ވާހަކަ: މީވީގޮތޭ…..!

fish-1 (1)

[މެއި 19، 2015 ގެ ބަޔާ ގުޅޭ]

“ވަރަށް ފޫހިވޭ!” މަޑުމަޑުން އަހަންނަށް ބުނެލެވުނެވެ

އަހަރެން ކޮންމެހެން އެ ވަރަށް މޭކަޕް ކުރާކަށް ނުވެސް ޖެހެއެވެ. އަހަރެން ދާން ތައްޔާރުވީ ލޯބިވެރިޔަކާ ބައްދަލު ކުރާކަށް ޕާރޓީއަކަށް ދާކަށް ނޫނެވެ. އަހަރެންގެ ފިރިމީހާގެ ފަރާތުން ތައުރީފްގެ ބަހެއް ހޯދާށެވެ. އަހަރެން މޫނު ސާފުކޮށްލީމެވެ. އާދައިގެ ގޮތަކަށް ބޯ އައްސާލީމެވެ. ނިދަން ކާރިގަ އޮށޯތީމެވެ. އެކަމަކު، ހިތާމައިގެ އަސަރު މޫނުމަތިން ފާޅު ވާކަށް އަހަރެން ނޭދެމެވެ. ލޮލުން ކަރުނަ ފުހެވޭތޯ ބެލީމެވެ. ނަމަވެސް ލޮލަކުން ކަރުނައެއް ނުއެއް ހިކުނެވެ. ދެން ހިތަށްއެރިއެވެ. ތެދުވެގެން ދަރިފުޅު ނިދަން އޮތް ކޮޓަރިޔަށް ދިޔައީއެވެ. ކިތަންމެ މޭކަޕެއް ކުރިޔަސް ނަވީން ބަލާކަށް ނައަންނާނެއެވެ. އަދިވެސް އަހަރެން ވީ އޭނައަށް ކަންކަން ފޮރުވަން ހެއްޔެވެ؟

 ވާ ކަންތައް ނުވާ ކަމަކަށް ހަދައިގެން އުޅެންވީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ހިތްދަތި ވެގެން ގޮސް ނޭވާ ކުރު ވެއްޖެއެވެ. މިއީ ކޮންފަދަ އިމްތިޙާނެއް ހެއްޔެވެ؟

“”ނަވީން! ދަނީ!” ކޮޓަރިން ނުކުންނަމުން އަހަރެން ބުނެލީމެވެ. “މިއަދު ހިއެއް ނުވޭ އަވަހަކަށް އާދެވޭނެހެން ވަރަށް ގިނަ އެޕޮއިންޓްމަންޓް ވެސް އެބައޮތް އެކަމަކު އެތާ އުޅޭ ކުދިން އައިމާ ކާން ގެޔަށް އަންނާނަން އޯކޭ”

