ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް: އެ ދަނޑި އެއްލާލަމާ!

Stop.Smoking.Benefits.2015

އެޑިޓަރުގެ ނޯޓް: މިއީ އެމެރިކާ އަދި ލެބަނަން އިން ކިޔަވާ ވިދާޅުވެފައިވާ އޭދަފުއްޓަށް އުފަން ޑރ. އަބްދުލް ސައްތާރު ޔޫސުފް އޭނާގެ އަމިއްލަ ބްލޮގްގައި މިއަދު ލިޔުއްވި ރިޕޯޓެއްގެ ދިވެހި ތަރުޖަމާއެވެ.

މިއަދަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހެވެ. މުޅި ދުނިޔޭގައި މި ދުވަސް ފާހަގަ ކުރަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ފޯރާ ނާމާން ނުރައްކާތެރިކަން ފާހަގަ ކުރުމަށެވެ. ސަބަބަކީ އަޅުގަނޑުމެން އެ ކަމަށް ފާރަވެރިވުމަށެވެ.

އަޅުގަނޑުމެން އެންމެ ފަރުވާތެރިކަމާއެކު ރައްކާތެރި ކުރާ ނުވަތަ ދައްކާލާ އެތި ކަމަށްވާ އަޅުގަނޑުމެންގެ ހަށިގަނޑު އެއީ ސިނގިރެޓްގެ ދުން ފަދަ ވިހަ މާއްދާއެއްގެ ޝިކާރައަކަށް ވުމަކީ އާދަޔާ ހިލާފު ކަމެކެވެ. ހަށިގަނޑަށް އެތައް ނުރައްކާތަކެއް ކުރިމަތި ކުރާ އެތައް ހާސް ވިހަ ކެމިކަލް މާއްދާތައް ސިނގިރެޓްގައި އެކުލެވޭކަން ސައިންސްގެ ދިރާސާތަކުން އެއްވެސް ޝައްކެއް ނެތް ގޮތުގައި ހާމަވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަމަށްވާ ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)ގެ ކުރީގެ ޑައިރެކްޓަރ ޖެނެރަލްއަކު ވިދާޅުވެފައިވާ ގޮތުގައި މާކެޓްގައި ލިބެން ހުންނަ މުދަލުގެ ތެރެއިން ސިނގިރޭޓަކީ އެ ބޭނުން ކުރަން ޖެހޭ އަސްލު ގޮތުގައި ބޭނުން ކުރުމުން ތިމާ ބަލިކޮށްލާ ނުވަތަ މަރާލާ ހަމައެކަނި އެއްޗެވެ. މިހެންވެ، ޕެކެޓްތަކުގައި ބަންދުކޮށްފައިވާ މި ޝިކާރަވެރިޔާ އަޅުގަނޑުމެންގެ ތެރޭގައި މިހާ މިނިވަންކަމާއެކު ދައުރުވުމަށް އަޅުގަނޑުމެން އަދި އަޅުގަނޑުމެންގެ ސަރުކާރުން ހުއްދަ ދެނީ ކީއްވެތޯ މިއީ އަޅުގަނޑުމެން އަޖައިބުވާ ކަމެކެވެ. (ސިނގިރެޓް މިއީ) ބަޑިއަކުން ނުވަތަ ކަތިވަޅިއަކުން ނުވަތަ ބޮމަކުން ނުވަތަ ވަޅިއަކުން މެރުން ކަމަށް ނުވާތީ އަޅުގަނޑުމެން މި ވަނީ މި ބާވަތުގެ މެރުން މިއީ އެންމެ ރަނގަޅު މެރުންތަކެއް ކަމަށް ރުހުން ދީފައެވެ. ނަމަވެސް އެއްވެސް ކަމަކީ ނުބައި ކަމެއް ކަން އަޅުގަނޑުމެންނަށް އެނގޭ އިރު އެ ކަމެއް އަޅުގަނޑުމެންގެ ނަފުސުގެ އެންމެ ބާރުމިނުން އެ ކަމެއް އަޅުގަނޑުމެން ޔަގީނުން ވެސް މަނާ ކުރަން ޖެހެއެވެ. ޕެސްޓިސައިޑް އަދި ސިނާއީ ކެމިކަލް ކަމަށްވާ އޯގަނޮ-ފޮސްފޭޓް އާއި ކާބަމެޓްގެ އިތުރުން އެއް ގައުމުން އަނެއް ގައުމަށް ގެންދިއުން މަނާ މުއާހަދާތަކުގައި ހިމެނޭ 12 ބާވަތުގެ ކެމިކަލް ފަދަ އިންސާނީ ހަޔާތަށް މުޅި ދުނިޔެއިން އާދަޔާ ހިލާފު މިންވަރަކަށް ކަންބޮޑުވެފައިވާ މިފަދަ މާއްދާތަކާ ދެކޮޅަށް އަޅުގަނޑުމެން ވާހަކަ ދައްކަނީ ކީއްވެ ހެއްޔެވެ؟

