ލިޔުނީ؛ ރޯޒީ ޝަރީފް
ކައިވެންޏަށް ފަހުގައި، ކޮންމެ މީހަކަށް ވެސް އިވެނީ އެ މީހަކު އަޑުއަހަން ބޭނުންވާ ތަންކޮޅުގެ އަޑު އެކަންޏެވެ.
އަހަރެން ދިން އެތައް ސިގުނަލެއްގައި އޭނާއަޅައެއްނުގަތެވެ. އަހަރެންގެ ޙަޤީޤީ ބޭނުމެއް ނަވީންއަށް ނޭނގުނެވެ. އަހަރެން ދިނީ ކެކުޅުންތަކެއް އުތުރިއަރަމުންދާ ކަމުގެ ސިގުނަލުކަމެއް ނުވިސްނުނެވެ. އާނއެކެވެ. ބޭނުންވާ ކަންތައް ދުލުން ބުނެވުނީހެވެ. އަކުރުން އަކުރަށެވެ. ފިލިން ފިއްޔަށެވެ. އެކަމަކު އެ އަށް އަހަރެން ލޯތްބެއް ނުކިޔަމެވެ. ކައިވެނީގެ އުފަލަކީ، ކޮންމެ ފަހަރަކު ބުނެކިޔައިގެން ހޯދޭނެ އެއްޗެއް ނޫނެވެ.
އަހަރެންގެ ދެ ކުދިން ފެނުމުން އަހަރެންގެ ހިތަށް ފިނިކަން ލިބެއެވެ. ދަރިން ލިބުމުން ދެމަފިރިންގެ ގުޅުން ވާން ޖެހޭނީ ވެސް ވަރުގަދައެވެ. ހީނަރެއް ނޫނެވެ. ބައްޕަގެ ލޯބި ދަރިންނަށް ކިހާ މުހިންމުކަން އަހަންނަށް އެނގެއެވެ. އެކަމަކު، ފިރިމީހާގެ ލޯބި އެ ދަރިންގެ މަންމައަށް ވަކިން މުހިންމެވެ. ކުދިންނާ ނުލައި ދެމަފިރިން ވަގުތުކޮޅެއް ހޭދަކުރަން ޖެހެއެވެ. ކައިވެނި ސަލާމަތް ކުރުމަށް ޓަކައެވެ. ލޯބީގެ ހުޅުކޮޅު ނިވުނު ނުދިނުމަށް ޓަކައެވެ. ހަޔާތުގެ ޑައިރީގައި ލިޔަން ހުރި ލޯބީގެ ސަފުހާތައް އެއްކޮށްފައި ހީރަހެއް ނުޖެހޭނެއެވެ. އަހަރެންނަކީ އާދަވެ ފޮތްލިޔާ މީހަކީމެވެ. އަހަރެންގެ ވާހަކަ ކިޔާލާ ކޮންމެ މީހެއްވެސް ބުނަނީ އަހަރެން ލިޔަނީ އަހަރެންގެ ވާހަކައޭއެވެ.
މަހިތަށް އަރާ މަށަށް ވެސް ސިންޑުރެއްލާއަށް ލިބުނު ކަހަލަ ޖާދޫ ގެ މާމައެއް ލިބޭނެ ނަމައޭ، ވަގުތުން ޖާދޫއިން ހުރިހާ ކަމެއް ހައްލުކޮށްލާނަމެވެ.
ޝުޢައިބު އާދަވެ ގުޅައެވެ. ޙަބަރު ބަލާލައެވެ.
އަޅެ އަހަންނަށް ނަވީން ބޭވަފާތެރިވާނެ ނަމަ ކިހާ ރަނގަޅު. އޭރުން ގިލްޓީ ނުވެ މަށަށް އޭނަޔާ ވަކިވެވުނީސް .”
އަހަރެން އެ ކަހަލަ އެއްޗެއް ބުނާނީ ކިހާ ހިސާބަކަށް ދިޔައީމަކަން ޝުޢައިބަށް ވިސްނެއެވެ. އެހެންނަމަވެސް، ޖަޒުބާތުގައި އަހަރެން ޖެހުނަ ނުދޭން ޝުޢައިބު މަސައްކަތް ކުރިއެވެ .
