ވާހަކަ: މަސްތު 9

masthu

[ޖުލައި 11، 2015 ގެ ބަޔާ ގުޅޭ]

 

ލިޔުނީ؛ ރޯޒީ ޝަރީފް

އަހަރެން މިޒްނާމެންގެޔަށް ދިޔައީމެވެ.

“އެ ގެއިން ނެރެލައިފި!” އަހަރެން ބުނީމެވެ. “މަށަށް ހަމައެކަނި ބޯ ހިޔާ ކޮށްލާނެ ގޮތެއް ބޭނުމީ.”

“މިޒޫގެ ބޯ ހިޔާ ވަންޏާ ނަފީސާގެ ބޯ ވެސް ހިޔާ ވާނެ.”

އާ ދުވަހަކަށް އިރު އެރިއެވެ. ދެން ހަދާނެ ގޮތަކާ މެދު ފިކުރު ކޮށްލަން ވެސް އަހަންނަށް ވަގުތެއް ނެތެވެ. ބޭނުންވީ އާމްދަނީ ހޯދައިގެން ދިރިއުޅޭށެވެ. އެހެންނަމަވެސް، އަހަރެންގެ ފިރިމީހާ އަހަރެން ފަޟީހަތް ކޮށްފައި އޮތުމުން، ގިނަ މީހުން ބެލީ ތަފާތު ނަޒަރަކުންނެވެ.

މިޒޫގެ ދައްތަގެ ފަހާ ފެކްޓަރީއެއް ގަމުގައި ހުރެއެވެ. އެތަނުން ތަފާތު ވައްތަރުގެ ގަމީހާއި ފަޓުލޫނާއި ރިސޯޓުތަކަށް ބޭނުންވާ ހެދުމާއި ޔުނިފޯމް ފަހާހަދައެވެ. އެއީ ޒަމާނުއްސުރެ އާއިލީ ވިޔަފާރިއެކެވެ.

ފެކްޓަރީގެ މަސައްކަތަށް އަހަރެން ދިޔައީ ކެރި ހުރެގެންނެވެ. ކޮންމެ ދުވަހަކު ހެނދުނު ބަހަށްއަރައިގެން ގަމުގަ ހުންނަ ފެކްޓަރީއަށް ފަހަން އަހަރެން ދަމެވެ. އެތަނުގައި އަހަރެންނަށް ދިނީ ފަހާފަ ހުންނަ ހެދުމުގެ ރޮދި ކޮށާށެވެ.

ބައެއް ދުވަސްދުވަހު ސަތޭކައަށް ވުރެ ގިނަ ހެދުމުގެ ރޮދި ކޮށާދެވޭނެއެވެ. ބަނޑު ބޮޑުވަމުން އައި ވަރަކަށް އެ މަސައްކަތް ވެސް އައީ ބުރަ ވަމުންނެވެ.

އަހަންނަށް ހެނދުނު ސައި ބޮވޭއިރު ހުންނަނީ ދިހައެއް ޖަހައިފައެވެ. މިޒޫވެސް އަހަރެންނާ އެކު ގަމަށް މަސައްކަތު ދެއެވެ. އަހަރެންނާއެކު މެސްއަށް ކާން ވެސް ދަނީ މިޒޫއެވެ.

ދެމީހުންނަށް ގެޔަށް ދެވޭއިރު ހުންނަނީ އިރު އޮއްސިފައެވެ.

ފުޅިބައްތީގެ އަލީގައި އަހަރެން ފަހަން ދަސްކުރަމުން ދިޔައީމެވެ. ކިޔަވައިގެން ހުރިނަމަ އަހަރެން ހުރީހީ މިއަދު މާގަދަ ވަޒީފާއެއްގައޭ ހިތަށް އަރާ ރޮވުނެވެ. މައިންބަފައިން ނިޔާވުމުން ކިޔެވުން މެދުކަނޑާލަން ޖެހުނީ ބޭނުންވާ ވަރަށް ފޮތާއި ފަންސުރު ނުލިބޭތީއެވެ.

