[ޖުލައި 13، 2015 ގެ ބަޔާ ގުޅޭ]
މިވަގުތު އޭނާއަށް މުހިންމުވީ ހުރިހާ ކަމަކަށްވުރެ ބޮޑަށް ޒައިދްއެވެ. “ޔޫ ލުކް ސޯ ޕްރިޓީ..” ޔާނީ ޖަލްސާއަށް އައުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް ޒައިދަށް ފޮނުވާލުމުން ބަލަން ހުރެފައި ޒައިދް ޔާނީގެ ރީތިކަމަށް ތައުރީފް ކޮށްލީ ހިތުގެ އެންމެ ފުންމިނުންނެވެ. “ތޭންކްސް އަ ލޮޓް” ޒައިދް ކުރި ތައުރީފުގެ ބަސްތައް އަހާފައި ޔާނީގެ މޫނު ލަދުން ގޮސް ރަތްވިއެވެ. ޖަލްސާ ނިމި ކޮންމެ މީހަކުވެސް އަވަދިނެތި އުޅެމުން ދިޔައީ އެމީހުންގެ ގާތްމީހުންނާއި ރައްޓެހިންނާއެކު ފޮޓޯ ނެގުމުގައެވެ. ތާރާވެސް އޭނާގެ މަންމައާއި ބައްޕައާއެކު ފޮޓޯ ނަގަމުން ދިޔައިރު އެމަންޒަރު ބަލަން ދުރުގައި ޔާނީ ހުއްޓެވެ. ކިހާ ލޯބިވާ އާއިލާއެއް ހެއްޔެވެ. ޔާނީވެސް މިކަހަލަ އާއިލާއެއް ވަރަށް ބޭނުމެވެ. މިޝްކާވެސް އޭނާގެ މަންމައާއި ބައްޕަގެ ގާތު އުފާވެރި ވަގުތުތައް ހިއްސާކުރަމުންދާތަން ފެންނަ ކޮންމެ ފަހަރަކު ޔާނީގެ ލޮލުން އެކަނިވެރިކަމުގެ ކަރުނަ ނީރާލައެވެ. ޔާނީވެސް އުނގުގައި ބޯއަޅާލައިގެން އޮވެ ޝަކުވާ ކޮށްލާނެ މަންމައެއް ބޭނުމެވެ. ހިމާޔަތާ ރައްކާތެރިކަން ހޯދަދޭނެ ބައްޕައެއްވެސް ބޭނުމެވެ.
ކޮންގްރާ، އަހަރެން ކުރިއަކުން ހިޔެއް ނުކުރަމޭ ތާ އެހާ މޮޅުކަމަކަށް” އިރުކޮޅަކު ދުރުގައި ހުރެފައި އައިސް ޔާނީ ތާރާއަށް މަރުހަބާ ކިޔައި ސަމާސާކޮށްލިއެވެ. މިމަންޒަރު ފެނިފައި ނާޒްއާއި ޝިޔާޒް އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. “ޔާނީ ކިހިނެއްތަ؟” ނާޒް ޔާނީއާ ގާތަށް ޖެހިލާފައި އަތުލަފިކޮށްލަމުން ވަރަށް ލޯބިން އަހާލިއެވެ. މައިވަންތަކަމުގެ ލޯބި ނާޒްގެ އަޑުގައިވިކަން ޔާނީއަށް ވަރަށް ފަސޭހައިން އިހުސާސް ކުރެވުނެވެ. “ރަނގަޅު. ތިއީ ތާރާގެ މަންމަ އާއި ބައްޕަ ދެއްތޯ! ވަރަށް އުފާވެއްޖެ ބައްދަލުވީމަ” ޔާނީވެސް ނާޒްއާއި ވާހަކަ ދައްކަމުންދިޔައީ ވަރަށް ގާތް މީހެއް ފަދައިންނެވެ. ޔާނީއަށް އެނގިގައިވާ ގޮތުގައި ތާރާގެ މައިންބަފައިން ދިރިއުޅެމުންދަނީ ރާއްޖެއިން ބޭރުގައެވެ. އެމީހުން މާލޭގައި އުޅޭކަން ތާރާ ވަނީ ސިއްރުކޮށްފައެވެ. އެކަން އެނގިއްޖެނަމަ ޔާނީގެ ފަރާތުން އެތައް ސުވާލެއް ތާރާއަށް އަމާޒުވާނެކަން އެނގޭތީއެވެ. ހޯލުން މީހުންތައް މަދުވަމުން ގޮސް އެގާރަޖެހިއިރު އެއްކޮށްހެން