ބ. ފޮނިމަގޫދޫގައި ހިންގާ، ރީތި ބީޗް ރިސޯޓް ގައި މަސައްކަތްކުރާ ދެމީހެއްގެ ފަރާތުން ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އެ ރިސޯޓު އަނެއްކާވެސް މޮނިޓަރިން ހާލަތަށް ގެންގޮސްފި އެވެ.
ކޮވިޑް-19 އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދު ވިދާޅުވި ގޮތުގައި އެ ރިސޯޓްގެ ދިވެއްސަކާއި ބިދޭސީއެއްގެ ފަރާތުން ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ ސާމްޕަލް ނަގައި، ޓެސްޓް ކުރުމަށްޓަކައި ޑޮކްޓަރުންގެ ޓީމެއް ރިސޯޓަށް ދަތުރު ކުރަމުންދާ ކަމަށެވެ.
އެހެންކަމުން އެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ. މޮނިޓަރިންގައި އޮންނަ ރަށްތަކަށް އަރައި ފޭބުން މަނާވާނެ އެވެ.
މީގެކުރިން ވެސް އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކަށް ޝައްކުވެގެން ވަނީ ޓެސްޓުކޮށްފަ އެވެ. ނަމަވެސް އެމީހާގެ ނަތީޖާ ވަނީ ބައްޔަށް ނެގެޓިވް ވެފަ އެވެ.