ޔާނީ ހުރިތަނަށް ތިރިވިއެވެ. ދެފައި މެއާ ކައިރިކޮށްލާފައި ކަކޫމަތީ ބޯއަޅާލައިގެން އޮވެ ގިސްލަ ގިސްލާފައި ޔާނީއަށް ރޮވެނީއެވެ. ހިތް ފަޅައިގެން ދާވަރުވުމުން މަޑުމަޑުން ރުއިމުގެ އަޑުބޭރުވާން ފެށިއެވެ. ހިމާޔަތަށް އެދެން ބޭނުމެވެ. އެކަމަކު މަދަދުވެރިވާނީ ކާކު ހެއްޔެވެ. އިތުރު މީހަކަށް މިކަން އެނގިގެން ޒައިދަށް އެއްވެސް ގެއްލުމެއް ލިބޭކަށް ޔާނީ ބޭނުމެއް ނޫނެވެ.
ރޮއެ ރޮއެ ވަރުބަލިވާވަރު ވުމުން އެސްފިޔަތަށް މަޑުމަޑުން ލެއްޕެމުން ގޮސް ކާޕެޓްމަތީ އޮވެ ޔާނީއަށް ނިދުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. ނިދީގައިވެސް ޔާނީގެ ގިސްލުމުގެ އަޑެއް ކެނޑިގެނެއް ނުދެއެވެ. އެއަޑުގައި ވޭނީ އާހެއް އެކުލެވިގެން ވިއެވެ. ހިތުގެ އެންމެ ފުންމިނުން ފުރާނަފަދައިން ލޯބިވާ ބައިވެރިޔާއާ ދުރަށް ދިއުމަކީ ކިހާ ހިތްދަތިކަމެއްކަން މިއަދު ޔާނީއަށް މިވަނީ އިހުސާސް ކުރަންޖެހިފައެވެ. ޒައިދް އާއި ނުލާ އުޅުމަކީ ޔާނީއަށް ހިތުގެ ވިންދާ ނުލާ ދިރިއުޅުން ފަދަ ކަމެކެވެ. ކޮންމެފަދަ ހާލެއްގައި އުޅެން ޖެހުނަސް ޒައިދްއާއި ވަކިވާކަށް ޔާނީ ބޭނުމެއް ނޫނެވެ. އެކަމަކު ހެދޭނެ އިތުރުގޮތެއްވެސް ނެތެވެ. ހަތަރު އުދަރެސް ފެނުޖެހި އަލިކަމުގެ ކޮޅުމަތި ފެންނާކަށް ނެތެވެ. ހަޔާތަށް ބަދު ނަސީބުގެ ހިޔަނި އެޅުމުން އިތުރަކަށް ކެތެއް ނުވިއެވެ. ނިދީގައި އިރުއިރުކޮޅަކާ ޔާނީއަށް ޒައިދްގެ ނަން ކިޔާލެވެއެވެ. ދޫކޮށް ނުދާށޭ ބުނާ ފަދަ އުސޫލަކުންނެވެ. މިއީ ކޮންފަދަ ހިތްދަތި އިމްތިހާނެއް ހެއްޔެވެ.
ކޮޓަރިތެރޭގެ ހަމަހިމޭން މާހައުލުގައި އެކަނި އިނދެ ޒައިދް އޭނާގެ ހުނަރު އެކުލެވިގެންވާ ތަސްވީރެއް ފުރިހަމަ ކުރުމުގައި އުޅެމުން ދިޔައެވެ. ކުލަފުޅިއެއް ހުސްވުމުން އިތުރު ފުޅިއެއް ހުރިތޯ ބެލިއިރު ގެނެވިފައި ނެތުމުން ކުރެހުން ހުއްޓާލާފައި ޒައިދް ސްޓޯރ ރޫމްއާ ދިމާލަށް މިސްރާބު ޖެހިއެވެ. ސްޓޯރ ރޫމް ހުންނަނީ ތިރީގައި ކަމުން ސިޑިންލާފައި ޒައިދް ތިރިއަށް ފެބިއިރު ނާޒް ސިޓިން ރޫމުގައި ހަބަރު ބަލަން އިނެވެ. “ދަރިފުޅާ ކާންވީނު؟” ތިރިއަށް ފޭބި ޒައިދް ފެނުމުން ނާޒް އޯގާތެރިކަމާއެކު އަހާލިއެވެ. “ނޫނޭ މަންމާ! ބައްޕަ ދުރުވީމަ ކާނީ” ކިޔަމަންތެރި ދަރިއެއް ފަދައިން ޒައިދް އޭނާގެ މަންމައަށް ޖަވާބުދާރީ ވުމަށްފަހު ސްޓޯރ ރޫމަށް ވަނެވެ. އެކި ވަރުގެ ކަރުދާސް ފޮށިގަނޑުތަކާއި ގޭތެރެއަށް ބޭނުންވާ އެހެނިހެން