ފައިސާ ލިބެން ފެށުމުން އެ މަގު ވެސް ފަހި ވިއެވެ. އަހަރެންގެ ދިރިއުޅުން، މަޑުމަޑުން ހަމައަކަށް އެޅެން ފެށިއެވެ. ބޭނުން ހުރިހައި އެއްޗެއް ނުގަނެވުނަސް، ނުގަނެ ފަރުނުޖެހޭ އެއްޗެހި ގަނެވޭ ވަރު ވިއެވެ. ބަނޑުގައި އޮތް ދަރިފުޅު ދުނިޔޭގެ އަލިކަން ދުށްއިރު، އެ ކުއްޖާފުޅަށް ކޮންމެހެން ބޭނުން ވާނެ ކަންތައްތައް ކުރެވޭ ވަރަށް އަހަރެންގެ އަތްމަތި ތަނަވަސް ވެއްޖެއެވެ.

ޅިޔަނު ދެފަހަރެއްގެ މަތިން އަހަރެން ހޯދަން އައެވެ. އެހެނަސް އަހަރެން ބައްދަލު ކުރަންވެސް ނުރުހި ފޮނުވާލީއެވެ. އަދި ދެން އޭނާ ދައްތަޔާ އެކު ރީތިކޮށް އުޅޭތަން ދެކެން ބޭނުން ވާހަކަ ބުނީމެވެ. ލޯތްބަކީ އޯގާތެރިކަމަކީ އެއީކަން އަހަރެން އޭނާއަށް ހަނދާން ކޮށްދިނީމެވެ. ފައިރޫޝް ކައިރިން އަހަރެން ވަރިވި ހަގީގީ ސިއްރު އެގޭނެ ދެވަނަ މީހަކީ އޭނާއެވެ. އަހަރެންގެ ހަޔާތުގަ ލައްގަޑެއް ޖެއްސީ އޭނާއެވެ. މާހެޔޮއެދޭ މީހަކަށް ވެހުރެ އަހަރެންގެ ހަޔާތް ބަރުބާދު ކޮށްލުމުގަ އެއްވެސް ހުސްތަނެއް އޭނާ ދުލެއް ނުކުރެއެވެ. ކޮންމެވެސް ޒަމާނެއްގަ ކުރެވިފައިވާ ރަނގަޅު ކަމެއް ކަންނޭގެއެވެ. އަހަރެން އޭނާގެ ވަކިތަކުން ސަލާމަތްވީއެވެ.

އޭނާވެސް ދައްތަ ގޮވައިގެން މާލެ ބަދަލު ވިތަނާ މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ޖަލަށް ގެންދިޔައެވެ. އަހަރެންނާ ދައްތަ ވެސް ބޭނުންވަނީ އެއްވެސް ގުޅުމެއް އޭނަޔާ ނުބާއްވާށެވެ. ފައިރޫޝް ވެސް އެހެން މީހަކާ އިނީއެވެ. އަހަރެންނާ އަޅާވެސް ނުލިއެވެ. ކައިވެނި ކޮށްގެން ހުރިއިރު އަޅާނުލި މީހަކު ވަރިކޮށްފަ ހުންނައިރު ފަހެ އަޅާލާނެ ހެއްޔެވެ؟

އުމުރުން ސާޅީހަކަށް އަހަރުގެ ލަތީފް އަކީ ރަށަށް އައި ބީރައްޓެސެކެވެ. އިސްކޮޅުން ދިގު ރީތި ޒުވާނެކެވެ. އަހަރެންގެ ފެހުން ވަރަށް ގާތުން އޭނާ ބަލައެވެ.

ރޮދި ކޮށުމުން އަހަރެންނަށް ހަވާލު ކުރީ ގަމީހުގެ ގިރުވާނު އަޅާށެވެ. މިހާރު އަހަރެން ރީތިކޮށް ހެދުން ފަހަމެވެ. އަހަރެން ތައްޔާރު ކުރާ އެއްޗެހި ފެނިފައި، ގިނަ އަދަދަކަށް އެ ގަންނަން އޭނަ ބޭނުން ވިއެވެ. ދުވަސްކޮޅަކުން އޭނާ މުޅިން ލަނީ އަހަރެން ފަހާފަ ހުންނަ ހެދުމެވެ.

މިޒޫ ހަދިޔާއަކަށް އަހަރެންނަށް ފަހާފޮއްޓެއް ދިނެވެ. މިޒޫ އެދުނީ އަހަރެންގެ ގޭގައި އެ މަސައްކަތް ފަށާށެވެ. އަދި، އިތުރަށް އެއްޗެހި ފަހައި ވިއްކަން އަހަންނަށް ފަސޭހަ ވާނެތީއެވެ.

