެހެން މީހަކާ އިނުމަށް ފިލައިގެން ރާއްޖެއިން ބޭރަށް ދިޔަކަމަށެވެ. އެކަމަކު ހަގީގަތުގައި ރަމީޒް ބޭނުންވީ އެހެން މީހަކާ އިންނާށެވެ. އޭނާ އެގޮތަށް ކަންތައްކުރީ މިކަމުގެ ބޭނުމުގައެވެ. އަދި ދަރިންގެ ހިތުގައިވެސް އެކުދިންގެ މަންމައަށްޓަކައި ނަފްރަތު އުފެއްދިއެވެ. ކޮންކަހަލަ ބައްޕައެއް ހެއްޔެވެ. އަމިއްލަ އުފަލަށްޓަކައި އަނބިމީހާ އާއި ދަރިންނަށް އޮޅުވާލާ އެމީހުންގެ އިހުސާސްތަކުގެ ނާޖާއިޒް ފައިދާ ނެގިއިރު އޭނާގެ ހިތަށް ހަމަ އެކައްޗެއްވެސް ނާރައެވެ. ކަންތައް ވެގެންދިޔަގޮތް މޫނިސާއަށް އެނގުނީ ބަލިން ރަނގަޅުވެގެން މާލެއައި ފަހުންނެވެ. އޭރު ރަމީޒްވަނީ އެހެން މީހަކާ ކައިވެނިކޮށްފައެވެ. އަދި މޫނިސާ ވަރިކުރުމަށް ކޯޓަށް ސިޓީވެސް ލާފައެވެ. އަދި މާގިނަ ދުވަހެއްނުވެ ރަމީޒް މޫނިސާ ވަރިކުރިއެވެ.

ޝިޔާޒްގެ ވިޔަފާރީގެ އެއް ހިއްސާދާރަކީ އޭނާގެ ދަރިފުޅު ޒައިދެވެ. ކިޔަވާ ނިންމުމަށްފަހު ވިޔަފާރި ހިންގުމުގައި ބޮޑަށް ހަރަކާތްތެރި ވަމުން އަންނަނީވެސް އޭނާއެވެ. ނަމަވެސް އެކްސިޑެންޓަށްފަހު ޒައިދް ވިޔަފާރިއާއި ދުރަށް ދިޔުމުން މިކަމުގެ ހީނަރުކަން ޝިޔާޒްއަށް އިހުސާސް ކުރަން ޖެހުނެވެ. ވާނީވެސް އެހެންތާއެވެ. އަމިއްލަ ދަރިފުޅު ކުރާ މަސައްކަތާ އެހެން މީހުން ކުރާ މަސައްކަތާ ކޮންމެވެސް ވަރަކަށް ތަފާތުވެދާނެއެވެ. މިހާރު ވިޔަފާރިއާއި ހަވާލުވެ ހުރީ ޝިވަމް އެވެ. އެއީ އޭނާއަކީ ޝިޔާޒްވެސް އަމިއްލަ ދަރިއެއް ފަދައިން ދެކޭ ކުއްޖަކަށް ވުމުންނެވެ. މީގެ ކުރިންވެސް ޝިވަމް މަސައްކަތް ކުރަމުން ދިޔައީ ޒައިދް އާއެކު އެއޮފީހުގައެވެ. އެހެންވެ އޮފީހުގެ ކަންތައްތައް ހަމައަކަށް އެޅުވުން މާބޮޑު ކަމަކަށް ނުވިއެވެ. މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ޝިވަމްގެ ކެބިންގައި ހުރި ފޯން ރިންގްވާން ފެށިއެވެ. ލެޕްޓޮޕް އެއްފަރާތް ކޮށްލުމަށްފަހު ފޯންގެ އަތްގަނޑު ނަގައި ހަލޯއޭ ބުނެލިއެވެ. އެކޮޅުން ވާހަކަ ދެއްކި މީހާ ދިން ހަބަރުން ޝިވަމް ހުރިތަނަށް ކޮޅަށް ތެދުވިއެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ. ގުޅީ ޕޮލިސް އޮފިސަރެކެވެ.