“ރަޙްމާ ތީ ހެއްވާ މަންޖެއެއް،” ސަމާސާ ރާގެއްގައި ޝުޢައިބު ބުންޏެވެ. “ކުރިއަކުން ނޭނގޭތަ ރައްޓެހިވެގެން އުޅޭއިރު އުޅޭ ގޮތަށް އެކަކު ވެސް އިނީމަކާ ނޫޅޭނެކަމެއް؟”
“ޝުޢައިބު ބުންޏަސް ތި ވާހަކަ ގަބޫލެއް ނުކުރާނަން،” އަޑަށް ބާރުލާފައި އަހަރެން ބުނީމެވެ. “ރައްޓެހި ވެގެން އުޅުނުއިރުގެ ފީލިންގްސް ފަހުން ވެސް ހުންނަން ޖެހޭނެ. އެކަކު ފެނުމުން އަނެކަކުގެ ހިތުގެ ވިންދު އަވަސް ވާން ޖެހޭނެ. ކުރިން ކުރެވުނު ސަމާސާތައް ފަހުން ވެސް ކުރާހިތް ވާން ޖެހޭނެ. ކޮންމެވެސް ލާނެތްކަމެއް ކުރަން ހިތް އެދެން ޖެހޭނެ. ކުރިން ދިޔަހެން އެކުގައި ހިނގާލަން ދެވެން ޖެހޭނެ. ނުނިދާ، ވާހަކަދައްކާލަން ތިބެވެން ޖެހޭނެ. އަނެކަކު ރަކިވާ ކަހަލަ އެއްޗެހި ބުނެލެވެން ޖެހޭނެ. ކައިވެންޏަށް ދުވަސްކޮޅެއް ވާއިރު މުޅިން އެހެން މީހަކު ގޭގަ އުޅެގެން ނުވާނެ. ކައިވެނި ކުރާއިރަށް ލައިފް ނުޖެހޭ ވަޒީފާއަކަށް ވާކަށް. ނަވީން ރައްޓެހި ވެގެން އުޅުނުއިރު އެ ފެނުނު ސިފަތައް ދެކެއޭ މަ ލޯބިވީ. އެ ކަންކަން ދޫކޮށްލާފަ، ކުރިން ނެތް ކަންތައްތަކެއް މި ފެންނަން ފެށީ.”
މިސާލަކަށް؟” ޝުއައިބު ސުވާލު ކުރިއެވެ.”
ހުރިހާ ވާހަކައެއް ޝުއައިބު ގާތަކު ވެސް ނުދެއްކެއެވެ. ވައިފަކަށް ވުމަކީ، އަހަރެން ކުރިމަތީގައި ބޭނުންހާ ކަމެއް ކުރުމަށް ފިރިމީހާއަށް ދެވޭ ހުއްދައެއް ނޫނެވެ. ކޮންމެ ކަމެއް ކޮށްފައި ހިނިގަނޑަކުން ނިންމައެއް ނުލެވޭނެއެވެ. އަޑުގެ ކޮޅަށް ވައި ލާފާނެއެވެ. ވަސް ނުބައި ކޮށްފާނެއެވެ. ކުދިކުދި ކަންތައްތައްކަން އެނގެއެވެ. އެހެންވިޔަސް، އެ ފަދަ ކަންކަން ކުރުމުން އަހަރެން ފަކުރުގަންނަކަން ނަވީންއަށް އެނގޭނެއެވެ. އަހަރެންގެ ލޮލަށް ފެންނަ މަންޒަރުތަކުން ހިތުގައި ދެވިފައި އޮންނަ މަޤާމަށް ބަދަލު އާދެއެވެ. ހަތަރުދަމު، އެންމެ ގާތުގައި ހުންނަ މީހާ ކުރާ ހަރަކާތްތަކުން އޭނަޔާ ދޭތެރޭ ދެކޭ ގޮތް ބަދަލު ވެއެވެ. އަބަދަކު އެ ވާހަކައެއް ނުދެއްކޭނެއެވެ. ޙަޤީޤަތުގައި ނަވީން ގާތް ވުމުން އަހަންނަށް މިހާރު ލިބެނީ ނުތަނަވަސްކަމެކެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް އެ ނުތަނަވަސްކަމެއް ނުފިލައެވެ. މީ ލޯތްބެއް ނޫނެވެ. ޤުރުބާނީއެކެވެ. ދަރިންނަށް ޓަކައެވެ. އިރެއްގައި ލޯބި ވެވުނު މީހާއަށް ޓަކައެވެ.