ބޯޕާލްގެ ޔުނިއަން ކާބައިޑް ފެކްޓަރީގެ ހާދިސާ އެތައް އަހަރުތަކަކަށް ފަހު ވެސް އަންނަނީ އިންޑިއާގެ ކާފަމާފަދަރިންނަށް ކިޔައިދީ، ކްލާސްރޫމްތަކާއި ލެކްޗަރ ހޯލްތަކުގައި އިއްވަމުންނެވެ. ހަމަ މިއާއެކު، ކާބޯތަކެތި ތައްޔާރު ކުރުމުގައި ބޭނުން ކުރާ ނުރައްކާތެރި ކެމިކަލް މާއްދާތަކާއި ބޭހުގެ ސަބަބުން ރަހިމުގައި އަށަގަންނަ ތުއްތު ދަރިފުޅު އައިބުވާ ވާހަކަތައް ވެސް ދަނީ ދެކެވެމުންނެވެ. އެކަމަކު އެމޯނިއާ، އެސްޓޯން، ބެންޒީން، ހައިޑްރިޖަން އަދި ސައިނައިޑް ފަދަ ސިނގިރޭޓް ދުމުން ކޮންމެ ދުވަހަކު އަޅުގަނޑުމެން އެތެރެއަށް ނޭވާލާ މާއްދާތައް ސިޔާސީ ފަރާތްތަކާއި ވިޔަފާރި ކުރާ ފަރާތްތަކުން ދަނީ އެއީ ސިއްހަތާ ގުޅުން ހުރި ނޫން ކަމެއް ކަމަށް ހަދައިގެން އެ ތަކެތީގެ ވާހަކައިގެ އަޑު މަޑު ކުރަމުންނެވެ. އޭގެ ބަދަލުގައި ކެއުމުންނާއި ނޭވާލުމުން ހަށިގަނޑަށް އެތެރެ ކުރާ މި މާއްދާތަކުގެ ސަބަބުން އާހިރުގައި ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް ހޮސްޕިޓަލްތަކާއި ޖިސްމާނީ އަދި އިޖުތިމާއީ ނަޒަރިއްޔާތުތައް ތަރައްގީ ކުރުމަށް އަޅުގަނޑުމެން ބިލިއަނުން ހަރަދު ކުރަމުއެވެ. ސިނގިރެޓް ބުއިމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގައި ދުވާލަކު އެންމެ މަދުވެގެން 1،200 މީހުން މަރުވެއެވެ. މިއީ ދުވާލަކު 3 ޖަމްބޯ ޖެޓް ވެއްޓި އޭގައި ތިބި އެންމެން މަރުވުން ފަދަ އެވެ. އާދޭހެވެ. ހިތާމައާއެކު ދަންނަވަން ޖެހެނީ، ސިނގިރެޓްގެ ދުން ސީދާ ކޮށާއި ނުސީދާ ކޮށް ފޯރުމުގެ ސީރިއަސްކަން އެއްފަރާތް ކުރުމުން، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ހޮސްޕިޓަލަށް ނުވަތަ ފުރަތަމައިންވެސް ކަށްވަޅަށް ލާން ޖެހޭ އަސްލު ސަބަބަށް އަޅުގަނޑުމެންނަށް ކަނު ލޮލެއް ދެވެނީއެވެ.