ސެލޫންގެ ބަދަލުގައި އަހަރެން ދިޔައީ އަހަރެންގެ އެކުވެރި ޝުއައިބު އާ ބައްދަލު ކުރާށެވެ. ބުނެވޭގޮތުން އެއީ ފެމިލީ މައްސަލަތައް ހައްލު ކޮށްދޭ މީހެކެވެ. ދުވާލަކު ދިހަ މީހުންނަށް އޭނާ އެހީވާ ވާހަކަ އަހަރެންވަނީ އަޑު އަހާފައެވެ. މާ ގިނަ މީހުނެއް އެ ތާކު ނެތެވެ. އެހެންނަމަވެސް، ދާ މީހަކު ވިއްޔާ އަވަހަކަށް ނުނިކުމެއެވެ. އަތުގައި އޮތް ނަންބަރަށް ބަލައިލީމެވެ. ދެން ޖެހޭނީ އަހަރެންގެ ނަންބަރެވެ. އެކަމަކު، އޭރު ވެސް އަހަރެން އިނީ ދެ ފިކުރެއްގައެވެ. އަހަންނަށް އެންމެ ރަނގަޅު ގޮތަކީ އެ ތަނުން ނުކުތުން ނޫންބާއެވެ؟ ނޫނީ ބޭޒާރު ވާން މަޑުކުރަންވީ ހެއްޔެވެ؟ ދެން ފެނުނީ އަހަރެންގެ ނަންބަރު އެރި ތަނެވެ. ކުރިން ވަން މީހާ ނުކުތް ތަން ފެނުނެވެ. އަހަރެން ތެދުވީމެވެ. ކޮޓަރިއަށް ވަނުމުގެ ބަދަލުގައި ނުކުންނަން ހިނގައިގަތީމެވެ. ކީއްކުރަން ހެއްޔެވެ؟ އަނެއްކާ އެހެން ދުވަހަކު، އެތައް މަސައްކަތަކުން ނަންބަރެއް ނަގައިގެން އަންނަން ހެއްޔެވެ؟ އެއް ގޮތަކަށް ނިންމައިގެން ކޮޓަރިއާ ދިމާއަށް ހިނގައިގަނެވުނީ އެހެން ނަންބަރެއް އެރި ފަހުންނެވެ. އެހެންވިޔަސް، އަހަރެން ވަނީމެވެ. ޝުޢައިބު އިނީ ފޮތެއްގެ ތެރެޔަށް ގެއްލިފައެވެ. އެހެން އިނދެފައި، އިށީނުމަށް ގޮނޑިއަށް އިޝާރާތް ކުރި އެވެ. އަހަރެން އިށީނީމެވެ.. ހިތަށްއެރިއެވެ؛ ދެން ބުނާނީ ކީކޭބާއެވެ؟

ޔޭސް!” އަހަންނާ ހަތަރު ކަޅި ހަމަ ކޮށްލަމުން ޝުޢައިބު ބުނެލިއެވެ. ”
ހިތް އަވަސްވީ އަހަރެންގެއެވެ. ހައިރާން ވެސްވީ އަހަންނެވެ. ޝުޢައިބުގެ މޫނުމަތިން އެއްވެސް ހައިރާންކަމެއް ނުފެނެއެވެ. އަހަރެން ހިނިތުންވެލީ ގަދަކަމުންނެވެ.

ނޭނގުނު ދޯ މަށެއް؟” އަހަރެން އެހީމެވެ.  “

” “މަށަކީ ސައިކޮލޮޖިސްޓެއް މިހާރު،” ޝުޢައިބު ވަރަށް އޯގާތެރިކަމާ އެކުގައި ބުނެލިއެވެ. “ތި ގޮނޑީގަ އިންނާނީ މަގޭ ޕޭޝަންޓު. އެއީ މަށަށް އެނގެން ޖެހޭ ވަރަކީ. ވެދާނެ ރަޙްމާ ހީކުރި ޝޮކު އަހަރެންގެ މޫނުމަތިން ނުފެނުނީމަ ކަމަށް މަށާ ތި ސުވާލު ތި ކުރީ. މި ތަނަށް ވަނުމުގެ މާ ކުރިން މަށަށް އެނގޭނެ ވަންނާނީ ކާކުކަން. ދެންމި ނަމާ މި އެޑްރެހެއް ނޯޅޭނެ ދޯ؟ ހިނގާ އަސްލު މައުޟޫޢަށް ދަމާ! ކޮން ކަމަކު ތި އައީ؟”