ސާމާނުތަކުން މުޅިތަން ފުރިފައިވީއިރު އެއްޗެހިތައް އެއްފަރާތްކުރަމުން އެންމެފަހުން ހޯދަން އައި ކުލަ ފުޅިތައް ފެނުމުން އެނަގައިގެން ނުކުންނަން ހިނގައިގަތް ވަގުތު ޒައިދްގެ އަތުން ޖެހިފައި އެތަނުގައި ހުރި ފޮށިގަނޑެއް ވެއްޓުނެވެ. އޭގައި ހުރި އެއްޗެހިތަކުން ބައެއް އެއްޗެހި ފޮށިގަނޑުން ބޭރަށް ވެރުމުން އެއްޗެހިތައް ނެގުމަށް ޒައިދް ތިރިވި ވަގުތު ލޮލުގައި އަޅައިގަތީ ފޮޓޯ އަލްބަމެކެވެ. ޒައިދްގެ ހިތުގައި އެއާ ދޭތެރޭ ޝައުޤު އުފެދުމުން ލަސްނުކޮށް އެނަގައި ހުޅުވާލީ އޭގައިވަނީ ކޮންއެއްޗެއްކަން ނޭނގޭ ހާލުގައެވެ. އަލްބަމް ހުޅުވާލުމާއެކު ފެނިގެން ދިޔައީ ކައިވެނި ޕާޓީއެއްގެ ފޮޓޯތަކެކެވެ.
މިހާހިސާބުން އެއީ ކާކުގެ ކައިވެނި ޕާޓީއެއްތޯ ބެލުމަށް ޒައިދްގެ ހިތުގައިވި ޝައުޤުވެރިކަން އިންތިހާއަށް އިތުރުވިއެވެ. ޖެހިގެން އޮތް ގަނޑު އެއްލުމާއެކު ޒައިދްގެ ދެލޯ ބޮޑުވިއެވެ. ފެނުނު މަންޒަރުން ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުން ދެފައިން ވާގިދޫވިހެންވެސް ހީވިއެވެ. ވާނީވެސް އެހެންނެވެ. ފޮޓޯގައި ވަރަށް ނަލަވެލައިގެން ހުދުކުލައިގެ ވެޑިން ޑްރެސްގައި އެހުރީ ދެވަނަ އަންހެން ކުއްޖެއް ނޫނެވެ. އެއީ ހަމަ ޔާނީކަމާ މެދަކު އެއްވެސް ޝައްކެއްނެތެވެ. ޔާނީއާއި ދާދި ގާތުގައި ޒައިދް ހުރިތަން ފެނުމުން އޭނާގެ އަމިއްލަ ނަފްސާ ސުވާލުކުރެވުނެވެ. މިއީ ކޮންކަމެއް ހެއްޔެވެ؟ އަހަންނާ ޔާނީގެ ކައިވެނި ވަނީ މާކުރިން ކުރެވިފައި ހެއްޔެވެ؟ ޔާނީއަކީ އަހަރެންގެ އަލަތު އަނބިމީހާ ހެއްޔެވެ؟ ލޮލަށް ފެންނަމުން ދިޔަ މަންޒަރުން އުފާވިއެއްކަމަކު ޒައިދް ވަނީ އެއަށްވުރެ ބޮޑު އޮޅުންގަނޑެއްގެ ތެރޭގައެވެ. ވިސްނަމުން ދިޔަ ވަރަކަށް ސިކުނޑީއަށް ވާންކުރަމުން ދިޔައީ ޖަވާބު ނުލިބިފައިވާ ސުވާލުތަކެވެ. ބޮލުގެ ރިހުން ދިޔައީ މިނެޓަކަށް ފަހު މިނެޓެއް ގަދަވަމުން ކަމުން ކެތްތެރިކަން ކޮޅުންލުމުން އަލްބަމް އަތުން ދޫކޮށްލާފައި ދެއަތުން ބޮލުގައި ވަރަށް ބާރަށް ހިފަހައްޓާލެވުނެވެ. މުޅިތަން ހީވީ އެނބުރޭހެންނެވެ. ޒައިދަށް ކޮޅަށް ހުރެވެނީ ވެސް ހަމަ ކިރިޔާއެވެ. މުޅި މީހާވަނީ ދާހިއްލާ ފޯވެފައެވެ. ވެއްޓޭހެން ހީވުމުން ހިމާޔަތް ހޯދުމަށް ކައިރީގައި ހުރި ހަރުގަނޑުގައި ހިފަހައްޓާލެވުނީ މަދު ސިކުންތުކޮޅަކަށެވެ. ކަނޑާވައްޓާލި ރުކެއް ފަދައިން ހަރުގަނޑާއެކު ޒައިދް ބިންމައްޗަށް ވެއްޓުނީ ހަބަރު ހުސްވެގެންނެވެ.
