ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[މެއި 24، 2015 ގެ ބަޔާ ގުޅޭ]

ސުރުޚީގައިވަނީ ފެޝަން ޝޯވއަކަށް ހެދުން ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކައެވެ. އިތުރު މައުލޫމާތު ހޯދުމަށްޓަކައި ޔާނީ އާޓިކަލްގައިވާ ނަންބަރަށް ގުޅާލިއެވެ. އަދި އިވެންޓާގުޅޭ ހުރިހާ މައުލޭމާތެއް ހޯދިއެވެ. މިފެޝަން ޝޯވ ބަހާލެވިފައިވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. ކޮންމެ ބުރަކަށްވެސް ތަފާތު ތީމްއެއް ދެވިފައިވެއެވެ. އެއީ ވެޑިންގ ޑްރެސް އާއި ކެޝުއަލް ހެދުމާއި ކުޑަކުދިންގެ ހެދުމެވެ. އަދި މީގެ ފަނޑިޔާރުންނަށް އެންމެ ކަމުދާ ފަރުމާކުރުންތެރިއެއްގެ ހެދުންތަކުގެ ފޮޓޯ ސެޝަނެއް މާލެ އަތޮޅުގައި އޮންނަ އަނަންތަރާ ދިގު ރިސޯޓްގައި އޮންނާނެއެވެ. އަދި އެއްވަނައަށް ދާ ފަރުމާކުރުންތެރިޔާއަށް ދުބާއީގައި އޮންނަ ފެޝަން ޑިޒައިންގެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމުގެ ފުރުސަތުވެސް ލިބެއެވެ. މިއީ ބޭނުންހިފަން ރަނގަޅު ފުރުސަތަކަށްވުމުން ޔާނީ ކުރަން ހުރި ހުރިހާ މަސައްކަތެއް ހުއްޓާލާފައި ސަމާލުކަން ދޭންފެށީ މިއިވެންޓަށެވެ. ކުރާހާފައިވާ ހުރިހާ ސްކެޗްތަކެއް ހޯދައި އެތަނުން އެންމެ ހިތްހަމަޖެހޭ ސްކެޗްތައް ހޮވާލާ ޝޮޕް ބަންދުކޮށްފައި ގެއަށްދާން ނުކުތްެއިރު އުޑުމަތިވަނީ ކަޅުވިލާތަކުން ފުރާލެވިފައެވެ. އޭރު ވައިގަދަވެ ކޮންމެވެސް ވަރަކަށް ވިއްސާރަ ކަނި ޖަހަމުން ދިޔައެވެ.

