ދޮރު މަށަށް، ގެ ކަލެއަށް!

36876_1313627942_news

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަކީ ބޭރު ދުނިޔެއާ ދިވެހި ރާއްޖެ ގުޅުވައިދޭ “ގޭޓްވޭ” ނުވަތަ “ދޮރު” ކަމަށް ސިފަކޮށްފައިވީ ނަމަވެސް، ކުރިން އޮތް ސަރުކާރު “ބޭރު ކުރުމުގެ” ކެމްޕޭންގެ އެންމެ މުހިންމު އެއް ކަމަކީ މި “ދޮރަ”ކީ ދިވެހިންގެ “ގެ” ކަމަށް ދައްކައި، އަހަރެމެންގެ ދެ އަތުން ދާ އޮހޮރުވައިގެން އެޅި މި “ގެ” ބޭރުގެ ފަރާތަކަށް ވިއްކާލިކަމުގެ ތުހުމަތުކޮށް، ދިވެހިންގެ ޖަޒުބާތުތަކާއި އިހުސާސްތަކާއި ކުޅެގެންނެވެ. ނަމަވެސް އެއިރު ވެސް މިހާރު ވެސް އެ ވަގުތަކު އޮތް ސަރުކާރަކުން ބޭނުމިއްޔާ މި “ދޮރު” (ނުވަތަ “ގެ”!) އޮތީ އަލުން އަތުލައި، އަލުން ދިވެހިންގެ ބާރުގެ ދަށަށް ގެނެވޭ ގޮތަށެވެ. ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ހަދާލައި، ނުވަތަ ގާނޫނަކަށް އިސްލާހެއް ގެނެސްގެންނެވެ.

ނަމަވެސް މިއަދު މިވީ ކިހިނެތް ހެއްޔެވެ؟ ކުރީގެ ސަރުކާރު “ބޭރު ކުރުމަށް”ފަހު އަލަށް އައި ސަރުކާރުން މިވަނީ، ދަރަނިވެރިވެފައިވާ ގްރީސްގެ ޖަޒީރާތައް ބޭރުގެ ބިލިއަނަރުންނަށް ވިއްކަން ޖެހިފައިވާ ގޮތަށް، ދިވެހި ރާއްޖޭގެ ރަށްތައް ވެސް ބިލިއަން ޑޮލަރު ހުރި ބޭރުގެ ކޮންމެ މަހުޖަނަކަށް ނުވަތަ ބިލިއަނަރަކަށް “ވިއްކާލެވޭނެ” ނުވަތަ “ހިބަ ކުރެވޭނެ” ނުވަތަ “މިލްކް ކުރެވޭނެ” ގޮތް ހެދުމަށް މަޖިލީހަށް އާ ބިލެއް ހުށަހަޅައިފައެވެ. ހަމައެއާއެކު ސަރުކާރުން ބޭނުން ވެއްޖެ ހިނދެއްގައި އެ ފަދަ ބިންތައް އަލުން އަނބުރާ ސަރުކާރަށް ނަގައި ދިވެހި ރައްޔިތުންނަށް ހަވާލު ކުރެވޭ ފަދަ ގާނޫނީ ނުކުތާއަކާއެކުއެވެ.

ހަގީގަތަށް ވިސްނާއިރު، ހުޅުލެ އެއާޕޯޓަކީ ހަމައެކަނި “ދޮރެ”ކެވެ. ދިވެހި ރައްޔިތުންގެ “ގެ”އަކީ ހަގީގަތުގައި އަހަރެމެން ދިރިއުޅޭ މި ކުދިކުދި ބިންތަކެވެ. މި ޖަޒީރާތަކެވެ. މި ރަށްތަކެވެ. އެހެންކަމުން، ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު “ލަނޑު” ލިބެން މި އުޅެނީ މި ދެ ސަރުކާރުގެ ތެރެއިން ކޮން ސަރުކާރެއްގެ ފަރާތުން ތޯއެވެ؟! މިއީ ކޮންމެ ފަރުދަކު މިއަދު ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެވެ.

މިއީ ހަމައެކަނި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދިމާވާ ކަހަލަ ކަމެއް ނޫނެވެ. މިދިޔަ ޖެނުއަރީ މަހު ލަންކާގައި ރާޖަޕަކްސަ ވެރިކަމުން ދުރުވީ މިހާރު ވެރިކަމަށް ވަޑައިގަތް ސިރިސޭނަ ވެސް ކުރެއްވި މިފަދަ “ވައުދަ”ކުންނެވެ. ސިރިސޭނަ ކުރެއްވި ވައުދަކީ ވެރިރަށް ކޮލޮމްބޯއިން ޗައިނާއިން “ހިއްކި” 500 އޭކަރަށް ވުރެ ބޮޑު ބިމެއް ޗައިނާއަށް ރާޖަޕަކްސަ “ވިއްކި” ކަމުގެ ތުހުމަތުކޮށް، އެ ބިން އަލުން އަނބުރާ ލަންކާ ރައްޔިތުންނަށް ލިއްބައިދޭނެ ކަމަށެވެ. ނަމަވެސް ސިރިސޭނަގެ ސަރުކާރަށް 100 ދުވަސް ވެސް ނުވަނީސް އޭނާގެ ސަރުކާރުން ބުނެފައިވަނީ “ކޮލޮމްބޯ ޕޯޓް ޕްރޮޖެކްޓް” ނުވަތަ ކޮޅުނބުގެ ބަނދަރުގެ މަޝްރޫއުގެ ނަން ދީފައިވާ މި ކަމުގައި އެއްވެސް މައްސަލައެއް ފެންނަން ނެތް ކަމަށާއި ޗައިނާއަކީ އަބަދުވެސް ލަންކާގެ ތަރައްގީގެ ބައިވެރިއެއް ކަމަށާއި އެހެންކަމުން މި މަޝްރޫއު ހުއްޓާލެވެން ނެތް ކަމަށެވެ!

އެހެންކަމުން އެމްޑީޕީ ވިޔަސް އަދި ޕީޕީއެމް ވިޔަސް، އަމިއްލަ ބާރު ނުހިނގާ ކަންތައްތަކަށް ބާރު ހިންގޭކަން ދައްކުވަން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަކީ އަހުލާގީ ގޮތުން ދަށް ފެންވަރުގެ ކަމެކެވެ. ނަމަވެސް ހަގީގަތަށް ވިސްނާއިރު ސިޔާސީ ދާއިރާގައި ސުލޫކީ މިންގަނޑެއް އޮވޭ ހެއްޔެވެ؟ އެހެންކަމުން، ލަންކާ ރައްޔިތުން ފަދައިން ދިވެހި ރައްޔިތުންނަށް ވެސް މިއަދު މި ފެންނަނީ ހަމަ ކުރީގެ ތައްގަނޑަކަށް އާ ސަރުކާރެއް ހަމައެކަނި ބައްޓަންވި ގޮތެވެ. “ދޮރާއި ގޭގެ” ތަފާތު ދިވެހި ރައްޔިތުންނަށް އޮޅުވާލުމުގެ ހުނަރުވެރި ނަފުސާނީ އަދި ސިޔާސީ ކެމްޕޭން އުކުޅެއް ބޭނުން ކޮށްލައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.