އިވުނު އަޑުފައްގަނޑާއެކު ސިޓިންރޫމުގައި އިން ނާޒް ސިހިގެންދިޔައެވެ. އަޑުއައީ ސްޓޯރޫމާ ދިމާލުންކަން އެނގުމުން ދުވެފައި ނާޒް އެދިމާލަށް ދިޔައެވެ. ދޮރާ ހަމައަށް އެރުމާއެކު ބިންމަތީގައި ވެއްޓިފައި އޮތް ޒައިދް ފެނުމުން ނާޒްވެސް ހުރިތަނަށް ހޭނުނެތުނީ ހަމަ ކިރިޔާއެވެ. މަގޭ ދަރިއޭ ކިޔައި ރޮމުން ރޮމުން ނާޒް ޒައިދަށް ގޮވަމުން ދިޔައީ އޭނާ ހޭއަރާތޯއެވެ. ޒައިދް ކައިރީގައި އޮތް އަލްބަމް ފެނިފައި ކަންތައް ވީގޮތް ނާޒް އަށް ވަރަށް ރަނގަޅަށް ސާފުވެ އިތުރަށް ހިތް ނުތަނަވަސްވިއެވެ. ނާޒްގެ އަޑަށް ގޭތެރޭގައި މަސައްކަތް ކުރަން ތިބި ނޯކަރުންވެސް މަސައްކަތް ހުއްޓާލާފައި އެދިމާލަށް ދިޔައީ ވެގެން އުޅޭގޮތް ބެލުމަށެވެ. އޭރު މޮޔައެއްހެން ނާޒް ޒައިދްގެ ގާތުގައި އިނދެ ރޮނީއެވެ. އެތަނުން އެކަކު އަވަސް އަވަހަށް ފޯނުނަގައި ޝިޔާޒަށް ގުޅިއިރު އޭނާ އިނީ މީޓިންއެއްގައެވެ. ޒައިދް ގޮވައިގެން ހޮސްޕިޓަލަށް ދިއުމަށް ޑްރައިވަރަށް އެންގުމަށްފަހު މީޓިން މެދުކަނޑާލާފައި ވަގުތުން ޝިޔާޒް ދިޔައީ ހޮސްޕިޓަލަށެވެ. ޒައިދަށް ކަމެއް ވެދާނެތީ ޝިޔާޒް ހުރީ ވަރަށް ކަންބޮޑުވެފައެވެ. ޒައިދް އަދިވެސް މުޅިން އެއްކޮށް ރަނގަޅު ނުވާތީ މިފަދަ ކަމެއް މެދުވެރިވެގެން އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެކަމަށް ޑޮކްޓަރު އޮތީ ބުނެފައެވެ. ހޮސްޕިޓަލަށް ގެނެވުމާއެކު ޑޮކްޓަރު އަކްޔަލް ޒައިދްއާއި ހަވާލުވިއެވެ. ނަސީބު ރަނގަޅުކަމުން އެއީ އޭނަގެ ޑިއުޓީ ގަޑިއެވެ. “ނާރސް ސްޓާޓް ދި ޓްރީޓްމެންޓް އިމީޑިއޭޓްލީ” އެމަޖެންސީ ރޫމަށް ޒައިދް ވައްދަމުން އަކްޔަލް ނަރުސް ކުއްޖާއަށް އެންގިއެވެ.
