މީސްވަންތަ ހުނަރު – ކާމިޔާބުގެ ޕާސްޕޯޓު

އޭދަފުށީގައި ދެ ޒުވާނަކު މުއާމަލާތް ކުރަނީ. އީޓީ ފައިލް ފޮޓޯ
އޭދަފުށީގައި ދެ ޒުވާނަކު މުއާމަލާތް ކުރަނީ. އީޓީ ފައިލް ފޮޓޯ

އެޑިޓަރުގެ ނޯޓް: މިއީ ބ. އަތޮޅު ކަމަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. ބާބޫ ރާޖަގޯޕާލް އީޓީއަށް އިނގިރޭސި ބަހުން ހަދިޔާ ކުރެއްވި ލިޔުމެއްގެ ދިވެހި ތަރުޖަމާއެވެ.

ގާތް ދަރިވަރުންނޭވެ، ބ. އަތޮޅު ތައުލީމީ މަރުކަޒުން ތިބާމެންގެ “އޭ” ލެވެލް ނިންމަން ތައްޔާރު ވަމުން އަންނައިރު، އެހެން މުއައްސަސާތަކުން ތައުލީމު އިތުރަށް އުނގެނުމަށް ތިޔައިގެ ތެރެއިން ބައެއް ކުދިން ނިންމާފާނެއެވެ. އަދި އަނެއް ބައި ކުދިިން މަސައްކަތު ދާއިރާ ހިޔާރު ކޮށްފާނެއެވެ. ދެ މަގުން ކުރެ ކޮންމެ މަގަކާ ކުރިމަތިލީ ނަމަވެސް، އާ ޒިންމާތަކަކަށް ތިޔަ ކުދިން ތައްޔާރުވުން ބޭނުންތެރިއެވެ. ބޭރު ތެރެއިން ތިޔަ ކުދިންނާމެދު ކުރާ އުއްމީދުތަކަކީ ކޮބައިކަން ތިޔަ ކުދިންނަށް މާ ކުރިން އެނގިފައި އޮތުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. ބޮޑެތި ކަންތައްތަކައިގެން ކުރިއަށް ދިއުމަށް ބޭނުންްވާނޭ “އަސާސީ ހުނަރުތައް” ދެނެގަންފައި އޮތުމަކީ މަޖުުބޫރު ކަމެކެވެ. އަދި މިހެންވުމުން ކުރިމަގުގެ ލަނޑުދަނޑިތަކަށް ވާސިލު ވުމަށް ރަނގަޅު މަގެއް ހުޅުވައިދޭނެއެވެ. މި ކަމާ ގުޅޭ ގޮތުން މި ލިޔުމުގެ ފަހު ބައިގައި އަދި އަލިއަޅުވާލާނަމެވެ.

ރަނގަޅު މަރުކަޒުތަކުގައި ތައުލީމާއި އިންފްރާސްޓްރަކްޗަރު ތަރައްގީ ކޮށްފައިވާނީ އާއްމު ގޮތެއްގައި އެކުއެކީގައި އެއް ދާއިރާ އަނެއް ދާއިރާ ހަރުދަނާ ކޮށްދޭނެ ގޮތަށެވެ. އިންފްރާސްޓްރަކްޗަރެއް ނެތް ނަމަ، ރަނގަޅު މުދައްރިސުންނާއި ތަފާތު ޕްރޮގްރާމްތައް ހުރި ނަމަވެސް، އެ ފަދަ މުއައްސަސާއަކުން ފެންވަރު ރަނގަޅު ތައުލީމެއް ނުލިބޭނެއެވެ. ހަމަ އެ ގޮތަށް ހަމައެކަނި އިންފްރާސްޓްރަކްޗަރު ރަނގަޅު ވުމަކުން ވެސް ނުފުދެއެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒު ފެށުނީއްސުރެ މި ދެ ދާއިރާ ފުޅާ ކުރަމުން އަންނާތީ އަހަރެން އެ ކަމާ އުފާވެއެވެ.

