އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް އަލީ ރަޝީދު

އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލީ ރަޝީދު. ފޮޓޯ: އައި.ޔޫ.އެމް
އައި.ޔޫ.އެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލީ ރަޝީދު. ފޮޓޯ: އައި.ޔޫ.އެމް

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް ބ. އޭދަފުށީ ގުލްބަކާގެ، އަލީ ރަޝީދު އައްޔަން ކުރައްވައިފި އެވެ.

ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރަސްމީ ފޭސްބުކް ސަފުހާގައިވާ ގޮތުން އަލީ ރަޝީދުގެ އިތުރުން ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމަށް ދެން ހަމަޖެއްސެވީ ކުއްލިއްޔާގެ ވައިސް ރެކްޓާގެ މަގާމުގައި ކުރިން ހުންނެވި، ހައްވާ ލަތީފް އެވެ. ދެ ބޭފުޅުން ވެސް އެ މަގާމަށް ވަނީ މިދިޔަ ހަފުތާގައި އައްޔަން ކުރައްވާފަ އެވެ.

އަލީ ރަޝީދު ޑރ. ޒާހިރުގެ ވައަތްޕުޅުގައި އަދި ހައްވާ ލަތީފު ޑރ. ޝަހީމްގެ ކަނާތްޕުޅުގައި. ފޮޓޯ: އައި.ޔޫ.އެމް
އަލީ ރަޝީދު ޑރ. ޒާހިރުގެ ވައަތްޕުޅުގައި އަދި ހައްވާ ލަތީފު ޑރ. ޝަހީމްގެ ކަނާތްޕުޅުގައި. ފޮޓޯ: އައި.ޔޫ.އެމް

އަލީ ރަޝީދު މީގެ ތިން އަހަރެއްހާ ކުރިން ފެށިގެން މަސައްކަތް ކުރައްވަމުން އައީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒިނަސް މެނޭޖްމަންޓްގެ ޑީން އެއްގެ ގޮތުގަ އެވެ. އަދި އޭގެ ކުރިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލުގެ މަގާމު ވެސް އޭނާ ވަނީ އަދާ ކުރައްވާފަ އެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުގެ މަގާމަށް ހަމަޖައްސާފައި ވަނީ ގައުމީ ޔުނިވަސިޓީ (އެމް.އެން.ޔޫ)ގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިން އެވެ. އަދި ވައިސް ޗާންސެލަރަކަށް ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރައްވައިފައިވާ ކަމަށް ބައެއް މީޑިއާ ތަކުގައި ރިޕޯޓްކޮށްފައި ވެ އެވެ.

ނަމަވެސް އިސްލާމިކް ޔުނިވަރސިޓީއަށް ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަން ކުރެއްވި ކަމެއް ރައީސް އޮފީހުން އަދި ރާއްޖޭގެ އެހެން މީޑިއާ އެއްގައި ވެސް ރިޕޯޓް ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، އިސްލާމިކް ޔުނިވަރސިޓީގެ ކައުންސިލަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ފަސް މެމްބަރަކު މިދިޔަ ހަފުތާގެ ތެރޭގައި އައްޔަން ކުރައްވާފަ އެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ގާނޫނު ކުރިން އޮތް ގޮތުން ކުއްލިއްޔާ ޔުނިވަސިޓީއަކަށް ބަދަލު ވާނީ އެ ގާނޫނު ތަސްދީގު ކުރާތާ ތިން މަސް ހަމަވާ ތާރީހުން ފެށިގެންނެވެ. އެ ގާނޫނު ތަސްދީގުކޮށްފައި ވަނީ މިދިޔަ މޭ މަހު ކަމަށް ވާތީ ކުރިން އޮތް ގޮތުން ކުއްލިއްޔާ ޔުނިވަރސިޓީއަކަށް ބަދަލު ވާނީ އަންނަ އޮގަސްޓް މަހު އެވެ. އެކަމަކު މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އެ ގާނޫނު ތަސްދީގު ކުރާ ދުވަހުން ފެށިގެން ކުއްލިއްޔާ ޔުނިވަސިޓީއަކަށް ބަދަލުވީ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.