ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ޖޫން 11، 2015 ގެ ބަޔާ ގުޅޭ]

އެމައުސޫމު ދެލޯ ފެނިފައި ޒައިދްގެ ހިތް ތެޅެން ފެށީ ނުހަނު އަވަހަށެވެ. ވަމުން މިދާ ގޮތްތައް ދުލުން ބަޔާންކުރެވޭ ވަރަށްވުރެ ބާރުގަދައެވެ. ކާމިޔާބު އިވެންޓަކަށްފަހު ޔާނީއާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބުމުން ޒައިދް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އާދުވަހަކަށް ކުރިމަތިލިއިރު އެހެންދުވަސްތަކާ ހިލާފު މުޅިން ތަފާތު އުފާވެރިކަމެއް ޒައިދްގެ މޫނުމަތިން ފާޅުވާން ހުއްޓެވެ. ޒައިދްގެ ތުންފަތްމަތިން ހިނިތުންވުން ފަނޑުވާ އެންމެ ސިކުންތެއްވެސް ނާދެއެވެ. ޒައިދަށް އައިސްފައިމިވާ ބަދަލުގެ ސަބަބުން އެންމެ އުފާވީ އޭނާގެ މަންމަ އާއި ބައްޕައެވެ. ކޮޓަރި ތެރޭގައިވެސް އަމިއްލަ ނަފްސާއި ވާހަކަ ދެއްކުމާއި މުޅިން އަމިއްލަ ދުނިޔެއެއްގައި އުފާވެރި އިހުސާސްތައް ހިއްސާކުރަމުން އެދަނީ އޭނާގެ ހުވަފެނުގެ ރާނީއާއި އެކުގައެވެ. ޒައިދަށް ވަމުންމިދާ ގޮތްތައް ޝިވަމް އާއި ހިއްސާކުރަން އޭނާ ބޭނުންވިއެވެ. އަބަދުމެ ޔާނީ ދެކޭހިތްވުމާއި އޭނާގެ އަޑުއަހާލަން ހިތްއެދޭ ވާހަކަ ޒައިދް ޝިވަމް ގާތު ބުންޏެވެ. އަދި ޒައިދަށް މިވަނީ ކީއްކަން ޚުދު އޭނާއަށްވެސް ނޭނގޭކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. “އެންމެފަހުން ނަފްރަތު ލޯތްބަށް ބަދަލުވީ ދޯ!” ޒައިދްގެ ވާހަކަ އަހާފައި ޝިވަމް ޒައިދްއާއި ސަމާސާކޮށްލިއެވެ. އަދި ޒައިދް ތިއުޅެނީ ޔާނީދެކެ ލޯބިވެވިގެން ކަމަށް ޝިވަމް ޔަޤީންކޮށްދިނީ ވަރަށް ފޮނި އުއްމީދުތަކާއި އެކުގައެވެ. ހުރިހާކަމެއް ކުރިން އޮތްގޮތަށް ބަދަލުވެގެންދާނެ ކަމުގެ ފެހި ސިގްނަލްއާއި އެކުގައެވެ. ޝިވަމް މިހެން ބުނުމުން ޒައިދަށް އޭނާގެ ހިތާއި ސުވާލުކޮށްލެވުނެވެ. ހަމަހަޤީޤަތުގައިވެސް އޭނާއަށް ޔާނީދެކެ ލޯބި ވެވުނީ ބާވައެެވެެ.

ދަބަހަށް ހެދުނަތައް އަޅަމުން ޔާނީ ތައްޔާރުވަމުން ދިޔައީ ފޮޓޯޝޫޓަށް ރިސޯޓަށް ދިއުމަށެވެ. ލޯންޗް ފުރުމަށް ހަމަޖެހިފައިވަނީ މެންދުރު ބާރަ ޖަހާއިރު ކަމުން ގަޑި ނުޖެހި ޖެޓީއަށް ދިއުމަށް ޔާނީ އަވަސްވެގަތެވެ. ޝިވަމް ޔާނީ ބަލައި އައިކަމަށް މިޝްކާ ބުނުމުން ކޮނޑުގައި ދަބަސް އަޅުވައިގެން އަނެއްއަތުން ފޮޓޯޝޫޓްގައި ކުދިންތައް ލާނެ ހެދުންތައް އަޅާފައި ހުރި ފޮށި ދަމަމުން ސިޑިން ތިރިއަށް ފޭބިއިރު ޒާހިޔާއާއި އާމިރުވެސް ސިޓިންރޫމްގައި ތިއްބެވެ. އެންމެނަށް ހިނިތުންވެލުމަށްފަހު ޝިވަމްއާއިއެކު ޖެޓީއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އަވިގަދަކަމުން ލޯހުޅުވަން އުނދަގޫވެގެން ޔާނީ ދަބަހުގައި އޮތް އަވިއައިނު ނަގާ އަޅާލީ އެރީތި ދެލޯ ފޮރުވާލަމުންނެވެ. ޖެޓީއާއި ހަމައަށް ދެވުނުއިރު ޔާނީގެ އިންތިޒާރުގައި ކުދިންތައް ތިއްބެވެ. ޔާނީއަށް ލިބިފައިވާ އުފާވެރިކަން އިތުރުވީ ކާރުން ފޭބިއިރު ލޯންޗް ކައިރީގައި ހުރި ޒައިދް ފެނުމުންނެވެ. ޒައިދް އެތަނަށް އައިސްހުރީ ޔާނީ ދެކިލުމަށްޓަކައިކަން ޝިވަމްއަށް ވަރަށް ރަނގަޅަށް އެނގުނެވެ. ޔާނީމެން ލޯންޗަށް އެރުމުން ޝިވަމް އައިސް ޒައިދަށް ލަފާދިނީ އެދަތުރުގައި އޭނާވެސް ބައިވެރިވުމަށެވެ. ޒައިދް އިރުކޮޅަކު ވިސްނާލަން ހުރެފައި ޝިވަމް ދިން ހިޔާލަށް ތާއީދުކޮށް ލޯންޗަށް އެރިތަން ފެނިފައި ބުނެދޭން ނޭނގޭފަދަ އުފަލެއް ޔާނީ ވިއެވެ.