ކުރިން ބުނެވުނު “އަސާސީ ހުނަރުތަކަށް” ދެން ބަލަައިލަމާ ހިނގާށެވެ. ގަދަރުވެރި ޝަހުސިއްޔަތްތައް ތިޔަ ކުދިންނަށް ފެނިފައިވާ ކަމަށް އަހަރެން އުއްމީދު ކުރަމެވެ. އެ މީހުން ޝަރަފުވެރިވީ ކޮން ކަމަކުން ހެއްޔެވެ؟ އެ މީހުންގެ ތައުލީމުގެ ސަބަބުން ހެއްޔެވެ؟ އެ މީހުންގެ އާއިލީ ތަރިކައިގެ ސަބަބުން ހެއްޔެވެ؟ އެ މީހުންގެ ބުއްދިވެރިކަމުގެ ސަބަބުން ހެއްޔެވެ؟ އެ މީހުންނަށް ލިބިފައިވާ ތަފާތު ހުނަރުތަކެއްގެ ސަބަބުން ހެއްޔެވެ؟ ހަމަ ހަގީގަތުގައި ވެސް، ޖަވާބަކަށް ވާނީ، “މި ހުރިހާ ކަމެއް މަސްހުނިވެގެން” ކަމެވެ. އާއިލާ، ވިސްނުންތެރިކަން، ތައުލީމު އަދި ސުލޫކީ މިންގަނޑުތައް އެކުއެކީގައި އެ މީހުންގެ ޝަހުސިއްޔަތުން ފާޅުވުމުންނެވެ. އެ މީހުންގެ ޝަހުސީ ހުނަރުތައް ނުވަތަ މީހެއްގައި ހުންނަ މީސްވަންތަކަން ނުވަތަ އިންސާނެއްގައި ހުންނަންވާ އިންސާނީވަންތަކަމުގެ ސިފަތައް އެ މީހުންގެ ތަފާތު “ލައިފް ސްކިލްސް” ނުވަތަ ހަޔާތާއި ދިރިއުޅުމަށް ބޭނުންވާ އެތައް ހުނަރުތަކެއްގެ ތެރެއިން ފާޅުވާތީއެވެ. މިހެންވެ، މި ފަދަ ފިރިހެނުންނާއި އަންހެނުން ވެފައިވަނީ އިހުތިރާމް ލިބިގެންވާ ބަޔަކަށެވެ. މިފަދަ ދިރިއުޅުމުގެ ހުނަރުތަކަށް ބައިވަރު ނަންތައް ކިޔައެވެ: “އިންސާނީ ހުނަރު”، “ޖަޒުބާތީ ވިސްނުންތެރިކަމުގެ ހުނަރު”، ނުވަތަ މިހާރު ގިނަ ބަޔަކު ކިޔާ ގޮތުން ނަމަ “ސޮފްޓް ސްކިލްސް” ނުވަތަ “މީސްވަންތަކަމުގެ ހުނަރު”އެވެ.

މީސްވަންތަކަމުގެ ހުނަރަކީ ހަގީގަތުގައި ކޮބާ ހެއްޔެވެ؟ މީސްވަންތަކަމުގެ ހުނަރުގެ ތެރޭގައި ތިމާގެ ޝަހުސިއްޔަތުގައި ހުންނަ ފާޑުވެރިކަމާއި އިޖުތިމާއީ ކުޅަދާނަކަމާއި ބަހުރުވައިގެ މޮޅު ކަމާއި ޒާތީ އަމަލުތަކާއި ރަހްމަތްތެރިކަމުގެ ސިފައާއި އަދި ކަންތައްތަކާ އަބަދުވެސް އުއްމީދު ބޭއްވުން ހިމެނެއެވެ. މި ސިފަތައް އަހަރެމެންގައި ހުންނަނީ އެކި މީހުންގެ އެކި މިންވަރަށެވެ. މި ހުނަރުތައް އެންމެ ގިނައިން ހުންނަ މީހުންނަކީ ވަޒީފާ ދޭ ފަރާތްތަކުން އިސްކަންދޭ މީހުންނެވެ. ސަބަބަކީ “ސޮފްޓް ސްކިލްސް” އަކީ މަސައްކަތަކަށް ނުވަތަ ވަޒީފާއަކަށް ބޭނުންވާ އެ ކަމުގެ ފަންނީ ހުނަރު ނުވަތަ “ހާޑް ސްކިލްސް” ފުރިހަމަ ކޮށްދޭނެ ކަމެކެވެ.