ހީވަނީ ހަމަ ދެންމެ ދެންމެ ވިއްސާރަ ބޯކޮށްލާފާނެ ހެނެވެ. މީހުންތައް ހިޔާވާނެ ތަނެއް ހޯދުމަށްޓަކައި ކޮޅުކޮޅު މައްޗަށް ދުވަމުންދިޔައެވެ. ޔާނީވެސް އަވަހަށް ގެއާ ހަމައަށް ފޯރާތޯ ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުނުތަނާ ވިއްސާރަ ބޯކޮށްލާހެން ހީވުމުން ދުއްވައިގަތްތަނާ ކުރިމަތިން އައި މީހެއްގެ ގައިގައި ޔާނީ ލައިގަތެވެ. ކޮނޑުގައި އަޅުވައިގެންހުރި ދަބަސް ދޫވެ އަތުގައިހުރި ގަނޑުތައްވެސް ވައިގެ ތެރެއަށް އުދުހިގެންދިޔައެވެ. އަމިއްލަ ކޮންޓްރޯލުން ނެއްޓި ޕޭމަންޓްމަތީގައި ކޮންމެވެސް ވަރަކަށް ފެން ހުރުމުން ޔާނީވެސް ކައްސާލައިގެންގޮސް އެމީހާގެ އަތްދަނޑިމައްޗަށް ވެއްޓުނެވެ. ޔާނީގެ މޫނު ޖެހޭހާ ގާތުގައި އޭނާގެ ގައިގައި ހިފަހައްޓައިގެން ހުރީ ޒައިދެވެ. ޔާނީ ފެނުމާއެކު ޒައިދަށް އެމޫނަށް ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. ޔާނީ ޒައިދްގެ އަތުތެރެއިން ސަލާމަތްވުމަށް މަސައްކަތްކުރި ނަމަވެސް އެހުރިހާ ކަމެއްވީ ބޭކާރެވެ. ޒައިދް ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ހީވަނީ ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވާ ހެނެވެ. މުޅިއުމުރަށް ޒައިދްގެ އަތުތެރޭ މިއަންހެންކުއްޖާ ފޮރުވާލަން ހިތްއެދުނީ ކީއްވެކަމެއްވެސް ނޭނގުނެވެ. މިއީ ޒައިދްގެ ހިޔާލުތަކުތެރޭ އޭނާގެ ހިތަށް އުނދަގޫ ކުރަމުން އަންނަ އަންހެންކުއްޖާއެވެ. ޒައިދް ޔާނީގެ ގައިން ދޫކޮށްނުލުމުން އޭނާ ވަރަށް ހިތްހަމަ ނުޖެހުނެވެ. މިއީ އަނެއްކާ ބީރުމީހެއް ހެއްޔެވެ. ކޮންމެގޮތެއް ވިޔަސް އޭނާގެ ކިބައިން ސަލާމަތްވުމަށްޓަކައި ޔާނީ ޒައިދްގެ އަތުގައި ދަތްއެޅިއެވެ. ވީތަދުން ސިހިފައި ޒައިދަށް ޔާނީގެ ގައިން ދޫކޮށްލެވުނެވެ. އެދިޔަގޮތަށްގޮސް ޔާނީ ވެއްޓުނީ ޕޭމަންޓް މައްޗަށެވެ. ޔާނީ އަށް ތަދުވި ވަރުން އޭނާ އިތުރަށް ރުޅިގަދަވިއެވެ.

އައި ރުޅިން ޔާނީ ތެދުވިގޮތަށް ޒައިދުއާ ދިމާލަށް ހަޅޭލަވަން ފެށިއެވެ.

“އަލަށްތަ އަންހެން ކުއްޖަކު ފެނިގެން ތިއުޅެނީ، އަހަރެން ވައްޓާލަން ބޭނުމިއްޔާ ކީއްކުރަންތަ ހިފެހެއްޓީ. ތިކަހަލަ ފިރިހެނުންގެ ގޮތް އަހަރެންނަށް ވަރަށް ރަނގަޅަށް އިނގޭ” ރުޅިގަދަވެގެންގޮސް ދެބުމަ ގޮށްޖަހާލައިގެން ހުރެ އެއްޗެހި ގޮވަމުންދިޔައިރު ވެހެންތައްޔާރުވެފައިވާ ވާރޭގެ މަތިން ޔާނީ ހަނދާނެއް ނެތެވެ. “ސަލާމަތްކުރީމަވެސް ބަދަލުގަ މިހިރީ ލިބުން ހަދިޔާ، މިއަށްވުރެ މާ ރަނގަޅުވީހެއްނު ވެއްޓެން ދޫކޮށްލި ނަމަ” ޔާނީ ކަންތައްކުރި ގޮތުން މިފަހަރު ޒައިދްވެސް ހިތްހަމަ ނުޖެހުނެވެ. “އަހަރެން ބުނިންތަ އަހަރެން ސަލާމަތް ކުރާށޭ، އަންހެންކުދިންގެ ގައިގަ އަތްލާފަ ދޫކޮށްލަން ނޭނގެންޏާވާނީ ތިހެން. އަދި މާ މަޑު ދަތްއެޅުނުލެއް” ޔާނީ އެވަރުންވެސް ހުއްޓައެއްނުލިއެވެ. ދެމީހުން އެކަކު އަނެކާ ރުޅިވެރިކަމުގެ ބަސްތައް ބަދަލުކުރަމުން ދަނިކޮށް އިސާހިތަކު ވާރޭ ބޯކޮށްލައިފިއެވެ. “އޯ ނޯ، މައި ސްކެޗަރސް، މިހުރިހާ ކަމެއް މިވީ މީނައާ ހެދި. މިހާރު ހިތްހަމަ ޖެހިއްޖެ އެއްނު” ވިއްސާރައިގެ ސަބަބުން ހުރިހާ އެއްޗެއް ތެމި ފޯވުމުން އެކަމުގެ ޒިންމާވެސް ޔާނީ އެޅުވީ ޒައިދްގެ ބޮލުގައެވެ. ވެހެމުންދިޔަ ވާރޭގެ ތެރޭގައި ދެމީހުން ތިބިއިރު ހީވީ ފިލްމެއްގެ މަންޒަރެއް ފެންނަމުން ދިޔަހެނެވެ.