ކުރު ދަތުރަކަށްފަހު ލޯންޗް ރިސޯޓްގެ ފަޅުން ވަދެގެން ގޮސް ފާލަމާ ދާދި ގާތުގައި މަޑުކުރުމުން ހުރިހާ އެންމެން އެތަނަށް ފޭބިއެވެ. ޔާނީވެސް ލޯންޗުން ފޭބުމަށްޓަކައި ތެދުވެ ބޭރަށް ބޯދިއްކޮށްލިއިރު ފާލަން މަތީގައި ޒައިދް ހުއްޓާ ފެނިފައި ހީވީ ޔާނީގެ އިންތިޒާރުގައި ހުރިހެނެވެ. ލޯންޗާއި ފާލަމާއި ތަންކޮޅެއް ދުރުވުމުން މީހެއްގެ އެހީއަކާއިނުލާ އެކަނި ފައިބަން ނުކެރިފައި ޔާނީ ހުއްޓާ ޒައިދް އަތް ދިއްކޮށް ލުމުން ލަދުންހުރެެ ޔާނީ ޒައިދްގެ އަތުގައި ހިފާ ލޯންޗުން ފޭބިއެވެ. ރިސޯޓްގެ ހިތްގައިމު މާހައުލުގައި ފައިތިލަ ބީއްސާލުމާއެކު ޔާނީއަށް ކުރީގައި މިކަހަލަ ތަނަކަށް އާދެވިފައިވާ ކަމުގެ އިހްސާސްތައް ކުރެވެން ފެށުނެވެ. ޔާނީގެ މާޒީގައި އޭނާ ފުރަތަމަ ފަހަރަށްވެސް ރިސޯޓަކަށް ދިޔައީ ޒައިދްއާއި އެކުގައި އެދެމީހުންގެ ހަނީމޫނަށެވެ. ޤުދުރަތީ ރީތިކަމުން ފުރިގެންވާ މިއަގުބޮޑު ހަޒާނާއެއްފަދަ މާހައުލުން ދާކަށް ޔާނީ ބޭނުމެއް ނޫނެވެ. ބޭނުންވީ ހިތް ފުރެންދެން މިތަނުގެ ހިތްހަމަޖެހުން އެންމެ ފުރިހަމައަށްް ލިބިގަންނާށެވެ. ކޮޓަރިއަށް އެއްޗެހި ވެއްދުމަށްފަހު ޔާނީމެން ދިޔައީ ކާށެވެ. ޔާނީގެ ކޮޓަރިއާ ޖެހިގެން ހުންނަ ކޮޓަރީގައި އުޅެނީ ޒައިދް ކަމެއް ޔާނީއަކަށް ނޭނގެއެވެ. ޒައިދް މިގޮތަށް ކަންތައްކުރީ އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ލޯމަތިން ޔާނީ ގެއްލެން ބޭނުން ނުވާތީއެވެ.