ސިނގިރެޓް ދުމަކީ ހަމައެކަނި ފުއްޕާމޭގެ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބު އެކަނި ނޫން ކަމާއި ނަމަވެސް ސިއްހީ އެހެނިހެން ގިނަގުނަ ނުރައްކާތަކެއް ކުރިމަތިކުރުވާ އެއްޗެއްކަން، މި ކަން ނޭނގޭ ގިނަ ބަޔަކަށް އެނގުމުން ސިހިދާނެއެވެ. ގޫގްލް ނުވަތަ ޑަބްލިޔު.އެޗް.އޯގެ ވެބްސައިޓަށް ޒިޔާރަތްކޮށް، ކަމާ ގުޅޭ ގޮތުން ތިމާ އަށް އިތުރަށް އަދިވެސް ހޭލުންތެރި ވެވިދާނެއެވެ. އެހެންކަމުން، މި ޝިކާރަވެރިޔާ އަޅުގަނޑުމެންގެ ތެރޭގައި އަދިވެސް ދޫކޮށްލެވިފައިވަނީ ކީއްވެ ހެއްޔެވެ؟ ނަސީބު ދެރަ ރައްޔިތުންގެ ކުރިމަގުގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހަޅައިގެން އެ ކަމުގެ މާލީ ފައިދާ ނަގައި، އިންސާނުންނަށް ކަމޭހިތާ ކަމަށް ހަދައިގެން ހީލަތްތެރިކަމާއެކު ބޮޑެތި ފިހާރަތައް ހިންގަން ހުއްދަ ދީފައި ވަނީ ކީއްވެ ހެއްޔެވެ؟ މީގެ ޖަވާބަކީ އަޅުގަނޑުމެންގެ ޒުވާނުންގެ ސިއްހަތު ގުރުބާން ކޮށްފައި ނަމަވެސް ފައިސާ ހޯދުމަށް އަޅުގަނޑުމެން ދަހިވެތި ވެފައިވާ ކަމެވެ. ހަމަ ކަށަވަރުން ވެސް މިއީ ޖިނާއީ ކުށެކެވެ. ހާއްސަކޮށް، އިންޓަނެޓާއި ހޭލުންތެރިކަމުގެ މި ފަދަ ޒަމާނެއްގައެވެ. މި ފަދަ ނުރައްކަލެއް ހުއްދަ ކުރުމަކަށް، ތަރައްގީގެ ނަމުގައި ކުރު މުއްދަތުގެ ފައިދާ ލިބޭ މަޝްރޫއުތަކާ ކުޅޭކަށް ޖާގަ ދެވިގެން ނުވާނެއެވެ. ދުރު ވިސްނުމެއް ނެތް ސިޔާސަތަކީ މިއީ ކަންނޭނގެއެވެ.

އަޅުގަނޑުގެ ޕްރޮފެޝަނަލް މަސައްކަތުގެ އަހަރުތަކުގައި ސިނގިރެޓް ބުއިން ހުއްޓުވުމަށް އަޅުގަނޑު ވަކާލާތު ކޮށްފައިވާއިރު، މި ފަދަ ޝިކާރަވެރިން ހިފެހެއްޓުމަށް އޮތް އެންމެ ބޮޑު ހުރަހެއް ކަމަށް ފެންނަނީ، އާއްމުންނަށް ފަސޭހައިން މި ތަކެތި ލިބުމާއި އަދި އާއްމުންނަށް މި ތަކެތި ފޯރުކޮށްދެވިފައިވުމާއި އަދި ގޮތް ނޭނގޭ އުކުޅުތަކުން އަޅުގަނޑުމެންގެ ހަށިގަނޑަށް މި ތަކެތިން ކުރާ އަސަރުތަކާމެދު ހޭލުންތެރިކަން ވަރަށް ބޮޑަށް ނެތްކަން ހިތާމައާއެކު ފާހަގަ ކުރަމެވެ. ހޯމޯންތަކުގެ ހަލަބޮލިކަމާއެކު ވެސް އަޅުގަނޑުމެންގެ ޒުވާނުންނަށް ރަނގަޅާއި ނުބައި އެނގުމުގެ ހިއްސު ހުންނާނެކަން އަޅުގަނޑަށް އެނގެއެވެ. އެހެންކަމުން މި ހުދު ކުލައިގެ ކުށްވެރި ދަނޑިތައް ފުރިހަމަ މިނިވަންކަމާއެކު އުޅެވެނީ ހަމައެކަނި ޒުވާނުންގެ އުފާކުރުމުގެ ނަޒަރިއްޔާތުގެ ސަބަބުން އެކަންޏެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ ގައުމުގެ ނިކަމެތި ގާނޫނުތަކާއި އެ ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ނިކަމެތި ކަމުންނެވެ. އެހެންކަމުން މިއީ އިންސާފުގެ މަގަށް އެންމެ އަވަހަށް ގެންނަން ޖެހޭ ކަންތަކެވެ.