ވާރޭގެ ޝަބްނަމްގެ ތިކިތައް ޔާނީގެ ފަން އިސްތަށިގަނޑުން ފެށިގެންގޮސް މޫނާއި ކަނދުރާގައި ބޮސްދެމުންދިޔައެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ތެރޭގައި އިސާހިތަކު ދެމީހުން ތެމިފޯވެއްޖެއެވެ. ލައިގެން ހުރި ގަމީސް ފޯވެ ޒައިދްގެ ކަސްރަތީ ހަށިގަނޑު ފާޅުވިއެވެ. އެމަންޒަރު ފެނިފައި ދެލޯބޮޑުވެ ޔާނީއަށް ހިންދިރުވާލެވުނެވެ. ހާދަ ފިރިހެންވަންތަ ހަށިގަނޑެކެވެ. ޔާނީގެ ހިތް ސިއްރުން ބުނަމުން ދިޔައެވެ. ޒައިދްގެ ފިރިހެންވަންތަ ހަށިގަނޑު ފެނިފައި އަސަރު ކުރީ ހަމައެކަނި ޔާނީއަކަށް ނޫނެވެ. ކިތަންމެ އަންހެންކުއްޖެއްގެ ހިތްވަނީ ޒައިދްގެ ޖާދޫގައި ޖެހިފައެވެ. ޔާނީ ބަލަން ހުއްޓައި ޒައިދް ބަލާލުމުން ވަރަށް ނޭނގޭކަމަށް ހަދާފައި ޔާނީ އެހެން ދިމާލަކަށް ބަލަން ފެށިއެވެ. ވާރޭ ހުއްޓާލާނެ ވަގުތެއް ލަފާކޮށްލަން ނޭނގުމުން ޒައިދް ގޮސް ކައިރީގައި ހުރި ފިހާރައެއްގެ އަސްކަނި ދަށަށް ވަނެވެ. ޔާނީ ފިނިވެގެންގޮސް ތުރުތުރު އަޅާތަން ފެނުމުން ޒައިދް އެދުނީ އެތަނަށް ވަނުމަށެވެ. ނަމަވެސް ޔާނީ ގޮތެއްދުލެއް ނުކުރިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު މާބޮޑަށް ހީކަރުވާން ފެށުމުން ޔާނީ ގޮސް ޒައިދްގެ ގާތުގައި ހުއްޓުނެވެ. އެހެން ތިބިއިރުވެސް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އޭރު ޒައިދްގެ ހިތަށް އަރަމުން ދިޔައީ މިކުއްޖާގެ ސޫރަ އޭނާގެ ހިތުގައި ވާން ޖެހޭ ސަބަބެކެވެ. ހަމަޔަޤީނުންވެސް މީގެ ކުރިން ޒައިދް މިކުއްޖާ ދެކިފައެއް ނުވެއެވެ. ބައިގަޑިއިރެއްހާ ފަހުން ވާރޭ ތުނިކޮށްލުމުން ޔާނީ އަސްކަނި ތެރެއިން ނުކުމެގެން ދިޔައިރުވެސް ހަމަ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ނުވިތާކަށް ފަސްއެނބުރި ބަލާވެސް ނުލައެވެ. ޔާނީގެ އަމަލްތައް ހުރިގޮތުން ޒައިދް ވަރަށް ހިތްހަމަ ނުޖެހުނެވެ. އޭނާ ސިފަކުރީ ޔާނީއަކީ ވަރަށް ރުޅިގަދަ، ގޮތްދޫނުކުރާ އަންހެން ކުއްޖެއްގެ ގޮތުގައެވެ.