މައުލޫމާތު ލިބުނު ގޮތުގައި ޒައިދްގެ އެކްސިޑެންޓް ކޮށްލި ޕިކަޕް ދުއްވަން އިން މީހާ ވަރަށް ރަހުމްކުޑަ ގޮތަކަށް މަރާލާފައި ވަނިކޮށް ރޭގެ ވަގުތެއްގައި ވަނީ ފެނިފައެވެ. ބޮޑަށް ބެލެވެނީ އެއީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ. ބަޔާން ދިނުމުގެ ކުރިން އެމީހާގެ ފުރާނަ ދުއްވާލީއެވެ. އެކްސިޑެންޓްގެ ކަންތައް ކުރުވީ ކާކުކަން އިނގޭ ހަމައެކަނި މީހަކީ މަރުވި މީހާއެކަންޏެވެ. ޝިވަމް މުޅިން މާޔޫސްވިއެވެ. ލިބުނު ހަމައެކަނި އުއްމީދުގެ ހުޅުކޮޅު އަނެއްކާވެސް ނިވުނީއެވެ. މިކަމުގެ ފަހަތުގައިވާ މީހާ ހޯދާނީ ކިހިނެއް ހެއްޔެވެ. އެހާމެ ބުރަ މަސައްކަތުން އެމީހާއަކީ ކާކުކަން އެނގެން އެހާ ގާތުގައި ވަނިކޮށް އަނެއްކާވެސް މިޖެހުނީ އަލުން ފަށާށެވެ. ހަތަރު އުދަރެސް ފެނުޖެހި އަލިކަމުގެ ކޮޅުމަތި ފެންނާނެކަމުގެ ހުރިހާ އުއްމީދެއް ފެނަށް ވެގެން ދިޔައެވެ. ކުރަންހުރި ހުރިހާ މަސައްކަތެއް ހުއްޓާލުމަށްފަހު ޝިވަމް އޮފީހުން ނުކުމެގެން ދިޔައީ ގެއާ ދިމާލަށް ދިއުމަށެވެ. ސައިކަލަށް އަރާ ދުއްވާލެވުނީ ކިހާ ބާރަކަށް ކަމެއްވެސް ޝިވަމްއަކަށް އިހުސާސެއް ނުކުރެވުނެވެ. ދުއްވާފައި ދެވުނުލެއް ބާރުކަމުން އެއްޗެއްގައި ނުޖެހި ސަލާމަތްވީވެސް ހަނިގޮތަކަށެވެ. ސައިކަލް ޕާކުކޮށްލުމަށްފަހު ގެއަށް ވަނެވެ. އޭރު މިޝްކާ ސޯފާގައި ދެފައި އަރުވާލައިގެން ވާހަކަ ފޮތެއް ކިޔަން އިނެވެ. ނަސީބަކުން ޔާނީ ފެންނަ ހިސާބަކު ނެތެވެ.

މިޝްކާ ފެނުމާއެކު ޝިވަމް އޭނާގެ އަތުގައި ހިފައިގެންގޮސް ކޮޓަރިއަށް ވަނެވެ.

“ޝިވަމް! ކިހިނެއްވީތަ؟ ހާދަ ހާސްވެފަ، ކަމެއް ގޯސްވީތަ؟ ވެގެން އުޅޭ ގޮތެއް ކިޔައިދީބަލަ” ޝިވަމް ހާސްވެފައިވާ މިންވަރު ފެނިފައި މިޝްކާވެސް ކަންބޮޑުވިއެވެ.

“މިޝޫ، ޒައިދްމެންގެ އެކްސިޑެންޓް ކޮށްލި މީހާ މަރާލާފައި އޮއްވާ ފެނިއްޖެ. އަހަރެމެން ކުރި ހުރިހާ އުއްމީދެއް ވިއްސިވިހާލި ވެއްޖެ. ދެން އެކަންތައް ކުރި މީހަކު ހޯދާނީ ކިހިނެއް. އައި ފެއިލްޑް އެގެއިން މިޝޫ، އައި ފެއިލްޑް އެގެއިން” ޝިވަމް މުޅިން މާޔޫސް ވެއްޖެއެވެ.