ދެން އެ ތިބީ އަޅުގަނޑުމެންގެ ހޯމޯންތަކުން އޮޅުން އަރާފައިވާ ޒުވާނުން އޭގެ އަވާގައި ސީދާކޮށް ނުވަތަ ނުސީދާކޮށާއި މަޑުމައިތިރިކޮށް ނުވަތަ ހަރުކަށިކޮށް ޖެއްސުމަށް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ރީތި ކަމެއްކަން އިސްތިހާރު ކުރުމަށް އެތައް ބިލިއަން ޑޮލަރެއް ހަރަދު ކުރާ ދުންފަތް ތައްޔާރު ކުރާ ބޮޑެތި ކުންފުނިތަކެވެ. ނަމަވެސް ހޭލުންތެރިކަމާއި ތަންފީޒީ އަމަލުތަކުގެ ސަބަބުން ހުޅަނގުގެ މުޖުތަމައުތަކަށް ބޮޑެތި ފައިދާތަކެއް ކޮށްފިއެވެ. އެ ގޮތުން ސިނގިރެޓް ބޯ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވެއެވެ. މަގުމައްޗާއި އާއްމު ތަންތަނާއި ރެސްޓޯރަންޓްތަކާއި އަދި ކުޅިވަރު ކުޅޭ ތަންތަން ފަދަ ތަންތާނގައި ދުންފަތުގެ އިސްތިއުމާލު ކުރުން މިހާރު އެ “ތަރައްގީ ވެފައިވާ” ގައުމުތަކުގައި ކުށަކަށް ހަދާކަށް ނުޖެހެއެވެ. އަދި މިހެންވެ މި ކަމުން ސިނގިރެޓް އުފައްދާ ކުންފުނިތަކަށް ލިބޭ ގެއްލުން ފޫބައްދަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި މޮޔަ ޒުވާނުންނާއި ޒިންމާދާރުކަން ކުޑަ ސަރުކާރުތަކުގެ ޒަރީއާއިންނެވެ. ކުރިން އަޅުގަނޑުމެން އިސްތިއުމާރު ކުރި ގައުމުތަކުގެ ކުންފުނިތަކުން މިހާރު އަޅުގަނޑުމެން އަނެއްކާވެސް މޮޔަ ހައްދަމުން އަންނަކަން އަޅުގަނޑުމެންނަށް ރޭކާލަނީ ކުޑަކޮށެވެ. ބުރަ މަސައްކަތުން އަޅުގަނޑުމެން ހޯދާ ފައިސާ އާއި އަޅުގަނޑުމެންގެ ފުއްޕާމޭތައް އަންދާލަނީ އެބައިމީހުން މުއްސަނދި ކޮށްދިނުމަށެވެ. އަޅުގަނޑުމެން ބެދިފައި މިވާ މޮޔަކަން އަޅުގަނޑުމެންނަށް ފެނޭތޯއެވެ؟ އަޅުގަނޑުމެން ހޭލަން ވެއްޖެއެވެ. ހުޅަނގުގެ ގައުމުތަކުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާފައި ވަނިކޮށް އަޅުގަނޑުމެން އެކަން ކުރިއަށް ގެންދިއުމީ އެބައިމީހުން ކޮޕީ ކުރުމެއް ނޫނެވެ. އާދޭހެވެ. ހެޔޮ ވިސްނޭ އެއްވެސް މީހަކު އަބަދުމެ އަބަދު މޮޔަ ހެދޭކަށް ނޭދޭނެއެވެ. ރީޓޭލް ފިހާރައަކުން އަޅުގަނޑުމެންނަށް މަދު ރުފިޔާކޮޅަކުން މަކަރު ހަދައިފި ނަމަ އަޅުގަނޑުމެން ކަންބޮޑުވެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ސިއްހަތަށް މި ކުންފުނިތަކުން ދާއިމީ ގޮތެއްގައި މަކަރު ހަދަމުން ގެންދާއިރު ވެސް، ނޭގުމެއްގެ ތެރޭގައި އުފާވެރި ކަމާއެކު އަބަދުމެ މި ވިހަ އަޅުގަނޑުމެން އެތެރައަށް ދަމަމުއެވެ. މިއީ ސަޅި އަދި ގަދަރުވެރި ކަމެއްގެ ގޮތުގައި ދެކިގެންނެވެ.