ހަލުވި ހިނގުމެއްގައި ޒައިދް ހިނގާފައި ދަނިކޮށް ސައިކަލްގައި ދިޔަ ޝިވަމްއާ ދިމާވިއެވެ. ޒައިދްގެ މޫނުމަތީގެ ކުލަވަރު ފެނިފައި އޭނާ ހުރީ ކަމަކާ ހިތްހަމަ ނުޖެހިފައިކަން ޝިވަމްއަށް އެނގުނެވެ.

“މިއޮއް ވިއްސާރައިގަ ތެމިގެން ކޮންތާކަށް؟ ހާދަ ރުޅިވެސް އައިސްފަ؟” މަގުގެ އެއްފަރާތުގައި ސައިކަލް މަޑުކޮށްލަމުން ޝިވަމް ޒައިދްއާ ސުވާލުކޮށްލިއެވެ. “ޝިވަމް އިހަށް އަހަރެން ގެއަށް ލައިދީ، ވީގޮތް ކިޔައިދޭނަން ފަހުން” ތެމިފައި ހުރުމުގެ ސަބަބުން ކުޑަކޮށް ހީކަރުވާހެން އިހްސާސްވުމުން ޒައިދް ބޭނުންވީ ގެއަށް ގޮސް އެއްޗެހި ބަދަލުކުރުމަށެވެ. ވިއްސާރައިގެ އަސަރު ހ.ބްލޫމިންގެ ބަގީޗާތެރެއިންވެސް ފެންނަމުން ދިޔައެވެ. ތެތްވެފައިވާ ބިންމައްޗާއި ވާރޭގެ ތިކިތަކުން ބަރުވެފައިވާ މާގަސްތައްވެސް ހީކަރުވާފައިވާ ކަހަލައެވެ. މިއީ ވަރަށް ހިތްގައިމު މޫސުމެކެވެ. ކޮޓަރިއަށް ވަދެވުމާއެކު ލައިގެން ހުރި ޓީޝާޓްބާލައި ވަށިގަނޑަށް ލުމަށްފަހު ހަރުގަނޑުގައި ހުރި ތުވާލިނަގާ ގައި ހިއްކާލިއެވެ. ފާހާނާއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން ނުކުތްއިރު ދެތަށި ކޮފީ ހިފައިގެން އައިސް ޝިވަމް ކޮޓަރިއަށް ވަންނަނީއެވެ. “ހޫމް.. ދެން ކިޔައިދީބަލަ ތިވެގެން އުޅޭގޮތެއް” ކޮފީތަށިން ކޯވަރެއް ދަމާލުމަށްފަހު ޝިވަމް އަނެއްކާވެސް މައުޟޫއާގެން ކުރިއަށް ދިޔައެވެ.

ޝިވަމް ވާހަކަ ދައްކަން ފެށުމާއެކު ޒައިދް ކޮފީތަށި ބަހައްޓާފައި ގޮނޑިން ތެދުވިއެވެ. ހީވީ މީގެ ކުޑައިރުކޮޅެއްކުރިން ހިނގާދިޔަ ކަންތައް އޭނާއަށް އުނދަގޫ ކުރާހެނެވެ. ތެދުވެގެންގޮސްް ޒައިދް ހުއްޓުނީ ބެލްކަނީގައެވެ. ވިއްސާރަ އެއްކޮށް ހުއްޓާލާފައިވީ ނަމަވެސް އުޑުމަތީގައިވާ ބަނަކަމަކަށް ކުޑަވެސް ބަދަލެއްނާދެއެވެ. ވައިވެސް ފުދޭވަރަކަށް ގަދަވެފައި ހީވަނީ އަނެއްކާވެސް ގަދަ ތޫފާނަކަށް ތައްޔާރުވަމުން ދާހެނެވެ. ޒައިދް އެއްޗެކޭ ނުބުނެ ހުރުމުން ޝިވަމްވެސް ތެދުވެގެން ގޮސް ޒައިދް ގާތުގައި ހުއްޓި ރެއިލިންގައި އަތްއަޅުވާލިއެވެ.

