ވާހަކަ: މަސްތު

masthu

[ޖޫން 20، 2015 ގެ ބަޔާ ގުޅޭ]

ހަރުގަނޑުން ނުވެއްޓުނީ ކިރިޔާއެވެ…

އަހަރެންގެ ހިތް ހީވަނީ މޭގެ ތެރެއިން ނިކުމެދާނެހެންނެވެ. ކޮންމެވެސް ކަމެއް އަހަރެންނަށް ވާކަން އަހަރެންނަށް އެނގެއެވެ.

މަޑުމަޑުން ގޮސް އަހަރެންނަށް ނިދިއްޖެއެވެ.

މިހާރު އަހަރެންނަށް ނިދަން ފަސޭހައީވެސް ޅިޔަންބެ ގެންނަ ޖޫސްތަށި ނުވަތަ ކުރުނބާ ތަށި ބުއީމައެވެ. އެކަމަކު އަހަރެން ހޭލާއިރު އަހަރެންނަށް އެހެން ގޮތްތަކެއް ވާހެން އަހަރެންނަށް ހީވަމުން ދިޔައެވެ. ވާގޮތެއް ބުނެދޭކަށް ނޭނގެއެވެ. އޭގައި ވޭނަކާއި މީރުކަމެއް އެކުލެވިގެންވެއެވެ.

ނިދެމުންދިޔައިރު ޅިޔަންބެ އަހަރެންގެ ގައިގާ ބައްދަމުން ދާހެން އަހަރެންނަށް ހީވިއެވެ.

އެއީ ހުވަފެނެއް ބާވައެވެ. އެހުވަފެން ތެރޭ އެކަމަށް އަހަރެންނަށް ރުހެވުނީ ބޭއިޙްތިޔާރުގައެވެ. އަހަރެންނަށް އިހްސާސްވަމުން ދިޔައީ އަހަރެންގެ ފިރިމީހާ މަތިންނެވެ. ދައްތަ މަތިން ކުއްލިޔަކަށް އަހަރެން ހަނދާވިއެވެ.

ކިތަންމެ ޒަމާނީ ގޮތަށް ވިސްނިޔަސް އަހަރެންނަކީ މާމޮޅަށް ކިޔަވައިގެން ހުރި މީހެއް ނޫނެވެ. އެހެންވެ ހޭލުންތެރިކަން ކުޑައީ ކަމަށް ވެދާނެއެވެ.

ޅިޔަންބެ ކާމޭޒު ތައްޔާރު ކުރިއެވެ. އަހަރެން އިސް އުފުލާލީމެވެ. އަދި ސީދާ ޅިޔަންބެގެ ލޮލަށް ބަލާލީމެވެ. އެއަކުން އެއްވެސް އެއްޗެއް ދޭހައެއް ނުވިއެވެ. އެހެންވެ އަހަރެންނަށް ފެނުނީ ހުވަފެނެއް ކަމަށް އަހަރެން ނިންމީމެވެ.

“ނަފީސާ؟” ޅިޔަންބެ ގޮވައިލި އަޑު އިވުނެވެ.

އަހަރެން އިސް އުފުލައިލީމެވެ. އަދި ސީދާ ޅިޔަންބެގެ ދެ ލޮލަށް ބަލައިލީމެވެ.

“މާ ބޮޑަށް މޭ ނުބައި ކުރަނީތަ؟” ޅިޔަންބެ ސުވާލު ކުރިއެވެ.

އަހަރެން ބޯޖަހައިލީމެވެ. އެ އަށް ފަހު އެ ތަނުން ތެދުވެގެން ދިޔައީމެވެ.

ޅިޔަންބެގެ ހަނދާތައް އަހަރެން ހިތުގައި މޯޅިޔަކަށް ދެމެމުންދިޔައެވެ. އަހަރެންނަށް ކުރިން ޅިޔަންބެ ފެނުނު ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު ދައްތަ އަހަރެން ދެކެ ވާ ލޯބި އަހަރެންނަށް އެނގެއެވެ. ޅިޔަންބެޔަކީ ދައްތަގެވެސް ދިރިހިރުމެވެ. އަޅެ އަހަރެންގެ މޮޔަ ހިތް މިފަދަ ބޮޑު ކަމެއް އަހަރެންނަށް މިކުރިމަތި ކުރީ ކީއްވެ ބާވައެވެ. މަންމަޔަކާ ނުލާ ދައްތަ އަހަރެން ބަލާ ބޮޑުކުރިއެވެ. ދައްތަގެ ލޯބީގެ ބަދަލުގައި ދައްކަން ޖެހުނު އަގު ވެސް ކުޑައެއް ނުވިތާއޭ ހިތަށްއެރިއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނު ޢަދަދެއް ނޭނގުނެވެ. (ނުނިމޭ)

ނޯޓް: މި ވާހަކަ ނިމެންދެން ކޮންމެ ހަފްތާއެއްގެބުދަ އަދި ހޮނިހިރު ދުވަހަކު ވާހަކައިގެ ބައެއް ގެނެސްދެވޭނެ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.