އުމަރު އެންގެވިޔަސް ފިޔަވަޅު އެޅޭކަށް ނެތް- ތުޅާދޫ ކައުންސިލު

ތުޅާދޫ ކައުންސިލް
ތުޅާދޫ ކައުންސިލް

 

ޣައިރު ގާނޫނީ އެއްވުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައިވާ ތުޅާދޫ ކައުންސިލުގެ މެންބަރު ޒިޔާއު ރަޝީދާމެދު ފިޔަވަޅު އަލައި ސަސްޕެންޑް ކުރުމަށް އެލްޖީއޭގެ ނަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ސޮއިކޮށް ފޮނުވާފައިވާ ސިޓީ އާއި ގުޅިގެން އެލްޖީއޭ އިން އަންގާފައިވާ ގޮތަށް އޭނާއާ މެދު ފިޔަވަޅު އެޅެން ނެތްކަމަށް ތުޅާދޫ ކައުންސިލުން ބުނެފިއެވެ.

ހޯމް މިނިސްޓަރ އުމަރު ނަސީރު ސޮއި ކުރައްވައި ތުޅާދޫ ކައުންސިލަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ޒިއާއު ރަޝީދު ސަސްޕެންޑްކޮށް، އޭނާގެ މުސާރަޔާއި އިނާޔަތްތައް 2 މަސް ދުވަހަށް ހިފެހެއްޓުމަށް އެ ކައުންސިލަށް އަންގަވާ ކަމަށެވެ.

މިކަމާއި ގުޅިގެން ތުޅާދޫ ކައުސިލްގެ އިއްތިފާގުން ފާސްކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެ ކައުންސިލްގެ މެމްބަރު ޒިއާއު ރަޝީދުގެ މުސާރަ ހިފަހައްޓަން އެންގެވި އިރު، އެބޭފުޅާ ހުންނެވީ ޗުއްޓީގައި ކަމަށެވެ. އަދި އެވަގުތު އޭނާ ހުންނެވީ ބަންދުގެ ޙާލަތުގައި ނޫންކަމާއި، ޒިއާއު ރަޝީދަށް ދެ މަސް ދުވަހުގެ މުއްދަތައް މުސާރައާއި އިނާޔަތްތައް ނުލިބޭގޮތައް ސަސްޕެންޑް ކުރުމަށް އަންގަވާފައިވާ އެންގެވުމަކީ ހެދިފައިވާ ގާނޫނާއި ޤަވާއިދުތަކާއި ތައާރުޒުވާ ކަމެއްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

“އެ މައްސަލާގައި ސާފުނުވާ އެތައް ކަމެއް ހުރުމާއި އެކު، އެ މައްސަލާގައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަކުން އެހެން ގޮތަކަށް އަމަލު ކުރުމަށް ނާންގާހާ ހިނދަކު ކައުންސިލަރު ޒިއާއުގެ މުސާރައާއި އިނާޔަތްތައް ހިފަހައްޓައިފިނަމަ ޣައިރު ޤާނޫނީ އަމުރަކަށް ތަބާވީކަމުގެ ނަތީޖާ އާއި އެ ކައުންސިލުން ކުރިމަތިލާން ޖެހިދާނެކަމަށްޓަކައި އެލްޖީއޭ އިން ހޯމް މިނިސްޓަރު އުމަރު ނަސީރު އަންގަވާފައިވާ ގޮތަށް ޢަމަލު ނުކުރުމަށް ކައުންސިލުން 28 މެއި ގައި ބޭއްވުނު ދެވަނަ ދައުރުގެ 50 ވަނަ އާއްމު ޖަލްސާ އިން ނިންމައިފީމެވެ،” ތުޅާދޫ ކައުންސިލުން ނެރުނު ބަޔާނުގައި ވެ އެވެ.

ސަރުކާރާ ދެކޮޅަށް މި މަހު އެއްވަނަ ދުވަހު އިދިކޮޅު މީހުން މާލޭގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި ހަތް ކައުންސިލަރަކު، މުސާރާ ނުލިބޭ ގޮތަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.