“އަޅާނުލާ!” އަހަރެން ޖަވާބު ކުރުކޮށްލީމެވެ.
ހިތުގެ ވިންދު އަވަސް ވާން ޖެހެނީ ތަންމައްޗާ ހިސާބަކުން ނޫނެވެ. ފިރިމީހާ ބަލައިލާ ގޮތާއި، ބުނެލާ ލަފުޒު ވެސް ދައުރެއް އަދާ ކުރެއެވެ. އެ ފަދަ ކުދިކުދި ކަންތައްތައް ނަވީން ހަނދާން ނެތެން ފެށުމުން އަހަރެންގެ ހިތް ރޮއެހަދައެވެ. އެ ރުއިން އަޑުނާހައި، އަހަންނަށް އުފާ ހޯދައިދިނުމުގެ ބޭނުމުގައި ނަވީން ދެން ކުރި އެއްވެސް ކަމަކުން އަހަރެންގެ ހިތެއް ނުފުރުނެވެ. ހިތް ނުފުރުމުން ހަށިގަނޑު ނުރުހުން ވެއެވެ. ސިކުނޑިއަށް އިހުސާސް ފޯރުކޮށްދިނުން ހުއްޓައިލައެވެ. އެއް ފަހަރު ވެސް އެ ކަން ހުއްޓައިލައިފި ނަމަ ދެން އަލަކުން ނުފަށައެވެ. އެހާ ހިސާބުން މަޖުބޫރު ވަނީ ކައިވެނި ރޫޅާލާށެވެ. ނުވަތަ ފިރިމީހާއަށް ދޮގުހަދާށެވެ. ނުލިބުނު އުފާ ލިބުނުކަމަށް ހެދޭށެވެ. ކައިވެނި ހިމާޔަތް ކުރަން ބޭނުން ވާތީއެވެ. ފިރިމީހާ ހިތުގައިޖައްސަން ބޭނުން ނުވާތީއެވެ. ދަރިންގެ މުސްތަޤްބަލު ރައްކާތެރި ކުރަން ބޭނުން ވާތީއެވެ. ކައިވެންޏަށް ފަހުގައި ދެން މުޅި އުމުރު އުފަލުގައި ހޭދަ ކުރެވޭނެހެން ހީކުރެވެއެވެ. އެކަމަކު، އެއީ ކުރެވޭ ކުށްހީއެކެވެ. ކައިވެންޏަށް ފަހުގައި ވެސް އޮންނަނީ ޒިންމާ ބޮޑު ހަޔާތެކެވެ. ބުރަ ދިރިއުޅުމެކެވެ. އެއް މައްސަލައަށް ފަހު އަނެއް މައްސަލައެވެ.
އެއްފަހަރާ ދެ އަލިފާންދަނޑީގައި ރޯކުރިޔަސް އޭގެ ހުޅުކޮޅުގެ އުމުރު ވަރަށް ކުރު ވާނެއެވެ. އަލިފާންދަނޑި ނިވުމުގެ ކުރިން އަލުން ހުޅުކޮޅެއް ރޯކުރަން ޖެހޭނެއެވެ. ފިރިއެއްގެ ކިބައިގައި އެ ހުނަރު ހުންނަން ޖެހެއެވެ. ނަވީންއަށް ދޮގުހަދަން އަހަންނަށް މަޖުބޫރެވެ. ހުރިހާ އުފަލެއް ލިބެއޭ ކިޔައި އޮޅުވާލުމަކީ އަހަރެން އެންމެ ބޭނުންވި ގޮތެއް ނޫނެވެ. އެކަމަކު، ކައިވެނި ރޫޅޭކަށް ބޭނުމެއް ނޫނެވެ. ނަވީން ދޫކޮށްލާކަށް ހިތަކަށް ކެތެއް ނުވިއެވެ. އަހަރެން އުފާކޮށް ނުދެވުނަސް ވެހެވެ.