ކޮންމެ ވަޒީފާއެއް އަދާ ކުރުމަށް ފަންނީ ހުނަރު މަޖުބޫރެވެ. ނަމަވެސް ހަމައެކަނި އެ ކަމަކުން ނުފުދެއެވެ. ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި އިގުތިސާދީ ގޮތުން އައި ހަލުއި ކުރިއެރުންތަކާއި ޓެކްނޮލޮޖީގެ ތަރައްގީތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރިވެރިކަމާއި އަދި އިގުތިސާދު ހުޅުވާލުން ވެގެން ގޮސްފައިވަނީ އާ ކަންތައްތަކާއި އާ ފުރުސަތުތައް ވަޒީފާގެ ބާޒާރުގައި ހުޅުވިގެންދިޔަ ކަމަކަށެވެ. މި ކަމުގެ ސަބަބުން މިއަދު ވަނީ ސިނާއަތްތަކުން “އައުޓްސޯސް” ކުރަން ނުވަތަ ކުންފުނިން ބޭރުން ހިދުމަތް ހޯދަން ފަށައިފައެވެ. އެންމެ ސީދާސާދާ ގޮތަކަށް އާއްމުންނާ ހަމައަށް ހިޔާލެއް ފޯރުކޮށްދިނުމުގެ ގާބިލުކަމަކީ މަޖުބޫރު ކަމަކަށް ވެއްޖެއެވެ. މިހެންވެ، މިއަދު އެންމެ ފައިދާ ކުރަނީ މިފަދަ “ސޮފްޓް ސްކިލްސް” ނުވަތަ މީސްވަންތަ ހުނަރު ހުންނަ މީހުންނަށެވެ.

މި މޭރުމުން ކުރިއަށް ދިއުމުގެ ކުރިން، ސޮފްޓް ސްކިލްސްގެ ރަނގަޅު މިސާލުތަކެއް އަހަރެން ހުށަހަޅާލާނަމެވެ: މަސައްކަތްތެރިކަމުގެ ސުލޫކު، އިހުތިރާމް އަދާކުރުން، “ޓީމް ވާރކް” ނުވަތަ އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުން، އަމިއްލަ ނަފުސުގެ “ޑިސިޕްލިން” ނުވަތަ އުސޫލުތަކެއް ހިފެހެއްޓުން، އަމިއްލަ ނަފުސަށް އިތުބާރު ކުރުން، އިޖުތިމާއީ ސުލޫކީ މިންތަކަށް އިހުތިރާމް ކުރުން އަދި ބަހުގެ ހުނަރުވެރިކަމެވެ. މި ލިސްޓަށް ތިބާއަށް އިތުރު ކޮށްލެވިދާނެ އަނެއް ކަމަކީ “ތަފާތު މާހައުލުތަކަށް ބޭނުންވަނީ ކޮން ގޮތްތަކާއި ކަންތައްތަކެއްކަން ދެނެގަތުމާއި އެންމެ ކާމިޔާބު މީހުންގެ މިސާލުތަކުން ތިބާ އަވަހަށް ދަސްކޮށްގަތުމެވެ.”

މީސްވަންތަކަމުގެ ހުނަރުން ތަމްރީން ލިބުމަށް ފަސޭހަ މަގެއް ނެތެވެ. މި ތަމްރީންތަކުގެ އަސާސީ ބައިތައް ފެށެނީ ތުއްތު އިރުއެވެ. އަދި އާއިލީ ވެހިންނެވެ. މި ފަދަ ސޮފްޓް ސްކިލްސް ހަރުދަނާކޮށް ތަރައްގީ ކުރުމަށް ތަމްރީން ދެވިދާނެތޯ މިއީ އަދިވެސް ބޮޑެތި ބަހުސްތައް ކުރެވޭ ދާއިރާއެކެވެ. ނަމަވެސް އެހެން މަގެއް ނުވެއެވެ. ތައްޔާރީ ހައްލުތަކެއް ނެތެވެ. ތިމާގައި “ނިދާފައިވާ” ނުވަތަ ފޮރުވިފައިވާ ހުނަރުތައް ހޯދައި ތަރައްގީ ކުރުމަށް ބޭނުންވަނީ ހަމައެކަނި ތަމްރީން ވުމެވެ. އަހަރެމެންގެ މި ގައުމުގައި ސޮފްޓް ސްކިލްސްއިން ތަމްރީންވުން ވެފައިވަނީ ކޮންމެހެން މުހިންމު ކަމަކަށެވެ. ސަބަބަކީ އަހަރެމެންގެ ތައުލީމީ ނިޒާމުގައި މީސްވަންތަކަމުގެ ހުނަރުތައް ތަރައްގީ ކުރުން ހިމެނިފައި ނެތުމުންވެ. މެނޭޖްމަންޓް ދާއިރާގެ މަދު ކޯސްތަކެއް ފިޔަވާ މަންހަޖުގެ އެހެން ދާއިރާތަކުގައި ސޮފްޓް ސްކިލްސް އެކަށީގެންވާ މިންވަރަކަށް ހިމަނާފައެއް ނުވެއެވެ. ހަމަ އެހެންމެ މެނޭޖްމަންޓް ދާއިރާގައި ވެސް މަންޒަރު ފެންނަނީ އެހާ ހިތްވަރު ލިބޭ ގޮތަކަށް ނޫނެވެ.