އެކުވެރިޔާއާއި އޭނާގެ އަންހެނުންނަށް އެހާލު ޖެއްސި މީހާ ހޯދުމަށް އޭނާ ކުރި ހުރިހާ ކަމެއް ބޭކާރު ވުމުންނެވެ. އެހެންނަމަވެސް މިޝްކާ އޭނާގެ ފިރިމީހާއަށް ހިތްވަރު ދިނެވެ. އަދިވެސް އިތުރަށް މަސައްކަތް ކުރުމަށެވެ. ނާކާމިޔާބުވާ ކޮންމެފަހަރަކު ކަރުއެލުވާލުމަކީ އެކަމުގެ ހައްލު ނޫން ކަމަށާއި ސާފު ހިތަކައިގެން ހެޔޮ ނިޔަތުގައި ކުރާ ކޮންމެ ކަމެއްގައި ﷲ ބަރަކާތް ލައްވާނެކަމަށެވެ. މިޝްކާގެ ބަސްތަކުން ޝިވަމްއަށް ހިތްހަމަޖެހުން ލިބުނެވެ. އަދި ޝިވަމް ހިނިތުންވެލަމުން ވަރަށް ލޯބިން މިޝްކާގެ ނިތުގައި ބޮސްދިނެވެ. މިޝްކާ ކަހަލަ ހިތްހެޔޮ އަންބަކު ލިބުނީތީ ޝިވަމް މިއަދު އުފާކުރެއެވެ.

ކްލާސް ނިންމާލުމަށްފަހު ކޮލެޖްގެ ގޯތިތެރޭގައި ހުރި ބެންޗެއްގެ ކައިރީގައި އިނދެ ތާރާ ފިލާވަޅުތައް މުތާލިއާ ކުރަމުން ދިޔައެވެ. މިއީ ތާރާ ކިޔަވަމުންއައި ޑިގްރީގެ ފަހު އަހަރު ކަމުން މިއަހަރުގެ ކިޔެވުން ތާރާއަށް ވަރަށް މުހިންމެވެ. އަތުގައި އަޅާފައިވާ ހުދުކުލައިގެ އަތުކުރި ގަޑި ބަލާލުމަށްފަހު ފޮތް ލައްޕާލުމަށްފަހު ދަބަސް ކޮނޑުގައި އަޅުވާލައިގެން ތެދުވިއެވެ. ގޭޓުން ބޭރަށް ނުކުމެ މަގުގެ ދެކޮޅު ބެލުމެއްނެތި ތާރާ މަގު ހުރަސް ކުރަން ދިމާކޮށްލިއެވެ. އެވަގުތު މީހަކު ތާރާގެ އަތުގައި ހިފައި ދަމައިގަތެވެ. “އާޔޫ މޭޑް؟ ކިރިޔާއެއްނު އެސައިކަލުގަ ނުޖެހުނީ، މަގު ހުރަސް ކުރަންވާނީ މަގުގެ ދެކޮޅުބަލާފަ” ގާތުން އިވުނީ ދަންނަ އަޑަކަށްވުމުން ތާރާ ސިހިފައި ބަލާލިއެވެ. ކުރިމަތީގައި ހުރީ އޭނާ އެންމެ ލޯބިވާ ބޭބެ ޒައިދެވެ. ޒައިދަށް ތާރާއަކީ ކާކުކަން ނޭނގުނު ކަމުގައިވިޔަސް ބޭބެއެއްގެ ވާޖިބް ޒައިދް މިއަދު އަދާކޮށްފިއެވެ. ނޭނގިނަމަވެސް ޒައިދް އަށް ސަލާމަތް މިކުރެވުނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފުރާނައެވެ. ޒައިދް ފެނިފައި ވީއުފަލުން ތާރާއަށް ބޭއިޚްތިޔާރުގައި “ދޮންބޭ” މިހެން ކިޔައި ގޮވާލެވުނެެވެ. ނަމަވެސް ޒައިދް ހުރީ އެއަށްވުރެ ކަންބޮޑުވެފައިކަމުން ތާރާ ބުނިއެއްޗެއް އަޑެއް ނީވުނެވެ. އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ ތާރާ އެތަނުން ހިނގައިގަތެވެ. އޭނާގެ ލޮލުގައިވާ ކަރުނަތައް ފޮރުވުމަށެވެ. ބޭބެ ލޯތްބަށް އިންތިހާއަށް ފެންބޮވައިގެންފައި ވީނަމަވެސް މިއަދު އެކަން ވާން ނެތުމުން ހިތަށް ތަދުވެގެންނެވެ.