މުޅިތަން ވަނީ ހުސްވެފައެވެ. ހައެއްކަ މީހުން ފިޔަވައި އެތަނުގައި އިތުރު މީހަކު ނެތުމުން ތާރާވެސް އެހެން މީހުންނާއެކީ ހިނގައިގަތީ ގެއަށް ދިއުމަށެވެ. ބޭރަށް ނުކުމެ ތާރާ މަންމައާއި ބައްޕަގެ ގައިގައި ބައްދާލުމަށް ފަހު ދަނީ އޭ ބުނުމުން ނާޒްއާއި ޝިޔާޒްވެސް އެމީހުންގެ ކާރަށް އަރައި ދުއްވާލިއެވެ. މިޝްކާ މާބޮޑަށް ވަރުބަލިވުމުން ޝިވަމްއާއެކު އޭނާ ވަނީ ތަންކޮޅެއް ކުރިން ގެއަށް ގޮސްފައެވެ. އެކަމަކު ތާރާއާއި ޔާނީ ބަލާ ޝިވަމް ކާރު ފޮނުވާފައި އޮތުމުން އިތުރަށް ލަސްނުކޮށް އެދެމީހުންވެސް ކާރަށް އަރައި މަންޒިލަށް ދަތުރު ފެށިއިރު މުޅި މާހައުލު އެއްކޮށްހެންވަނީ ނިދާފައެވެ.
ގެއަށް އައިސް ކޮޓަރިއަށް ވަދެ އެއްޗެހިވެސް ބަދަލުނުކުރެވި އުޅެނިކޮށް ޒައިދް ގުޅަން ފެށިއެވެ. ތުންފަތަށް ވެރިވި ލުއި ހިނިތުންވުމާއެކު ޔާނީ ފޯނު ނަގާ ޖަވާބުދިނެވެ. “ސާބަސް، މިނެޓެއްހާ އިރުވެސް މަޑުކޮށްނުލެވޭ ދޯ! ހާދަ ކެތްމަދު މީހަކާއޭ މަށަށް ރައްޓެހިވެގެން މިއުޅެވެނީ” ގެއަށް އައިސް ގުޅުމުގެ ކުރިން ޒައިދްގެ ކޯލެއް އައުމުން ޔާނީ ސަމާސާގެ ރާގެއްގައި ޒައިދް އާ ދިމާލަށް ބުނެލިއެވެ. “އެހެންތަ؟ މިހާރު ކޮން އިރެއް އަހަރެންގެ ލޯބިވާގެ އަޑު އަހާލާހިތުން ހުންނަތާ. އިންސާނަކަށް ކެތްވާނީ ދެން މިހާކަށް ވަރަށް” ޔާނީއާ ވާހަކަ ދައްކާލަން ބޭނުންވެފައި ޒައިދް ހުންނަތާ ކިތަންމެ އިރެކެވެ. ޔާނީ ޖަލްސާއަށް ދިޔައީއްސުރެ ޒައިދް އެހުންނަނީ ގަޑި ގުނާލަ ގުނާލައެވެ. ޔާނީގެ ކޯލެއް އަންނާގެ ވަގުތަކަށް ބަލަބަލައެވެ. އެއްޗެހިވެސް ބަދަލު ނުކޮށް އެނދުމައްޗަށް ވެއްޓި ގަނެ ދަތްދޮޅިގައި އަތްވިއްދައިގެން އޮވެ ޒައިދްގެ ވާހަކަތައް އަޑުއަހަމުން ޖަވާބުދެމުން ދިޔައިރު ޒައިދް ބުނެލާ މަޖާ އެއްޗެހިން ޔާނީއަށް ކިތަންމެ ފަހަރަކު ހީގަނެވެއެވެ. ޒައިދްގެ މި މިޒާޖު ޔާނީއަށް ވަރަށް ކަމުދެއެވެ. ޔާނީއަށް ޒައިދްދެކެ ރުޅިއައިސްފައިވެސް މާ ގިނައިރަކު ނުހުރެވެއެވެ. ކޮންމެވެސް މަޖާކަމެއް ކޮށްލާފައި ޒައިދް ޔާނީ ހެއްވާލާނެއެވެ. ވާހަކަދައްކަމުން ގޮސް މެންދަންވަމުން ދިޔަހެން ޔާނީގެ ލޮލަށް ނިދި ސަވާރުވެ އެސްފިޔަތަކަށް ބަރުވެގެން ދެލޯމެރުނެވެ. ދެން އިވެންފެށީ ޔާނީގެ ނޭވާގެ އަޑެެވެ. ކިތަންމެ ރެއަކު މިގޮތަށް ޔާނީ ނިދުމުން އޭނާގެ ނޭވާގެ އަޑުއަހަން ޒައިދް އޮވެއެވެ. އޭގެ ސަބަބުން އޭނާއަށް ހިތްހަމަޖެހުން ލިއްބައިދެއެވެ. މީހަކަށް ލޯބިވެވޭނީ މިހާކަށް ވަރަށެވެ. ލޯބި ހަމަ އެހާ ބާރުގަދައީ ހެއްޔެވެ. އޭގެ ސަބަބުން ދުނިޔޭގެ އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް ހަމަ އެންމެ މީހަކު މުހިއްމުވެ އެމީހަކަށްޓަކައި މުޅި އުމުރު ހުސްކޮށްލަންވެސް ފަސް ނުޖެހެނީއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ޔާނީ ބަދިގެ ތެރޭގައި އަވަދިނެތި އުޅެމުން ދިޔައީ މެންދުރުގެ ކެއުމަށް ޒައިދްއަށް ދައުވަތު ދީފައި ވުމުން އޭނާއަށް އެންމެ މީރު ކާއެއްޗެހި ތައްޔާރުކުރުމުގައެވެ. ދޭތެރެއަކުން މިޝްކާވެސް އައިސް ޔާނީއަށް އަތްގާތްކޮށްދިނުމުގައި އުޅުނު ނަމަވެސް މިޝްކާ ލައްވާ މަސައްކަތް ކުރުވާކަށް ޔާނީ ބޭނުމެއް ނޫނެވެ. ތާރާ ވީ އޭނާގެ ކޮލެޖް ކުދިންނާއެކު ވިލިގިއްޔަށް ދަތުރުގޮސްފައި ކަމުން ޒައިދް އާއި ތާރާ ދިމާނުވާނެތީ ޔާނީ ހުރީ ކުޑަކޮށް ދެރަވެފައެވެ. ނަމަވެސް އެގޮތަށް ކަންތައް ދިމާވުމުން ތާރާ ހުރީ ހަމަޖެހިފައެވެ. ޒައިދް އާއ ކުރިމަތިލާން ނެޖެހެނެތީއެވެ. އެކަމަކު މިގޮތަށް ފިލައިގެން އުޅެވޭނީ ކިހާ ދުވަހަކުބާވައެވެ. ކޮންމެވެސް އެއްދުވަހަކު މިހުރިހާ ކަމަކާ ކުރިމަތިލާން ޖެހޭނެކަން ޚުދު ތާރާއަށްވެސް އެނގި ހުރެ ފަސްޖެހެނީއެވެ. ހިތް ބިރު ގަންނަނީއެވެ. “ހޫމް.. ހަަދަ މީރުވަސް ދުވައޭ. މިޝޫ މީނަ އެބަހުއްޓެއްނު ފޯރިއެއް ވާންއުޅޭ ފިރިސޮރަށް ކައްކާފަ ކާން ދޭން. އަދި އިނީމަ ކިހާ ވަރަކުން ދާނެބާ..” ޔާނީ ގަންނަން ހަވާލުކުރި ބައެއް ސާމާނުތައް ގަނެގެން ގޭތެރެއަށް ވަދެގެން އައި ޝިވަމް ޔާނީ އާއި ދިމާލަށް ބަލާލަމުން ދިމާކޮށްލިއެވެ. އެމަންޒަރު ފެނިފައި ސިޓިންރޫމުގައި ތިބި މިޝްކާއާއި އޭނާގެ މަންމަ ޒާހިޔާވެސް ޝިވަމްގެ ސަމާސާގައި ބައިވެރިވެލިއެވެ. “މައެކަނިތަ ފޯރި އަރުވާފަ މިއުޅެނީ.. ބަލަ މިޝްކާވެސް ތި ޝިވަމްއާ ހެދި އުޅުނުއިރު ޖެހި ސަކަރާތޯ! އާނ އެހެންޏާ މަ ވިއްޔަ މިއުޅެނީ ގަސް ދަށުގަ ފިނިކޮށްލަން މަޑުކޮށްގެން” ޔާނީގެ މިޖުމްލައާއެކު މިޝްކާއާއި ޝިވަމްއަށް އެއްފަހަރާ ޔާނީއާ ދިމާލަށް ބަލާލެވުނީ ހައިރާންވެ ތިބެއެވެ. ޔާނީ އެކަންތައް ހަނދާން ހުރީ ކިހިނެއް ހެއްޔެވެ. އޭނާގެ ހަނދާންތައް އާލާވަމުން ދަނީ ހެއްޔެވެ. އެހެންވެއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ.
