ވާހަކަ: މަސްތު

masthu

[ޖުލައި 1، 2015 ގެ ބަޔާ ގުޅޭ]

ލިޔުނީ؛ ރޯޒީ ޝަރީފް

މިހާރު ވާފޫހިން ލޯގަނޑަކުން އަހަރެން އަހަރެންގެ ސިފަވެސް ބަލާނުލަމެވެ. މުޅިން އަހަރެން ހުންނަނީ ގޮޑު ވެގެންނެވެ. ރީތިވުމާ ރީތިކޮށް ހެދުން އެޅުން އަހަރެން ހަނދާންނެތިފަ ވާކަހަލައެވެ.

އަހަންނަށް ވަމުންދާ ގޮތް ނޭނގިގެން ދައްތަ ވެސް ސުވާލު ކުރަން ފެށިއެވެ. ތެދު ޖަވާބު ދެވޭކަށް ނެތެވެ. އަހަރެންނާ ހެދި ތެދު ޖަވާބު ދެވޭކަށް ނެތެވެ. ފެށިފައިވާ ދައްތަގެ ޢާއިލާ އަހަރެންނާ ހެދި ހުޅުހިފުން މިއީ އެކަށީގެން ވާކަމެއް ނޫނެވެ. އަހަރެންގެ ދައްތަގެ ފިރިމީހާ ބަދުނާމު ކުރާކަށް ވެސް އަހަރެން ބޭނުމެއް ނެތެވެ.

ދުވަސްތައް ދާވަރަކަށް އަހަރެން ހިކި އަނަރޫފަ ވަމުން ދިޔައެވެ. ހޮޑުލުމާއި ބަނޑުގެ ވޭންވަރު ގަދަވަމުން ދިޔައެވެ.

އަހަރެންގެ ފިރިމީހާދެކެ އަހަރެން ފޫހިވިއެވެ. އެކަމަކު ވަރި ވެވޭކަށް ނެތެވެ. ރައްޓެއްސެއްގެ ލަފައަށް އެހޭކަށް ނެތެވެ. ގިނަ މީހުން ކުށްވެރި ކުރާނީ އަހަރެންނެވެ. ލަދުހަޔާތް ކުޑަމީހަކަށް ވާނީ އަހަރެންނެވެ. ފަރުދާގެ ނިވަލުގައިވާ އިންސާނާ އެކަކަށްވެސް ނުފެންނާނެއެވެ. ޅިޔަނު ބޭޒާރު ކުރާކަށް ހިތެއް ނުރުހުނެވެ. އެހެންނަމަވެސް، އަހަންނަށް ލަފައެއް ބޭނުން ވިއެވެ.

ރަހްމަތްތެރި މިޒްނާ ގެޔަށް ދިޔައީމެވެ. މިޒްނާ ފެނުމާއެކު ބަޑި ފަޅައިގެން ދިޔައެވެ. މިޒްނާގެ ކޮނޑުގައި ބޯއަޅާލައިގެން ހިތް ފުރެންދެން ރޯލީމެވެ.

ދައްކަން އައި ވާހަކަ ފަށާނެ ދިމާއެއް ނޭނގުނެވެ. ކަރުނައެއް ނުހިފެހެއްޓުނެވެ.

މިޒްނާ އަހަރެންނާ މާގިނަ ވާހަކައެއް ނުދެއްކިއެވެ. އަހަރެންގެ ވާހަކައިން މިޒްނާއަށް ސިހުމެއް ނުލިބުނެވެ. ހަމައެކަނި އަހަރެންގެ ބޮލުގައި ފިރުމާލީއެވެ. މިޒްނާގެ އުނގުގައި އަހަރެން ބޯއަޅާލީމެވެ. ކުޑައިރު މަންމަގެ އުނގުގައި ބޯއަޅާލާހެންނެވެ.

“އެ މީހަކު ކުރިކަމެއް އެ މީހަކަށް. މާދުރަށް ކަންތައް ނުދަނީސް ވިސްނުނުކަން ރަނގަޅެއްނު.”

“އެކަމަކު މިޒޫ، އެގޭގައި އުޅެން ވަރަށް އުނދަގޫ،” އަހަރެންނަށް މަޑުމަޑުން ބުނީމެވެ.

“ކާކު ބުނީ އުޅޭށޭ؟” މިޒޫ ބުންޏެވެ.

އަހަންނަށް ހިތްވަރު ދޭނެ އެކަކާ ދިމާ ވިއެވެ. އެކަމަކު، ފައިރޫޝް ކައިރިން ވަރިވެގެން އަހަރެން އުޅޭނީ ކިހިނެތް ބާއެވެ. ބަނޑުގަވާ މިތުއްތު ކުއްޖާގެ ހުންނާނީ ކިތައް ކަންހެއްޔެވެ. އެކަނި އަހަރެންނަށް ކަންކަން ކުރެވޭނެ ބާވައެވެ.

“އެކަމަކު ވަރިވެގެން މަ ކިހިނެއް…” އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ. އަރު ބެދުނީއެވެ.

“ގޮތް ހުހެއް ނުވާނެ އެކުވެރިޔާ،” މިޒްނާ ހިތްވަރު ދިނެވެ. “ރޯއްޖަކީ ﷲ ދެއްވާ އެއްޗެއް. އެއްވެސް އިންސާނަކަށް އަނެއް އިންސާނެއްގެ ރޯއްޖަކަށް ހުރަހެއް ނޭޅޭނެ. ތިއީ ޚުލްޤު ހެޔޮ ކުއްޖެއް. ﷲ ކޮންމެވެސް މަގެއް ދައްކަވާނެ.”

މިޒްނާ ދެއްކި ހުރިހާ ވާހަކައެއް އަހަރެން އަޑުއެހީމެވެ. ލޯބިނުވާ މީހަކާ އިނދެގެނެއް އަހަންނަކަށް ނޫޅެވޭނެއެވެ. އަހަންނަށް އޮތީ ދެ ގޮތެވެ. ވަރިވުމެވެ. ނުވަތަ އުމުރުގެ ބާކީ އޮތް ތަން ހިތްދަތިކަމާ އެކު ވެއަތު ކުރުމެވެ. އެކަމަކު އެގޭގަ އަހަރެން އުޅުންވާނީ ދައްތަޔަށް ދެވޭ އަނިޔާ އަކަށެވެ. ކަނޑައެޅިގެން އެނގިހުރެ މިފަދަ އަނދަވަޅަކަށް ވެއްޓެންވީ ކީއްވެބާވައެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.