އަހަރެންގެ ފިރިމީހާއަށް ވުރެ އޯގާތެރި ފިރިއެއް ނުހުންނާނެއެވެ. އޭނަގެ އެހީތެރިކަމާއި ހެޔޮކަން އަދަދެއް ނުކުރެވޭނެއެވެ. އުފަލާއި ހިތާމައަކީ ވެސް އެއީއެވެ. ލޯތްބަށް އެދި ސަލާންޖަހަމުން ގޮސް އެންމެ ފަހުން އަހަރެންގެ ހަށިގަނޑު ފިނި ވެއްޖެއެވެ. މީ ވަރަށް ހިތްދަތި ދިރިއުޅުމެކެވެ. ކަމެއް ނުވެސް ވާ ކަމަށް ހެދިގެން އުޅެވިދާނެއެވެ. އެހެންނަމަވެސް، ހިތަށް ވަރަށް ތަދުވެއެވެ. ގިނަ ރޭރޭ އަހަރެންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އަހަރެން ފެންނަ މީހަކަށް ހީވާނީ އަހަރެން ވަރަށް އުފަލުގައި އުޅޭހެންނެވެ. އެއީ ބޭރުފުށަށް އަހަރެން ދައްކާ ދަޅައެކެވެ. ޙަޤީޤަތުގައި، އަހަރެންގެ ހިތުގެ ސަހަރާއަކަށް ހަނދުވަރުގެ އަލިކަމެއް ނުފޯރައެވެ. އެހެން ވިޔަސް އަހަރެން މިހެން އުޅޭނަމެވެ. އަހަރެން ނަވީން ބޭނުން ވާ ވަރަށް ވުރެ މާ ބޮޑަށް ނަވީންއަށް އަހަރެން ބޭނުން ވެއެވެ. އެކުގައި އުޅެން އަހަރެން ބޭނުންވާ މީހަކީ ނަވީންއެެވެ. އަހަރެން ވަރި ވެއްޖެއްޔާ ނަވީން ވަރަށް ދެރަ ވާނެއެވެ. ވަރަށް އެކަނި ވާނެއެވެ. އެ މަންޒަރު ފެނުމަށް ވުރެ އަހަރެންގެ ފުރާނަ ގެންދެވިޔަސް މާ ރަނގަޅެވެ. އެކުގައި އުޅުމަކީ އަހަރެންގެ އަމިއްލަ ނިންމުމެކެވެ. އެހެން މީހަކު ކުށްވެރި ކުރާކަށް ނެތީމެވެ.
“މީވީގޮތޭ… އަދުބަދަލްވެއްޖެޔޭ މުޅި ޒަމާން” (ނިމުނީ)
[ނޯޓް: ރޯޒީ ޝަރީފްއަކީ ސިއްހީ ދާއިރާއާއި ރީތިވުން އަދި ބިއުޓީ ދާއިރާއިންވެސް ރާއްޖެއިން ބޭރުން ތަޢުލީމު ޙާސިލް ކުރައްވާފައިވާ ބޭކަނބަލެކެވެ. އައްޑު އަތޮޅަށް އުފަން ރޯޒީ ކައިވެނި ބައްލަވައިގެން އުޅުއްވަނީ އޭދަފުށީ މަގޫމާގެ އަހްމަދު ނަބީލުއާ އެވެ.
ރޯޒީ ވަނީ އައްޑޫ ލައިވްގައި އޭނާގެ ގިނަ ވާހަކަ ތަކާއި ސިއްޙީ އާޓިކަލްތައް ލިޔުއްވާފަ އެވެ. މީގެ އިތުރުން ރޯޒީ ޝަރީފް އަކީ ގިނަ ބޭފުޅުންތަކެއްގެ ހިތުގެ އުދާސް ޕޮރުގުރާމްގައިވެސް ލިޔުއްވާފައިވާ އެބޭފުޅުންނާ ދިމާވާ ދަތި އުނދަގޫ މައްސަލަތަކުގައި ނޫހުގެ ޒަރިއްޔާއިން އޭގެ ޙައްލު ހޯއްދަވައިދެއްވާ ފައިވާ ބޭކަނބަލެކެވެ.]
ހާދަ ހާސަރު ދިގުވަނީ އޭ ދޯ މިހާރު… ފޫހި ތަންކޮޅެއް އަސަރު ގަދަ ކޮށްލަބަލަ….. ނައިސް ސްޓޯރީ ކީޕް އިޓް އަޕް…..