އަދުގެ ޒުވާނުން ހޭލަން ޖެހިއްޖެއެވެ. ހަށިގަނޑުގެ ހުރިހާ ކަމަކާމެދު ހޭއަރާ ތިބޭށެވެ. ހަމައެކަނި އަންނައުނާއި ހެއާސްޓައިލާއި އަދި ސެންޓް އެކަންޏެއް ނޫނެވެ. މާއްދީ ކޮންމެ އެއްޗެއް ފަދައިން ތިމާގެ ޖިސްމަކީ ވެސް ވަގުތާއެކު ވީރާނާ ވާ އެއްޗެކެވެ. މި ޒުވާންކަމުގެ ވަގުތުކޮޅު ތިމާ ބަލި ނުކޮށްލެވޭނެ ކަމަށް އިހުސާސް ކުރެވިގެނެއް ކަމަކު، ހަށިގަނޑު ވީރާނާވުމުގެ ނިޒާމު އަވަސް ކޮށްލުމަށް ކޮންމެހެން މި ވިހަ ދުންތައް ދަމާކަށް ނުޖެހޭނެއެވެ. އިތުރު 10 ނުވަތަ 20 އަހަރު އަދި މަޑުކޮށްލާށެވެ؛ މިއަދު ތިމާ ތިޔަ ކުރާ ކަމުގެ ހިތާމައިން އެ ދުވަހު ތިމާގެ މުޅި ނަފުސު ރޯނެއެވެ.

ތިމާއަށް ފާގަތި މުސްތަގުބަލެއް އަޅުގަނޑު އެދެމެވެ. އަދި ތިމާގެ ޖީބުގައި ނުހަނު ލޯތްބާއި އަޅާލުމާއެކު ތިޔަ ގެންގުޅޭ ޝިކާރަތައް އެޅި ޕެކެޓް ވީހާ ވެސް އަވަހަށް ފުނޑުކޮށްލުމަށް އަޅުގަނޑު ނަސޭހަތްތެރިވަމެވެ. ތިމާގެ ހަލާކާ ދިމާއަށް ތިމާ ގެންދަނީ ތިމާގެ އީގޯކަން ދަނެގެންނެވެ. އެ ސިނގިރެޓް ފޮށި ފުނޑުކޮށްލުމުގެ ހިތްތިރި އަމަލަށްޓަކައި ތިމާގެ ހަށިގަނޑު ތިމާއަށް ދާއިމީ ގޮތެއްގައި ޝުކުރުވެރިވާނެއެވެ. ޖިމްގައި ބަރު އުފުލުމުން ލިބޭނީ އެހެން މީހުންނަށް ދަޅަ ދައްކާލުމަށް ހަށިގަނޑުގެ ބޭރުގައި ލެވޭ ހަމައެކަނި ޖިސްމާނީ ތޮއްޓެކެވެ. އެކަމަކު އެ ޖިސްމުގެ އެތެރެ ދާނީ އަބަދުމެ މަޑުމަޑުން ކުނިވަމުންނެވެ. އަޅުގަނޑުގެ ލޮބުވެތި ދިވެހި ޒުވާނުންނެވެ؛ އަޅުގަނޑުގެ މި ބަސްތައް ކަނުލާއަހާށެވެ. އަޅުގަނޑު މި ތާނގައި މި ލިޔަނީ ހުސް ބަސްތަކެއް ނޫނެވެ؛ ނަމަވެސް ތިމާ އެންމެ ބޮޑަށް ކޮޕީ ކުރާ ދުނިޔޭގެ ހިސާބުތަކުގެ ސައިންސް މައުލޫމާތު ހެކިދޭ ހަގީގަތްތަކެވެ. އެހެންކަމުން ތިމާއަށް ހިތާމަވެރި ހަޔާތެއް ކުރިމަތި ނުވުމަށް އެޅެން ހުރި ބުއްދިވެރި ފިޔަވަޅުތައް މިހާރުން މިހާރަށް އަޅާށެވެ.

އަޅުގަނޑުމެންގެ ހަށިގަނޑު ބުނަނީ މިހެންނެވެ: ފުރަތަމަ 40 އަހަރު އަހަރެން ބަލައިދީފިއްޔާ، ދެން އޮތް 50 އަހަރު އަހަރެން ތިބާ ބަލައިދޭނަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.