ރޮމުން ރޮމުން ތާރާ ދިއުމުން ޒައިދް ހުރީ ވާނުވާ ނެނގިފައެވެ. އަނެއްކާ އޭނާއަށް މާބާރަށް އެއްޗެހި ކިއުމުން އެކުއްޖާ ދެރަވީ ބާވައޭ ޒައިދްގެ ހިތަށް އެރިއެވެ. އެހުރިހާ ކަންތަކެއް ވުމުންވެސް އެއީ އޭނާގެ އަމިއްލަ ކޮއްކޮ ކަމެއް ޒައިދްއަށް ކުޑަކޮށްވެސް ލަފައެއް ނުކުރެވުނެވެ. ގެއާ ހަމައަށް އާދެވުނުއިރު މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. އޭރުވެސް ތާރާއަށް ގިސްލެވެނީއެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތަކަށް ހުއްޓުމެއް ނައެވެ. ޒައިދް ގާތު ތާރާއަކީ އޭނާގެ އަމިއްލަ ކޮއްކޮ ކަން ބުނަން ތާރާ އަދި ބޭނުން ނުވަނީއެވެ. ނާޒް އާއި ޝިޔާޒްވެސް މިއަދާ ހަމައަށް ޖެހެންދެން މިކަން ޒައިދްއަށް ސިއްރު ކުރަމުން އައީ ތާރާގެ އެދުމުގެ މަތިންނެވެ. ކޮޓަރިއަށް ވަދެ އަޑުން އަޑު ނަގާ ތާރާއަށް ރޮވެން ފެށުނެވެ. ހިތުގައިވާ ރިހުމަށް ލުޔެއް ލިބޭތޯއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތް ނުވުމުން ފޯންނަގާ އޭނާގެ މަންމަގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. ނާޒް ފޯން ނެގުމާއެކު އަނެއްކާވެސް ތާރާއަށް ރޮވެން ފެށުނެވެ. ނާޒް ވަރަށް ހާސްވެއްޖެއެވެ. ވެގެން އުޅެގޮތް ކިޔައި ދިނުމަށް ތާރާ ގާތު އެތަށް ފަހަރެއްގެ މަތިން ތަކުރާރުކޮށް ނާޒް އަހަމުންދިޔައެވެ. ތާރާގެ ރުއިމުގެ އަޑުއެހުންވީ ނާޒްގެ މައިލަގޮނޑިއަށް ކެތްވާވަރުގެ ކަމަކަށް ނޫނެވެ. “މަންމާ! މިއަދު ކޮލެޖް ނިންމާފަ ނުކުތްތަނުން ދޮންބެއާ ދިމާވީ. އަހަރެން ބަލާނުލާ މަގުހުރަސް ކުރަނިކޮށް ދުއްވާފައި އައި ސައިކަލެއްގަ ޖެހުމުގެ ކުރިން ދޮންބެ އަހަރެން ސަލާމަތް ކުރީ. އެކަމަކު އަހަންނަށް އެންމެ ކުޑަމިނުން ދޮންބެއަށް ޝުކުރުވެސް އަދާ ނުކުރެވުނު މަންމާ!” ނާޒް އެގޮތްމިގޮތުން ތާރާ މަސަލަސް ކުރުމުން ތާރާ ރުއިން ހުއްޓާލުމަށްފަހު ކަންތައްވީގޮތް ކިޔައިދިނެވެ.

ތާރާގެ ވާހަކަ އަޑުއަހަމުން ދިޔައިރު އޭނާއަށް އަސަރުކޮށްފައިވާ މިންވަރު ނާޒްއަށް ވަރަށް ރަނގަޅަށް ދެނެގަނެވުނެވެ. މިވާހަކަ އިވިފައި ނާޒް ދެރަވިއެއްކަމަކު އުފާވެސް ވިއެވެ. އެއީ ނޭނގިނަމަވެސް ޒައިދގެ ފަރާތުންް އޭނާގެ ކޮއްކޮއަށް ހިމާޔަތާ ރައްކާތެރިކަން ލިބުމުންނެވެ.

“ދެން ދޮންބެއަށް ދަރިފުޅުތީ ކާކުކަން އަންގަންވީނު. ދަރިފުޅުމެން ދެކުދިން ތިހެން އުޅެތަން ބަލަންތިބުމަކީ މަންމަމެނަށް ކެތްވާވަރުގެ ކަމެއް ނޫން” މިފަހަރު ނާޒްގެ އިހުސާސްތައްވެސް އޭނާގެ ހިތްވަރުގަދަ ކަމުގެ ކުރިމަތީ ބަލިކަށިވެ ރޮވެން ފެށުނެވެ.