ގާތް ދަރިވަރުންނޭވެ، އަދުގެ ދުނިޔޭގައި މީސްވަންތަކަމުގެ ހުނަރުތަކުގެ މުހިންމުކަމުގެ ކުޑަ ތަފުސީލެއް ހިއްސާ ކުރުމަށް އަހަރެން މިވަނީ މަސައްކަތް ކޮށްފައެވެ. އަހަރެމެން ދިރިއުޅުމެން މިދަނީ މާއްދީ އަދަދުތަކަކުން އިންސާނާގެ ވިސްނުންތޫނުކަން މިނެކިރާ މުޖުތަމައެއްގައެވެ. “ޕަވިޔަނި، ޖަވިޔަނި، ޗަވިޔަނި” އެނގުމުން ތިބާގެ މުދައްރިސު ތިބާއަށް ރަނގަޅު މާކްސްތަކެއް ދޭނެއެވެ. ނަމަވެސް، ދަތި މަރުހަލާއަކާ ކުރިމަތިލުމާއި، އިންސާނިއްޔަތުކަން ދެއްކުމާއި އަދި ކުއްލިކުއްލިއަށް ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމުގެ ކުޅަދާނަ ކަމަކަށް އޭނާއަށް މާކްސް ނުދެވިދާނެއެވެ. އެހެނަސް، ވަޒީފާގެ ދުނިޔެއަށް ނުކުމެވުމާއެކު، ތިބާއަށް ނުވަތަ ތިބާއަށް ވަޒީފާ ދިން ވެރިން ނުވަތަ “ބޮހުން”ނަށް ލިބޭ ތައުރީފު ބިނާވެފައި އޮންނާނީ، ވަކި މައްސަލައެއް ހައްލު ކުރަން ތިބާއަށް އެނގޭ މައުލޫމާތުގެ ބަދަލުގައި، ހަގީގަތުގައި ތިބާއަށް “މީސްވަންތަކަމުގެ ހުނަރުތައް” ބޭނުން ކުރެވޭ މިންވަރެއްގެ މައްޗަށެވެ. އަހަރެންނަށް އިހުސާސް ކުރެވެނީ، ދިވެހިންގެ ދިރިއުޅުމުގެ ފަލްސަފާ އަކީ ނުސީދާ ގޮތެއްގައި މީސްވަންތަކަމުގެ ހުނަރުތަކަށް އަމާޒު ކުރެވިފައިވާ ހަޔާތުގެ ނަޒަރިއްޔާތެއް ކަމެވެ. އިހުޒަމާނުގެ އަދި މިޒަމާނުގެ މޮޅު ދިވެހި ޝަހުސިއްޔަތުތަކުގެ ހަޔާތަށް ފުން ނަޒަރެއް ހިންގާލުމަކީ އަހަރެމެންނަށް ކުރެވޭ އަގުހުރި ކަމަކަށް ވާނެއެވެ. އެއީ އެ ފަދަ މީހުންގައި ހުރި ސޮފްޓްސް ސްކިލްސް އަދި ހާޑް ސްކިލްސްތަކުން ވެސް ފިލާވަޅު ލިބިގަތުމަށްޓަކައެވެ.

ތިޔަ އެންމެހާ ކުދިންނަށް އުފާވެރި އަދި ކާމިޔާބު ހަޔާތަކަށް އަހަރެން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.