ރެސްޓޯރެންޓަށް ކާން ދެވުނުއިރު އެތަނުގައި ތަފާތު އެކި ބާވަތްތަކުގެ ކެއުންތައް އަތުރާފައިވެއެވެ. ޔާނީ ތައްޓެއް ނަގައިގެން ކިއޫގައި މަޑުކޮށްލިތަނާ ޒައިދްވެސް އައިސް އޭނާގެ ފަހަތުގައި މަޑުކޮށްލިއެވެ. ޒައިދް ހުރިކަން އެނގުމުން ޔާނީ ފިނިވާން ފެށިއެވެ. ހިފައިގެން ހުރި ތަށިވެސް ހީވީ އަތުން ދޫވެދާނެހެންނެވެ. ޒައިދް ޔާނީއާއި ގާތަށް ޖެހޭވަރަކަށް ޖެހިލުންވެ ޔާނީގެ މޭ ތެޅޭގޮތްވެ ގައިން ބާރު ދޫވެދާގޮތް ވާން ފެށިއެވެ. ތައްޓަށް ކާއެއްޗެހި އަޅައިގެން ޔާނީ ގޮސް މޭޒެއްގެ ދޮށުގައި އިށީނދެ ކާއެއްޗެއް އަނގަޔަށް ނުލެވި އުޅެނިކޮށް ކުރިމަތީ ހުރި މޭޒު ދޮށުގައި ޒައިދް އައިސް އިށީނެވެ. ޒައިދް ކުރިމަތީގައި އިނުމުން ޔާނީއަށް ކާން ވަރަށް އުނދަގޫވިއެވެ. އަވަހަށް ކައި ނިންމާލައިގެން އެތަނުން ދާން ހިތުލައި ކާއެއްޗެހި ނުވެސް ހަފައި ދިރުވަމުން ދަނިކޮށް ޔާނީ ކޮށިއެރިއެވެ. އެވަގުތު ޒައިދް އަވަހަށް އައިސް ޔާނީއަށް ފެންތައްޓެއް ދިއްކޮށްލިއިރު އޭނާ ހުރީ ވަރަށް ހާސްވެފައެވެ. ޔާނީއަށް އެވަރުގެ ކުޑަކުޑަ ކަމެއް ވާންވެސް ޒައިދްގެ ހިތެއް ނޭދެއެވެ. ޔާނީ ފެންބޮމުން ދިޔައިރު ޒައިދް މަޑުމަޑުން ދެތިން ފަހަރަކު ޔާނީގެ ބުރަކަށީގައި ޖަހާލިއެވެ. އެހިނދު ޔާނީއަށް ކުރެވުނީ ވަރަށް ތަފާތު އިހުސާސެކެވެ. ޒައިދް އޭނާގެ ގައިގައި  އަތްލުމުން ވާގޮތެއް ބުނެދޭކަށް ޔާނީއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޔާނީގެ ހިތް ލަދުން ތެޅިފޮޅޭކަމެވެ. އަދިއެކަމަށް އެހީއެއް ބޭނުންވާ ކަމެވެ.

ޒައިދް ރަށުން ބޭރަށް ފުރައިގެން ދިއުމުން ފުރުސަތުގެ ބޭނުން ހިފައި ތާރާ އެއްދުވަހަށް ގެއަށް ބަދަލުވިއެވެ. އެކަމާ ނާޒްއާއި ޝިޔާޒްވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އެހާ ގިނަ ދުވަސްކޮށްފައި ތާރާ ގެއަށް އައުމުން އޭނާއަށް މަރުހަބާ ކިޔުނީ އޭނާއަށް އެންމެ ކަމުދާ އޯކިޑްމަލުންނެވެ. ގެއަށް ވަދެވުމާއެކު މާޒީ ހަނދާންވެ ލޮލަށް ކަރުނަ ޖަމާވިއެއްކަމަކު ރޯކަށް މިއަދު ތާރާ ބޭނުމެއް ނޫނެވެ. މިއެއްދުވަސް ތާރާ ބޭނުންވީ އޭނާގެ މަންމަ އާއި ބައްޕައާއެކު ހޭދަކޮށް އުފާވެރި ހަނދާންތަކެއް ރައްކާކުރާށެވެ. ތާރާ އޭނަގެ ކޮޓަރިއަށް ވަންއިރު ކުރިން އޭނަ އެތަން ދޫކޮށް ދިޔައިރު ހުރި ގޮތާ ހަމަ އެއްވެސް ތަފާތެއް ނެތެވެ. މިއަދުވެސް އެއީ ހަމަ ތާރާގެ އަމިއްލަ ތަނެއް ކަމުގެ އިހްސާސް އޭނައަށް ކުރެވުނީ އެހިސާބުންނެވެ. ކޮޓަރިތެރެއަށް ލޯހިންގާލުމުން އެނދުގެ ބޯލާކޮޅުގައި ބަހައްޓާފައިހުރި ފޮޓޯ ޕްރޭމް ފެނިފައި ހިނދުކޮޅަކަށް ތާރާ ގަބުވިއެވެ. އެފޮޓޯއަކީ ޒައިދްއާއި ޔާނީގެ ކައިވެނި ހަފްލާގެ ތެރެއިން ނަގާފައިވާ އާއިލީ ފޮޓޯއެކެވެ. ލަސް ހިނގުމެއްގައި ގޮސް ފޮޓޯފްރޭމް ނަގައި އެނދުގައި އިށީނދެ އޭގައި އަތް ހިންގާލީ ނުހަނު ލޯބިންނެވެ. ހިތުގައި ކިތަންމެ ވޭނެއް އެޅިކަމުގައިވިޔަސް އެކަން ފާޅުކުރަން ބޭނުން ނުވުމުން ހުރިހާ ވޭނެއް އެތެރެއަށް ހިންދާލައިގެން ހުރުމަކީ މިހާރު އޭނަގެ އާދައަކަށްވަނީ ވެފައެވެ. އެހެންވެ ފޮޓޯފްރޭމް މޭގައި ޖައްސާ ދެއަތުން ފޮރުވާ ބާރުކޮށްލީ ހުރިހާ ޒަހަމްތަކަކަށް ޝިފާއެއް ލިބޭތޯއެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.