މެންދުރުގެ ކެއުމަށް ޔާނީ ދައުވަތު ދީފައިވުމުން ނަމާދުކޮށްލައިގެން ޒައިދް މިސްރާބުޖެހީ އެގެއާ ދިމާލަށެވެ. މީން ދުވަހަކު އެގެއަށް ނުދިޔަ ކަމުގައިވިޔަސް އެއީ ޝިވަމްމެންގެ ގެކަމަށްވުމުން އެގެ ހޯދާކަށް ޒައިދަކަށް މާ އުދަގުލެއް ނުވިއެވެ. ބާރުބޮޑު މަގުތަކުންލާފައި މެންދުރުގެ ދިލަ ހޫނުގައި އެގެއާ ހިސާބަށް ދެވުނުއިރު ޒައިދް ހުރީ ކުޑަކޮށް ދާހިއްލާފައެވެ. ގެއަށް ވަނުމުގެ ކުރިން މިއިނީ ބޭރުގައިކަމަށް ބުނެ ޒައިދް ޔާނީއަށް މެސެޖްކޮށްލިއެވެ. ޖާވާބުގައި ޔާނީ އެތެރެއަށް ވަނުމަށް އެދުމުން ސައިކަލް ޕާކުކޮށްލާފައި ޒައިދް އެތެރެއަށް ވަދެ ބެލް ޖަހާލިއެވެ. ބަލާބެލުމަށް ނިކަން ހިތްފަސޭހަ ގޮތަކަށް ހަދާފައިވާ ގެއެކެވެ. ބޮޑު ގޯތިތެރޭގައި އެލުވާފައިހުރި މާގަސްޕޮޓް ތަކުން މުޅި ތަން ވަނީ ފަޅުފިލުވާލަ ދީފައެވެ. ބޭރުގައި ހުރިތާ މާގިނައިރެއްނުވެ ދޮރުހުޅުވާފައި އެ ބޯދިއްކޮށްލީ ޒައިދް އެންމެ ދެކެން ބޭނުންވާ މޫނެވެ. ނޫކުލައިގެ ގަމީސްކޮޅަކާއި ހުދު ޖީންސެއް ލައިގެން ޔާނީ ހުރިއިރު ތެތްވެފައިވާ އޭނާގެ އިސްތަށިގަނޑުގެ ސަބަބުން މޫނުމަތި އިތުރަށް ތާޒާކަމަށް ދައްކައެވެ. ކަޅިޖަހާނުލާ ބަލަން ހުރެވުނީ އެރީތި ސޫރަ ދެކޭހިތްވާލެއް ބޮޑުކަމުންނެވެ. “ދެން ތިވަރަށް ނުބަލަބަލަ، އަލަށްތަ އަހަރެން ފެނުނީ” ޒައިދް މާވަރަކަށް ބަލަން ފެށުމުން ޔާނީ ރަކިވާގޮތްވިއެވެ. “ޔާނީ ހާދަ ރީއްޗޭ” ހިތުގައި އޮތް ޖުމްލަ ދުލާ ހަމައަށް އައި ގޮތެއް ޒައިދަކަށް ނޭގުނެވެ. ސިހުނީ ޔާނީ އައިސް ޒައިދްގެ ކޮނޑުގައި ޖަހާލުމުންނެވެ. ގޭތެރޭގައި ތިބި އެހެންމީހުން ފެނުނީވެސް އެހިސާބުންނެވެ. އެންމެންގެ ތެރެއިން ޝިވަމް ފެނުމުން ޒައިދް އަށް ފުރަތަމަވެސް ގޮސް ވާހަކަ ދައްކަން ފެށީ އޭނާއާއެވެ. އެއީ ކުޑައިރުއްސުރެ ރައްޓެހިން ކަމަށް ވުމުން ދެން ތިބި މީހުނަށް މިކަން އާކަމަކަށް ނުވިއެވެ. [ނުނިމޭ]