ވާހަކަ: މަސްތު

masthu

[ޖުލައި 8، 2015 ގެ ބަޔާ ގުޅޭ]

“ހުންނަ ގޮތް ކުޑަކަން،” ފައިރޫޝްގެ އަޑުގަދަ ވިއެވެ. “މަގޭ ކުރިމަތީ ތިހެން ބުނާކަށް ލަދެއް ވެސް ނުގަތްތަ؟ އަހަރެން ރިސޯޓުގަ އުޅޭއިރު މި ރީތި ކަމަނާ މީހުނާ ހިތާވަނީ.”

އެ އަޑަށް ދައްތަ ކޮޓަރިޔަށް ވަނެވެ.

“ކިހިނެއްވީ؟” ދައްތަ އެހިއެވެ.

“އަޑުއަހާބަލަ މިހިރަ މީހަކު ދައްކާ ވާހަކަ،” އަހަންނަށް އިޝާރާތް ކޮށްފައި ފައިރޫޝް ބުންޏެވެ. “ތިމަންނަ މި އުޅެނީ މީހަކާ ހިތާ ވެގެންނޯ! ވަރި ކުރާށޯ.”

“ތެދެއް؟” ދައްތަ ހިތްހަމަ ނުހެޖިފައިވާ ރާގެއްގަ އަހާލިއެވެ. ޅިޔަނުވެސް އައިސް ހުއްޓުނެވެ.

އަހަރެން އެއްޗެއް ނުބުނަމެވެ.

“ނަސީބެއްނު އަހަރުމެންގެ މައިންބަފައިން ދުނިޔޭގަ ނެތްކަން. އަޅެ ބަނޑުގަ އޮތް ކުއްޖާއާ ދޭތެރޭގަ ވިސްނައިލި ނަމަ. ކޮން ކަހަލަ ރަނގަޅު ފިރިއެއް ކަލެއަށް ލިބުނީ؟”

އަހަންނަށް ބަލައިލެވުނީ ޅިޔަނާއި ދިމާލަށެވެ. އޭނާ ހަމަ ހަށަން ބަނދެލައިގެން ހުރީއެވެ.  .

ހިކި ފަންތަކެއްގަ ރޯވާހެން މުޅި ރަށަށް އެ ވާހަކަ ފެތުރުނެވެ. އަހަރެންގެ ގޮތް ކުޑަ ކަމުގެ ވާހަކައެވެ. ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެ ވާހަކައެވެ.

އަހަރެންގެ ބަނޑުގައި އޮތީ ކާކުގެ ކުއްޖެއްހޭ މީހުން ސުވާލު ކުރަމުން ދިޔައެވެ. އެއް ބަޔަކު އަހަންނަށް މަލާމާތް ކުރިއިރު އަނެއް ބަޔަކު އުފެއްދީ ސުވާލެކެވެ. އަހަރެން ހިތާވީ ކާކާ ހެއްޔެވެ؟ އެ މީހަކާ އަހަރެން ބައްދަލު ކުރަނީ ކޮން އިރަކު ހެއްޔެވެ؟ އެއްވެސް މީހަކަށް އެ މީހަކު ނޭނގުންވީ އަރަތަކަށެވެ. ދިފާޢުގައި އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ.

އަހަރެން ވަރި ކުރިއެވެ. ހުސްދެއަތާ އަހަރެންގެ ގެއިން ނިކުތީމެވެ.

“ކަލެއަކަށް ނުވަދެވޭނެ މި ގެއަކަށް،” ވަރަށް ހަރުކަށި ރާގެއްގައި ދައްތަ ބުންޏެވެ.

އަހަރެން ބޭނުން ނަމަ، އެ ގޭގައި ހުރެވުނީހެވެ. ގެ ދީފައިވަނީ އަހަރުމެން ދެބެންނަށެވެ. އެކަމަކު ހިތަށްއެރިއެވެ. ކީއްކުރަން ހެއްޔެވެ؟ އަހަންނަށް އެންމެ ރަނގަޅު ގޮތަކީ ވެސް އެ ގެއިން ނުކުތުމެވެ. ދައްތަ އެ ކޮށްދިނީ ހެޔޮ ކަމެކެވެ. އިތުރު ބަހަނާއެއް ނުދައްކައި އަހަންނަށް އެ ގެއިން ނުކުމެވޭނެއެވެ.

އޭރު، އަހަރެންގެ އުމުރުން އެކާވީސް އަހަރެވެ. ގޮސް ވަންނާނެ ތަނެއް ނެތެވެ. ދާންވީ ކޮން ދިމާއަކަށް ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. .

ހަމައެކަނި އަހަރެންގެ ހިތުގައި އޮތީ ﷲ އެވެ. ދީނަށްޓަކައި މިކުރެވުނު މަތިވެރި ޖިހާދެވެ. އާއެކެވެ. މުޑުދާރު ކަންއެނގިހުރެ އެފަދަ ބޮޑު ފާފަތައް ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއަށްވުރެ އަހަރެންގެ އީމާންތެރިކަމާއި އަގީދާ ހަރުކަށްޓެވެ. ތެދެކެވެ. އަހަރެންގެ ފައިވެސް ކައްސާލައިގެން ދިޔައެވެ. އެކަމަކު އަހަރެން އަހަރެންގެ ޒަމީރު ކޮންޓުރޯލު ކުރީއެވެ.

“ﷲ މި އަޅާއަށް ކެތްތެރިކަން ދެއްވާށި!” އަހަރެންނަށް މަޑުމަޑުން ބުނެވުނެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.