އަހަރެން އިސްޖަހާލީމެވެ. ޝުޢައިބް އަކީ، އެއް ޒަމާނެއްގައި އަހަންނަށް ލޯބި ހުށަހެޅި މީހެކެވެ. އަހަރެން އެ ލޯބި ގަބޫލު ނުކުރީއެވެ. ޝުއައިބުދެކެ އަހަރެންގެ ތިމާގެ ދައްތަ ޔަކު ލޯބިވާކަން އަހަރެންނަށް  އޭރު އެނގެއެވެ. ޝުޢައިބުގެ ދަޢުވަތު އަހަރެން ގަބޫލު ނުކުރީ އެހެން ވެގެންކަން އަދިވެސް ޝުޢައިބުއަށް ނޭނގޭނެއެވެ. މީހުންނަށް ކަންކަން ފޮރުވައިގެން އުޅުމަކީ އަހަންނަށް ލިބިފައިވާ ހުނަރެކެވެ. ޝުޢައިބު ކައިވެނި ކުރީ މުޅީން އެހެން މީހަކާއެވެ. އޭގެ ސަބަބެއް އަހަންނަކަށް ނޭނގެއެވެ. އެގޭކަށް ވެސް މިހާރު ބޭނުމެއް ނޫނެވެ. ސަބަބަކީ އަހަރެންގެ ހަޔާތާ ނަވީން ގުޅިފައިވާކަމެވެ. .

“ޑޮކްޓަރު އަމިއްލަޔަށް ސުވާލުކުރޭ. މަށަކަށް ނޭނގެ މަށަށް ވާ ގޮތް ކިޔައިދޭކަށް،” އިސްޖަހައިލައިގެން އިނދެފައި އަހަރެން ބުނީމެވެ.

ޝުޢައިބު ހިނިތުންވެލިއެވެ. ވަރަށް މާނަ ފުން ގޮތަކަށެވެ. އަހަރެން ނުރުހޭ އެންމެ ސުވާލެއް ވެސް  ޝުޢައިބު ނުކުރެއެވެ. އަހަރުމެން ވާހަކަދެއްކީ، ދެ ރައްޓެހިން ވާހަކަދައްކާ ކަހަލަ ގޮތަކަށެވެ. ނުރަސްމީކޮށް، ސާދާ ބަހުރުވައިންނެވެ. އެ ތަނުން އަހަރެން ނުކުތީ އަހަރެންގެ މައްސަލަ ހޯދައިގެންނެވެ. އޭގެ ސަބަބުން، އޮޅުންބޮޅުން ވެފައިވާ ހާދިސާތައް ތަރުތީބު ކޮށްލަން ފަސޭހަ ވިއެވެ..

އަހަރެންގެ ކައިވެނި ގެންދަންވީ މިސްރާބު އަހަންނަށް ގެއްލުނީއެވެ. ކައިވެނި ކުރިތާ އަށް އަހަރު ވެއްޖެއެވެ. އަހަރެމެން ދެމީހުންނަށް ދަރިޔެއް ލިބިފަ ނެތެވެ. މައްސަލައަކީ މިއީބާވައެވެ. އަހަރެންގެ ކުރީގެ ކައިވެނިން ލިބިފައިވާ ދެކުދިން ތިބެއެވެ. ނަވީން އެދެކުދިން ދެކެވެސް ވަރަށް ލޯބިވެއެވެ. އަހަރެމެން ދެމީހުންގެ ދަރިޔެއް ނެތީމަ ކަންނޭގެއެވެ. ނަވީން ދެކެ މިހާރު އަހަރެން ލޯބިވާހެނެއް ހިއެއް ނުވެއެވެ.

ގިނަފަހަރު ކާންތިބެނީ ދެމީހުން އެކަނި ވީމަ ހެނދުނުގެ ނާސްތާކުރަން އަހަރެމެން ދަނީ ބުފޭހަދާފަ ހުންނަ ރެސްޓޯރަންޓަށެވެ.

އެއްދުވަހު ވަރަށް ފަތިހާ ހޭލައިގެން އަހަރެން ރޮށިފިހެ ސިނީސަންބޯލް ހެދީމެވެ. ތަފާތު ގޮތަކަށެވެ. ބޭނުންވީ ރެސްޓޯރަންޓަށް ނުގޮސް ގޭގަ ނާސްތާ ކުރާށެވެ.

