ގޮތެއް ނިންމަން ނޭނގޭ ބަޔަކު މަޖިލީހުގައި ތިބެން ޖެހޭބާ؟

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް

ދިވެހި މުސްކުޅިން ބުނެއުޅޭ ބަހެކެވެ: “ހިލްމެއް ނެތި އިލްމެއް ލިބިއްޖެއްޔާ އެއީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުން ކަހަލަ ކަމެކެވެ.”

ރައްޔިތުންގެ މަޖިލީހަކީ ދިވެހި ރާއްޖެ އަދި ހުރިހާ ދިވެހިންގެ ކުރިމަގު ކަނޑައެޅުމަށްޓަކައި ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތައް ހަދަން ހަވާލު ކުރެވިފައިވާ ރައްޔިތުން ތަމްސީލު ކުރާ މުއައްސަސާއެކެވެ. މިހެންވެ މި ފަދަ މުއައްސަސާއަކަށް ކުރިމަތިލާން ޖެހޭނީ މަޖިލީހަށް ހުށަހެޅޭ ކޮންމެ ކަމެއްގައި ވެސް ކޮންމެވެސް ނިންމުމަކަކާ ހަމައަށް ދެވޭނެ މީހުންނެވެ. “އާއެކޭ” ނޫނީ “ނޫނެކޭ” ވެސް ބުނަން ކެރޭވަރުގެ މީހުންނެވެ.

މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި “ވަކި ގޮތަކަށް ވޯޓު ނުދެއްވާ” ނުވަތަ ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވަންވެގެން މަޖިލީހުގެ ސެޝަންތަކުން ނުކުމެވަޑައިގަތުމަކީ ނުވަަތަ ހާޒިރު ނުވުމަކީ ނުވަތަ ބޯއިކޮޓް ކުރުމަކީ އެއްވެސް ގޮތެއްގައި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ. ސަބަބަކީ އެ މެންބަރުން ހޮވާފައިވަނީ ރައްޔިތުންގެ ފަރާތުން “އާނހ” ބަސް ނުވަތަ “ނޫން” ބަސް އިއްވުމަށްޓަކައެވެ.

މި ގޮތަށް ގޮތެއް ނިންމަން ނޭނގޭ ނުވަތަ ގޮތެއް ނިންމަން ޖެހިލުންވާ މެންބަރުންތަކެއްގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ ރައްޔިތުންނާއި ރާއްޖޭގެ ކުރިމަގު ކަނޑައެޅުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަކީ ކޮބައިކަން ނޭނގޭ ބަޔަކު މަޖިލީހުގައި ތިބެން ޖެހޭތޯއެވެ؟ ރައްޔިތުންނާއި ރާއްޖޭގެ ކުރިމަގު ބައްޓަން ކުރަން ހަދަން ޖެހޭ ގާނޫނުތަކާއި ގަވައިދުތަކަކީ ކޮބައިކަމާމެދު ހިޔާލެއް ދެވޭ ވަރު ނުވާ މެންބަރުންތަކެއް ތިބުމުގެ މާނައެއް ނެތެވެ.

މަދުން ނަމަވެސް މި ފަދަ މެންބަރުން މަޖިލީހުގައި މިހާރު ތިއްބެވުމަކީ ހަމަ ނުޖެހޭ ކަމެއްގެ އިތުރުން ހެއްވާ އަދި ނާމާން ބިރުވެރި ކަމެއް ވެސް މެއެވެ. ސަބަބަކީ މަޖިލީހަކީ އެ މުއައްސަސާ އަށް ހުށަހެޅޭ ކަންތައްތަކާއި ގާނޫނުތަކާއި ގަވާއިދުތައް ވަކި ގޮތަކަށް ނިންމަން ޖެހޭ މުއައްސަސާއަކަށް ވާއިރު، އެ ފަދަ ކަންތައްތަކާމެދު ގޮތެއް ނިންމަން ނޭނގޭ ނުވަތަ ޖެހިލުންވާ ބަޔަކު ތިބުމަކީ މަޖިލީހެއް އޮތުމުގެ މަގުސަދާ ވެސް ފުށުއަރާ ކަމަކަށް ވާތީއެވެ. މިސާލަކަށް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގެ ގޮތުގައި މިއަދު ތިބީ މި ފަދަ ބަޔަކު ކަމުގައި ވަނީ ނަމަ، މަޖިލިސް ވެގެން ދާނީ އެއްވެސް ގާނޫނެއް ގަވައިދެއް ނުހަދާ “ހިމޭނުން ނިދާފައި އޮންނަ ދަތް ނެތް މިނިކާވަގަކަށް ވެފައި” އޮންނަ މަޖިލީހަކަށެވެ. އެ ފަދަ ދަނޑިވަޅެއްގައި މުޅި ގައުމު ވެއްޓިގެން ދާނީ ހަމަ ނުޖެހުމުގެ ބޮޑު އަނދަވަޅަކަށެވެ.

އެހެންކަމުން، އިލްމް ލިބި ނަމަވެސް ހިކުމަތުއަމަލީގެ ކަންފުޅެއް ނެތް މަދު ބަޔަކު ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ތިބިކަމީ ހުރިހާ ދިވެހި ރައްޔިތުން ހިތާމަ ކުރަން ޖެހޭ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.