އެމަޖެންސީ ރޫމް ކައިރީގައި މާ މީހުން ގިނަވުމުން މިޝްކާއާއެކު އޭނާ ޑޮކްޓަރަށް ދެއްކުމަށްޓަކައި އައިސް އިން ޝިވަމް އެދިމާލަށް ދިޔައެވެ. މީހުންގަނޑުގެ ތެރެއިން ރޮމުން ދިޔަ ޒައިދްގެ މަންމަ ފެނުމާއެކު ޒައިދަށް ކަމެއް ވެއްޖެކަން ޝިވަމްއަށް ޔަޤީންވިއެވެ. “ނާޒްދައްތާ ކޮބާ ޒައިދް؟ އޭނާއަށް ކިހިނެއްވީ؟” ޝިވަމް ސުވާލުކުރުމުން ނާޒްއަށް ވާހަކައެއް ނުދެއްކުނެވެ. ހަމައެކަނި އަތުން އިޝާރާތް ކުރެވުނީ އެމަޖެންސީ ރޫމާ ދިމާލަށެެވެ. މާލަސްތަކެއް ނުވެ ޝިޔާޒް އެތަނަށް އައިއިރު މިޝްކާ ނާޒް ހަމައަކަށް އެޅުވޭތޯ އުޅެމުން ދިޔައިރު ޝިވަމް އެމަޖެންސީ ރޫމް ދޮރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. “ކޮބާ ޒައިދް؟ ކީކޭ ޑޮކްޓަރު ބުނީ؟” ކަންބޮޑުވެފައިވާ ހާލު ޝިޔާޒް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑު ބޭރުވީ ކުރެހެމުންނެވެ. “އެތެރޭގަ، ޑޮކްޓަރު އަކްޔަލް އެބައުޅޭ ޒައިދް ކައިރީ” ވާހަކަ ދައްކަމުން ދިޔައިރު ޝިވަމް ހުރީ ފެންކަޅިވެފައެވެ. ދެން ވާން އުޅޭ ގޮތުގެ އެއްވެސް ހިލަމެއް ނުވެތިއްބާ އެމަޖެންސީ ރޫމްގެ ދޮރު ހުޅުވާފައި ބޭރަށް ނުކުތީ ޑޮކްޓަރ އަކްޔަލް ބޭރަށް ނުކުތުމުން ހުރިހާ އެންމެން އެއްފަހަރާ އެދިމާލަށް ދިޔައެވެ. ޒައިދްގެ ހާލު އޮޅުފިލުވުމަށްޓަކައި ޝިޔާޒް ޑޮކްޓަރާ ސުވާލުކުރުމުން އެނގުނީ ޒައިދްއަށް އެހެންވީ އޭނާގެ ސިކުނޑިއަށް ކެތްނުވާވަރަށް މާބޮޑަށް ސްޓްރެސް ވުމުން ކަމަށެވެ. އަދި އެފަދަ ގޮތެއް ވާން މެދުވެރިވި ސަބަބަކީ ކޮބައިތޯ އަކްޔަލް އެންމެންނާ ސުވާލުކުރިއެވެ. “ޒައިދްއާއި ޔާނީގެ ކައިވެނި ޕާޓީީގެ ފޮޓޯތައް ޒައިދަށް ފެނުނީ” ނާޒްގެ އަޑުގައި އަދިވެސް ރުއިން އެކުލެވިގެން ވިއެވެ.
ނާޒްގެ މިވާހަކަ އިވުމާއެކު އެންމެންގެ ދެލޯބޮޑުވެގެން ދިޔައެވެ. ކޮންމެ މީހަކުވެސް އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބެވުނީ ދެންވާނީ ކިހިނެއްބާއޭ އަހާލާ ފަދަ ގޮތަކަށެވެ. “އިތުރަށް ދެން އެއްޗެކޭ ބުނަން އިނގޭނީ ޕޭޝަންޓް ހޭއެރުމުން. ކުރިއަށް އޮތް ސައުވީސް ގަޑިއިރުތެރޭ ހޭނާރައިފި ނަމަ ޕޭޝަންޓް ކޯމާއަކަށް ދިއުމަކީވެސް އެކަށިގެންވާކަމެއް. ހެއްދެވިފަރާތަށް ދުއާ ކުރޭ! އެކްސްކިއުޒް މީ” ޑޮކްޓަރުގެ އެންމެ ފަހު ބަހާއެކު ޖަހާފައި ތިބި ބުދުތަކެއް ފަދައިން އެންމެންވެސް ތިބީ ގަބުވެފައެވެ. ހިތުގައި އުތުރި އަރަމުން ދިޔަ ހިތާމަވެރި އިހްސާސްތަކުން ހިތް ހީވަނީ ކުދިކުދި ވެދާނެހެންނެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. އުދާސްތައް ބޭރުކޮށްލަށް ހިތްފުރެންދެން ރޯލަން ބޭނުންވި ނަމަވެސް އެންމެންވެސް އެވަގުތު އިހްތިޔާރު ކުރީ ހިމޭންކަމެވެ. މިއޮއް ހުރިހާ އިރު އަޑުން އަޑު ނަގާ ރުއި ނާޒްވެސް މިހާރު އިނީ ދިރުމެއްނެތް މަސްގަނޑެއް ފަދައިން ހުއްޓުން އަރާފައެވެ. ލޮލުން ފައިބަން ތައްޔާރުވެފައިވާ އެތައް ބައިވަރު ކަރުނަތައްވެސް އޭގެ މަގާމުގައި ހައްޔަރުވެފައިވާ ކަހަލައެވެ. [ނުނިމޭ]