ނަވީން ކާން އައުމާ އެކު އަހަރެންނަށް ތައުރީފް ކުރަން ފެށިއެވެ.

އަހަރެން ހިނިތުންވެލީމެވެ. ފިރިމީހާގެ އެ ފަދަ ތަޢުރީފުތަކުން ހިތަށް ފިނިކަން ލިބޭކަމަށް ހެދުނީމެވެ. އެކަމަކު، ބޭރު ފުށުން ކިތަންމެ އުފާ ވެފައި ހުއްޓަސް އަހަރެންގެ ހިތަށް ވެރިވެފައި ވަނީ ފަޅުކަމެވެ. ހެނދުނު ހޭލީއްސުރެ ނިދަން ވަންދެން އަހަރެން އުޅެނީ ވަރަށް އަވަދިނެތިއެވެ. އަންހެން ދަރިފުޅުގެ ކަންތަކާ ސެލޫން ކަންތަކެވެ. ފިރިމީހާއަށް ކޮށްދޭން ޖެހޭ ކަންތައްތަކަށް ވުރެ ސެލޫން ކަންތަށް ގިނައެވެ. ގޭތެރޭގައި ކުރަން ހުންނަ ކަންތައްތައްވެސް އެހާ ގިނައެވެ. އަހަންނަކީ ޗާބީ ދީފައި ހުންނަ ބުދެކެވެ. ހިއްސުތައް ސަލާމަތުން ހުރި އިންސާނެއްހެން ޚުދު އަހަންނަކަށް ވެސް ހިއެއް ނުވެއެވެ. އަހަރެންގެ އުފާތަކާއި އުންމީދުތައް ކޮބައި ހެއްޔެވެ؟ އަރާމާއި އިހުސާސްތައް ކޮބައި ހެއްޔެވެ؟ އަހަރެން ބޭނުންވި ދިރިއުޅުން ކޮބައި ހެއްޔެވެ؟ (ނުނިމޭ)

ރޯޒީ ޝަރީފް
ރޯޒީ ޝަރީފް

ނޯޓް: މިއީ ރޯޒީ ޝަރީފް އީޓީ އަށް ލިޔެދޭ ވާހަކައެކެވެ.

ރޯޒީ ޝަރީފްއަކީ ސިއްހީ ދާއިރާއާއި ރީތިވުން އަދި ބިއުޓީ ދާއިރާއިންވެސް ރާއްޖެއިން ބޭރުން ތަޢުލީމު ޙާސިލް ކުރައްވާފައިވާ ބޭކަނބަލެކެވެ. އައްޑު އަތޮޅަށް އުފަން ރޯޒީ ކައިވެނި ބައްލަވައިގެން އުޅުއްވަނީ އޭދަފުށީ މަގޫމާގެ އަހްމަދު ނަބީލުއާ އެވެ.

ރޯޒީ ވަނީ އައްޑޫ ލައިވްގައި އޭނާގެ ގިނަ ވާހަކަ ތަކާއި ސިއްޙީ އާޓިކަލްތައް ލިޔުއްވާފަ އެވެ. މީގެ އިތުރުން ރޯޒީ ޝަރީފް އަކީ ގިނަ ބޭފުޅުންތަކެއްގެ ހިތުގެ އުދާސް ޕޮރުގުރާމްގައިވެސް ލިޔުއްވާފައިވާ އެބޭފުޅުންނާ ދިމާވާ ދަތި އުނދަގޫ މައްސަލަތަކުގައި ނޫހުގެ ޒަރިއްޔާއިން އޭގެ ޙައްލު ހޯއްދަވައިދެއްވާ ފައިވާ ބޭކަނބަލެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. އައިޝާ

    މިއިން ކޮންމެ ޕާޓެއް ކިޔާލުމުން ހިތަށް އިޙްސާސް ތަކެއްވޭ. ވަރަށް މޮޅު ވާހަކައެއް
    އައިޝް

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.