ލަތީފްގެ އެހީތެރިކަމާ އެކުގައި އަހަރެން ގޭގައި އެ މަސައްކަތް ފެށީމެވެ. އާމްދަނީ އިތުރު ވާން ފެށިއެވެ. ރަށުގައި އުޅޭ އާދައިގެ ފެންވަރުގެ މީހުންނަށް ގަނެވޭ ހުރިހާ އެއްޗެއް އަހަންނަށް ވެސް ގަނެވެއެވެ.

ވިހެއުމަށްފަހު އަނެއްކާވެސް އިހަށްވުރެ އަހަރެން ރީތިކަމަށް ވިއެވެ. އިސްތަށިގަނޑު ވަރުގަދަ ވެފަ ދިގުވިއެވެ. މިހާރު އެއްގޮތަކަށްވެސް ނުކޮށާތީ އުނަގަޑުގެ ތިރިޔަށް އިސްތަށިގަނޑު އޮވެއެވެ.

ލަތީފްގެ އެދުމާއެކު އަހަރެމެން ކައިވެނި ކުރީމެވެ. ދިރިއުޅުމުގެ ފެންވަރު އަނެއްކާ ވެސް މައްޗަށް ޖެހިލިއެވެ.

ޅިޔަނު ކުރި މުޑުދާރު ކަންތަކުގެ ވާހަކަ ލަތީފް ގާތަކު އަހަރެން ނުދައްކަމެވެ.

ކައިވެނިވެފަ އެންމެ ފުރަތަމަ ކަމަކަށް ލަތީފް ކުރި ކަމަކީ އަހަރެންނާއެކު ޙައްޖަށް ދިޔުމެވެ. ﷲ ގެ ކުޅަދުންވަންތަ ކަމެވެ. އަހަރެން ކިހިނެއް ފެށި ދިރިއުޅުމެއް ހެއްޔެވެ؟ ގަދަ ކަނޑުގައި އަހަރެން އެކަނި ކުރި ދަތުރު ހަޔާތުގެ ހަގީގީ ބައިވެރިޔާ ދިމާވީއެވެ. ލޯބިވެސް ލިބުނީއެވެ. އޯގާތެރި ފިރިންނަކީ ކޮބާކަން ލަތީފް އަހަރެންނަށް ދަސްކޮށްދިނެވެ.

އަހަރެންގެ ހަނދާނަށް އަންނަނީ މިޒޫ އަހަންނަށް ދިން ނަޞޭހަތެވެ. މިޒޫ ބުނި ގޮތުގައި، ގޮތް ހުހެއް ނުވާނެއެވެ. އެއްވެސް އިންސާނަކަށް އަނެއް އިންސާނެއްގެ ރޯއްޖަކަށް ހުރަހެއް ނޭޅޭނެއެވެ. ކޮން ފަދަ ބޮޑު ތެދެއް ހެއްޔެވެ. މިޒޫ މަރުވިއިރު މިޒޫ އޮތީ އޭނާގެ ގެވެސް އަހަރެންނަށް ހިބައިން ދިނީކަމަށް ވަސީއްޔަ ކޮށްފައެވެ.

މިއަދު އަހަރެންގެ 3 އަހަރަށްދާ ރާޔާ އާއި ލަތީފް އުޅެނީ ރަށުގަ އަމިއްލަ ވިޔަފާރި ކުރުމުގައެވެ. ފެހުމުގެ ވިޔަފާރިއެވެ.

އަހަރެންގެ ލޯބިވާ ފިރިމީހާ އަބަދު އަހަރެން ކާރީ ހުރެއެވެ. ދަރިފުޅު ސުކޫލަށް ގެންގޮސް ގެނެސް ހަދަނީ އޭނާއެވެ. އެދަރިފުޅަކީ އަމިއްލަ ދަރިޔެއް ނޫނޭ އޭނާ ނުބުނެއެވެ. އުފަންދަރިޔަކަށް ދޭ ލޯބި އެ ކުޑަ ރާޔާ އަށް އޭނާ ދެއެވެ. މިއީ ޙަޤީޤީ ހާދިސާއެކެވެ. (ނިމުނީ)

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Shana

    ވަރަށް އަސަރު ގަދަ ރީތި ވާހަކައެއް. ފަހުބައި ކިޔާލެވުނީމާ ރޮވުނު
    ޝުކުރީއްޔާ
    އޭދަފުށި ކުދިން

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.