ކަމަދޫ ކައުންސިލްގެ ރައީސް މިފަހަރު މަގާމުން ވަކިކުރީ ރަނގަޅަށް: އެލްޖީއޭ

އަހްމަދު ސަމީރު -- ފޮޓޯ:ކަމަދޫ ކައުންސިލް އިދާރާ
އަހްމަދު ސަމީރު — ފޮޓޯ:ކަމަދޫ ކައުންސިލް އިދާރާ

ކަމަދޫ ކައުންސިލްގެ ރައީސް އަހްމަދު ނަސީރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓް ނަގައި މިފަހަރު މަގާމުން ވަކިކޮށްފައިވަނީ ރަނގަޅަށް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ން އެ ކައުންސިލަށް އަންގައިފި އެވެ.

އެލްޖީއޭ އިން ކަމަދޫ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ އޮތޯރިޓީއަށް ލިބިފައިވާ ލިޔެކިޔުންތަކާއި މައުލޫމާތުތަކަށް ބަލާއިރު މިމަހުގެ 15 ވަނަ ދުވަހު ސަމީރުގެ މައްޗަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓް ކުރިއަށް ގެންގޮސްފައިވަނީ ލާމަރުކަޒީ ގާނޫނާއި ކައުންސިލް ތަކުގެ ހިންގާ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

“އެހެންކަމުން ކައުންސިލަށް ރައީސަކު އިންތިހާބު ކުރުމުގެ އެންމެހާ ކަންކަން ކައުންސިލުގެ ހިންގާ ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ،” އެލްޖީއޭ އިން ކަމަދޫ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ކަމަދޫ ކައުންސިލުން ބުނީ އެލްޖީއޭއިން އެކަން އެންގީ މިއަދު ކަމަށާއި އެހެން ކަމުން ރައީސް އަކު އިންތިހާބު ކުރުން މިމަހުގެ 29 ވަނަ ދުވަހަށް އެޖެންޑާކޮށްފައިވާ ކަމަށެވެ.

ސަމީރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މީގެ ކުރިން ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ. ނަމަވެސް އެ ފަހަރު އެލްޖީއޭގެ ސާކިއުލާއަށް އެއްގޮތަށް އަމަލު ނުކުރުމުން އެލްޖީއޭ އިން ވަނީ އެ ނިންމުން ބާތިލުކޮށްފަ އެވެ.

ސަމީރުގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ކައުންސިލްގައި ހިމެނޭ ފަސް ކައުންސިލަރުން ވެސް ބައިވެރިވެފައިވެ އެވެ. އޭނާއަށް އިތުބާރު ނެތްކަމަށް ވޯޓް ދެއްވީ ތިން ކައުންސިލަރުންނެވެ.

ސަމީރު ކައުންސިލަށް ހޮވިވަޑައިގެންނެވީ އިދިކޮޅު އެމްޑީޕީގެ މެންބަރެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ވެރިކަން ކުރާ ޕީޕީއެމަށް ސޮއިކުރައްވާފަ އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކަމަދޫ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ ތިން މެމްބަރުންނާއި ޕީޕީއެމްގެ މެމްބަރެއްގެ އިތުރުން އިދިކޮޅު ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.