އިތުރަށް ހިތްދަތިވީ އެހެންފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ތާރާ އެކަމާ ދެކޮޅު ހެދުމުންނެވެ. ތާރާ ޒައިދަށް އެދެމީހުންގެ ގުޅުމަކީ ކޮބައިކަން އަންގަން ބޭނުންނުވާ ސަބަބަކީ ޔާނީއެވެ. ޒައިދަށް ތާރާއަކީ އޭނާގެ ކޮއްކޮކަން އެނގިއްޖެނަމަ ތާރާ ހޯދަން އެގެއަށް އަންނާނެއެވެ. އަދި އޭނާ އެގެއިން ގެންދާނެއެވެ. މިހެންކަންތައްވާކަށް ތާރާ ބޭނުމެއް ނޫނެވެ. އަދި ޒައިދްއަށް ޔާނީ ފެންނާކަށް ވެސް ތާރާ ބޭނުމެއް ނޫނެވެ. އެއީ ޔާނީއަށް އެއްވެސް ގެއްލުމެއް ލިބެން ބޭނުން ނުވާތީއާއި ޔާނީ ދޫކޮށްދާން ތާރާ ބޭނުން ނުވާތީއެވެ. ފާއިތުވެގެން މިދިޔަ ދުވަސްތަކުގެ ތެރޭފައި ޔާނީވަނީ ތާރާއާއި ވަރަށް ގާތްވެފައެވެ. އެހެންވެ ޔާނީއާއެކު ތާރާ ނޫޅެންޏާ އޭނާގެ އެތަކެއް ސުވާލުތަކެއް ތާރާއަށް އަމާޒުވާނެއެވެ. އެސުވާލުތަކަށް ދޭނެ ޖަވާބެއް ޚުދު ތާރާގެ ދުލަކުވެސް ނެތެވެ. ވީއިރު މިސިއްރު ހާމަކޮށްގެން ވާނެ އިތުރު ފައިދާއެއް ނެތްކަން ތާރާ އޭނާގެ މަންމައަށް ވިސްނާދިނެވެ. ކޮންމެ ކަމަކަށްވެސް އެކަށޭނަ ވަގުތެއް އަންނާނެކަމަށާއި އެދުވަހަކުން އޭނާ ހުރިހާ ވާހަކައެއްވެސް ޒައިދްގެ ކުރިމަތީ ހާމަ ކުރާނެކަމަށް ވައުދުވިއެވެ.

ހަމަހިމޭން މާހައުލެއްގައި އިނދެ ޔާނީ ތަފާތު އެކި ބާވަތްތަކުގެ ހެދުންތައް ފަރުމާކުރަމުން ދިޔައެވެ. ފަހާ ތަނުގައި އެވަގުތު އުޅެމުން ދިޔައީ އޭނާ އެކަންޏެވެ. އެކަނި މަސައްކަތް ކުރަން ޔާނީއަށް މާފަސޭހައެވެ. އަންހެންކުއްޖެއްގެ ބައްޓަމަށް ހަދާފައި ހުރި ބުދެއްގައި ޔާނީ ފިޔާތޮށި ކުލައާއި ފެހިކުލައިގެ ލޭސް ފޮތިތަކުން ޑިޒައިން ކުރަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. ޔާނީ ކުރާ ކޮންމެ މަސައްކަތެއްވެސް އޭނާ ކުރަނީ ވަރަށް ކުރާހިތުން، އަދި މީހުން ބަލައިގަންނަ ފަދަ ގޮތަށެވެ. މަސައްކަތް ކުޑަކޮށް މެދުކަނޑާލުމަށްފަހު ޔާނީ ނެޓް ސާރޗްކޮށްލީ ހެދުމާ ގުޅޭނީ ކޮންކަހަލަ ގަހަނާއަކާއި ބޫޓެއްތޯ ބަލާލުމަށެވެ. ހަމައެސިކުންތުގައި ހަވީރު ނޫހުގައި އިން ހަބަރަކަށް އޭނާގެ ލޯއަމާޒުވިއެވެ. އެހެންވެ ކުރަން އުޅުނު ކަންތައް އެއްފަރާތް ކޮށްލާފައި ހަބަރު ހުޅުވާލާ ކިޔަންފެށިއެވެ. ވަރަށް ޝައުޤުވެރިކަމާއެކުގަ އެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.