“އަހަރެން ކުރެހި ތަސްވީރުގައި އިން އަންހެންކުއްޖާއާ މިއަދު ދިމާވީ” ކުއްލިއަކަށް ޒައިދް ބުނި ވާހަކައިން ޝިވަމްގެ އަތުގައި ހުރި ކޮފީތަށި އަތުން ދޫވެގެން ނުވެއްޓުނީ ހަމަކިރިޔާއެވެ. ނުވިސްނަ ހުއްޓާ ޒައިދް ފެށި ވާހަކައިން ޝިވަމް މާބޮޑަށް ސިހުނީއެވެ. “ކީކޭ؟ ކޮންތާކުން؟ އޭނަ އެއްޗެކޭ ބުނީތަ؟ ހާސްވި ނަމަވެސް ކޮފީތަށި ކައިރީގައި ހުރި ކުޑަ މޭޒެއްމަތީ ބަހައްޓާފައި ޝިވަމް ހަމަޖެހޭގޮތް ދައްކާލިއެވެ. “އެއްޗެކޭ ބުނިހޭ؟ އެގޮތްދޫ ނުކުރާ ކުއްޖާ އަހަންނާ ދިމާލަށް ނުގޮވާކަށް އެއްޗެއް ނެތް. އަދި އެވަރުން ނުވެގެން ވާރޭ ވެހެންފެށީމަވެސް ހަޅޭލެވީ އަހަންނާ ދިމާލަށް، ނުވިތާކަށް ބޯހިޔާވާނެ ތަނެއް ހޯދަދިނީމަ އެންމެ ކުޑަމިނުން ޝުކުރުވެސް އަދާކޮށް ނުލާ. ސަޗް އަ ސެލްފިޝް ވުމަން” އައިސްފައިހުރި ރުޅީގައި ރެއިލިންގެ ދަގަނޑުގައި ހިފާ ބާރުކޮށްލާފައި ހިފައިގެން ހުރި ކޮފީތަށިވެސް އެއްނޭވައިން ދަމާލެވުނު އިރުވެސް ޒައިދަކަށް ނޭނގުނެވެ. ޒައިދްގެ ވާހަކަ އަހާފައި ޝިވަމްއަށް ޖަހާލެވުނީ ހިނިގަނޑެކެވެ.

ޒައިދް ރުޅިއައިސްގެން ގޮސް ދެލޯ ހުރީ އަރާ ނިތްމަތީގައެވެ. “ތީ ހާދަ ވަރެއްގެ މަންޖެއެކޭ ދޯ! މަށަށް ފެންނަނީ ޒައިދް އޭނައާ ރައްޓެހިވާން” ޒައިދް އާއި ޔާނީ ކުރިން ލޯބިން އުޅުނު ރަންހަނދާންތައް އާވުމުން ޝިވަމްއަށް ބުނެވުނެވެ. ޝިވަމްގެ ގައިގައި ޖަހާލަމުން ޒައިދް ޖަވާބުގައި ބުނީ އެކަމެއް ދުވަހަކުވެސް ނުވާނެ ކަމަށެވެ. އަދި އެކަހަލަ ގޮތްދޫނުކުރާ އަންހެން ކުއްޖަކަށްޓަކައި އޭނާގެ ހިތުގައި ލޯބީގެ ޖަޒުބާތެއް ނުއުފެދޭނެކަމަށެވެ.

މާޒީގައި ޒައިދްއާއި ޔާނީގެ ގުޅުން ހިތުގެ ގުޅުމުން ގުޅިލާމެހިފައި ވާކަން އެދެމީހުންނަށް އިހުސާސް ނުކުރެވުނު ކަމުގައިވިޔަސް ކޮންމެވެސް ދުވަހަކުން އެދެމީހުން އަލުން އުފާވެރި ދިރިއުޅުމެއް އުޅޭނެކަމުގެ ފޮނި އުއްމީދު ޝިވަމްގެ ހިތުގައި އަބަދުވެސް އާލާވަމުން ދެއެވެ. މިއަދު މިދެމީހުންގެ ހިތުގައި އެކަކު އަނެކަކަށްޓަކައި ރުޅިވެރިކަން އޮތްކަމުގައި ވިޔަސް ހަނދާންތައް އެނބުރިއައުމުން މިހުރިހާ ކަމެއް ބަދަލުވެ ލޯބީގެ ހުޅުކޮޅު އަލުން ދިއްލޭނެކަން ގައިމެވެ. ދެހިތުގައި އެއް ވިންދެއް ޖަހާހާ ހިނދަކު އެހިތުން ލޯބިފިލައިގެން ދާނީ ކިހިނަކުން ހެއްޔެވެ. ގެއަށްއައިސް ވަދެވުނު އިރުވެސް ޔާނީއަށް ކުދިކިޔެނީއެވެ. ޔާނީ ހުރީ ވަރަށް ރުޅިގަދަވެ އަދި ހަމައެހާމެ ދެރަވެސް ވެފައެވެ. އޭނާގެ ހުރިހާ ޑިޒައިންތައް ކުރަހާފައިވާ ގަނޑުތައް ވާރެއާ ތެމި ހަލާކުވުމުންނެވެ. ޔާނީ އުޅޭގޮތް ފެނިފައި ބަދިގޭގައި ތިބި ތާރާއާއި މިޝްކާ އެތަނުން ނުކުތެވެ. ވާނުވާ ނޭނގި އެދެމީހުންނަށްވެސް ތިބެވުނީ އެކަކު އަނެކަކުގެ މޫނަށް ބަލާށެވެ. މިޝްކާއަށް އުނދަގޫވެގެން ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޔާނީ ގާތަށް ދިޔައެވެ. ހިތްހަމަ ނުޖެހިފައި ހުރިވަރުން ޔާނީއަށް ވާހަކަ ދެއްކުނީވެސް ވަރަށް އަވަސްއަވަހަށް އަދި އެހާމެ ބާރަށްވެސް މެއެވެ. މިޝްކާ ސުވާލުކުރަން އަނގަހުޅުވާލި ތަނާ ޔާނީ ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާލައިފިއެވެ. އެހެން މީހަކު ދައްކަން އުޅޭ ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ދިނުމެއް ނެތިއެވެ. ވެގެންމިދިޔަ ކަންތައްތަކުގެ ޒިންމާ ޔާނީ އެޅުވީ ޒައިދްގެ ބޮލުގައެވެ. މިހުރިހާ ކަމެއްގެ ތެރެއިން ފެޝަން ޝޯވގެ ވާހަކަ ޔާނީގެ ހަނދާނުން ކައްސާލިއެވެ. ޔާނީގެ ވާހަކައިން ތާރާ ހަނދާންވީ މީގެ ހަމަސްދުވަސް ކުރިން ޔާނީއާ މަގުމަތިން ދިމާވި ހާދިސާއެވެ. އެރޭވެސް ޔާނީގެ އަމަލްތައް ހުރީ ހަމަ މިއަދެކޭ ދާދި އެއްގޮތަކަށެވެ. އަނެއްކާ އެމީހާ ޔާނީގެ ކިބައިން ބަދަލްހިފަން އެނބުރި އައީ ބާވައެވެ. ތާރާ ކަންބޮޑުވި އެވެ.  (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.